ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ކިޔަސް ނިވަލެއް ނެތް!

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ފޭސް ދޭއް، ނުވަތަ ދެވަނަ ފިޔަވައްސަކީ ހަގީގަތުގައި ވެސް ދިވެހިރާއްޖޭގެ ތަރައްގީގެ މަލަމަތިކަމަށް ބުނެވިދާނެ އެވެ. ފެންގަނޑެއް ހުރަސްކޮށް ބުރިޖުތަކެއްގެ މަތިން އެރެން އޮންނަ ހުޅުމާލޭގެ މި ސަރަހައްދުގައި ރާއްޖޭގެ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ނިވަލުގައި ދިވެހި އެތައް ރައްޔިތުންނެއް ދަނީ ދިރިއުޅެމުންނެވެ.

ރާއްޖޭގެ ކުރި އެރުން ދެކިލުމަށް ބޭނުންވެފައި ހުރި ވަރުން ބޭރުން ބަލާލުމުން ފެންނަން ހުރި މަންޒަރުގެ ހަގީގަތް ތަޖުރިބާކޮށްލުމަށް ބޭނުންވިއެވެ. އެހެންކަމުން ދެވަނަ ފިޔަވެއްސަށް ދިއުމަށް މިސްރާބު ޖަހައި ބުރިޖު ހުރަސްކޮށްލީމައެވެ. ބުރިޖަށް އެރުމުން އެންމެ ފުރަތަމަވެސް އަޅުގަނޑާއި މުހާތަބު ކުރީ ފިނި ވައި ރޯޅިއެއްގެ ތެރެއިން ވެލި މުށެކެވެ.

ލޯ ބޯ ކަހާލައި އަނބުރާ ލޯ ހުޅުވާލުމުން ފުރަތަމަ ފިޔަވަހީގައި ހުރެ ދެވަނަ ފިޔަވެއްސަށް ބެލުމުން ފެނިގެންދިޔައީ އަވާ މެންދުރެއް ކަމަށް ހީވިއެވެ. ބިނާ ކުރުން ހުއްޓާލާފައި ހުރިކަމަށް ފެންނަ ކޮންކްރީޓު އިމާރާތްތަކުގެ ބުޑުގައި ބާ ދަގަނޑު ޖަމާކޮށްފައި ހުއްޓެވެ. ވައި ރޯޅި ތަކާއި އެކު މޫނުމަތީ ބީހެމުންދިޔަ ވެލިތަކުން ސަރަހައްދު ސިފަވެގެން ދިޔައީ ހަނަފަސް ސަހަރާއެއްގެ ގޮތަށެވެ.

ކޮންމެއަކަސް ގިނަ އަދަދެއް މީހުން މަގުތައް މަތިން ފެނިގެންދިޔައެވެ. އެހެންކަމުން އުންމީދުތަކާއި އެކު އަމާޒު ކުރީ ސަހަރާތެރޭގައި ފޯދިފައިވާ އެންމެ ބޮޑު މަލާއި ދިމާލަަށެވެ. ހިޔާ ފްލެޓުތަކަށެވެ.

މި ތަނަކީ، ކުރީގެ ސަރުކާރަކުން އިމާރާތްކޮށް، ރައްޔިތުންނަށް އެޕާޓުމެންޓެއް ފަހެއްކަ ހާސް ރުފިޔާއަށް ދިނުމަށް ވައުދުވެފައިވާ ތަނެކެވެ. އެހެން ނަމަވެސް ވެރިކަން ބަދަލުވެ، އެތައް ހައްގުވެރިންނެއް އަތުން އެ ބައެއްގެ ހައްގު ގެއްލިގެންދިޔަ ވާހަކަތައް އަޑު އިވިގެންދިޔައެވެ.

ވެރިކަން ބަދަލުވުމަށް ފަހު ރައްޔިތުންނަށް މި ހިޔާވަހިކަމުގެ ދަށުގައި ފުރިހަމަ ނިވަލެއް ހޯދައިދިނުމުގެ ޒިންމާ އެޅިފައިވާނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ މައްޗަށެވެ. އެހެން ނަމަވެސް އެ މަނިކުފާނުވަނީ މިތަނަކީ ތަޅާލަންޖެހިފައިވާ ތަނެއް ކަމަށް އިޝާރާތްކުރައްވާ، ރައްޔިތުންނަށް ފްލެޓުތައް ހަވާލު ކުރުމުގައި ލަސްތަކެއް ކުރައްވާފައެވެ.

ހަވާލު ކުރި އިރު، ފްލެޓުތަކުގެ އެތެރޭގެ އެއްވެސް ކަމެއް ފުރިހަމަ ކުރެވިފައިނުވެއެވެ. އެހެން ކަމުން ދިރުއުޅެވޭ ވަރުކޮށްފައިވަނީ އެ މީހަކު އަމިއްލައަށެވެ. ލިބުނު ނިސްބަތަކުން ކުރެވުނު މިންވަރަކަށެވެ.

ރައްޔިތުން އެތަނުގައި ހަމަޖެހިގެން ދިރިއުޅެން ފެށުމާއި އެކު، ތަޅާލަން ބުނި ތަނަކުން މިއަދު ކުލި ނަގައެވެ. އިމާރާތްކުރި ފަރާތްތައް ކަނޑައެޅި އަގަށްވުރެ ބޮޑުކޮށެވެ. އެކަމަށް ލުޔެއް ދިނުމަށް ރައްޔިތުން އެދި ގޮވާލި ނަމަވެސް ކުރި ހަރަދުތަކާއި ބަލައި އެކަށީގެންވާ ލުޔެއް ދީފައިނުވެއެވެ.

މިހާރު ބޮޑު ކުއްޔެއް ނަގައި މާލިއްޔާތައް އިތުރު ކުރަމުންދާއިރު، އިމާރާތް ތަޅާލުމަށް ގަސްތު ކުރެއްވި އިރު، ލިބިގެންދާނެ މާލީ ގެއްލުމަކާއިމެދު ވިސްނާފައިނުވާތޯ ސުވާލު އުފެދެއެވެ. އަދި ރައްޔިތުން އެތަނަށް ވަނުމުން މާލިއްޔާތަށް ބުރަވެ ބޮޑު ކުލި ނަގަން ޖެހުނީ ކީއްވެގެންތޯވެސް ސުވާލު އުފެދެއެވެ. މިއީވެސް ޖީއެސްޓީ ބޮޑު ކުރުމަށް ނިންމި ނިންމުމާއި އެއް ގޮތަށް ދަރަނިތައް ދެއްކުމަށް ކޮށްފައިވާ މަސައްކަތެއް ތޯ ސުވާލު އުފެދެއެވެ.

އަލަށް އިޖާދު ކުރާ އެއްޗެއްގައިވެސް އުނިތަކެއް ހުންނާނެ ފަދައިން ހެޔޮ ނިޔަތުގައި ކުރެއްވި ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބިނާކޮށްދެއްވި ހިޔާ ފްލެޓުތަކުގައިވެސް އުނިތަކެއް ހުރެއެވެ. އެކަމެއް އިތުރަށް ތަރައްގީކޮށް ފުރިހަމަ ކުރުމަކީ މަސައްކަތާއި ހަވާލުވާ މީހެއްގެ ޒިންމާއެކެވެ. ރައީސް ޔާމީންގެ އަތުން ވެރިކަން ގެއްލި ތަހުތު ލިބިގެންދިޔައީ ރައީސް ސާލިހަށް ކަމަށްވުމުން މިހާރު އެ ޒިންމާ އޮތީ އެ މަނިކުފާނުގެ މަތިވެފައެވެ.

ހިޔާ ފްލެޓެއްގައި 24 ބުރި ހުންނަ އިރު އެންމެ މަދުން އެޕާޓުމެންޓު ހުންނަ ފްލެޓުތަކުގައިވެސް ކޮންމެ ފްލޯއެއްގައި 16 އެޕާޓުމެންޓު ހުރެއެވެ. އަދި ކޮންމެ އެޕާޓްމެންޓެއްގައި މަދުވެގެން 5 މީހަކު އުޅޭ ކަމަށް ބަލާ ނަމަ އެއީ 1920 މީހުންނެވެ. ފްލޯއެއްގައި 16 އެޕާޓުމެންޓު ހުންނަ އިރު ބައެއް ފްލެޓުތަކުގައި ހުންނަނީ 3 ލިފްޓެވެ. އެހެން ކަމުން ގަޑިއިރަކު 26 މީހަކު ކޮންމެ ލިފްޓެއްވެސް ބޭނުން ކުރާކަމަށް ބުނެވިދާނެއެވެ. އެހެން ނަމަވެސް މި އަދަދުގެ ތެރެއަށް އެކި ކަންމަކުގައި ޒިޔާރަތް ކުރާ މީހުންގެ އަދަދު އިތުރު ކުރުމުން ބޮޑު ތަނުން ގިނަވެއެވެ.

ލިފްޓެއްގައި ޖަހާފައި އޮންނަގޮތުން އެތެރޭގައި 14 މީހުންގެ ޖާގަ ހުރެއެވެ. ގޮސް ލިފްޓަށް އެރުމުން 14 މީހުން ތިބެން ޖެހޭނީ އެކަކު އަނެކާގެ އުނގުގައި ނުވަތަ ކޮންޑު މަތީގައިކަން ސާފުވެއެވެ. ހުރީ ނުވަ ވަރަކަށް މީހުންނަށް ހަމަ ނޭވާ ލައިގެން ތިބޭނެ ޖާގައެވެ.

މި އެކަންޏެއް ނޫނެވެ. ލިފްޓާއި ހިސާބަށް ވާސިލުވާން ބޮޑު ކިއު އެއް އޮވެއެވެ. ފްލެޓުތަކުގެ އަހުލުވެރިންގެ ގާތުގައި އެހުމުން ބުނެފައިވާގޮތުން ރަނގަޅު މަދު ގަޑިތަކެއްގައި ލިފްޓަށް އެރުން ފަސޭހަ ނަމަވެސް ގިނަ ވަގުތު އެތަނުގައި ހޭދަ ކުރަން ނުޖެހެނީ މަދު ފަހަރެއްގައެވެ.

މެދުގައި ބޮޑު ހުސް ވައި ގޮޅިއެއް ހުރުމުން އިތުރު ލިފްޓުތަކެއް ހަމަ ނުބެހެއްޓެނީތޯވެސް ސުވާލު އުފެދެއެވެ. ލިފްޓުތައް ހަލާކުވެގެން އުޅޭ ވާހަކަތައްވެސް އިވިގެންދަނީ މަދު ފަހަރަކު ނޫނެވެ.

ހިޔާ ފްލެޓުތަކަށް ވަދެގެންދިއުމުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ ވަދެގެންދިއުން ފަސޭހަވަރެވެ. ކޮންމެ މީހަކުވެސް ވަދެގެން ދާންވީއެވެ. ސެކިއުރިޓީވެސް ތިބެއެވެ. އެހެން ނަމަވެސް ހަގީގަތުގައި ބެލެހެއްޓޭތޯ މިއީވެސް ކުރެވޭ ސުވާލެކެވެ. ތަން ބަލާލުމަށް މަޑު ކޮށްލުމުން ސައިކަލެއް އެލާމު އަޅާ އަޑަށް އެ މަންޒަރު ބަލަން ހުއްޓުމުން ފެނިގެންދިޔައީ ފުލުހުންގެ ޕޯސްޓެއް ބުޑުގައި ހުރި ސައިކަލެއް ދެ ފަހަރެއްގެ މަތިން ކެނޑިނޭޅި އެލާމު އެޅުމުންވެސް އެއްވެސް ބަޔަކު ސަމާލުކަން ނުދޭ މަންޒަރެވެ. ޕޯސްޓުގައި ފުލުހެއްވެސް ނެތެވެ.

އަޑުތައް އިވިފައިވާގޮތުން ސެކިއުރިޓީ ބަލަހައްޓަން ފެށިފަހުންވެސް އެތައް އެޕާޓުމެންޓަކުން ވައްކަން ކުރުމުގެ މައްސަލަ ފެންމަތިވެއްޖެއެވެ.

ސަރަހައްދުގައި ފުލުހުންގެ ޕޯސްޓުތައް ތިބި އިރު، މީހަކު ހަވަރަށް ދިން މަންޒަރެއްވެސް އާންމުވިއެވެ. އަދި އެތައް މާރާ މާރީގެ މައްސަލައާއި ސައިކަލުފަދަ ތަކެތި ގެއްލުން ފަދަ މައްސަލަތައްވެސް ފެންމަތިވެފައިވެއެވެ.

މީހާރު ސީސީޓީވީ ހަރުކުރެވިފައިވާކަން ފެންނަން ހުރި އިރު، ސީސީޓީވީއާއި ދިވެހިންނާއި އޮންނަނީ ވަރަށް އިތުބާރު ކުޑަ ގުޅުމެކެވެ. ރާއްޖޭގައި ހިނގަދިޔަ އެންމެ ރަހުމު ކުޑަ މަރުތަކުގެ ހަގީގަތްވެސް އަދިއަދަށް އިނގޭކަށް ނެތެވެ. އަދި އެވަރު ކަމެއް ހިނގާ ފަހުން މަންޒަރު ފެންނަން ހުރި ނަމަވެސް މައްސަލަތައް ހައްލުވިކަމަށް ބުނެވޭކަމަށް ނޯންނާނެއެވެ.

ވާރޭ ވެހޭ ދުވަސްވަރު މިއީ ހިޔާ ފްލެޓުގެ އަހުލުވެރިންނަށް ހާއްސަ ދުވަސްވަރެކެވެ. ހުރިހާ ކުޑަ ދޮރެއް ބަންދު ކޮށްގެން ތިބޭ އިރުވެސް ގޭގެ ތެރެއިން ފެންބޮޑުވާ މައްސަލަތައް ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ޝާއިއުކޮށްފައިވެއެވެ.

ބޮޑު އަގު ދީގެން އެޕާޓުމެންޓުތަކުގެ އެތެރެ ޒީނަތްތެރިކޮށްފައިތިބި ރައްޔިތުންގެ މުދާ ފެންއެޅިގެން ހަލާކުވެދާ ވާހަކަތައް މިއީ އަދިވެސް ތަކުރާރުވާ ވާހަކަތަކަކެވެ. ހިޔާ ފްލެޓުތަކުގައި ހުރި މައްސަލަތަކުގެ ވާހަކަތައް ދައްކާނަމަ ވެގެންދަނީ ދައްކާހާއެެވެ. އެކި ސަރަހައްދުތަކަށް ކުނި ބުނީގެ ފުނިތައް ޖަމާކޮށްފައި ހުންނަ އިރު ގަދަ ވައި ރޯޅިތަކުގެ ތެރެއިން އެތަކެތި ގޮސް މީސް މީހުން މޫނުގައިވެސް އެޅެއެވެ.

ހިޔާ ފްލެޓުގައި ހުރި މައްސަލަތަކާއި މެދު އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ސުވާލު ކުރުމުން، ހުރި މައްސަލަތަކާއި ކަންބޮވުންތައް ހިއްސާކޮށްފައިވާއިރު، ގިނަ މީހުންވަނީ އެ ބަޔަކު ބަސް ބުނުމުން ސަރުކާރުގެ ނުރުހުންތައް އަމާޒުވެދާނެތީ އިންޓަރވިއު ދިނުމަށް ފަސްޖެހިފައެވެ.

ރައްޔިތުންގެ ބަހެއް ހޯދުމަށް ދިމާވި ދަތިތަކާއި އެކު ސަންގުޓީވީންވަނީ އާންމުންގެ ޖަމިއްޔާގެ ރައީސް މިދުއަމް ސައުދާއި އެ ސަރަހައްދުގައި ހުރި މައްސަލަތަކާއިމެދު ސުވާލުކޮށްފައެވެ. މިދުއަމް ވިދާޅުވެފައިވާގޮތުން ހިޔާ ފްލެޓު ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައިގަނޑު ސަބަބަކީ ވަގުތު އޮތް ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ހިދުމަތްތައް ދިނުމަށް ތައްޔާރުވެފައިނުވުމެވެ.

އެގޮތުން ސުކޫލެއް ހުޅުވުނީ ރައްޔިތުން ދިރިއުޅެން ފެށިތާ އަހަރު ދުވަސް ފަހުން ކަމަށާއި މިސްކިތެއްވެސް ބިނާ ކުރުމަށް ހަމަސްވެގެންދިޔަކަމަށް ފާހަގަކުރައްވާ އެނާ ވަނީ އެތަންތަންވެސް ބިނާ ކުރީ ވަގުތީގޮތުންކަމަށް ވިދާޅުވެފައެވެ.

ކުނި މެނޭޖު ކުރުމުގެ މޮޅެތި ވާހަކަތައް ދައްކާ އަދި އިރު އިރުކޮޅާ ބޭރު ގައުމުތަކަށް ޒިޔާރަތް ކޮށް ހަދާއިރު، ތެޔޮ އަންދާ ކުނި ލޮރީތަކެއް ނޫން ހައްލެއް ނުފެނުނީބާއެވެ. މަތި ނުޖެހި ހުންނަ ޑަސްބިންތަކެއްގެ ބަދަލުގައި ސްޓީރީޓް ލެވެލް ސޯލާ ޕަވަރޑް ކޮމްޕެކްޓަރު ފަދަ އާލާތްތައްވެސް ނުފެނުނީ ބާއެވެ. ނުވަތަ ކުނި މެނޭޖު ކުރުމުގެ ނަމުގައި ކުރަމުންދާ މަސައްކަތަކީވެސް ހަމަ ޓެކްސް ފައިސާއިން ފޮތިތަކެއް ޖީބަށްލުންތޯ ސުވާލު އުފެދެއެވެ.

ކަން މިގޮތަށް އޮތް އިރު، ތަން ބިނާ ކުރި މީހާ ދިނުމަށް ގަސްތު ކުރި އަގަށްވުރެ ބޮޑު އަގެއް ރައްޔިތުންގެ އަތުން ނެގުން މިއީ އިންސާފުވެރިކަމެއްތޯ ވަރަށްބޮޑަށްވެސް ސުވާލު އުފެދެއެވެ. ގިނަ މައްސަލަތަކެއް ހުރެ ތަން ތަޅާލަން ރަނގަޅު ކަމަށް ފާހަގަކޮށްފައިވާ ސަރުކާރަކުން އެތަންތަން ރައްޔިތުންނާއި ހަވާލު ކުރި އިރު މައްސަލަތައް ހަލުކޮށްފައިނުވަނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 60%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: