ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންނަކީ ނިކަމެތި ބައެއް ނޫން، ނިކަމެތީ އެ ވިސްނުން!

ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ސިފައިން ގައުމީ ދިދަ ނަގަނީ.-- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ވެރިކަމެއް އައި ނަމަވެސް، ކޮންމެ ޕާޓީއަކަށް ނިސްބަތްވާ ވެރިން ވެސް، ދައްކާ އެއް ވާހަކައަކީ، ދިވެހިރާއްޖެއަކީ، އިންޑަސްޓްރިއަލް ގައުމެއް ނޫންކަމަށެވެ. މި ވާހަކައަކީ، ވެރިކަން ކުރަމުންދާ ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ތެރެއިން އަޅުގަނޑު އެންމެ ހިތްހަމަ ނުޖެހޭ އެއް ވާހަކައެވެ. ކީއްވެތޯ ސުވާލު ކުރާނަމަ ސަބަބަކީ، ބައެއް ކަންކަން ހާސިލް ވެގެންދަނީ، އެކަމާއި ދިމާލަށް މިސްރާބު ޖަހައި، ރާވައި އެކަން ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމުން ކަމަށްވާތީ އެވެ.

އަޅުގަނޑުގެ މި ހިޔާލުގެ މަގުސަދަކީ، އެއްވެސް ހާލަތެއްގައި ސަރުކާރު ނުވަތަ ސިޔާސީ ވަކި ފަރާތަކަށް ނިސްބަތްކޮށް، އެބައެއްގެ އަގު ވައްޓާލުމެއް ނޫނެވެ. މި ހިޔާލުގެ މަގުސަދަކީ ދިވެހި ރާއްޖެއަކީ، ނިކަމެތި ރައްޔިތުންތަކެއް ތިބޭ، ކުޑަ ގައުމެއްކަމަށް ވިސްނާ ވިސްނުން ނިމުމަކަށް ގެނައުމަށް މަސައްކަތްތަކެއް ކުރުމެވެ.

ދިވެހިރާއްޖެއަކީ، ކުޑަ ގައުމެކެވެ. މި ގައުމުގައި އުޅެނީ ނިސްބަތުން މަދު ބައެއްކަމާއިމެދުވެސް ޝައްކެއްވެސް ނެތެވެ. އެހެންނަމަވެސް، މި ކުޑަ ކުޑަ ގައުމަކީ ބައިނަލްއަގުވާމީ މައިދާނުތަކުގައި، ބޮޑު އަޑެއް އިއްވާލާ، ގަދަ ވިދުމެއް ހުންނަ ގައުމެއް ކަމާއިމެދުވެސް ޝައްކެއް އުފެއްދޭނެ ޖާގައެއް ވެސް ނެތެވެ. ދިވެހި ރަށްތަކަކީ، މުޅި ދުނިޔެއިންވެސް އެންމެ ހިތްގައިމު ތަންތަނުންގެ އެންމެ މަތީ ފަންތީގައި ހިމެނޭ ރަށްތަކެކެވެ.

ރީތި ރަށްތަކެއް ލިބިފައިވާ ދިވެހިރާއްޖޭގައި ބައިނަލްއަގުވާމީ މިންގަނޑެގައި ބަލައިގަނެފައިވަނީ، ހަމައެކަނި، ދޮންވެލި ބީޗުތަކާއި، ސާފު މޫދުތައް އެކަންޏެއް ނޫނެވެ. ދިވެހި ރައްޔިތުންނަކީ ދުނިޔޭގެ ތައުލީމީ ފެންވަރުންވެސް އެންމެ އިސް ސަފުގައި ހިމެނޭ މީހުންނެވެ. އަދި ވަސީލަތްތައް މަދު ގައުމަކަށް ވީ ހިނދު، މި ގައުމަކީ އެހާމެ ތަފާތު އިގްތިސޯދީ ހިޔާލުތައްވެސް ގެންގުޅޭނެ ގައުމެއް ކަމަކީ ހަމަ ޔަގީން ކަމެކެވެ. އެހެން ނަމަވެސް ދެރަ ކަމަކީ، ގައުމުގެ ހިންގުންތެރިކަން އިތުރު ކުރެވިފައިވާ މިންގަނޑު ދަށްކަމުންނެވެ.

ދިވެހިރާއްޖޭގައި އިސްވެރިންކަމަށް އައްޔަނު ވެގެންއައި އެންމެންވެސް އިގްތިސޯދުކަމަށް ބަލަނީ، ރިސޯޓުތައް ނުވަތަ ބާނާ މަހުގެ އަދަދެވެ. އަރިމަތިން އެންމެ ކައިރި ގައުމަކަށް މަސްކޮޅު ޖެހުނު ފުރަތަމަ އަގެއްގައި ވިއްކާލައިގެން ލާރި ކޮޅު ހޯދުމުގެ ސިޔާސަތު ހުރިހާ ވެރިކަމެއްގައިވެސް ފެނިގެންދާކަމާއިމެދު ދިވެހި ރައްޔިތުން ހިޔާލު ތަފާތެއް ނުވާނެއެވެ.

ދިވެހިރާއްޖޭގެ ކަނޑުތަކުން ބާނާ މަހަކީ، އަރިމަތިން އެންމެ ފުރަތަމަ ޖެހުނު ގައުމަކުން ކިޔާހާ އަގަކަށް ވިއްކާލާ އެއްޗަކަށް ހަދައި، އެ އިގްތިސޯދުގެ ފުރިހަމަ ފައިދާ ނެގިގެން ނުދާއިރު، ދިވެހި ރިސޯޓުތަކުންވެސް ދިވެހި އަމިއްލަ އުފެއްދުންތައްވެސް އެފަދަ ގޮތަކަށް ކަން ކަން ކުރާތަން ފެނިގެންދެއެވެ. އެތަކެތި ލިބެން ހުންނީ ރިސޯޓަކަށް އައުމުން ކަމަށްވުމުންނާއި ބޭރު ކުރާ މިންގަނޑު ދަށްވުމުން އެ ތަކަތީގެވެސް ފުރިހަމަ ބޭނުމެއް ހިފޭތަނެއް ނުފެނެއެވެ. ފެނިގެންދަނީ މަދު އަދަދަކަށް ވިކިގެންދާތަނެވެ. ސަބަބަކީ ދުނިޔޭގައި ބިލިއަނުން މީހުން ތިބޭ އިރު، އެތަކެތި ލިބެން ހުންނަނީ ރާއްޖެއަށް އަންނަ މިލިއަނެއްހާ ގެސްޓުންނަށް ކަމަށް ވުމުންނެވެ.

އިގްތިސޯދީ ފައިދާއަކީ، ހަމައެކަނި މަހުޖަނުންނަށް ލިބެން ހުންނަ އެއްޗެއް ހެއްޔެވެ؟ ގައުމެއްގެ މާލިއްޔާތު އިތުރު ކުރެވޭނެ ހަމަ އެކަނި ގޮތަކީ، ރައްޔިތުން އަތުން ޓެކުސްގެ ނަމުގައި ފައިސާތަކެއް ނަގައިގެން ހެއްޔެވެ؟

ރަށްރަށުގައި އުފައްދާ ތަކެތި، އެ ބަޔަކަށް ބައިނަލްއަގުވާމީ މާކެޓުގައި އިޝްތިހާރުކޮށްދީ، ދެ ފަރާތް ފެންނަ ގޮތަށް ހަމައަގެއްގައި އެތަކެތި ވިއްކޭނެ މަގު ފަހިކޮށްދީ، އެ ފައިސާއިން ދެ ފަރާތައް އެއްބަސްވެވޭ އިންސައްތައެއް ނެގުމަކީ މާ އިންސާފުވެރި ގޮތެއް ނޫންތޯއެވެ.

ރިސޯޓަކަސް ފަތުރުވެރިޔަކު ދަނީ އެތަނުގައި ވިޔެފައި ހުރި ކުނާތަކެއް ވިއްކަން ހުރުމުންނެއް ނޫނެވެ. ނުވަތަ ލިޔެލާ ޖަހާފައިވާ އަތްތެރި މަސައްކަތްތަކެއް، ގަންނަން ލިބެން ހުރުމުންނެއްވެސް ނޫނެވެ. އެ ފަރާތްތައް ރިސޯޓުތަކަށް ދަނީ، ރިސޯޓު ބިނާ ކުރެވިފައިވާ ރަށްތަކުގެ ގުދުރަތީ ރީތިކަމުންނާއި، އެތަނުގައި ހިދުމައްތެރިންގެ މަގާމުގައި މަސައްކަތް ކުރަމުން އަންނަ، ދިވެހި ރައްޔިތުން ދެމުން އަންނަ ހިދުމަތުގެ ފެންވަރުގެ ރަނގަޅުކަމުންނެވެ.

ދިވެހި ރައްޔިތުން އުފައްދާ އުފެއްދުންތައް ރިސޯޓުތަކުގައި މާކެޓުކޮށްދިނުމަކީ އިންތިހާއަށްވެސް އަގު ހުރި ކަމެކެވެ. ސަބަބަކީ، ބޭރު ދުނިޔެއަށް އެތަކެތި ނުގެންގޮސް، ގެންދިއުމާއި އެއްފަދަ މަގުސަދެއް ހާސިލުވެގެންދާތީއެވެ. އެހެންނަމަވެސް، ދިވެހި ސަރުކާރުތަކުގެ ސިޔާސަތަކީ ފަތުރުވެރިކަން އިތުރުކޮށް، ދިވެހި އިގްތިސޯދު އިތުރަށް ވަރުގަދަ ކުރަން ނަމަ، އެ ތަކަތި އުފައްދާ ފަރާތްތަކާއި ހިސާބަށް ގަތުމަށް ބޭނުންވާ ފަރާތްތައް ދާން ޖެހޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަކީވެސް ހަމަ އެކަމާއި އެއްވަރަށް ބުއްދިވެރި ކަމެއް ކަމަށް ދެކެމެވެ.

ދިވެހި ރައްޔިތުން އުފައްދާ ތަކެތި އެފަރާތްތަކާއި ހިސާބަށް ގޮސް ހޯދުމަށް ބާރު އެޅިގެންދާ ގޮތަކަށް ކަންކަން ރޭވުމުނެ، އެ ރަށުގެ އެހެނިހެން އިގްތިސޯދަށްވެސް އެކަމުގެ މަންފާތަކެއް ލިބިގެންދެއެވެ. އަދި މަހުޖަނުންގެ ޖީބަށްވެސް ފައިސާތަކެއް ވަދެގެންދާ ގޮތަށް އާންމު ރައްޔިތު މިހާއަށްވެސް ބޮޑެތި މަންފާތަކެއް ލިބިގެންދެއެވެ.

މީގެ އިތުރުން އުފައްދާ ފަރާތް އަތުން ދެކޮޅު ނުޖެހޭ އަގެއްގައި ނެގުމަށް ފަހު، އެތައް ސަތޭކަ ގުނައެއް އިތުރުކޮށް، ފަތުރުވެރިންނަށް ވިއްކުމަކީވެސް އެންމެ އެދެވޭ އުސޫލެއް ނޫނެވެ. އެކަމުގެ ސަބަބުން ފައިދާތަކެއް ވަނީ އެންމެ ފަރާތަކަށް ކަމަށްވުމުންނެވެ. މި އުސޫލުގެ ބަދަލުގައި ދިވެހި ރައްޔިތުން އުފައްދާތަކެތީގެ ހަމަ އަގު އެބަޔަކަށް އަންގައިދީ ލިބޭނެ މަގުވެސް ފަހިކޮށް ދިނުމުން، އެތަކަތި އުފައްދަން ހުންނަ ޝައުގު އިތުރުވެއެވެ. އަދި މަސައްކަތްތައް ފުޅާކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަކީވެސް ޔަގީން ކަމެކެވެ.

އިސްވެ ބަޔާން ކުރެވުނު ފަދަ އުސޫލަކުން ސަރުކާރުން އަމަލުކޮށްފިނަމަ، އެކަމުގެ ސަބަބުން، ރައްޔިތުންނާއި ވެރިކަން ކުރާ ފަރާތްތަކާއި ދޭތެރޭގައި އޮންނަ ގުޅުން ބަދަހިވުމަކީ ލިބިގެންދާނެ އިތުރު ފައިދާއެކެވެ. އުފައްދާ ތަކެއްޗަށް ހަމަ އަގުތަކެއް ހޯދައި، އެ ތަކެތި އުފެއްދުމަށް ޒަމާނީ ވަސީލަތްތައް ހޯދައިދީ، ބޭރު ދުނިޔޭގެ ފަރާތްތަކަށް ފޯރުކޮށްދޭނެ މަގު ފަހިވާނެ ގޮތަށް މަސައްކަތެއް ރޭވުމަކީވެސް އިންޑަސްޓްރިއަލައިޒޭޝަނާއި ދިމާލަށް އެޅިގެންދާނެ ފިޔަވަޅެއް ކަމަކީވެސް އެންމެހާ ބޭފުޅުންނަށްވެސް ގަބޫލު ކުރެވޭނެ ކަމެއް ކަމާއިމެދުވެސް އެއްވެސް ޝައްކެއްވެސް ނެތެވެ.

ދިވެހިރާއްޖެ ފަދަ ފަޅުރަށް ގިނަ ގައުމެއްގައި، ރުށް އިންދައިގެން ކާށިތެޔޮ އުފައްދައި އެކަމުން ދައުލަތަށް ފައިސާ ހޯދަން ބަޔަކަށް ބާރުވެރި ކުރުވި ނަމަވެސް، ރައްޔިތުންގެ ޖީބުން ފައިސާ ނަގައިގެން ދައުލަތުގެ މާލިއްޔާތަށް އިތުރު ކުރަން އުޅުމުގެ ސިޔާސަތައްވުރެ ރަނގަޅުވާނެ ކަމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެކެވެ.

މި ހިޔާލުގެ މަގުސަދަށް ދިވެހި އިގްތިސޯދުގެ އެއް ލޭނާރުކަމަށްވާ، ފަތުރުވެރިކަމުން ނެގޭނެ ފައިދާތަކަށް ބަލާލަން މި މިންވަރު ރަނގަޅުކަމަށް ދެކި، އަނެއް ލޭނާރު ކަމަށްވާ، މަސްވެރިކަމަށް ބަލައިލާނަމެވެ.

މަހަކީ ކެއުކޭ، މަހަކީ، ދިރުމޭ، މިފަދަ ގޮތަކަށް ލިޔެވިފައިވާ ލަވައެއް ދިވެހި ގިނަ ރައްޔިތުންނަށް އިވިގެންގޮސްފައިވާނެއެވެ. ތެދެކެވެ. މަހަކީ ދިވެހި ރައްޔިތުންގެ ދިރުމާއި ގުޅިލާމެހިފައިވާ އެއްޗެކެވެ. މަސް ބޭނުމަށްފަހު، ދިވެހި ރައްޔިތުންނަށް ވިއްކައިގެން އެކަނިވެސް އެކަމުގެ ބޮޑެތި ފައިދާތަކެއް އެ މަސައްކަތުގައި ޝާމިލުވާ ފަރާތްތަކަށް ކުރެއެވެ. މިހާރު ޒަމާނާއި އެކު ގިނަ ތަރައްގީތައް އައިސްފައިވާ އިރު، އަދިވެސް އެކަމުގެ ހަމަ އަގު ނުލިބޭ ވާހަކަތައް އިވުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި ގުދުރަތީގޮތުން ލިބިފައިވާ މި ސާފު ކަނޑުގެ ފުރިހަމަ ބޭނުންކޮށް، ދިވެހި ރައްޔިތުންނާއި ދައުލަތަކީ އެންމެ މުއްސަނދި އެއް ގައުމަށް ވެފައި ނެތުމަކީވެސް އާޝޯހުވާ ވަރުގެ ކަމެކެވެ.

ކޮންމެ ވެރިމެއް އައިސް ނިމިގެންދާއިރުވެސް، މަސްވެރިންގެ އެތަކެއް ގިނަ ޝަކުވާތަކެއް ހުރެއެވެ. ދުނިޔޭގެ ފެންވަރުގައި އެންމެ ކޮލިޓީ މަސް، ބާނާ އެއް ގައުމަށް ދިވެހި ރާއްޖެ ވާއިރު، ބޭރު ދުނިޔޭގައި އެ ތަކެތި ވިކިގެންދާ އަގުތަކާއި ގާތްކުރާ ވަރަށްވެސް އެ މަސައްކަތް ކުރާ ފަރާތްތަކަށް ލިބިގެން ނުދާތީއެވެ.

ދިވެހި ދައުލަތަށް މަސްވެރިކަމުން ފައިދާ ނެގޭނެ ހަމައެކަނި، ގޮތަކީ މަސްވެރިންގެ އަތުން އެމީހުން ކުރާ ބުރަ މަސައްކަތައް ހަމަ އަގު ނުދީ، އެ ކަމުން ފައިސާތަކެއް ހޯދުން ހެއްޔެވެ. ނުވަތަ އެ ބަޔަކު ބާރުވެރި ކޮށް، އެކަމުން މާ ފައިދާވެގެންދާނެކަން އެ ފަރާތްތަކަށް ނުވިސްނެނީ ހެއްޔެވެ. މޮނޮޕޮލައިޒް ކޮށްގެން ވާ ފައިދާއެއް މި ގައުމަށް އޮތް ނަމަ، މިއަދު މި އިވިގެންދާ ފަދަ، ބަނގުރޫޓުވެދާނެކަމުގެ ވާހަކަތަކަކީ އިވިގެންދާނެ ވާހަކަތަކެއްނޫނެވެ.

މަސްދަޅާއި ރިހާކުރު ނޫނަސް، ދިވެހި ރައްޔިތުން މަސް ބާނައިގެން އިތުރު އުފެއްދުންތަކެއް ތައްޔާރުކޮށްގެން މަންފާތަކެއް ހޯދާ ކަމަކީ، ގައުމު ހިންގުމާއި ހަވާލުވެގެން ތިބި ފަރާތްތަކަށް އިންގިފައިނުވާ ކަމެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ. އިންތިހާބުތަކުގެ ތެރޭގައި މަސްކައްކައިގެން މަދު ލާރިކޮޅެއް ނަމަވެސް ހޯދަމުންދާ ފަރާތްތަކުގެ ގާތަށް އެ ވެރިންނަށް ދެވިފައި ހުންނާނެ ކަމަކީވެސް ޔަގީން ކަމެކެވެ. ހަމަ އެހެންމެ، މަސް ހިއްކައި، ނުވަތަ އެހެނިހެން ތަކެތި އޭގެން އުފައްދައި ބަނދުކޮށް، ދިވެހިރާއްޖޭގެ ރަށްރަށަށް ވިއްކަމުންދާ ފަރާތްތަކެއްވެސް ވާކަން، އެކަމާއި ބެހޭ މިނިސްޓްރީތަކަށްވެސް އިންގޭނެ ކަމަކީ ޔަގީން ކަމެކެވެ.

ދިވެހިރާއްޖެއަށް ޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ރައްޔިތުން ބާރުވެރިކުރުމުގެ ނަމުގައި ވެރިކަން ހޯދަމުންދާ ފަރާތްކަށް އެކަން ކުުރުމަށް އަސްލު ކަން ކުރަން ޖެހޭ ގޮތް އިންގިފައި ނުވުންކަމެއް ނުވަތަ، ނުކުރުން ކަމެއް ސާފެއް ނޫނެވެ. އެހިޔަކަސް އެކަމަށް ތެދު ޖަވާބެއް ލިބޭނެކަމަށް ގަބޫލު ކުރާނެ އުޅޭނީވެސް މަދު ބަޔެކެވެ. އެހެން ނަމަވެސް، ވެރިކަން ކުރަން އަންނަ ފަރާތްތަކަކީ ރައްޔިތުންނަށް ހިތް ނުބައި ބައެއް ކަމަށް ދެކެން ބޭނުން ނުވާތީ، އެ ފަރާތްތަކަށް ހިޔާލެއް ދޭނަމެވެ.

ރައްޔިތުން ބާރުވެރި ކުރާށެވެ. އެ ފަރާތްތައް ކުރަމުންދާ މަސައްކަތްތައް މަތީ ހަރުފަތްތަކަށް ގެންދިއުމަށް ވާގިވެރިވާށެވެ. ދިވެހިންނަކީ ގައުމު ދެކެ ލޯބިވާ ބައެކެވެ. ގައުމުގެ ކުރިއެރުމަށް ކުރަން ޖެހޭނެ ކޮންމެ ކަމެއްވެސް ކުރުމަށް ތައްޔާރަށް ތިބޭނެކަން، އާންމު ރައްޔިތުން ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ތިބެ ރެޔާ ދުވާލު ކުރަމުންދާ ބުރަ މަސައްކަތުން ސާފުވެގެންދާނެއެވެ. އެކަންކަމަކީ މަދު ބަޔަކަށް މާލީ މަންފާއެއް ލިބިގެންދާ ކަންކަން ނަމަވެސް ގިނަ ފަރާތްތައް ބައިވެރިވަނީ ގައުމަށްޓަކާއެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރު ކުރާނެ އެއްވެސް މަގެއް ހޯދައިނުދީ، އެބަޔަކު އަތުން އިތުރު ފައިސާތަކެއް ނެގުމަކީ އިންސާފުވެރި ގޮތެއް ނޫންކަން މީހަކު ބުނެގެން ނޫނަސް ވިސްނޭނެ ކަމަކީވެސް ޝައްކެއް ނެތް ކަމެކެވެ.

ދިވެހި ރައްޔިތުންނަށް ބުނެލަން އޮތް ވާހަކައަކީ، ތި ފަރާތްތައް ކުރަމުންދާ ކޮންމެ މަސައްކަތަކީވެސް ބައިނަލްއަގުވާމީ ހަރުފަތަކަށް ގެންދިއުމަށް ރާވައިފިނަމަ، ގެންދެވިދާނެ އެއްޗެކެވެ. އެކަމަށް މަސައްކަތް ކުރުމަކީ، ތި ފަރާތެއްގެ ބޮލުގައި އެޅިފައިވާ މުހިންމު ޒިންމާއެކެވެ. އިންޑަސްޓްރިއަލައިޒް ކުރެވޭނީ ކޮށްގެން، ކުރަން އިނގިގެން. ރާއްޖެ އިތުރު ހަރުފަތެއް މައްޗަށް ޖެއްސުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި އަހަރަމެންގެ ކުރަން ޖެހޭ ކަމެކެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: