ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް: ހެކި ހުށަހެޅުމުގެ މަރުހަލާ ނިމިފައި ވަނިކޮށް، ދައުލަތުގެ އައު ހެކިތަކެއް!

ކްރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން/ ފޮޓޯ: އަޑުއެހުމުގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ހެކި ހުށަހެޅުމުގެ މަރުހަލާ ނިމިފައި ވަނިކޮށް، ދިފާއުން ހުށަހެޅި ހެކީގެ މައްޗަށް އައު ހެކި ދައުލަތުން ހުށަހަޅައިފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ ކުރެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއިން މަންފާ ނަންގަވައި، ނުފޫޒު ބޭނުން ކުރެއްވިކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން މިއަދުގެ އަޑުއެހުމުގައި ކުރިޔަށް ގެންދިޔައީ ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ އެވެ. ހެކި ހުށަހެޅުމުގެ މަރުހަލާ މިދިޔަ މަހު އޮތީ ނިމިފަ އެވެ.

މި މުއާމަލާތް ހިންގުމުގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުތަކެއް ކުރާއިރު، ދައުލަތުން ވަނީ އެމަނިކުފާނާއި ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. އަދި ރައީސް ޔާމީންގެ ފަރާތުން ވެސް ދިފާއަށް ގިނަ ހެކިތައް ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ، ޔޫސުފް ނައީމާއި ހަވާލު ކުރަން ދިޔަ ޕީޕީއެމްގެ ސެނެޓު މެމްބަރު އަހުމަދު ނަރީޝާއި، އޭނާއާއި އެކު ފައިސާ ދަބަސް ގެންދިޔަ އަބްދުﷲ ނަމަކަށް ކިޔާ މީހަކާއި، އެ މުއާމަލާތް ހަމަޖެއްސި މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ހިމެނެ އެވެ. އަދި ރައީސް ޔާމީން ފޯނުން ގުޅުއްވި އިރު މުހައްމަދު އިސްމާއިލާއި އެކު އެވަގުތު ހުރިކަމަށް ބުނާ އައްޑޫ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ހިމެނެ އެވެ.

އޭގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު، އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ ހެކި ބަސް ވަނީ ނަގާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ ހެކިންގެ ބަޔާންތައް ހޯދައި އެ ދިރާސާ ކުރުމަށެވެ. އަދި ޔޫސުފް ނަައީމްގެ ފަރާތުން ވެސް އެދުނީ އިތުރު ވަގުތު ދިނުމަށެވެ.

ދައުލަތުގެ ފަރާތުން މިއަދު ލިޔުންތައްކެއް ހުށަހަޅައި ބުނީ ޝަރީއަތުގެ މަރުހަލާގައި ދިފާއުން ހެކި ހުށަހެޅި އިރު އެ ހެކިތައް ހުށަހަޅާ ސަބަބުގައި ހުރި ކަންކަމުގެ އިތުރަށް ވެސް އެ ސަބަބުތަކާއި ދެކޮޅަށް ހެކި ލިބިފައިވާ ކަމަށެވެ. އެހެންވެ ހެކުތަކާއި ގުޅޭގޮތުން ސާފު ކުރި ބައެއް މައުލޫމާތުތަކެއް އިތުރު ހެކީގެ ގޮތުގައި ލިޔެކިއުމުން ހުށަހަޅާފައިވާނެކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން ބުނެފައި ވަނީ މިއީ ދިފާއީ ހެކިންގެ ތެދުވެރިކަމާއި ނުވަތަ ކްރެޑިބިލިޓީ އާއި ގުޅުން ހުރި ހެކިތަކެއް ކަމަށެވެ.

ދައުލަތުން މި ލިޔުންތަައް ހުށަހެޅީ ދިފާއީ ހެކިންގެ ހެކިބަހާއި މެދު ސުވާލު އުފެދޭތީ، އެކަމުގެ ތެދު ދޮގު ސާބިތު ކުރުމަށް ބޭނުންވާކަމަށް ބުނެ އެވެ.

ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް، (އީވައިސީ) ގައި ވެސް މަސައްކަތް ކުރެއްވި ސައީދުގެ ހެކި ބަހުގައި ވިދާޅުވީ އެ ކައުންސިލްގެ ޔައުމިއްޔާތަކުގައި ބައިވެރިން ސޮއި ކުރާނެ ކަމަށެވެ. އަދި ސޮއި ނުކުރާ އެއްވެސް ޔައުމިއްޔާއެއް އޮވެގެން ނުވާނެކަމަށާއި، އެ ނޫން ހާލަތެއްގައި އެއީ ސައްހަ އެއްޗެއް ނޫންކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ. ހެކި ބަސް ނެގުމުގެ މަރުހަލާގައި ދައުލަތުން ވަނީ ތަކުރާރުކޮށް ޔައުމިއްޔާއާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. ޖަވާބުގައި ސައީދު ވިދާޅުވަމުން ގެންދެވީ، މިއީ ހަފްތާއަކު އެއް ދުވަހު އޮންނަ ބައްދަލުވުންތަކެއް ކަމަށެވެ. އަދި ކުރާ މަޝްވަރާއެއް އޭގެ ޖެހިގެން އަންނަ ދުވަހު ގެނައުމަކީ އަމަލު ކުރަން ޖެހޭ އުސޫލުކަން ފާހަގަ ކުރެއްވި އެވެ. އަދި އެ ދުވަހަކަށް ޔައުމިއްޔާ ނިންމާ ނުލެވުނު ނަމަ އޭގެ ޖެހިގެން އަންނަ ދުވަހު ވެސް ގެންނަކަމަށާއި މާލެއިން ބޭރުގައި ހުންނެވި ނަމަ އެނބުރި ވަޑައިގަތުމާއި އެކު ޔައުމިއްޔާގައި ސޮއި ކުރަން އަންނަ ކަމަށެވެ. އެހާ ޔަގީންކަމާއި އެކު ސޮއި ނުކުރާ ޔައުމިއްޔާއެއް ނޯންނާނެކަން ބުނަން އެނގެނީ އޭގެ ސަބަބުންކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދުގެ ހެކިބަހާއި ގުޅިގެން ދައުލަތުން ވަނީ، އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއި ނުކޮށް ނޯންނާނެކަމަށް ސައީދުގެ ހެކި ބަހުގައި ވިދާޅުވެފައި ވާތީ އެކަން ނަފީ ކުރުމަށް ޔައުމިއްޔާތަކެއް ހުށަހަޅާފަ އެވެ. ނަމަވެސް މިއީ އެފަދަ ހެކިތައް ހުށަހެޅޭނެ މަރުހަލާއަކަށް ނުވާތީ ދައުލަތުން އެދުނީ އެ ލިޔުންތައް ބަލައި ނުގަތުމަށެވެ.
ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށޫން ހެކި ހުށެހެޅޭނީ ދައުވާ ހުށަހަޅާ މަރުހަލާގައިކަމަށެވެ. އަދި ދައުވާ ފޯމުގައި ދައުލަތުން ހުށަހަޅާ ހެކިތައް އޭގައި ބަޔާން ކުރަން ޖެހޭނެކަމަށް ފާހަގަ ކުރި އެވެ. އެހެންކަމުން ހެކި ހުށަހެޅުމަށް އޮތް މަރުހަލާ ނިމި، ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ ފެށުމުން އައު ހެކިތަކެއް ހުށަހަޅައި އެއާއި މެދު ވާހަކަ ދެއްކުމަކީ ކުރެވޭނެކަމެއް ނޫންމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.

ދައުލަތުގެ ވާހަކަތަކުގެ ރައްދުގައި ޔޫސުފް ނައީމުގެ ވަކީލު ވެސް ވިދާޅުވީ، ތަހުގީގު މަރުހަލާފައި ހޯދިފައި ނުވާ ހެކިތައް އެއީ އައު ހެކިތަކެއްގެ ގޮތުގައި ނުބެލެވޭނެކަމަށާއި، އެ ހެކިތައް ކުރިން ހުށަހެޅިފައި ނެތުމަކީ ދައުލަތުގެ ފަރުވާކުޑަކަމުގެ އަމަލެއް ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ ލިޔުންތަކާއި މެދު ގޮތެއް ނިންމަވާނީ ދެން އޮންނަ އަޑުއެހުމެއްގައި ކަމަށެވެ. މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: