ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަންވެ ނިމުނީމައި އަޅާނެ ފިޔަވަޅު ކަނޑައަޅައިގެން، ލިބުނު ގެއްލުން ފޫ ބެއްދޭނެ ހެއްޔެވެ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި މުޖުތަމައުގެ ތެރެއިން ކޮންމެ ދިމާލަކަށް ބަލާލި ނަމަވެސް ފަހުން ނިކުމެދާނެ ނަތީޖާއަކަށް ބަލައި، ދުރާލާ ފިޔަވަޅުތަކެއް އަޅާފައި ހުންނަ މަންޒަރެއް ނުފެނެއެވެ. މުޅި ގައުމުގެ މަސްލަހަތައް ބުރޫ އަރައި ހަމަޖެހުން ގެއްލޭ ކަންތައްތައް ހިނގުމުގެ މައިގަނޑު ސަބަބަކީ އެއީކަމުގައި ބުނެވިދާނެއެވެ. ހިތާމަވެރި ހާދިސާއެއް ހިނގައި، ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމަށްފަހު ނޫނީ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަކަށްވެސް މިފަދަ ކަންކަމެއް ނާދެއެވެ.

ކަންވެ ނިމި، ނުވަތަ އަނގަމަތީ ބަހުން ބުނާނަމަ “ވާނެ އެއްޗެއްވެ ނިމުނީމައި” ފިޔަވަޅު އަޅައިގެން އެކަންތައް ތަހައްމަލުކުރި ފަރާތްތަކަށް ވާނެ ފައިދާއެއް ނޯންނާނެއެވެ.

“ގެއްލިގެންދިޔަ ފުރާނައެއް އަނބުރާ ނުލިބޭނޭ” ބުނާ ބުނުން އަޅުގަނޑު އިސްވެ ފާހަގަކުރި ވާހަކަތަކުގެ ހެއްކަކަށް ފުދޭނެއެވެ.

ނަމަވެސް ގޯސް އަމަލެއް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުމުން ދެން އެފަދަ ކުށްކުށަށް އަރައިގަންނަން ތިބޭ ފަރާތްތަކުން ފަސްޖެހޭނެކަން ގައިމެވެ.

އާއިލާއަށް އިންސާފު ހޯދައިދިނުމަށްކަމަށް ބުނެ ހައްގަކާއި ނުލައި މަރާލެވިގެންދާ ފަރާތްތަކުގެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންދާއިރު، މަރުވެގެން ދިޔަ މީހާގެ ހައްގުތައް ކޮބައި ހެއްޔެވެ؟

އެ ގެއްލިދާ ފުރަނައެއްގެވެސް ހައްގުތަކެއް ހުންނާނެއެވެ. އެއްވެސް އިންސާނެއްގެ ހަށިގަނޑަކީ އަނެއް އިންސާނެއްގެ މިލްކެއް ނޫންކަމުގައިވާއިރު، އެއީ ކުރީގައި މިވެނި އެވެނި ގޮތަކަށް އުޅޭ މީހެކޭ ބުނެ، މަރާލެވިގެންދާ މީހާ އާއި ގުޅުވައި ހާހުން ވާހަކަތަކެއް ދެއްކި ނަމަވެސް، އެއީ ހައްގަކާއި ނުލައި އޭނާ މަރާލެވިގެން ދާން ޖެހޭނެ ސަބަބެއްކަމުގައި ގަބޫލެއް ނުކުރެވޭނެއެވެ.

މިފަދަ ހިތާމަވެރި ހާދިސާއެއް ހިގާ ފުރާނައެއް ގެއްލިގެން ދިޔުމާއިއެކު، އެކަށީގެންވާ ފިޔަވަޅު އެޅުމަށް ގޮވާލާނެއެވެ. މަރަށް މަރު ހިފާ ހައްގުވާ އަދަބު ތަންފީޒްކުރުމަށް ގޮވާލާނެއެވެ. ނަމަވެސް ހަފްތާއެއް ނުވެ އެ ހަދާން ނެތޭނެއެވެ. އެވާހަކަތައް ދައްކާނެ ބަޔަކުވެސް ނޫޅޭނެއެވެ.

ދާދި ފަހުން މާލޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލެވިގެން ދިޔަ ޒުވާނާގެ މައްސަލަވެސް ވެގެންދިޔައީ މިފަދަ ގޮތަކަށެވެ. އެ ހާދިސާ ހިގާފައިވަނިކޮށް އެއާއި ދާދި ގާތުން މިދިޔަ މަހުގެ 19 ވަނަ ދުވަހަ ޒުވާނަކު ގެއްލިގެންދިޔުމުން، އެނގިގެން ދިޔައީ ކަމެއް ހިގައި ދިޔުމުންވެސް އެފަދަ ކަންކަމަށް ސަމާލުވެވިފައި ނެތް މިންވަރާއި އަދި އެކަންކަމަށް އާންމު ރައްޔިތުންވެސް ހޭލުންތެރިކުރެވިފައި ނެތްކަމެވެ.

ގާނޫނު ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ޒިންމާއަކީ ނުފޫޒުން އެއްކިބާވެ އާންމު މަސްލަހަތާއި އިންސާނީ ދަރިފަސްކޮޅު ރައްކާކުރުންކަމުގައި ވާން އެބަޖެހެއެވެ. އެ ޒުވާނާ ގެއްލިގެން ދިޔަ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ބުނީ އޭނާ އެންމެ ފަހުން ފެނުނު ސަރަހައްދު 15 ދުވަސްވެގެންދިޔައިރުވެސް ބަލާ ފާސްކޮށްފައި ނެތުމުންނެވެ.

ހަމަ އެފަދައިން ކަން ހިނގައި ދިޔައީވެސް އިހުމާލަކުންނޭ ބުނެވިދާނެއެވެ. ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ހުޅުމާލޭގައި ހުރި ގަސްގަނޑެއްފަދަ ބޮޑު ޖަންގައްޔެއްގެ ތެރެއިން ފެނިގެންދިޔައިރު، އެފަދަ ތަންތަނަށް ވަދެ އުޅުމުގައި އުސޫލުތަކެއް ކަނޑައެޅިފައި ހުންނަންޖެހޭނެއެވެ. ރާއްޖޭގައި ކުށް ކުރުމާއި ފޭރުން އިންތިހާއަށް ގިނަވެގެން ދިޔައިރު، އެފަދަ ކަންތައްތަކަށް މަގުފަހިވާނެ ގޮތަށް ހުންނަ ސަރަހައްދުތައް ރޭގަނޑުގެ ވަގުތުގައި ބަލާ ފާސް ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ ކުށް ކުރުމަށް މަގުފަހިވާނެފަދައިން ހުންނަ އަނދިރި ސަރަހައްދުތައް އަލިކުރުމަށްޓަކައި މަގު ބައްތި ހަރުކޮށް، އެ ސަރަހައްދުތައް ބަލައި ފާސްކުރުމަށްޓަކައި އަބަދު އެ ސަރަހައްދުގައި ފުލުހުންނަށް ހަރަކާތްތެރިވުމަށް ދަތިތަކެއް ހުރިނަމަ ސިޔާސީ މަގާމުތައް އުފެއްދުމުގެ ބަދަލުގައި ސީސީޓީވީ ކެމެރާ ހަރުކޮށް އެ ކެމެރާތައް މޮނީޓާ ކުރުމަށް މުވައްޒަފުން ތިބުން މާ ރަނގަޅުވާނެއެވެ.

މީގެ އިތުރުން ފާއިތުވެ ދިޔަ އަހަރުގެ މެއި 6 ގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެވިގެންދިޔަ ހަމަލާއަށް ބަލާލަމާ ހިނގާށެވެ. ގައުމުގައި ރައީސްކަން ކުރެއްވި ފަރާތެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް އެއިރުވެސް ސެކިއުރިޓީ ފޯރުކޮށްދެމުން އައީ ހަށިރައްކަލަކަށެވެ. އެ ސެކިއުރިޓީ އާއިއެކުވެސް އެކަންވެސް ހަގީގަތުގައި ހިނގައި ދިޔައީ ސެކިއުރިޓީގައި ހުރި ދޯހަޅި ކަންތައްތަކެއްގެ ސަބަބުންކަމަށް ބުނެވިދާނެއެވެ. އިންޓެލިޖެންސް އޭރުވެސް އެ ހަމަލާ ދޭން އުޅުމަށް ރާވާކަމުގެ އިޝާރާތްތަކެއްވެފައިވީ ނަމަވެސް ވަކި ހާއްސަ ސަމާލުކަމެއްނުދިނެވެ. ސެކިއުރިޓީ ވަރުގަދަކުރީ ހޭލުންތެރިވާން ލިބުނު ސިގްނަލް އަށް ދޭން ޖެހޭ ސަމާލުކަން ނުދިނުމުން ރައީސް ނަޝީދުގެ ފުރާނަފުޅަށް ބޮޑެތި ސީރިއަސް ޒަހަމުތަކެއް ލިބި ކަންވެ ނިމުނު ފަހުންނެވެ.

ދެން އޮތީ އަދިވެސް މީޑިއާތަކުގެ ހެޑްލައިންއިން ޖާގަ ހޯދަމުން އަންނަ މަޝްހޫރު ޔޯގާ ދުވަހުގައި ހިންގިކަމަށް ބުނާ ޓެރަރިޒަމްގެ އަމަލެވެ. ބައިނަލްއަގުވާމީ ޔޯގާ ދުވަސް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރީ އެތައް ބައެއްގެ ނުރުހުމާއި ދެކޮޅަށެވެ. ހަރަކާތް ފެށިއިރުވެސް އެ ސަރަހައްދުގައި ޔޯގާ އާއި ދެކޮޅަށް ބަޔަކު އަޑުއުފުލަމުން ގެންދިޔަކަން ފުލުހުންނަށް އެނގެއެވެ. އަދި ފުލުހުން ދިޔައީ އެ ސަރަހައްދުގައި ހަރަކާތްތެރިވެސް ވަމުންނެވެ. ފުލުހުންވެސް ހާޒިރުވެ ތިއްބާ ބޭރުގެ ޑިޕްލޮމެޓުންނާއި، ސަފީރުންނާއި، ވަޒީރަކު ހުންނެވި ތަނެއްގެ ތެރެއަށް އާންމުންގެ ބަޔަކު ވަނީ ފަސޭހަކަމާއިއެކުގައެވެ.

އެހާ ފަސޭހައިން ވަދެވުނު ސަބަބަކާއި ގުޅިގެން ސުވާލުތައް އަމާޒުވުމުން ވިދާޅުވީ ސެކިއުރިޓީ ބްރީޗެއްކަމަށެވެ. ފުލުހުންގެ އިހުމާލު އޮތްކަމަށް ގަބޫލުކުރާކަމަށާއި މައާފަށް އެދޭކަމަށެވެ. އިތުރަށް އެފަދަކަމެއް ތަކުރާރުނުވާނެކަމަށް ވިދާޅުވިއިރު، ދުރާލާ ފިޔަވަޅުތަކެއް އެޅިފައި ނެތުމުން ކަންވެ ނިމިއްޖެއެވެ. އެ ހަރަކާތުގައި ބައިވެރިވީ ފަރާތްތަކުން ކުރީ ދީނުގައި ހުއްދަކަމެއް ނުވަތަ ނޫންނަމަވެސް ގެއްލުން ލިބުނީ ހަމަ އާންމު ރައްޔިތުންތަކަކަށެވެ. ދެން ސެކިއުރިޓީ އާއި ފިޔަވަޅުތައް ވަރުގަދަކޮށް، އެ އަމަލު ހިންގި ފަރާތްތަށް އިންސާފުގެ ކުރިމައްޗަށް ގެންނާނަންކަމަށް ވިދާޅުވީ ނަމަވެސް އެ ފަރާތްތަކަށް އެވީ އެކި ވަރުގެ ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކަށް ހައްލު ލިބޭނެ ހެއްޔެވެ؟

ލިބުނު ގެއްލުން ބޮޑުވެދާނެތީ އޭރު ހުރި މައްސަލަތައް ހައްލުކުރުމުން ގެއްލުން ބޮޑު ނުވެދާނެއެވެ. ނަމަވެސް ވީ ގެއްލުން ކޮބައިހެއްޔެވެ؟ އެކަމަށް ހައްގުވާ އިންސާފު ކޮބާ ހެއްޔެވެ؟

ފިޔަވަޅުތަކާއި އަދަބުތަކެއް ކަނޑައަޅައި، އާންމު ކަންކަމަށް ހޭލުންތެރި ކުރުވި ނަމަވެސް ގެއްލުތަކެއް ލިބިދާނެކަން ގަބޫލުކުރަމެވެ. ހިތާމަވެރި ޙާދިސާއެއް ހިނގުމަކީވެސް އެކަށީގެންވާކަމެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ގައުމުގެ ހާލަތު އޮތީ މިހެނެއް ނޫނެވެ. މީހުން މެރުމާއި، ފޭރުމާއި، ހިޔާނާތާއި ގަބޫލުނުކުރެވޭނެ ކަންކަން އިންތިހާއަށް އިތުރުވަނީއެވެ. ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލަށް ބަލާއިރު ފެންނާން އޮންނަނީ ކޮންމެސް ކަމާއިބެހޭ މުއައްސަސާއެއްގެ ކުށެވެ. އިހުމާލެވެ.

މިފަދައިން ކަން ހިނގާނަމަ، ނުވަތަ އިސް މަގާމެއްގައި ހުރި ބޭފުޅެއްގެ ދަށުން މަސައްކަތްކުރާ ބައެއްގެ ފަރާތުން އިހުމާލެއް ހިނގައިފިނަމަ، ދުނިޔޭގެ އެހެން ތަހުޒީބީ ގައުމުތަކުގައި ދެނީ އިސްތިއުފާއެވެ. ނަމަވެސް މި ސަރުކާރުން މިއިން އެއްވެސް ކަމަކަށް ހަމަ ރިއެކްޓްވެސް ނުކުރަނީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: