ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތަކަށް އެއްވެސް ވައުދެއް ނުފުއްދޭ!

ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތައް އުފައްދައި ހިންގަން ޖެހެނީ، އެ ޕާޓީގެ މެމްބަރުން ހިމެނޭހެން އެކުލަވާލާފައިވާ ގުނަވަނަކުން ފާސް ކުރާ އަސާސީ ގަވައިދުގެ ދަށުންނެވެ. އެ ގަވާއިދުގައި ޕާޓީގެ މަގްސަދާއި ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ހިމަނާފައިވެއެވެ. އެގޮތުން ޕާޓީ ހިނގަންވާ ގޮތުގެ ތަފްސީލުތައް ހިމެނިފައިވާ އިރު އެ ކަންތައްތަކާއި އެއްގޮތަށް ހިނގަމުންދަނީ މަދު ޕާޓީއެކެވެ. ނުވަތަ އެއްވެސް ޕާޓީ އަކުން އެބައެއްގެ ގަވާއިދުގައި ހިމަނާފައިވާ ކަންތައްތައް ފުރިހަމަ ނުކުރާ ކަމަކީ މިއަދު ފެންނަން އޮތް ހަގީގަތެވެ. ޕާޓީ ތަކުން ސިޔާސީ މައިދާނުގައި ބަސްބުނެ ބާރުގަދަވަނީ އޭރެއްގައި ވެރިކަން ކުރާ ސަރުކާރެއް އެޕާޓީ ހިއްސާ ކުރާ މިންވަރާއި ގުޅިގެން ކަމަށް ތަޖުރިބާކާރުން ބުނެއުޅެއެވެ.

ސިޔާސީ ޕާޓީ ތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ޕާޓީ ތަކުގެ އަމާޒު ތަފާތެވެ. ބައެއް ޕާޓީ އުފެދިގެން އައިސްފައިވަނީ ގައުމުގައި ވެރިކަން ކުރުމުގެ ނިޔަތުގައެވެ. އަނެއްބައި ޕާޓީ އުފެދިފައިވަނީ އުފެދިފައިވާ ސަރުކާރަކަށް އެހީތެރިވުމުގެ ނިޔަތުގައެވެ.

އިންތިހާބުތައް ކާމިޔާބު ކުރުމަށް ބައެއް ފަހަރު ހުރިހާ ސިޔާސީ ޕާޓީތައް އެއްގަލަށް އަރާ އިއްތިހާދުވެއެވެ. ވަކި އަމާޒެއް ހާސިލްކުރުމަށް ކުރާ އެ މަސައްކަތުން ފައިދާ އާއި ގެއްލުން ވެސް ލިބެއެވެ. ޕާޓީ ތަކުން އިއްތިހާދު ހެދުމުގައި ވަކި ކަންތައް ތަކަކަަށް ޝަރުތު ކުރެއެވެ. މިސާލަކަށް އެޕާޓީ އަކަށް ވަކި ޕަސެންޓޭޖެއް ދިނުމަށާއި ވަކި މަގާމްތަކެއް ދިނުމަށް އެ އެއްބަސްވުމުގައި ހިމަނާފައިވެއެވެ. އެހެންކަމުން ވެރިކަން ކާމިޔާބު ކުރުމާއެކު އަވަސްވެގަންނަނީ އެކަންތައް ކުރުމަށެވެ. އެކަން އެގޮތަށް ނުކޮށްފިނަމަ ވެރިކަމަށް ދުއްތުރާކޮށް ނުވަތަ އިދިކޮޅު ފިކުރުގެ ވިސްނުމުގެ ބަޔަކާ ގުޅި ސަރުކާރު ވައްޓާލުމުގެ މަސައްކަތް ކުރެއެވެ.

ސިޔާސީ ޕާޓީ ތަކަކީ ގާނޫނު އަސާސީ އިން ބާރު ލިބިގެން ވުޖޫދު ވެފައިވާ ޕާޓީ ތަކެއް ކަމުގައި ވި ނަމަވެސް ޕާޓީތައް ހިންގުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމްވެފައި ނެތުމުން ބައެއް ޕާޓީތަކުގެ އަޑު ސިޔާސީ ވެށީގައި ނީވެއެވެ. ބައެއް ޕާޓީ ތަކުގެ އިސް މެމްބަރުން ގަބޫލު ކުރާ ގޮތުގައި އެޕާޓީތައް ފެނާ ދިރެނީ އިންތިހާބު ތަކާއި ދިމާކޮށެވެ.

އުސޫލެއްގެ ގޮތުން ޕާޓީގައި ޖަލްސާ ބޭއްވުމާއި ގޮފިތައް ހެދުމާއި ކައުންސިލް ބައްދަލްވުންތައް ބޭއްވުމަކީ ވަކި އިންތިހާބަކާއި ދިމާކޮށް ކުރަންޖެހޭ މަސައްކަތެއް ނޫނެވެ. އެކަމަކީ އަބަދުވެސް ކުރަންޖެހޭ މަސައްކަތެކެވެ. ސިޔާސީ ޕާޓީ އަށް މީހުން ވެެއްދުމާއި މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ހުރިހާ ޕާޓީތަކުން ކުރަނީ އެބައެއްގެ ޕާޓީ ބޮޑުކޮށް ސަރުކާރުން ޕާޓީތަކަށް ދޭ ފައިސާ ހޯދުމުގެ ނިޔަތުގައެވެ. ދައުލަތުން ސިޔާސީ ޕާޓީ ތަކަށް ފައިސާ ދޫކުރަނީ އެ ޕާޓީއެއްގައި ދިހަ ހާސް މެމްބަރުން ހަމަވުމުންނެވެ. އެއީ ގާނޫނުގައި އެގޮތަށް އޮތީމައެވެ. އަދި ޕާޓީ ތަކުގެ ހަރަދު ތައް ކުރުމާއި އޮފީސް ހިންގުމާއި ހިންގާ ކޮމިޓީ އެކުލަވާލުމާއި ދެންވެސް ޕާޓީ އަށް ބޭނުންވާ ތަފާތު އެކި މަސައްކަތްތައް ކުރުމަށެވެ.

ސިޔާސީ ޕާޓީތަކަށް ބަދަލު އަންނަނީ އެއިރެއްގައި ވެރިކަމުގައި ތިބޭ ބަޔަކު އެކަން ކުރުމަށް ބޭނުންވާ ގޮތަކުންނެވެ. މިހިސާބުން ވެރިކަމަށް އަންނަ ސިޔާސީ ޕާޓީ އެއްގެ ބާރުގަދަވާ ސަބަބަކީ ސަރުކާރަށް ލިބޭ ބާރުތައް ޕާޓީގެ އިސް މެމްބަރުންނަށް ލިބުމުންނެވެ. އެމީހުން ކެބިނެޓްގެ މިނިސްޓަރުންނާއި އެފަންތީގެ މަގާމްތަކަށް އައްޔަން ކޮށް ގައުމުގެ ކޮންޓްރޯލް ހޯދުމާއެކު އެ ޕާޓީއެއް ސިޔާސީ މައިދާނުގައި ވިދާލައިގެންދެއެެވެ. އަދި އެޕާޓީ ކުރާ ކަންތައްތައް ބާކީ ތިބި އެހެން ޕާޓީ ތަކުން ފާރަވެރިވެ ބަލަން ތިބެއެވެ. ސަރުކާރާއި ދެކޮޅު ޕާޓީތަކުން ސަރުކާރުގައި އޮންނަ ޕާޓީ އަށް ފާޑުކިޔައި އެމީހުންނަށް ނުކުރެވޭ ކަންތައްތަކުގެ ވާހަކަ ދައްކަންފަށައެވެ. އެހިސާބުން ވެރިކަން ކުރާ ޕާޓީ އެކަމަށް ރައްދު ދޭން ފަށައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިޔާސީ ޕާޓީތައް އުފެދިފައިވާއިރު އެބައެއްގެ އަމާޒެއް ކަމުގައި ވަނީ އިންތިހާބުތަކުގައި ވާދަކުރުމާއި އެބައެއް ތަބާވާ ފިކުރު ދެމެހެއްޓުމާއި ލަނޑުދަނޑިތައް ހާސިލު ކުރުމަށް މަސައްކަތް ކުރުމެވެ. އެގޮތުން ބައެއް ޕާޓީތައް ހެދުމުގައި ނުފޫޒުގަދަ މީހުންނާއި މުއްސަނދިން އެއްތަންވެ އެކުއެކީ އެމަސައްކަތުގައި އުޅެއެވެ. އަނެއްބަޔަކު ޕާޓީ ހެދުމަށް އެބަޔާއި ގުޅޭ ބަޔަކާއެކު އެމަސައްކަތް ކޮށް އެކަން ހިންގުމަށް ލީޑަރަކު ކަނޑައަޅައެވެ.

ޕާޓީތަކުގެ ތެރޭގައި މައިގަނޑު ތިން ވައްތަރެއްގެ ސިޔާސީ ޕާޓީތައް ފާހަގަ ކުރެވިފައިވެއެވެ. އެއީ މެދުމިނުގެ ފިކުރުގެ ޕާޓީ ތަކާއި އެބައެއްގެ އާދަކާދަ ދަމަހައްޓާ ޕާޓީ ތަކާއި ސިޔާސީ ގޮތުންނާއި އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ގައުމުގައި ހިނގާ ކަންކަމާއި ގުޅިފައިވާ ޕާޓީތަކެވެ.

ސިޔާސީ ޕާޓިތަކެއް ހެދުމުގެ މަގުސަދަކީ ކޮބައިތޯއެވެ. ދިވެހި ރާއްޖޭގެ ބައެއް ސިޔާސީ ވެރިން ބުނާ ގޮތުން، އެ ޕާޓީތައް އުފެއްދި މަގުސަދަކީ، ވެރިކަން ހޯދުމެވެ. އެހެންނަމަވެސް، ހުރިހާ ޕާޓިތަކުންވެސް، ވެރިކަމަށް އައުމަށް ދެކެވޭ ވާހަކައިގައި އެބައި ނުހިމެނެއެވެ. ޖުމްލަ ގޮތެއްގައި ބުނާ ގޮތުން ޕާޓިގެ ގިނަ މަގުސަދުތަކެއް ހުރެއެވެ. އެހެންނަމަވެސް، ބަހާއި އަމަލާއި ދިމަވާ ތަން ފެނިގެން ނުދެއެވެ.

ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ސިޔާސީ ޕާޓިތައް ފެނިގެންދަނީ، ތާއަބަދު މަސައްކަތްތަކެއް ކުރަމުންދާތަނެވެ. ޕާޓިއަށް މީހުން ގިނަ ކުރުމަށް ހަމައެކަނި ކުރަމުންދާ މަސައްކަތަކީ ލައުޑް ސްޕީކަރަކުން ގޮވާލުމެއް ނޫނެވެ ނުވަތަ ރަށަކަށް ގޮސް ވައުދުތަކެއް ފުއްދުމަށް ވައުދުތަކެއް ވުމެއްވެސް ނޫނެވެ.

ދުނިޔޭގެ ސިޔާސީ ޕާޓިތަކުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އޭގެ ތެރޭގައި ދިވެހި ސިޔާސީ ޕާޓިތަކުންވެސް ބޭނުން ކުރަމުންދާ ޝިޔާރުތަކުގެ ދަށުން ހިންގާ ހަރަކާތްތައް ހިމެނެއެވެ. އެގޮތުން ވިމެން އެމްޕަވަރމެންޓަކީ އެފަދަ އެއް މިސާލެވެ. އަދި ކުޑަ ކުދިންނާ އުމުރުން ދުވަސްވީ ފަރާތްތަކާއި، އެހެނިހެންވެސް ހާލަތުތަކުގައވާ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކޮށް، ދިމާވާ ދަތިތަކަށް ހައްލުތަކެއް ހޯދުމަށް ހިންގާ ބޮޑެތި ބައްދަލުވުންތަކާއި، ފަންޑްރެއިޒާސް އަދި އިދާރީ ގިނަ މަސައްކަތްތަކެއް ހިމެނެއެވެ.

ދުނިޔޭގެ ސިޔާސީ މަޝްރަހުގައިވެސް ރާއްޖޭގެ ސިޔާސީ ކަންކަމަކީ މިހާރު އިންގުން މުހިއްމު ކަންކަމެވެ. އަދި ބައެއް ސިޔާސީ ވެރިންނަކީ ބައިނަލްއަގުވާމީ މައިދާނުގައިވެސް އެކި މައުލޫތަކަށް ވާހަކަދައްކާކަމަށް ފާހަގަކުރެވޭ ފަރާތްތަކެކެވެ. އެހެން ނަމަވެސް އެ ފަރާތްތަކުން ވާހަކަތަކެއް ދެއްކި ނަމަވެސް، އަމަލުތަކެއް ނުވަތަ ހަރަކާތްތަކެއް ހިންގާ ތަން މަދު ފަހަރަކު ނޫނީ ނުފެނެއެވެ.

ޕާޓިއެއް ހިންގަނީ ގައުމުގެ ސަރުކާރު އިސްލާހުކޮށް، ރައްޔިތުންނަށް މަންފާތަކެއް ހޯދައިދިނުމުގެ މަގުސަދުގައި އާންމުންގެ އެތައް ބަޔަކު ކުރާ ބުރަ މަސައްކަތްތަކަކުންނެވެ. އެހެން ނަމަވެސް ހަރަކާތްތައް ހިންގައި، އިހުތިޖާޖުކޮށް އަޑު އުފުލުމުގެ މަސައްކަތްތަކުގައި އާންމުން ޝާމިލުވީ ނަމަވެސް، ގައުމެއް ހިންގަނީ ވާހަކައިން ނުވަތަ އަޑުގަދަ ކޮށްގެނެއް ނޫނެވެ. އެކަމުން ނުކުމެގެން އަންނަ ނަތީޖާއަކީ އެންމެ އެދެވިގެންވާ ނަތީޖާއަށްވެސް ވެގެން ނުދެއެވެ.
ގައުމެއް އަދި ސިޔާސީ ޕާޓިއެއްވެސް ހިނގައިގެން އަންނަނީ ގިނަ މަސައްކަތްތަކުންނެވެ. އެގޮތުން އެންމެ މުހިންމު އެއް ކަމަކީ އިދާރީ މަސައްކަތްތަކެވެ. އަޑު ގަދަ ކޮށް މަގުތައް މައްޗަށް ނުކުމެ ރައްޔިތުންގެ ވަގުތު ބޭކާރުވެ، އެތަކެއް ބައެއް ޖަލުގައިވެސް ވަގުތު ހޭދަކުރުމުގެ ބަދަލުގައި ސުލްހަވެރިކަމާއި އެކު، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީވެސް އެއީއެވެ. އަދި ބޭރު ދުނިޔޭގައި އެންމެ ފުރަތަމަ ކުރާވެސް ކަމަކީ، ކަމާއި ބެހޭ އިދާރާ ނުވަތަ ކޯޓަށް މައްސަލަ ހުށައެޅުން ނުވަތަ ބަޔާނެއް ފޮނުވުން ފަދަ މަސައްކަތްތަކެކެވެ. މަގުތައް މައްޗަށް ނުކުމެ އިހުތިޖާޖެއް ކުރާތަން ފެނިގެންދަނީ އެއަށް ފަހުއެވެ.

ސިޔާސީ ޕާޓިތަކުން ހިންގުމަށް ބުނާ މޫވްމެންޓުތައް ނުވަތަ ބޭނުން ކުރާ ޝިޔާރުތައް އެއީ ކެމްޕެއިން ދުވަސްވަރު ރައްޔިތުން ތަކެއް އެކަމުގެ ތެރެއަށް އަހުލުވެރި ކުރުވަން ދައްކާ ދަޅައަކަށް ވެގެން ނުވާނެއެވެ. އެހެން ކަމަށް ވާނަމަ، އެފަދަ ޝިޔާރުތަކާއި މުވްމެންޓުތަކަށް އޮން އިތުބާރު އަދި އެ ބަސްތަކުގެ ބާރުވެސް ކެނޑިގެންދާތަން ފެނެއެވެ. އެފަދައިން ކަންކަން ކުރާ ނަމަ އެކަމަކީ ރައްޔިތުންނަށްޓަކައި ކުރެވޭ ކަމެކޭ ބުނެވިދާނެ ހެއްޔެވެ. ނުވަތަ ބުނެވޭނީ އެއީ ސިޔާސީ ވެރިންތަކެއް އަމިއްލަ މަންފާއަކަށް ހަމަ ބުނެލާ ބަސްތަކެކޭ ހެއްޔެވެ.

ސިޔާސީ ޕާޓިތަކަށް ދައުލަތުން ދޭ ފައިސާތަކުން، ރައްޔިތުންގެ އަދި ގައުމުގެ ހާލަތަށް ފަސޭހައެއް ނުވަތަ ލުޔެއް ގެނައުމަށް ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި މަސައްކަތަކެއް ކުރާ ނަމަ ކޮންފަދަ ތޯއެވެ. އެތައް މިލިއަނެއް ލިބިގެންދާއިރު، ބޭނުން ޖެހިފައިވާ ރައްޔިތުންގެ ކުދި ކުދި އެދުންތަކަށް ސަމާލުކަން ދޭނަމަ، ވޯޓު ލިބުމަކީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެކަމާއިމެދު ވިސްނާލަންވެސް ނުޖެހޭނެކަން ޔަގީނެވެ. ސަބަބަކީ އެފަރާތްތަކުގެ ދުއާ އަބަދާއި އަބަދު އެ ޕާޓިއެއް ނުވަތަ ސިޔާސީ ވެރިއެއްގެ ފަހަތުގައި އޮތުމެވެ.

ސިޔާސީ ޕާޓިތަކަށް ލިބޭ ފައިސާއިން ކޮންމެ އަހަރަކު ބަޖެޓުކޮށްގެން ރަށްރަށުގެ އެކި ކަންކަން ކުރިއަރުވާ އާލާކުރުވަން މަސައްކަތްތަކެއް ކުރާނަމަ، ގައުމަށް ކުރިއެރުން ލިބިގެންދާނެއެވެ. އަދި އެ ބަޔަކުގެ ލޯތްބާއި ތާއީދު ލިބިގެންދާނެކަމަކީވެސް ޔަގީން ކަމެކެވެ. އެހެން ނަމަވެސް ފެނިގެންދާ މަންޒަރަކީ ކޮންމެ ފަހަރަކުވެސް އެތަކެއް ވައުދުތަކެއް ވުމަށްފަހު، އިންތިހާބެއް ނުވަތަ ކެމްޕެއިން ވަގުތު ފާއިތުވެދިއުމަށް ފަހު، ޕާޓިތައް ބަނޑުޖަހާފައި އޮންނަ ތަނެވެ.
ޔަގީނުންވެސް ޕާޓިތަކަށް ލިބިގެންދާ ފައިސާއިން އެ ޕާޓިތަކުގެ އެކި މަސައްކަތްތައް ކުރުމަށް މަސްއޫލުވެ ތިބޭ ފަރާތްތަކަށް މުސާރަ ދިނުމަކީވެސް ދަތިކަމަކަށް ނުވާނެއެވެ. އަދި އެކަމުންވެސް ފައިދާ ވެގެންދާނީ ހަމަ ދިވެހިރައްޔިތަކަށެވެ. އެހެން ނަމަވެސް އެކަން ކުރެވޭކަށެއް ނޯންނާނެއެވެ. ސަބަބަކީ ކެމްޕެއިން ކުރުމަށް އެ ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް ހިންގާ ހަރަދަކީ، ސިޔާސީ ޕާޓިތަކަށް ލިބޭ ފައިސާއިންވެސް ފަރު ނުޖެއްސޭވަރުގެ މަސައްކަތަކަށްވެގެން ދާތީއެވެ. އެހެން ނަމަވެސް ސިޔާސީ ވެރިން ވިސްނާލާ ނަމަވެސް އެކަމުން ރައްޔިތުންނަށް ވެގެން އަންނަ ފައިދާތަކެއް ނޯވެއެވެ.

ހުސްވައުދެއް ވުމަށްފަހު، ރައްޔިތުން ލައްވާ މަސައްކަތްތަކެއް ކުރުވާ، އެ ޕާޓިއެއް ގެއްލިދާތީއެވެ. އިދިކޮޅުގައި އޮތަކަށް ވެރިކަމަށް އާދެވުނަސް ކޮންމެ ޕާޓިއަކުންވެސް އަދި ފެނިގެންދަނީ އެއް މަންޒަރުތަކެކެވެ. ރައްޔިތުން ހިތްދަތި ކުރާ ހިތި މަންޒަރެވެ.

ސިޔާސީ ޕާޓީ ތަކުން ވާ އެއްވެސް ވައުދެއް ނުފުއްދައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: