ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައާއި ގުޅޭ ތަފްސީލު ދިނުމަށް އެންއައިސީން ދެކޮޅު ހަދައިފި

އަބްދުﷲ ގެ އާއިލާއިން މީޑިއާތަކާއި ބައްދަލު ކުރުން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގެ އިންސާފަށް ވާސިލްވުމަށް ހެދި އޮޓޮޕްސީ އާއި ގުޅޭ މައުލޫމާތު މީޑިއާއި ހިއްސާކުރުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ދެކޮޅު ހަދައިފިއެވެ.

އާއިލާއިން އޮޓޮޕްސީއެއް ނެހެދުމަށް އެދި އާދޭސްކޮށް، އެކަމާއި ދެކޮޅު ހަދަމުން ދަނިކޮށް، އޮޓޮޕްސީ ހެދުމަށްފަހު މިހާރު އަބްދުﷲ ރަޝީދުގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ.

ޕޯސްމޯޓަމްގެ ނަތީޖާ އާއިލާއާއި ހިއްސާކޮށްފިތޯ “ސަންގުން” ސުވާލުކުރުމުން އެންއައިސީ ބުނީ އެ މައުލޫމާތު މިވަގުތު މީޑީއާ އާއި ހިއްސާކުރެވެން ނެތްކަމަށެވެ. އަދި މި މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް ދެކޮޅުހެއްދެވިއެވެ.

ޕޯސްމޯޓަމްގެ ނަތީޖާ އާއިލާއާއި ހިއްސާކޮށްފައިވޭތޯ ބެލުމަށް އާއިލާއަށް ގުޅުމުން ބުނީ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އެންއައިސީން އާއިލާއާއި އެއްވެސް މުއާމަލާތެއް ނުކުރާކަން ފާހަގަކުރި އެވެ.

އާއިލާއިން ބުނީ މިފަދަ ބޮޑު ހާދިސާއެއްގައި، ސަރުކާރުގެ އަޅާލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް އެއްބާރުލުމެއް ނުވަތަ އެހީތެރިކަމެއް ނުލިބޭކަމަށް ބުންޏެވެ.

މި މަހުގެ 6 ވަނަ ދުވަހު “ސަންގު” އަށް މައުލޫމާތުދެމުން އެންއައިސީ އިން ބުނީ މިހާރު ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބިފައިވާކަމަށާއި، ނަތީޖާ ހާމަކުރާނެ ތާރީހެއް މެންބަރުންނާއި މަޝްވަރާކުރާނެކަމަށެވެ. އަދި ޕޯސްޓްމޯޓަމްގެ ނަތީޖާ މީޑިއާތަކާއި ހިއްސާކުރާނީ އާއިލާ އާއި ހިއްސާ ކުރުމަށްފަހުގައިކަމަށެވެ.

މަސްތުވާތަކެތީގެ ތުހުމަތެއްގައި ހައްޔަރުކުރި، އަބްދުﷲ ރަޝީދު މަރުވީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލާއިން ވަނީ ނޫސްވެރިންނާއިވެސް ބައްދަލުކޮށްފައެވެ. ފުލުހުންގެ އިހުމާލު މިކަމުގައި އެބައޮތްކަމަށް ތުހުމަތުކޮށް، އާއިލާއިން އެދިފައިވަނީ ޕޯސްޓްމޯޓަމް ނުހަދައި އޭނާގެ ހަށިގަނޑު ހަވާލުކޮށްދޭންށެވެ.

އާއިލާގެ ރުހުމަކާއި ނުލައި އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހެދުމަށް ނިންމި ސަބަބެއްކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބުނެފައި ވަނީ މައްސަލައިގެ އިންސާފަށް ވާސިލުވުމަށެވެ. މިއީ ގޮތް ނޭނގޭ މަރެއް ނޫންކަމާއި، ހަށިގަނޑުގެ ބޭރުފުށުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނެތުމުގެ އިތުރުން ހެލްތް ސެންޓަރުގެ ރިޕޯޓުގައި އަބްދުﷲ މަރުވީ ސަޑެން ކާޑިކް އެރެސްޓެއްގެ ސަބަބުންކަމަށް ވާތީ އާއިލާއިން އެދެނީ އިތުރު އެއްވެސް ޓެސްޓުތަކެއް ކުރިޔަށް ނުގެންދިއުމަށެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން ފުލުހުންނަށް ކުރެވުނު ތުހުމތަކުގެ ސަބަބުން މުވައްސަސާގެ އިތުބާރު ދެމެހެއްޓުމަށް ފުލުހުންވެސް އެދުނީ ޕޯސްޓްމޯޓަމްއެއް ހެދުމަށެވެ.

އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހަދައިގެން، ފުލުހުން އޭނާއާއި މެދު ވީ އިހުމާލުތައް ނުފެންނާނެކަމަށާއި، އެހެން ކަމުން ހަށިގަނޑަށް އިތުރު އެއްވެސް ގެއްލުމެއް ދޭން ބޭނުން ނުވާކަމަށް ތަކުރާރުކޮށް އާއިލާއިން ވަނީ ބުނެފައެވެ.

އަބްދުﷲ މަރުވިތާ އެތައް ދުވަހެއް ފާއިތުވެގެންދިޔައިރުވެސް، އާއިލާއަށް މޫނު ދައްކާފައި ނުވާތީ، އާއިލާއިން ވަނީ ހަށިގަނޑު ހޯދުމަށް ސިވިލް ކޯޓަށްވެސް ހުށައަޅާފައެވެ. ނަމަވެސް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

މި މައްސލައިގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ މިކަމުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލައި އެކަމުގައި ފުލުހެއްގެ އިހުމާލެއް ވާނަމަ ފުވަޅު އަޅާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވެސް ވިދާޅުވެފައި ވަނީ މި މައްސަލަ ގާތުން ބައްލަވަމުންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: