ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީ ވައުދުތައް ފުއްދުމަށް ދަވާލީ ގައުމު!

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ބަނގުރޫޓު، ބަނގުރޫޓު ނުވަތަ ފެއިލް، ފެއިލް މިނޫން އަޑެއް ނީވެޔޭ ބުނުން ދޮގަކަށް ނުވާނެއެވެ.

ރާއްޖޭގެ އިގްތިސާދު ފުނޑިއްޖެކަމަށް ވިދާޅުވަމުން ގެންދަވަނީ މިއަދުގެ ސަރުކާރުގެ ކެބިނެޓުން އެ ވިދާޅުވާ އިދިކޮޅުގެ ދުޝްމިނުން އެކަންޏެއް ނޫނެވެ. އެމްޑީޕީ ވެރިކަމަށް ގެނައުމަށްޓަކައި ރޭ ނިދި ނަގާލި ފަރާތްތަކުންވެސް ދައްކަވަނީ މިވާހަކައެވެ. ދިވެހި ރާއްޖޭގެ އިގްތިސާދީ ހާލަތު ދައްވެއްޖެކަމުގެ ވާހަކައާއި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރު ބޮޑުތަނުން ފެއިލްވީކަމުގެ ވާހަކައެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި ރައްޔިތުންގެ ލޮލުގައި އަދުން އެޅުއްވުމަށްޓަކައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވުމަށްޓަކައި ނުވަތަ އެ ކަޅާއި ހުދުން ލިޔެފައިވާ މެނިފެސްޓޯގައި ކުލަ ޖެއްސުމަށްޓަކައި ތަންކޮޅެއް އާދައިގެ ބަހުން ބުނަނީނަމަ ގައުމު ދަވާލީއެވެ.

ވެވަޑައިގެން އެކި ވަރު ވަރުގެ ވައުދުތައް ފުއްދެވުމަށްޓަކައި ދިވެހި ރާއްޖޭގެ ދައުލަތުން، ދިވެހި ރައްޔިތުންގެ މާލިއްޔާތުން ހަރަދު ކުރެއްވީ ސިޔާސީ ބޭނުންތަކެއް ފުއްދެވުމަށްޓަކައެވެ. ދަރަނި ނެންގެވީ ސިޔާސީ މަންފާތަކަށެވެ. ދައުލަތުގެ ދަރަނީގެ ޖުމްލަ އަދަދު 100 ބިލިއަނުން މައްޗަށް ދިޔައިރު ގެނެވުނު ތަރައްގީއެއްނެތެވެ. ދެންވެސް ނަންގަވަނީ ލޯނުތަކެވެ.

ވިދާޅުވީ އިތުރު ބޮޑު މަޝްރޫއުއެއް ނުފައްޓަވާނަންކަމަށް ނުވަތަ ނެގިފައި ހުރި ދަރަނީގެ އިތުރުން ދަރަނިއެއް ނުނަގަންގަވާނަންކަމަށެވެ.

މާލެ ރައްޔިތުންގެ ބޯހިޔާވަހަކަމަށް ހައްލު ހޯދައިދެއްވުމަށްޓަކައި ވެވަޑައިގެން ވައުދާއި އެއްގޮތަށް ނުހިއްކާ ފަޅަކުން ގޯތި ދެއްވުމަށް އިއުލާން ކުރެއްވީ ހަމަ އެ ބައްދަލުވުމުގައެވެ. ދެން ފެނިގެން ދިޔައީ އެ ވައުދު ފުއްދެވުމަށްޓަކައި 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނެންގެވި މަންޒަރެވެ. ލޯނުއެއްބަސްވުމެއްގައި ސޮއިކުރުމާއި ގުޅިގެން ނޫސްވެރިންވަނީ އެ މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ ކޮބައިތޯއާއި، ލޯނު އަނބުރާ އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ ކޮބައިތޯ ފިނޭންސް މިނިސްޓްރީއާއި ސުވާލުކޮށްފައެވެ. ނަމަވެސް އޭރު ޖަވާބު ނުދެއްވީ މާލީ ވަޒީރު އެ ވިދާޅުވާ މަސްލަހަތަށް ބަލައި ދައުލަތެއްގެ ހައިސިއްޔަތުން ސިއްރު ކުރަންޖެހޭ ކަންތައްތަކެއް ހުރީތީކަމަށް ބެލެވެއެވެ.

ރައްޔިތުންނަށް މިއަދު މައްސަލައަކަށް ވެގެންދިޔައީ ލޯނު ނެންގެވުމެއް ނޫނެވެ. ނަމަވެސް ނެގި ލޯނުން ގެނެސްދެއްވި ތަރައްގީއެއް ނުފެންނާތީއެވެ. ދެން ވިދާޅުވާނީ ހިލޭ ޑިގްރީ ބެހިންކަމަށެވެ. ޓީޗަރުންގެ މުސާރަ ރިޔާސީ ވައުދުގައިވާ ގޮތުގެ މަތިން ބޮޑުކުރިންކަމަށެވެ. އެ ވިދާޅުވާ މުސާރައިން ބޮޑުވި މިންވަރު ދިޔައީ ހަމަ ތަކެތީގެ އަގުންވެސް ބޮޑުވެގެންނެވެ. ލިބޭ އާމްދަނީ އާއި އެއްވަރަށް ކުރަންޖެހޭ ހަރަދު އިތުރުކުރަނީނަމަ އެއަށް ކިޔާނީ “ފޫނެތް ފަޔަށް ފެންފުރު” މެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ އިތުރު ލޯނެއް ނުނަންގަވާނަންކަމަށް ނުވަތަ ބޮޑު މަޝްރޫއުއެއް ނުފައްޓަވާނަންކަމަށް ވިދާޅުވެ، ބޮޑު ލޯނުގެ ދެވަނަ ލޯނެއް ނެންގެވީ ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކާ އެކު ގައުމީ ހެލްތު ލެބޯޓްރީއެއް ގާއިމުކޮށް، އަތޮޅު ތެރޭގައި އިންފެކްޝަން ޑިޒީޒް ވޯޑްތަކެއް ގާއިމުކުރުމަށް ބުނެއެވެ. ފައިސާ ދައުލަތަށް ލިބިއްޖެއެވެ. ފެށުނު މަސައްކަތެއް ނުފެނެއެވެ.

ދަރަނީގެ ސަބަބުން ގައުމު ކުރިއަށް އަހަރުގެ ތެރޭގައި ބަނގުރޫޓްވެދާނެކަމުގެ ވާހަކަތައް ދެއްކެއް ފެށުމާއިއެކު، ވާހަކަދެއްކެވީ އެއީ ތަނެއްގައި އިން ތަންދޮރު ނޭގޭ ރިސެޕްޝަނިސްޓެއް ހެދި ރިޕޯޓަކުން ދެއްކި ތަފާސް ހިސާބުތަކަކެއްކަމަށް ދޭހަވާފަދަ މޭރުމަކުންނެވެ. ގައުމުގެ އިގްތިސާދު ފުނޑި، ބަނގުރޫޓްވެދާނެފަދަ ނުވަތަ ކަންބޮޑުވާންޖެހޭފަދަ ކަމެއް ނެތްކަމަށް ވިދާޅުވިއެވެ.

ދެން ފެނިގެންދިޔައީ ފިނޭންސް މިނިސްޓްރީގެ ފަރާތުން ސާކިއުލާއެއް ސަރުކާރަށް ނިސްބަތްވާ ތަންތަނަށް ފޮނުވި ތަނެވެ. އޭގައި ވަނީ އަންދާޒާ ކުރެވިފައިވާ މިންވަރަށްވުރެ ދައުލަތުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ހަރަދު ކުޑަކުރުމަށްޓަކައި 5000 ރުފިޔާއިން މަތިވާ ހަރަދެއް ނުކުރުމަށާއި އަދި މަޖުބޫރުވެއްޖެ ހާލަތެއްގައިވެސް ފިނޭންސް މިނިސްޓްރީއަށް އެންގުމަކާއި ނުލައި ނުކުރުމަށެވެ.

މިއީ ސަރުކާރާއި ކަމާއި ބެހޭ ފަރާތްތަކުން އެ ވިދާޅުވާ ރަނގަޅު، ކުރިއަރަމުންދާ އިގްތިސާދެއް އޮތް ގައުމަކުން ފެނިގެންދާނެ ކަންތައްތަކެއް ނޫންކަން ޔަގީނެވެ.

ހަގީގަތަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ދަރަނި 5 އަހަރުގެ ދައުރު އަދާކުރައްވާ ވަޑައިގެންނެވި ބޭބޭފުޅުން ނެންގެވި ދަރަންޏަށްވުރެ އެއަށްވުރެ ކުޑަ މުއްދަތެއްގެ ތެރޭގައި އިތުރުވެގެންދިޔައީ އެމަނިކުފާނުގެ ވެރިކަމެއްގައި ޓޫރިޒަމަށް ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތާއި ސަރުކާރުގެ ކުންފުނިތަކުން ހިންގި އެތައް ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންކަމަށް ވިދާޅުވެ ހެއްދެވި، ނަތީޖާއެއް ނުނެރެވި އުވާލަން ޖެހުނު އެސެޓް ރިކަވަރީ ކޮމިޝަންގެ ސަބަބުންކަމެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި ވާނުވާ ނޭގި މަރުވެފައިވާ ނުވަތަ ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލައި އިންސާފު ހޯދަވައިދެއްވާނަންކަމަށް ވިދާޅުވެ ހެއްދެވި، އަދާއި ހަމައަށްވެސް ނަތީޖާއެއް ނުނެރެވުނު މަރު ކޮމިޝަނަށާއި، އެ ކޮމިޝަނަށް އައްޔަންކުރެވުނު ފަރާތްތަކަށް ކުރައްވަން ޖެހުނު އިޔާދަނުވާ ހަރަދުގެ ސަބަބުންކަމެވެ.

ކޮރަޕްޝަން ނައްތާލައްވާނެ ކަމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެން، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމަނައިގެން ކޮމިޝަނެއް ރައީސް އުފެއްދެވުން އެއީ އާދެ، ރަނގަޅު ފެށުމެކެވެ. އޭގެ ފަހުން، މި ސަރުކާރުގެ އެންމެ ފުރަތަމަ ކެބިނެޓު ބައްދަލުވުމުގައި ވެސް އެއްވެސް ވަޒީރަކު ކޮރަޕްޝަނާ ގާތް ނުވާން ރައީސް ނަސޭހަތް ދެއްވުމަކީ ވެސް، ކޮރަޕްޝަނަށް ދެއްވާނީ “ޒީރޯ ޓޮލަރެންސް” ކަމަށް ވެވަޑައިގެންނެވި ވައުދަށް ބާރު ލިބޭ ކަމެކެވެ. ނަމަވެސް އެ ވައުދަށް ފާޑުކިޔޭނެ އެތައް މައްސަލަތަކެއް ދިޔައީ މި ސަރުކާރުގައި ފެންމަތިވަމުންނެވެ.

އޭގެ ތެރޭގައި، ސެޓްލްމެންޓް ކޮމިޓީއެއް ހަދައި ދައުލަތުން އެކި ކުންފުނިތަކަށް މާލީ ބޮޑެތި ބަދަލު ދިން ގޮތް ހިމެނެއެވެ. ރައްޔިތުންގެ ނޭވާ ހޮޅިންވެސް ކުރީ ވައްކަން ހިމެނެއެވެ. މިއީ ދިވެހިންނަށް މިއަދު އާ ވާހަކައެއް ނޫނެވެ. އެހެންކަމުން އަޅުގަނޑުގެ މި ހިޔާލުގައި އެބަޔަށް އަލިއަޅުވާލާކައް ގަސްތެއްނުކުރަމެވެ.

ގައުމުގެ އިގްތިސާދު މިފަދައިން ދައްވެގެން ދިޔުމުން ރައްޔިތުން މިއަދު ބުނާނީ އެ ބޭފުޅުން ލިބުނު ބާރުގެ ބޭނުންކޮށް ދައުލަތް ދަވާލީއޭ ނޫން، ދެން އިތުރު ކީކޭހެއްޔެވެ.

އަދިވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވަނީ އިގްތިސާދީ ހާލަތު ރަނގަޅުކަމަށެވެ. ގައުމު ހިންގުނީ ރަނގަޅަށްކަމަށެވެ. މާލީ ވަޒީރު ވިދާޅުވަނީ ކޮވިޑްގެ ތެރޭގައިވެސް އިގްތިސާދު މެނޭޖުކުރެވުނުކަމަށެވެެ. ރައްޔިތުންގެ ކަންބޮޑުވުމަކަށް ގައުމުގެ އިގްތިސާދީ ހާލަތު ވެގެންގޮސްފައިވާ މި ދަނޑިވަޅުގައިވެސް އމަީރު ވިދާޅުވީ ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދު މެނޭޖުކުރެވިއްޖެކަމަށާއި އެހެންކަމުން ދެން އިގްތިސާދުވެސް އަދި އިގްތިސާދީ ހަރަކާތްތަށްވެސް ދާނީ ރަނގަޅުވެ ކުރިއަރައިގެންކަމަށެވެ.

ނަމަވެސް ސިޔާސަތުތަކަށް ބަދަލު ގެންނަންޖެހޭކަމަށެވެ. އަދި ނުގެނެސްފިނަމަ ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދު އިތުރުވެގެންދާނެކަމަށެވެ.

ދެން ރައްޔިތުންނާއި އެހެން ކަމާއި ބެހޭ ފަރާތްތަކުންވެސް ލަފާ ދެއްވީ އުފެއްދެވި ބޭނުންނުވާ، އިށީންނާނެ ގޮނޑިއެއް ނެތް ބޭބޭފުޅުންގެ ސިޔާސީ މަގާމުތަށް އުވާލައްވާ، ސިޔާސީ ފަރާތްތަކުގެ މުސާރަ ކުޑަކުރުމަށެވެ. ވިދާޅުވީ އެ ވިސްނުން ނުގެންގުޅޭކަމަށެވެ.

ބައެއް ފަޜާތްތަކުން ފާހަގަކުރައްވާ ގޮތުގައި މިއީވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި އަދުގެ ރައީސުލްޖުމްހުރިއްޔާ ވެލެއްވި ވައުދުތަކެވެ.

ވީ ވައުދުތަށް ފުއްދެވުމަށްޓަކައި އިތުރު ވައުދުތައް ވެވަޑައިގެން، އެ ވައުދުތައް ފުއްދެވުމަށްޓަކައި ދަވާލީ ގައުމެވެ. ގައުމުގެ އިގްތިސާދީ ހާލަތެވެ. ރައްޔިތުންގެ އަތުން ނަގާ ޓެކްސްއިން ދައުލަތުގެ މިލްކިއްޔާތުގައި ހުރި ފައިސާތަކެެވެ. އުދުނުގެ ދުން ގަދަވެ، އަނދާ ހިސާބަށް ދިޔައިރުވެސް ގައުމު ހިންގާ އިގްތިސާދު ކުރިއެރުވޭނެ ފޯމިއުލާއަކަށް އަދުގެ ސަރުކާރަށް ފެނުނީ ރައްޔިތުންވެސް ދަވާލުމެވެ. ނަގައި ޓެކްސް ފައިސާ އިތުރުކޯށް ޓީޖީއެސްޓީ ބޮޑުކުރުމެވެ.

އިތުރު ފޯމިއުލާ ނުހޯދައި، މި ދައުރަށް ވެވަޑައިގެން ވައުދުތައް ނުފުއްދަވައި ދެވަނަ ދައުރެއްގެ ވާހަކަތައް ދައްކަވަން މިއަދު ލަތުވެތިވާން ޖެހޭނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަތަކަށް ޖެހިލިޔަސް މިދެން ބޮޑުވަރު. ދުނިޔޭގެ އިގުތިސޯދު އިނދަ ޖެހުނީވެސް، ލަންކާ ބަނގުރޫޓުވީވެސް، ޔުކުރެއިން ހަނގުރާމައާއި ކޮވިޑް19 އަކީވެސް މިސަރުކާރުން ކުރި ކަންކަމޭ ނުލިޔުނީމަ ދެރައީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: