ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫސުފް ނައީމްގެ ވަކީލުން ވެސް ވިދާޅުވީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަނެވޭނެ ކަމަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ފައިސާއިން މަންފާ ނެންގެވިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އެންމެ ފަހު އަޑުއެހުން އަންނަ ހަފުތާގައި ބޭއްވުމަށް ނިންމައިފި އެވެ.

އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ ކުރެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއިން މަންފާ ނަންގަވައި، ނުފޫޒު ބޭނުން ކުރެއްވިކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން މިއަދުގެ އަޑުއެހުމުގައި ކުރިޔަށް ގެންދިޔައީ ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ އެވެ. ހެކި ހުށަހެޅުމުގެ މަރުހަލާ މިދިޔަ އޮގަސްޓު މަހު އޮތީ ނިމިފަ އެވެ.

ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގައި، މީގެ ކުރިން ވެސް ފާހަގަކުރައްވާފައިވާ ވާހަކަތައް ތަކުރާރުކޮށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ އަދީބާއި ޒިޔަތަކީ ފާސިގުންކަމަށާއި އެކަން ސުޕްރީމް ކޯޓުގެ ހުކުމަކުން ވެސް އެނގެން އެބައޮތް ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް، އެމަނިކުފާނުގެ ވަކީލުން ވަނީ އިއުތިރާޒު ކުރައްވާފަ އެވެ. މައްސަލައިގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރި އަބްދުﷲ ޒިޔަތަކީ ހިޔާނާތުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދާ ދެ މީހުންކަމުން އެ މީހުން ބެލެވޭނީ ފާސިގުންގެ ގޮތުގައިކަމަށް ވަކީލުން ފާހަގަ ކުރި އެވެ.

ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާފައި ރައީސް ޔާމީންގެ ވަކީލު އާދަމް ޝަމީމް ވިދާޅުވީ، އަދީބާއި ޒިޔަތުގެ މައްސަލަ އެންމެ ފުރަތަމަ ބެލީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އަދި އެ މީހުންގެ މައްޗަށް އެ ތުހުމަތުތައް ކުރެވި، މަގާމުން ވަކި ކުރުމާއި އެ ނޫން ވެސް ބައެއް ސިޔާސީ ކަންތައް އޭގެ ވަށައިގެން ހިނގާފައި ވާތީ ހެކި ބަސް ދިނުމުގައި އެއްވެސް އިހުލާސްތެރިކަމެއް ނުހުންނާނެކަމަށް ވަކީލުން ވިދާޅުވި އެވެ. އެ މީހުންގެ ހިތުގައި ރައީސް ޔާމީނާއި މެދު ރުޅިވެރިކަމާއި އަދާވާތްތެރިކަން ހުންނާނެކަމަށް ތުހުމަތުކޮށް ރައީސް ޔާމީންގެ ވަކީލުން ހުށަހެޅީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަތުމަށެވެ.

ޔޫސުފް ނައީމާއި ދެމެދު ހިނގާފައި ވަނީ ޑޮލަރުގެ މުއާމަލާތެއްކަން ސާބިތު ކުރުމަށް ރައީސް ޔާމީންގެ ފަރާތުން ހެއްކެއްގެ ގޮތުގައި ޕީޕީއެމްގެ ސެނެޓު މެމްބަރު އަދި މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝްގެ ނަން ހުށަހެޅި އެވެ. ނަރީޝް ހެއްކެއްގެ ގޮތުގައި ހުށަހެޅީ، ޔޫސުފް ނައީމާއި އެ ފައިސާ ހަވާލު ކުރުމަށް އަބްދުﷲ ނަމަކަށް ކިޔާ މީހަކާއި އެކު ދިޔައީ އޭނާކަން ސާބިތު ކުރުމަށެވެ. 01 މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ހިފައިގެން ގޮސް އެ ފައިސާ ގުނާފައިވާނެކަމަށް ނަރީޝް ކޯޓުގައި ވިދާޅުވި އެވެ.

އެ މުއާމަލާތުގައި ދެން ހިމެނުނުކަމަށް ބުނާ، މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހެެއްކެއްގެ ގޮތުގައި ހުށަހެޅީ ޑޮލަރު ހަމަޖެއްސުމަށް ރައީސް ޔާމީން ގުޅުއްވީ އޭނާއަށްކަން ސާބިތު ކުރުމަށެވެ. އަދި ބައެއް ވިޔަފާރިވެރިންނަށް ގުޅުމުން، ޑޮލަރު ރޭޓުގައި އެ މުއަމަލާތް ކުރިޔަށް ގެންދިއުމަށް ފަހުން ގުޅީ ޔޫސުފް ނައީމްކަމަށް ވާތީ އެކަން ސާބިތު ކުރުމަށެވެ. ރައީސް ޔާމީން މުހައްމަދު އިސްމާއީލަށް ގުޅުއްވި ވަގުތު، އޭނާއާއި އެކު އެވަގުތު ހުރި އައްޑޫ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ހެއްކެއްގެ ގޮތުގައި ހުށަހެޅި އެވެ. އޭނާ ވެސް ވިދާޅުވީ، މުހައްމަދު އިސްމާއިލް ވިޔަފާރިވެރިންނަށް ގުޅުއްވި ވަގުތު އޭނާ ހުރިކަމަށާއި، ފަހުން ޔޫސުފް ނައީމާއި ބައްދަލުވުމަށް ފަހު އެކަން ހަމަޖެހުނުކަމަށް މައުލޫމާތު ދިންކަމަށް ޝާހިދު ވިދާޅުވި އެވެ.

މިއީ އުފައްދާފައިވާ ހެކިތަކެއްކަމަށް ބުނެ ދައުލަތުން އިތުރު އައު ހެކިތަކެއް ހުށަހެޅުމުގެ ފުރުސަތަށް އެދުމުން ޝަރީއަތުން އެ ފުރުސަތު ދިނެވެ. ދައުލަތުން ވަނީ ނަރީޝް ދިނީ ދޮގު ހެކިބަސްކަމަށް ބުނެ އެނާގެ ވަޒީފާގެ ހާޒިރީ ހުށަހަޅާފަ އެވެ. އޭރު ސިފައިންގޭގައި ވަޒީފާ އަދާ ކުރަމުން ދިޔަ ނަރީޝްގެ ހާޒިރީން ރައީސް ޔާމީންގެ ގެއަށް އޭނާ ނުދާކަން ސާބިތު ނުކުރެވޭނެކަމަށް ދިފާއުން ރައްދުގައި ވިދާޅުވި އެވެ. އަދި ސިފައިންގޭގައި އަދާ ކުރަން ޖެހެނީ، ޝިފްޓު ޑިއުޓީކަން ފާހަގަކުރި އެވެ.

މީގެއިތުރުން ދިފާއުން ފާހަގަކުރި އަނެއް ނުކުތާއަކީ ސިފައިންގެ ވަޒީފާއިން ނަރީޝް ވަކި ކުރި ސަބަބެވެ. އެ ދުވަސްވަރު އޭނާ ވަޒީފާއިން ވަކި ކުރީ ސިޔާސީ މީހުންނާއި އެކު ގުޅުން ބާއްވާކަމުގެ ތުހުމަތަށެވެ. ވަޒީފާއިން ވަކި ކުރުމުން ސިޔާސީ މައިދާނާއި ގުޅި އޭނާ އަދާކުރީ ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމެވެ. އެހެންވެ ދިފާއުން ބުނީ، އޭގެއިން ވެސް ނަރީޝާއި ރައީސް ޔާމީން ދެމެދު ގުޅުން އޮތްކަން އެނގޭ ކަމަށެވެ.

މައްސަލައިގައި ދެ ފަރާތުގެ ވާހަކަތަކަށް ފަހު، ޝަރީއަތް ނިންމަވާލައްވަމުން ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އަންނަ ބުދަ ދުވަހު މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުން އޮންނާނެ ކަމާށެވެ. އެއަށް ފަހު އިތުރަށް ސާފު ކުރަން ޖެހޭކަމެއް ނެތް ނަމަ އޮންނާނީ ހުކުމް ކުރުންކަމަށް އިއުލާނު ކުރެއްވި އެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 61%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 0%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: