ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް: ދައުލަތުން އައު ހެކި ހުށަހެޅީ ދިފާއުން ދޮގު ހެކި ބަސް ދީ، ހެކި އުފެއްދިކަމަށް ބުނެ!

ރައީސް ޔަމީންގެ ދިފުގައި ސައީދާއި، ނަރީޝް އަދި ޒުހޫރު ވަނީ ހެކިބަސް ދީފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމް މަންފާ ނެންގެވިކަމަށް ބުނާ މައްސަލައިގައި އެމަނިކުފާނު ހުށަހެޅި ހެކިތަކާއި މެދު ސުވާލު އުފަދައްދައި، އެއީ ދޮގު ހެކިތަކެއްކަމަށް ދައުލަތުން ބުނެފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ ކުރެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި، މިހާރު ކުރިޔަށް ދަނީ ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ އެވެ. އަދި ހެކި ހުށަހެޅުމުގެ ބައި ނިމިފައިވާއިރު ޔާމީނާއި ދެކޮޅަށް ރައީސް ޔާމީންގެ ސަރުކާރުގެ ނައިބު ރައީސް އަދި އޭރު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި އަބްދުﷲ ޒިޔަތު ވަނީ ހެކި ބަސް ދީފަ އެވެ.

ރައީސް ޔާމީންގެ ފަރާތުން މައްސަލައިގައި ހެކި ބަސް ދީފައި ވަނީ، ޕީޕިއެމްގެ ސެނެޓު މެމްބަރު އަދި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި، މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލާއި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ އެވެ.

މިދިޔަ ސަރުކާރުގައި ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރެއްވި ނަރީޝްގެ ހެކި ބަހުގައި ވިދާޅުވީ، ރައީސް ޔާމީން އޭނާއަށް ގުޅުއްވައި ޔޫސުފް ނައީމާއި ފައިސާ ހަވާލުކޮށް ދޭން އެދުމުން އެގެއަށް ދެ ދަބަހެއްގައި ހުރި އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ހަވާލު ކުރި ކަމަށެވެ.

މުހައްމަދު އިސްމާއީލްގެ ހެކި ބަހުގައި ވިދާޅުވީ، އެއް މިލިއަން ޑޮލަރު ވިއްކާނެ މީހެއް ހޯދައިދޭން އެދި ރައީސް ޔާމީން އޭނާއަށް ގުޅުއްވުމުން އޭނާ ދަންނަ ބައެއް ވިޔަފާރިވެރިންނަށް ގުޅައި އެ އިންތިޒާމުތައް ހަމަޖައްސައިދޭން އެދުނު ކަމަށެވެ. ޔޫސުފް ނައީމަށް ވެސް އެގޮތުގެ މަތީން ގުޅުމުން، އާއްމު ރޭޓުން ޑޮލަރު ވިއްކާނެކަމަށް ބުނެ އޭގެ ދެ ދުވަސް ފަހުން ގުޅީކަމަށް އޭނާގެ ހެކި ބަހުގައި ވިދާޅުވި އެވެ. މުހައްމަދު އިސްމާއީލް ވިދާޅުވީ އޭނާއަށް ރައީސް ޔާމީން ގުޅުއްވި ވަގުތުގައި އާއި، ވިޔަފާރިވެރިންނަށް ގުޅައި އެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރި އިރު އޭނާއާއި އެކު ޝާހިދު ހުންނެވި ކަމަށެވެ.

ޝާހިދުގެ ހެކި ބަހުގައި ވެސް ވިދާޅުވީ، ރައީސް ޔާމީން ގުޅުއްވި ވަގުތު ހުންނެވީ މުހައްމަދު އިސްމާއީލާއި އެކު ކަމަށެވެ. އަދި ފަހުން ޔޫސުފް ނައީމާއި ބައްދަލުވުމުން އެ އިންތިޒާމުތައް ހަމަޖެހުނުކަމަށް ވިދާޅުވި ކަމަށެވެ.

ސައީދުގެ ހެކި ބަސް ނަގާފައި ވަނީ، އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް، (އީވައިސީ) ގައި މަސައްކަތް ކުރައްވާފައި ވާތީ އެވެ. ދައުލަތުން ސައީދާއި ސުވާލަކީ ކައުންސިލްގެ ޔައުމިއްޔާއާއި ގުޅޭގޮތުންނެވެ. އެ ޔައުމިއްޔާ ދައްކައި ސުވާލު ކުރުމުން ސައީދު ވިދާޅުވީ އެ ލިއުމުގައި އެއްވެސް މީހެއްގެ ސޮއި ނެތްކަމަށާއި އެހެންކަމުން އެއީ ސައްހަ ޔައުމިއްޔާއެއް ނޫން ކަމަށެވެ. ކައުންސިލަށް ވުޒާރާތަކުން ވަކި ކަމެއް ހުށަހަޅާއިރު، އެކަމެއްގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާއި ފޯމެޓެއް ހިމެނޭކަމަށް ސައީދު ވިދާޅުވި އެވެ. އަދި ކައުންސިލުގެ ބައްދަލުވުންތަކާއި ބެހޭ ތަފްސީލީ ޔައުމިއްޔާތައް ތައްޔާރު ކުރާއިރު އެ ލިޔުންތަކުގައި މަޝްވަރާގައި ބައިވެރިވި ވަޒީރުން ސޮައި ކުރައްވާނެކަމަށް ސައީދު ވިދާޅުވި އެވެ.

ދައުލަތުން ތަކުރާރުކޮށް ޔައުމިއްޔާ މެދު ސުވާލު ކުރި ނަމަވެސް، ސައީދު ވިދާޅުވީ ސޮއި ނެތް ޔައުމިއްޔާއެއް ސައްހަ ނުވާނެކަމަށާއި ސޮއި ނުކުރައްވާ އޮތް ޔައުމިއްޔާއެއް ނޯންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މިއީ އުފައްދާފައިވާ، ނުވަތަ ދޮގު ހެކި ބަސްތަކެއްގެ ގޮތުގައި ބުނެ އައު ހެކިތަކެއް ހުށަހަޅަން އެދިފަ އެވެ. ނަމަވެސް ދިފާއުން އެކަމަށް އިއުތިރާޒު ކުރި އެވެ.

ދައުލަތުން ބުނީ ދިފާއީ ހެކިންގެ ހެކިބަސް އެއީ ދޮގެއްކަން ނުވަތަ ނަފީ ކުރެވޭނެ ހެކިތައް ލިޔުންތަކާއި އެކު ހުށަހަޅާކަމަށެވެ. ހެކިތަކާއި ބެހޭ ތަފްސީލެއް ދައުލަތުން ނުދެ އެވެ.

ހެކިތައް ނަފީ ކުރުމަށް ދައުލަތުން ހުށަހެޅި ހެކިގެ ތެރޭގައި، ނަރީޝްގެ ވަޒީފާގެ ހާޒިރީ ހިމެނެ އެވެ. އޭރު އޭނާ ހުރީ ސިފައިންގެ ވަޒީފާގަ އެވެ. ސައީދާއި ދެކޮޅަށް ހުށަހެޅީ އީވައިސީއާއި ގުޅޭގޮތުން ދެއްކެވީ ދޮގު ވާހަކަތަކެއްކަމަށް ބުނެ އެކަމާއި ބެހޭ ލިއުމެކެވެ.

ދައުލަތުގެ ހެކިތަކަށް ދެކޮޅު ހަދައި، ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ ހާޒިރީ ޝީޓުގައި 2015 އާއި 2019 ގެ ޔައުމިއްޔާ ހިމެނޭއިރު އެ ލިޔުންތައް ކުރިން ވެސް ހުށަހެޅުނީސް ކަމަށެވެ. އެހެންވެ އޭނާ ވެސް އެދުނީ އެ ބަލައިނުގަތުމަށެވެ.

މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުގެ ހުށަހެޅުންތަކާއި މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ ނޮވެމްބަރު 17 ގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: