ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލު، ސާލިހަށް: މަނިކުފާނުގެ ކިބައިން މުނާފިގެއްގެ ހުރިހާ ސިފައެއް ފުރިހަމަވޭ!

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދ/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމަހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުގެ ކިބައިގައި މުނާފިޤެއްގެ ހުރިހާ ސިފަތަކެއް ހަމަވާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޖުޑިޝަރީ ދާއިރާ އިސްލާހު ކުރާނެކަމުގެ ވައުދާއި އެކު އެމްޑީޕީ ވެރިކަމަށް އައިސް، އެޖެންޑާ 19 މެނިފެސްޓޯ އާއި އެއްގޮތަށް ސަރުކާރު ނުހިންގޭކަމުގެ ޝަކުވާތައް އިދިކޮޅުން އަބަދުވެސް ކުރެ އެވެ. އަދި ވެރިކަމުގެ ދައުރުގެ ހަތަރު އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާގެ ގިނަ މައްސަލަތަކެއް ފެންމަތިކޮށް، ފާޑުކިއުންތައް އަމާޒު ކުރިކަން ފާހަގަ ކުރެވެ އެވެ.

ރައީސް ޞާލިހުގެ ސަރުކާރުގައި ވަކި ބަޔަކަށް ވަކި ގޮތެއްގެ މަތިން ޢަމަލުކޮށް، ވަކި ބަޔަކަށް އަދަބު ލުއިކޮށް ތަފާތު ކުރުންތައް ގެންގުޅޭކަމަށް ތުހުމަތުކުރައްވާ ޑރ. ޖަމީލް ދަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ޖުޑިޝަރީ ދާއިރާއަށް ނުފޫޒު ފޯރުވައި، މައްސަލަތައް ބޭނުން ގޮތަކަށް ނިންމާކަމުގެ ތުހުމަތުކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާ ފާހަގަ ކުރެއްވީ ހޯރަ އިއްބެ ދޫކުރި މައްސަލައާއި، ނާޒިމް ސައްތާރު ގޭބަންދު ކުރުން އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އާއި، މަހުލޫފްގެ މައްސަލަ ކުރިޔަށް ނުގެންދެވުމެވެ. އަދި “ރޯޔަލް” މައްސަލަތައް ނުބަލާކަމަށް ޖަމީލު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރު އުފެދި މާ ގިނަ ދުވަހެއް ނުވަނީސް، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދައުވާ އުފުލައި ހުކުމް އިއްވާފައި ހުރި އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ޕެރޯލް ގާނޫނުގެ ދަށުން މިނިވަން ކުރި އެވެ. ކުޑަކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލު ހުކުމެއް އޮއްވި ހޯރަ އިއްބެއަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އެވެ.

ބިދޭސީއަކާއި އެކު އެއްޖިންސުން ގުޅުން ހިންގައި، ފާހިޝް އަމަލުތަކެއް ހިންގާ ވީޑިއޯއެއް ލީކުވި ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު އެ ކުށަށް އެއްބަސްވެފައި ވާއިރު އޭނާގެ މައްޗަށް އިއްވީ ތިން މަސް ދުވަހުގެ ގޭ ބަންދެކެވެ.

ރޯޔަލް މައްސަލަތައްކަމަށް ޖަމީލު އިޝާރާތް ކުރައްވާފައި ވަނީ، ސަރުކާރުގެ އިސްވެރިންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި އެމްޑީޕީއާއި ގުޅުން އޮންނަ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ނުބަލާ މައްސަލައަށެވެ.

ސަރުކާރު އުފެދުނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލާނެކަމުގެ ވައުދާއި އެކު ނަމަވެސް، މިހާތަނަށް މައްސަލައަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވަނީ އެކަމުގައި ސަރުކާރުގެ ބައެއް މީހުންގެ ބައިވެރިވުން އޮންނާތީކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.

ޖަމީލުގެ ޓުވީޓުގައި ފާހަގަ ކުރައްވާފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލައަކީ ވެސް ހިޔާނާތުގެ ފައިސާއިން ރިޝަވަތު ނެންގެވިކަމުގެ ކުށުގެ ދައުވާ އެކެވެ. މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކޯޓުގައި ކުރިޔަށް ދާއިރު އެންމެ ފަހުން ތާވަލު ކުރި އަޑުއެހުން ވެސް ކެންސަލް ކުރަން ޖެހުނީ އޭނާ ރައީސް ސޯލިހާއި އެކު އަތޮޅުތަކުގެ ތެރެއަށް ކުރެއްވި ދަތުރެއްގައި ހުންނެވުމުންނެވެ.

މި ހުރިހާ މިސާލުތަކެއް ޖައްސަވާ ޖަމީލްގެ ޓުވީޓު ނިންމާލަމުން ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ މި ސިފަތަކާ އެކީ އެ މަނިކުފާނުގެ ކިބައިގައި “މުނާފިގެއްގެ ހުރިހާ ސިފަތަކެއް ހަމަވާ” ކަމަށެވެ.

މ،ި ހުރިހާ މައްސަލައެއް ފާހަގަކުރައްވައި، ޖަމީލް ވިދާޅުވީ މިއީ ވަކި ބަޔަކަށް ވަކި ގާނޫނެއް ހިންގުމެއް ކަމަށެވެ. އަދި އޭގެއިން ދައްކުވައިދެނީ، ރައީސް ސޯލިހަކީ މުނާފިގެއްކަމުގައި އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: