ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް އުރައަކަށް ފެތެން ސޯލިހާއި ނަޝީދު ކޯޅޭ ކޯޅުން، ހާލުގައި ރައްޔިތުން!

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނޭ ބުނާ ބުނުމުގެ މިސާލު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި ދެ ބޭފުޅުން ދައްކުވައިދޭ ކަހަލައެވެ.

އެމްޑީޕީގެ އެތެރޭގައި ޚިޔާލު ތަފާތުވުންތަށް ބޮޑުވެ ޕާޓީ ދެބައިވީ ރައީސް މުހައްމަދު ނަޝީދު ފާޅުގައި ރައީސް ސާލިހާއި ދެކޮޅަށް ނިކުމެވަޑައިގަތުމުންނެވެ. ދެ ފެކްޝަނެއް އުފެދި، ރައީސް ސާލިހުގެ އިސްތިގުފާއަށް ގޮވާލައްވާ ބޭފުޅުން އެމްޑީޕީގައި ތިބިއިރު ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީން ބޭރު ކުރަން އުޅޭކަމުގެ ތުހުމަތުތައްވެސް ކުރެވެމުން ދަނީ ހަމަ އެމްޑީޕީގެ މެންބަރުންނަށެވެ. އޮޕޮޒިޝަންގައި އޮތީ ޕީޕީއެމް ތޯ ނުވަތަ އެމްޑީޕީތޯ ސުވާލު އުފެދޭ ހިސާބަށް އެމްޑީޕީގެ ހާލަތު ވަނީ ގޯސްވެފައެވެ. ސަރުކާރު ހިންގާ މައި ޕާޓީ އަކީ އެމްޑީޕީ ކަމުގައިވީއިރު އެމްޑީޕީގެ މެންބަރުން ތިއްބެވީ ސަރުކާރާއި ދެކޮޅަށެވެ.

ބޮޑު ދެ ގެރި ތަޅަންޏާ ބާރު ކުރާނީ ކައްގަލަށޭ ބުނާ ފަދައިން މިއަދު ދިވެހި ރާއްޖެ މިއޮތީ ކައްގަލަކަށް ބާރު ކުރަނީނަމަ ވާނެ އެންމެ ވާންވެފައެވެ.

އެމްޑީޕީ ވަރުގެ ޑިމޮކްރެޓިކް ޕާޓީއެއް ނެތްކަމަށް ދައުވާކުރި ނަމަވެސް ޑިމޮކްރެސީއެއް އުމްރާނީ ތަރައްގީ ނުވަތަ އެބޭފުޅުންގެ އަމަލަކުން ނުފެނެއެވެ. ނަމަވެސް އަގައިން މި ސިފަ ފެނިގެންދެޔެއެވެ. ޝައްކެއް ނެތެވެ. މޮޅުވިހާ ވާހަކަތަކާއި ތަރައްގީ އެ ގެނެސްދެއްވަނީ ސިޔާސީ ޕޯޑިއަމްތަކުގައި އާއި ރައްޔިތުންގެ ހައްގުގައި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަަކައި ހެދިފައިވާ މަޖިލީޙުގެ ރިޔާސަތުގައި އިންނަވައެވެ. ވެރިންގެ ކޯޅުމާއި ހެދި ގައުމު އިނދަ ޖެހެނީއެވެ. ރައީސް ނަޝީދު ދެއްވާ ހިޔާލަކީ ގައުމަށް ކިތައްމެ ބޭނުންތެރިކަމެއް ނަމަވެސް އެ ކޯޅޭ ކޯޅުމުގެ ސަބަބުން ގައުމުގެ ވެރިޔަކަށް ހުންނެވި ރައީސް ސޯލިހު ގަބޫލުކުރައްވާކަން ބޭނުމެއްނުވެއެވެ. ސަރުކާރުގެ ކެބިނެޓުގެ ވަޒީރުން ސިފަ ކުރައްވާ ގޮތުން ނަމަ ރައީސް ނަޝީދު އަކީ ދުޝްމަނުންނަށް ހިތްވަރު ދެއްވާ ބޭފުޅެކެވެ.

ދެން އޮތީ ބޮޑު ކޯޅުމެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގާތްވެ، ޕާޓީގެ ރިޔާސީ ޓިކެޓުގައި ވާދަ ކުރައްވާނީ ކޮން ބޭފުޅެއްތޯ ކަނޑައެޅުމެވެ. ރައީސް ނަޝީދު ބޭނުންވަނީ ކަތީބުކަން ކަމެއް ނުވަތަ ބޮޑު ވަޒީރުކަންކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދުން ވަރަށް މުހިންމުކަމަށެވެ. އެހެންކަމުން އެމަނިކުފާނަކީ އެމްޑީޕީއަށް އޮތް ޗޮއިސްއެއްކަމަށެވެ. ނަމަވެސް ނަޝިދު ވިދާޅުވީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ ވާނީ ގެއްލުންކަމަށެވެ. އަދި ފޮރީން މިނިސްޓާ ޝާހިދަކީ ވެރިކަމަށް ރުކުންހަމަވާ ބޭފުޅެއްކަމަށެވެ.

އެހެންކަމުން ރިޔާސީ ޓިކެޓަށް ވާދަކުރައްވާނީ ރައީސް ސާލިޙާއި ނަޝީދު އެކަނިކަމެއް ނުވަތަ ތިން ވަނަ ފަރާތެއް ނުކުންނާނެކަމާއިމެދުވެސް ސުވާލުއުފެދެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު މިހާރުގެ ރައީސް، އަދި އޭރުގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވަން މަޖުބޫރުވީއެވެ. އެމްޑީޕީގެ ފަރާތުން އއ. އުކުޅަހުގައި ރައީސް ސާލިހަށް ރިޔާސީ ޓިކެޓު ދެއްވުމަށް ބޭއްވި ކޮންގްރެސް ރައީސް ނަޝީދަށް ރާއިދު ކުރައްވާ ބޭފުޅުން ސިފަ ކުރީ ބަޣާވާތެއްކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ދާނީ ކިހާ ވަރަކުންބާއެވެ. އެމްޑީޕީގެ ތެރޭގައި ތިބި ބައެއް ލީޑަރުން އަދި އެކްޓިވިސްޓުން ސިފަކުރާ ގޮތުގައި އެ ކޮންގްރެސްގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދެވިފައިވަނީ މަޖުބޫރުން އަދި އޮޅުވާލެވުމެއްގެ ތެރެއިންނެވެ. އެ ޕާޓީގެ އެންމެ ގިނަބައެއްގެ ތާއިދުއޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކެއްސެއް ދީގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި ރައީސް ނަޝީދު — ވަން ފޮޓޯ: މުހައްމަދު އައުޒަމް

އިހުގެ ހަތުރުން މިތުރުންނަށް ވާފަދައިން، އިހުގެ މިތުރުން މިއަދު މިވަނީ އަދުގެ ހަތުރުންނަށްވެފައެވެ. އެކަމުގެ އެތައް މިސާލެއް ދިގު ދިވެހި ތާރީހުން ފެންނަން އެބަހުރިއެވެ. މިއަދުވެސް އެފަދަ މަންޒަރެއް މިދަނީ ވަރަށް ސާފުކޮށް ފެންނަމުންނެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ރައީސް ނަޝީދު ހަވާލުވެވަޑައިގަތުމަށްފަހު ދެން މަޑުމަޑުން ފެންނަން ފެށީ ފަރުދާ ކަހާލެއްވި މަންޒަރެވެ. ސަރުކާރުގެ ކަންތައްތަކާއި ހިޔާލުތަފާތުވެ ފާޑު ވިދާޅުވާ މަންޒަރެވެ. ދެކޮޅުވެރިވާނެ ފެށި މަންޒަރެވެ. ނަމަވެސް އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ ސުޕާ މެޖޯރިޓީ އެމްޑީޕީގެ އަތުގައި އޮތް ނަމަވެސް، ސަރުކާރު ޒިންމާދާރުކުރުވާނީވެސް ހަމަ އެ މަޖިލީހުން ކަމަށެވެ. އެއްވެސް ހާލަތެއްގައި މަޖިލިސް 19 އަކީ “ރަބަރ ސްޓޭމްޕް” މަޖިލީހަކަށް ވެގެން ނުދާނެކަމަށެވެ. އަދިވެސް އެމަނިކުފާނު ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަންގަވައި، ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާ ވާހަކަތައް ދޮގުކުރަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެފަދަ އެއްވެސް މަސައްކަތެއް ނުކުރައްވަންކަމަށެވެ. އަދި އެހެން ބޭފުޅަކު ވެސް ކޮންޓްރޯލް ނަންގަވަން މަސައްކަތް ކުރަން ޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޮންޓްރޯލް ކުރުމަކީ ހަގީގަތުގައި އެމަނިކުފާނަށް އެގޭކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

ކޮންމެއަކަސް އެމްޑީޕީގެ ތެރެއިން މިއަދު އަޅުގަނޑުމެންނައް ފެނިގެންދަނީ ރައީސް ނަޝީދަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިތުރުން، ޕާލިމަންޓް ގުރޫޕުގެވެސް ކޮންޓްރޯލް ގެއްލިފައިވާތަނެވެ. އަދި މަޖިލީހުގައި އާއި ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ބައެއް މެމްބަރުން ދަނީ ފާޅުގައި ރައީސް ނަޝީދަށް ފާޑުކިޔަމުންނެވެ. ނަމަވެސް އެމަނިކުފާނާއި އަރިސް މެމްބަރުން ތުހުމަތު ކުރާ ގޮތުގައި، ސަރުކާރު އިސްވެ އޮވެ މަސައްކަތް ކުރަނީ ރައީސް ނަޝީދުގެ ބާރު ކަނޑުވާލައި، އެމްޑީޕީން ބޭރު ކުރުމަށެވެ. ނަމަވެސް ހަގީގަތަކީ ރައީސް ނަޝީދަކީ އެމަނިކުފާނަށް އޮތް ތާއީދަށްވުރެ އެހެން މީހަކަށް ތާއީދު އިތުރުވި، ކޮންމެ މީހަކުވެސް އެޕާޓީން މަޑުމަޑުން އެއް ފަރާތް ކުރައްވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި ރައީސް ނަޝީދު .

ހަގީގަތަކީ ރައިސް މުހައްމަދު ނަޝީދަކީ ގައުމުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިކަން ދެއްވާ ގައުމުގެ މަސްލަހަތު ހުރި އެތައް ކަމެއްގެ ޒިންމާއެއް މަތިކުރެވިގެންވާ ބޭފުޅެއްކަމެވެ. ރައީސް ސާލިހާއި އުފެދުނު ހިތްހަމަ ނުޖެހުމެއްގެ ތެރެއިން، ޒާތީކަމެއް ނުވަތަ އެހެންކަމެއްކަމުގައި ވީ ނަމަވެސް އެކަމުގެ ސަބަބުން ގުޅިގެން އެކީ މަސައްކަތް ނުކުރެވުމުގެ ސަބަބުން ގައުމު ހިގާ މަންޒަރެއް މިއަދަކު ނެފެނެއެވެ.

ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދެއްވައި، ވީ ވައުދުތައް ފުއްދުމުގެ ބަދަލުގައި ސަރުކާރާއި ރާއްޖޭގެ ތިން ބާރުގެ އިސްވެރިން މަސައްކަތް ކުރަމުން ދަނީ ސިޔާސީ ބޭނުންތަކެއްފުއްދުމަށްޓަކައި އެބޭފުޅުންގެ އަމިއްލަ މަސްލަހަތު ހުރި ކަންތައްތަކެއްގެ ހައްލު ހޯދޭތޯއެވެ. ރައީސް ނަޝީދު އަދި ޕާޓީގެ އިސް ބޭފުޅުން ވިދާޅުވާ ފަދައިން އޮތް ކޯޅުމަކީ ސިޔާސީ ކަންތައްތަކެކެވެ. މިކަންކަމުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެކިލައްވާ ގޮތް އޮތީ ވަންހަނާގައެވެ.

ހަގީގަތަކީ އެއް އުރައެއްގައި ދެ ކަނޑިއަށް ނޯވެވޭނެފަދައިން ގައުމެއްގެ ވެރިކަންވެސް އަދި ޕާޓީއެއްގެ ރައީސްކަމުގެ މަގާމުވެސް އަދާކުރެވޭނީ ކޮންމެވެސް އެއް ބޭފުޅަކައްކަމެވެ. އެންމެންގެ ހިޔާލާއި ފިކުރު އެއް ގޮތް ނުވާނެކަން ނުވަތަ އެއްކަމަކަށް ތާއީދު ނޯވެދާނެކަން މިއީ ރައީސް މުހައްމަދު ނަޝީދު ގަބޫލުކުރައްވަންޖެހޭ ހަގީގަތްތަކެވެ.

މަނިކުފާނެވެ. ހާލަތަކީ އަބަދަކު މަނިކުފާނެއް ވެސް ނޫނެވެ. ވާކަށް ނުވެސް ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: