ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫމަޑި މައްސަލަ: ޑރ މުއިއްޒުގެ ހުށަހެޅުން ކްރިމިނަލް ކޯޓުން ބަލައި ނުގަތުމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރު މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިން ކަމަށް ތުހުމަތުކޮށް ދައުލަތުން އުފުލާފައިވާ ދައުވާއާއި ގުޅިގެން މުއިއްޒުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުންތައް ކޯޓުން ބަލައި ނުގަތުމުން އެ މައްސަލަ މުއިއްޒުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ދައުލަތުން ޑރ މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އިފިލާފައި ވަނީ  25 ޖޫން 2019 ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިންގ ޔުނިޓް މަޝްރޫޢާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާތީއެވެ.

އެގޮތުން އެ ދައުވާ ޑރ މުއިއްޒުގެ މައްޗަށް އުފުލާފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދަޢުވާއެވެ.

މި ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައިގައި މުއިއްޒުގެ ފަރާތުން ހުށަހެޅުއްވީ އެ ދައުވާއަކީ ކުރިއަށް ނުގެންދެވޭނެ ދައުވާއެއް ކަމަށް ކަނޑައެޅުމަށެވެ. އެގޮތަށް ކަނޑައަޅުއްވައި ދެއްވުމަށް މުއިއްޒުގެ ފަރާތްޕުޅުން ހުށަހެޅުއްވީ ދައުލަތުން ހުށަހެޅި މައްސަލައިގައި ދައުލަތުން ތުހުމަތު ކުރާ ކުށް މުއިއްޒު ކުރެއްވި ތަނެއް ދައުވާގައި ބުނެފައި ނުވާތީއެވެ. މުއިއްޒުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެފައި ވަނީ އޭނާ ދޮގު ބަޔާން ދިން ކަމަށް ދައުލަތުން ތުހުމަތު ކުރާނަމަ އޭނާ އެ ކުށް ކުރި ތަނެއް ދައުލަތަށް ބުނެދެވެން ޖެހޭނެ ކަމަށެވެ. އެހެން ކަމުން ދައުވާގައި އެކަން ބުނެދެވިފައި ނުވާތީ އެ ދައުވާއަކީ ކުރިއަށް ގެންދެވިދާނެ ދައުވާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މުއިއްޒުގެ ފަރާތްޕުޅުން ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް

ޑރ މުއިއްޒުގެ ފަރާތްޕުޅުން ދެން ހުށަހެޅުއްވީ ދައުލަތުން ހުށަހަޅާފައުވާ ބައެއް ހެކިތައް ބަލައި ނުގަތުމަށެވެ. ނަމަވެސް މުއިއްޒުގެ ފަރާތްޕުޅުން ހުށަހެޅުއްވި އެއްވެސް ހުށަހެޅުއްވުމެއް ޝަރީޢަތުން ބަލައިގެންފައި ނުވާތީ މުއިއްޒުގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި މުއިއްޒުގެ އެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން މިހާރު ވަނީ ބަލައިގެންފައެވެ.

ނޫމަޑީގެ މައްސަލައިގައި ސަރުކާރުން ބުނެފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އާއި ދިވެހި ސަރުކާރާއި ދެމެދުގައި ވެފައިވާ އެއްބަސްވުންތަކެއް ގާނޫނާ ހިލާފަށް ރައީސް ޔާމިން ސަރުކާރުން އުވާލުމުން ދޭންޖެހުނު ބަދަލު ނުދިން ނަމަ ދައުލަތައް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ.

ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ހުަށައެޅީ ދެ މައްސަލައެކެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑަލްގެ ދަށުން 700 ހައުސިން ޔުނިޓު ތަރައްގީ ކުރުމަށްޓަކައި ނޫމަޑިއާއެކު ކުރީގެ މިނިސްޓްރީ އޮފް ހައުސިން ޓްރާންސްޕޯޓް އެންޑް އެންވާރަމަންޓާއެކު 20 ޖެނުއަރީ 2011 ގައި ސޮއި ކުރެވިފައިވާ ފޭސް 1 އެއްބަސްވުމެވެ. އަދި ދެވަނަ އެއްބަސްވުމަކީ، 500 ހައުސިން ޔުނިޓާއި ޕޮލިސް އެކެޑަމީ ފޭސް 1 އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީ ކުރުމަށްޓަކައި ނޫމަޑިއާއި އޭރުގެ ހައުސިންއާ ދެމެދު 30 މެއި 2013 ގައި ސޮއި ކުރެވިފައިވާ އެއްބަސްވުމެވެ.

މި މައްސަލައިގައި އޭޖީ އޮފީޙުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާއިރު، ވަޒީރުކަމުގައި އޭނާ ވަނީ އެ މައްސަލާގައި ދައުލަތް ދިފާޢު ކުރައްވާފައެވެ.

އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެންބަރު 2017ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށްދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ހައިސިއްޔަތުން މުޢިއްޒުގެ ބައިވެރިވުމާއެކުގައެވެ.

ވަޒީރުކަމުގެ މަޤާމުން ވަކިވެވަޑައިގަންނަވަންދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން މުޢިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތެވެ.

ނަމަވެސް 17 ނޮވެންބަރު 2018 ގައި މިނިސްޓަރ ކަމުގެ މަޤާމުން ވަކިވެވަޑައިގަތުމަފަހު 14 ޖޫން 2019 ގައި ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުޢިއްޒު ދެއްވި ބަޔާނުގައި ކުރިން ޢަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާކަމަށްއޭޖީގެބަޔާނުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: