ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއަށް ބްރިޖެއް ނޭޅޭނެ، އަޅި އަޅަން އަންނަން މިއީ ގަންގާ ކޯރެއް ނޫން: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ، ބްރިޖެއް އެޅުމުގެ ފުރިހަމަ ކެޕޭސިޓީ ހުރި ގައުމެއް ނޫންކަމަށާއި، މިހާތަނަށް ވެސް ފައިނަލާ އިންޖީނިއަރިން ޑިޒައިން ފެނުނު މީހެއް ނެތްކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ލޯނު އެހީގައި އެގައުމުގެ ކުންފުންޏަކާ ހަވާލުކޮށް އަޅާ 6.7 ކިލޯ މީޓަރުގެ ބްރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ “ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް” އަކީ މި ސަރުކާރުން ކުރިޔަށް ގެންދާ ބޮޑު މަޝްރޫއެކެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަށް އެކްސްޕޯޓް އިމްޕޯޓް ބޭންކު އޮފް އިންޑިއާ (އެގްޒިމް ބޭންކު) އިން 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައި ވެއެވެ. އަދި މީގެ ތެރެއިން 400 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ދީފައިވާ އިރު، ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ލޯނު ދޫކުރާ ތާރީހުން ފެށިގެން ފަސް އަހަރު ފަހުންނެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އާއި ހަވާލުކޮށްގެން އެޅުމަށް ނިންމާފައިވާ ތިލަމާލެ ބްރިޖުގެ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް އެދި ހުށަހެޅި މައްސަލައެއްގައި މީގެ ކުރިން އިންފޮމޭޝަންސް ކޮމިޝަނަރުގެ އޮފީހުން ޕްލޭނިން މިނިސްޓްރީގެ މައްޗަށް ވެސް އެންގި އެވެ. އެ މައުލޫމާތުތަކަކީ އެއީ ހިއްސާ ކުރެވެން ނެތް މައުލޫމާތުތަކެއްކަމަށާއި، ސަބަބަކީ އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށްވުންކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރި އެވެ. ބްރިޖު އަޅަނީ އެފްކޮންސް ކުންފުނިންކަން އެނގުން ފިޔަވައި، އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް ސަރުކާރުން ދީފައި ނުވާކަން ފާހަގަކުރެވެ އެވެ.

ސަރުކާރުން މި އެއްބަސްވުން ހާމަކުރުމަށް ދެކޮޅު ހަދަމުން ގެންދާތީ، އިދިކޮޅުން ބޭއްވި ޖަޖަހަ ޖަލްސާގައި ސައީދު ވަނީ އެއީ މާ ފަންނީ މައުލޫމާތުތަކެއް ހުރި ލިޔެކިއުންތަކެއް ތޯ ސުވާލު އުފައްދާފަ އެވެ. ބްރިޖުގެ ތަނބުގެ ބައެއްކަމަށް ބުނެ ޖަހާފައިވާ ބަޔާއި މެދު ވެސް ސައީދު ވަނީ ސުވާލު އުފެދޭކަން ފާހަގަކުރައްވާފަ އެވެ.

ބްރިޖުގެ މަސައްކަތްތަކާއި ބެހޭ އެތައް ގިނަ ސުވާލު އުފެދޭ ހާދިސާއެއް މިވީ ދެ ހަފްތާއްހާ ދުވަހުގެ ތެރޭ އެކަނި ވެސް ހިނގާފައިވެއެވެ. ކެރޭނުގެ ބައެއް ބިނދައިގެން ދިޔަ ހާދިސާ އާއި އެކު ދެން ފެންމަތިވީ އަނެއް މައްސަލައަކީ ތަނބުގެ ބައެއް ޖެހުމަށް ބޮއެ ބޭނުން ކުރާ ތަން އާއްމުވުމެވެ. އެ ހާދިސާއަށް ފާޑުކިޔައި ސައީދު ވިދާޅުވީ، އިންޑިއާގެ އެފްކޮންސަކީ ބްރިޖު އެޅުމުގެ ތަޖުރިބާ އަދި އެ ޓްކްނޮލޮޖީ ނެތް ކުންފުންޏެއް ކަމަށެވެ.

މީގެއިތުރުން ބްރިޖުގެ މަސައްކަތްތަކާއި ގުޅޭގޮތުން ސައީދު ވިދާޅުވީ، އޭގެ ޑިޒައިން ފެނުނު މީހެއް ނެތް ކަމަށެވެ. އަދި ޕްރައިވެޓު ކުންފުންޏަކަށް ވިޔަސް، މިނިސްޓްރީ ތެރޭގެ އިސްވެރިއަކަށް ވެސް އޭގެ އަސްލު ޑިޒައިން ނުފެންނަކަމަށް ސައީދު ވިދާޅުވި އެވެ.

“މިކަމާއި ގުޅޭގޮތުން އަޅުގަނޑާއި ހައުސިން މިނިސްޓްރީގެ ބޭފުޅަކު ވާހަކަ ދެއްކި.. އިންޖީނިއަރިން ޑިޒައިން ނުދައްކާތީ އެކަމާ އެބޭފުޅުން ކަންބޮޑުވެފައި ތިބީ.. އިންޖީނިއަރިން ޑިޒައިން އުޅެއުޅެ ނުފެނުނު.. ހެދިކަމަށް ވޭ… އެ.. އެކަމަކު އަޅުގަނޑުމެންގެ އިންޖީނިއަރުން އެބަ ގަބޫލު ކުރޭ އިންޑިއާގެ އެ ޓެކްނޮލޮޖީ ނެތް ކަން.. ކަނޑު ހުރަސްކޮށް ބްރިޖެއް އެޅުމުގެ ޓެކްނޮލޮޖީ ނެތްކަން”

ރާއްޖޭގެ އިންޖީނިއަރުން ގަބޫލު ކުރާގޮތުގައި، އިންޑިއާގެ އެ ފުރިހަމަ ކެޕޭސިޓީ ނެތްކަން ސައީދު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އިންޑިއާއަށް އެ މަސައްކަތް ނުކުރެވޭނެކަން ހައުސިން މިނިސްޓަރު ވެސް ގަބޫލު ކުރައްވާ ކަމަށެވެ.

ސައީދު ވިދާޅުވީ މި ސަރުކާރުގެ އެއްވެސް އިސްވެރިއަކަށް ބްރިޖު އަޅަންވީ ގޮތާއި އޭގެ މުއާމަލާތް ހިންގަންވީ ގޮތެއް ނޭނގޭ ކަމަށެވެ. އަދި ފަހަކަށް އައިސް ސަރުކާރުން އިންޑިއާއަށް ކުރާ އެންމެ ބޮޑު ޝަކުވާއަކީ 2023 ކައިރިވާއިރު ވެސް ބްރިޖުގެ އެއްވެސް ތަނބެއް ފެނުން މައްޗަށް ނޭރުންކަމަށް ސައީދު ވިދާޅުވި އެވެ.

“މިއީ ގަންގާ ކޯރެއް ނޫނޭ.. ދީނީ އަޅި އަޅަން އަންނަން”

ބްރިޖަށް 600 މިލިއަން ޑޮލަރު ހަރަދު ކުރުމާއި އެކު، އެ މަސައްކަތް އަވަސް ކުރުމަށްކަމަށް ބުނެ އިތުރަށް 100 މިލިއަން ޑޮލަރު ނަގައިގެން ވީ އެއްވެސް ފައިދާއެއް ނެތްކަމަށް ސައީދު ވިދާޅުވި އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މާލެއާއި ހުޅުމާލެ، އަދި ހުޅުލެ ގުޅުވާލި ބްރިޖަށް އިޝާރާތްކޮށް ސައީދު ވިދާޅުވީ މި ސަރުކާރުން އެ ބްރިޖުގެ 10 ބްރިޖު އެޅޭނެހާ ހަރަދު ކުރަނީ ހަމައެކަނި ތަނބެއް ޖެހުމަށް ކަމަށެވެ.

ސައީދު ވިދާޅުވީ މި ސަރުކާރަކީ މިއީ ރައީސް ޔާމީން ބްރިޖު އެޅުމަށް ނިންމުމުން އެއީ އަގުބޮޑު ބްރިޖެއްކަމަށް ބުނެ ފައިނޭންސާއި މެދު ސުވާލު އުފެއްދި މީހުން ކަމަށެވެ.

މީގެއިތުރުން ސައީދު ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ކުރެއްވީ ތިލަމާލެ ބްރިޖު 300 މިލިއަން ޑޮލަރަށް އެޅުމަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބުނު ނަމަ މިއީ ހިލޭ އެޅެން އޮތް ބްރިޖެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މާލެ، ވިލިނގިލި އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލަން އަޅާ “ތިލަ މާލެ” ބުރިޖު މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަޝްރޫއެއް ކަމަށާއި، މި ސަރުކާރުން އެ މަޝްރޫއު ކުރިޔަށް ގެންދަނީ ރައީސް ޔާމީން ސަރުކާރުން ތައްޔާރު ކުރި ބްލޫ ޕްރިންޓަކަށް ބަލައިގެންކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ. ޖަގަހަ ޖަލްސާގައި ވާހަކަ ދެއްކެވި އެހެން ބައެއް މެމްބަރުންނާއި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވީ މިއީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންނެވި ނަމަ ހިލޭ އެޅެން އޮތް ބްރިޖެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: