ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ފޮނި ވާހަކަތައް ދައްކިޔަސް އަމަލީ މަސައްކަތެއް ނުފެނޭ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ވެރިއަކުވެސް ޕޯޑިއަމްތަކުގައި ފޮނި ވާހަކަތަކެއް ދައްކަވައެވެ. އެގޮތުގެ މަތިން، މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެންމެ ގިނައިން ދައްކަވާ އެއް ވާހަކައަކީ، ލާމަރުކަޒީ ނިޒާމުގެ ވާހަކައެެވެ.

ރައީސް ސާލިހަށް ރައްޔިތުންގެ ކުރިމަތީގައި ވާހަކަދައްކަވަން ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގައިވެސް އެމަނިކުފާނު އެންމެ އުފަލާއެކު ދައްކަވާ ވާހަކައަކީވެސް ލާމަރުކަޒީ ނިޒާމުގެ ވާހަކައެވެ. އެ މަނިކުފާނު ގެންގުޅުއްވާ ލާމަރުކަޒީ ސިޔާސަތުތަކުގެ ވާހަކައެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ވެގެންދާ ފައިދާތަކާއި، އެ ސިޔާސަތުގެ ސަބަބުން ބަނަވެފައިވާ ދިވެހިންގެ ހަޔާތް އުޖާލާވެ، ދަރަނީގެ ކަސްތޮޅު އެޅިފައިވާ ރައްޔިތުންތަކެއް އުދުހެން ފަށާ ވާހަކައެވެ.

ރައީސް ސާލިހުގެ ވާހަކަ މިއަދު ދައްކާ ސަބަބަކީ، އެމަނިކުފާނަކީ، މިވަގު ރާއްޖޭގައި ހުރި އެންމެ މުހިންމު އަދި ބާރުގަދަ ޝަހުސިއްޔަތައްވުމުންނެވެ. އެމަނިކުފާނުގެ އަތުގައި ގައުމުގެ ހުރިހާ އިންޖީނެއްގެ ތަޅުދަނޑި އޮތުމުންނެވެ. އެއްވެސް ކަމެއް ހިނގާނީ އެމަނިކުފާނު ދެއްވާ އިރުޝާދާއި ލަފާގެ ދަށުން ކަމަށްވުމުންނެވެ.

ލާމަރުކަޒީ ނިޒާމުގެ ސަބަބުން ރައްޔިތުން އުދުއްސައިގަންނާނެކަމަށް ސިފަ ކުރައްވާއިރު، މި ނޫނަސް ގިނަ ވައުދުތަކެއް ރައީސް ސާލިހުވަނީ ދިވެހިންނަށް ފުއްދައިދެއްވުމަށް ވިދާޅުވެފައިއެވެ. އެހެން ނަމަވެސް، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އަދި އަދާއިޖެހެންދެންވެސް ދިވެހިން މި ތިބެނީ ފުއްދުމަށް ބުނި ވައުދުތައް ފުދި، އެކަމުގެ ހެވާއި ލާބަ އަދި މަންފާތަައް ތަޖުރިބާ ކުރުމުގެ އިންތިޒާރުގައެވެ.

ރާއްޖެއަކީ، އަމާންތަނަކަށް ހައްދަވައިދެއްވާނެކަމަށް ރައީސް ސާލިހުވަނީ އެކި ފުރުސަތުތަކުގެ މަތިން ވިދާޅުވެފައެވެ. މަސްތުވާތަކެތީގެ ވަބާ އަދި، ކުށްތަކަށް އަރައިގަންނަ މީހުންގެ ކިބައިން އާންމު ސާދާ ދިރިއުޅުމެއް އުޅެމުންދާ ދިވެހިން ރައްކައުތެރިކޮށްދެއްވާނެ ކަމުގެ ޔަގީންކަން، މައްސަލައެއް ފެންމަތިވާ ކޮންމެ ފަހަރަކު އެމަނިކުފާނު އަރުވައެެވެ.

ކަން ހިނގަނީ މުޅިންހެން މިހެން ނޫން ނަމަވެސް ހިނގަނީ އިދިކޮޅަށް ކަމަށް ބުނެވިދާނެއެވެ. އަމާންވެދިއުމުގެ ބަދަލުގައި މިއަދު މިވަނީ އިތުރު ބިރުތަކެއް ހީވެފައެވެ. ރާއްޖެއަކީ އަޅުވެތިވެފައިވާ ގައުމެއް ކަމަށް ދެކެވެމުންދާ ވާހަކަތައް އެމަނިކުފާނައި ވެރިކަމުގެ ތާޖުގައި ހިފަހައްޓަވައިގެން ތިއްބެވި ބޭފުޅުންގެ ސަބަބުން ތެދު ހަގީގަތެއް ފަދައިން ކުލަޖެހިއްޖެއެވެ. ހަގީގަތެއް ނޭނގޭވަރަށް ކޮންމެ މަޝްރަހެއްގެ އަސްލުވެސް ކިލަނބު ވެއްޖެއެވެ.

ފަހަކަށް އައިސް ފެތުރިފައިވާ އެންމެ ބޮޑު ބިރުވެރިކަމަކީ، ޖިންސީ އަމަލުތަކުގެ ސަބަބުން ފެތުރިދާ ބިރުވެރި ބަލިތަކެއް ދިވެހި މުޖުތަމައުގެ ތެރޭގައި ފެތުރިފައި އޮވެދާނެ ކަމުގެ ބިރެވެ. ގިނަ އަދަދެއްގެ މީހުން ދީނާއި ހިލާފު ނޭދެވޭ އެތައް އަމަލެއް ހިންގަމުންދާކަން ޔަގީންވެ އިޖްތިމާއީ މިންގަނޑުތަކާއި ހިލާފުވާފަދަ ގިނަ ވީޑިއޯތަކެއްވެސް ދާދި ފަހުން އާންމުވިއެވެ.

ޝާމިލުވިކަމަށް ތުހުމަތު ކުރެވި، ޔަގީންވުމުންވެސް ދެވުނީ މެޓަލެއް ވަގަށް ނެގި މީހާއަށް ދިން އަދަބަށްވުރެވެސް ކުޑަ އަދަބެކެވެ. ކަނޑައެޅިގެން ދީނުގައި ބޮޑު ކުށެއް ކަމަށް ކަނޑައެޅިފައިވާ ކަމެއްގެ މައްސަލައިގައި ލުއި އަދަބެއް ދިނުމަށް ސަރުކާރުން ކަނޑައެޅީ، އެފަދަ ކަންކަމަކީ އެވަރުގެ ކަންކަން ނޫންކަމަށް ބުނެ މެސެޖެއް ދިނުމަށް ކަމަށް ރައްޔިތުންނަށް ހީވެއްޖެއެވެ.

ވައުދުތައް ފުއްދުމުގައި ވޭތުވެދިޔަ އަހަރުތައް ނާކާމިޔާބުކަމާއި އެކު ހޭދަ ކުރައްވާފައިވާ ރައީސް ސާލިހު، އަތޮޅަކަށް ފަހު އަތޮޅެއްގައި ކޮންފަރެންސްތަކެއް ބާއްވައި ދިވެހި މުޖުތަމައުގެ ހާލަތާއިމެދު ގިނަ ވާހަކަތަކެއް ދައްކަވައެވެ. އެހެން ނަމަވެސް މައްސަލަ ތަކުގެ ވާހަކަތައް ދިގު ދައްމައި ދައްކަވާއިރު، ހައްލާއިމެދު ވާހަކަދެކެވެނީ ތިލަކޮށެވެ. ވައުދުތައް ނުފުއްދާ ވާހަކަ އެމަނިކުފާނުގެ އަމިއްލަ ޕާޓީގެ މީހެއް ކަމަށްވާ ރައީސް ނަޝީދުވެސް ދައްކަވައެވެ.

ރައީސް ސާލިހުގެ މާލިމީ ކަމުގެ ދަށުން، މިއަދު މުޅި ދިވެހި މުޖުތަމައު ބައިބައިވެއްޖެއެވެ. ޕާޓީ ސިސްޓަމްތައް އައުމުން އެެކަންޏެއް ނޫނެވެ. އަމިއްލަ ގައުމުގެ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި އެހެނިހެން ގައުމުތަކުގެ ވެރިންނަށް ރާއްޖޭގެ ކަންކަމުގައި ގޮތް ނިންމުމަށް ފުރުސަތު ދެމުންދާކަމަށް އަޑު ފެތުރިގޮސްފައިވުމާއިއެކު، ރާއްޖޭގެ އެއް ބަޔަކާއި އަނެއް ބަޔަކާއި ދެމެދުވެސް ހޫނު ޒުވާބުތައް ހިނގައެވެ.

ޔޯގާ ކުރާނީ ތޯ ނުކުރާނީ ތޯ މިއީވެސް މިހާރު ދެކެވޭ ވާހަކަތަކެވެ. އެތައް އަހަރެއް މިފަދަ ކަންކަން ދިވެހިންގެ ތެރޭގައި އޮތް އިރު، މިއަދު މިވާހަކަތައް ބޮޑެތި މައްސަލަތައް ގޮތުގައި ފެންމަތިވެފައިވަނީ، ކޮންމެވެސް ބައެއްގެ އިހުމާލުންކަން ޔަގީނެވެ.

ގައުމެއްގެ ސަގާފަތާއި އާދަކާދަ އޮޅިގެންދާ ހިސާބަށް ދިއުމުން މިފަދަ މައްސަލަތައްވެސް ޖެހޭނެއެވެ. ކޮންމެ މައްސަލައަކީ، ރައީސް ސާލިހުގެ އިހުމާލެކޭ ބުނަން އުނދަގޫވެއެވެ. އެހެނަވެސް ވެރިޔާގެ މަގާމުގައި ހުންނަ މީހަކަށް ލާޒިމު ކުރެވިފައިވާ ޒިންމާތަކެއް ހުންނާނެއެވެ. އެފަދަ ބައެއް ކަންކަންވެސް އެމަނިކުފާނުގެ ހަނދުމަފުޅުންވަނީ ކައްސާލާފައެވެ.

ރާއްޖޭގެ ދީނަކީ، އިސްލާމް ދީންކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެ ދީނާއި މުޖުތަމައުގެ ތެރޭގައި އޮންނަ ދީނީ އެއްބައިވަންތައްކަން ހިފަހައްޓައި ހިމާޔަތްކޮށް، ކުރިއެރުވުމަށް ރައީސް ސާލިހުގެ މައްޗަށް ގާނޫނީގޮތުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމުގައި އެމަނިކުފާނުވަނީ ފެއިލްވެފައިކަމަށް ބުނުމުގެ ފުރުސަތުވަނީ ފުޅާވެފައެވެ. އެމަނިކުފާނު ގާއިމުކުރައްވަންޖެހޭ ފަތުވާ މަޖިލީސް އަދިވެސް ގާއިމުކޮށްފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ މާލީ ހާލަތުގެ ވާހަކައަކީ، ރައީސް ސާލިހުގެ ވެރިކަމުގައި ހޮޅުއަށިތަކުގައި ބޮޑު ކަންބޮޑުވުމުގެ ގޮތުގައި ދެކެވޭ އެއް ވާހަކައެވެ. އެތަކެއް އަހަރުތަކެއްގެ ތެރޭގައިވެސް ދެކެވިފައިނުވާ މިންވަރަކަށް މިހާރު ދިވެހިރާއްޖެ ބަނގުރޫޓުވެދާނެކަމަށް ބުނެވެސް ވާހަކަތައް ދެކެވެއެވެ.

ރާއްޖޭގެ މާލިއްޔާތަށް އިތުރުކުރާނެ ގިނަ ދޮރުތަކެއް ހުޅުވިފައިވާ ވާހަކަތައްކެއް ނުދެކެވޭއިރު، މާލިއްޔާތުގައި ހުރި ފައިސާތައް އެކި ކޮންފަރެސްތަކާއި ދަތުރުތަކުގެ ނަމުގައި ހަރަދު ކުރާ ހަބަރުތަކަކީ ކޮންމެ ދުވަހަކުވެސް އާވެދާ  އެއްޗެކެވެ. ދަރިނިތައް ދެއްކުމަށް ފައިސާތަކެއް ހޯދޭނެ މަގެއް ކަނޑައެޅިފައިނުވާއިރު، ލޯނު ހޯދާނެ އާ ސަބަބުތަކާއި އާ މަގުތައް ހޯދާފައިވާ ވާހަކަތައް ކޮންމެ ދެ ދުވަހަކުން ދެކެވޭ ކަހަލައެވެ.

ބޯ ހިޔާވަހިކަމުގެ މަޝްރޫއެއްގެ ވާހަކައާއި ގުޅިގެންވެސް މިއަދު ރައްޔިތުން ދެބައިވެއްޖެއެވެ. ދިވެހިރާއްޖޭގައި ރައްޔިތުންގެ ތެރޭގައި ނަސްލީ ތަފާތު ކުރުން އޮންނަ ކަމަށްވެސް ބުނެ މިއަދު ވާހަކަތައް ދެކެވެއެވެ. މި އުސޫލުން ކަންކަން ހިނގާނަމަ، ގައުމު ކުރިއަރައި، ރައްޔިތުންނަށް އުދުހެވޭނީތޯ، ރައްޔިތުން ހާލުގައި ޖެހި ރޯންޖެހޭނީތޯ މިއީ ހަމަ އުފެދިފައިވާ ސުވާލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: