ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް މިހާރު ވިރެންދްރަކާއި، ސިންގ ކުންފުންޏަކަށް ޕްރޮޖެކްޓު ދޭން މަޖުބޫރު؛ އެ ނޫން ގޮތެއް ނެތް

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު): ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ހަރު މުދާތައް ރަހުނު ކުރުމަށް ފަހު ބޮޑެތި އަދަދުތަކުގެ އިންޓްރެސްޓު ރޭޓަށް ލޯނަށް އެއްބަސްވާއިރު އެ އަލުން އަނބުރާ ދައްކަން ޖެހެނީ މަޝްރޫއެއްގެ އަސްލު އަގަށް ވުރެ އެތައް ގުނައެއް ހޭދަކުރުމަށް ފަހުކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ރިޒާވް ދަށްވެފައިވާކަމާއި، ދަރަނީގެ ހާލަތު ގޯސްކަމަށް ބައިނަލްއަޣުވާމީ މާލީ އިދާރާތްތަކުން ދިން އިންޒާރުތަކަށް ބެލުމެއް ނެތި ސަރުކާރުން އެ ރިޕޯޓުތައް ބަލައިގަތުމަށް ދެކޮޅު ހެދުމަށް ފަހު މުދަލުގެ އަގުން ނަގާ ޓެކްސް ބޮޑު ކުރުމާއި، ޓީޖީއެސްޓީ ބޮޑު ކުރަން އިއުލާނު ކުރުމުން ފާޑުކިއުންތައް އަމާޒުވި އެވެ. ކަންބޮޑުވުންތަކާއި، އަދި އެކަމަށް ގިނަ ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށް އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑު ކުރާ ގޮތަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

ދަރަނީގެ މައްސަލައިގައި މީޑިއާތަކުގައި އެކި ރިޕޯޓުތައް އާއްމުވެ، މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ދަރަނި ވަނީ 100 ބިލިއަނުން މައްޗަށް އަރާފަ އެވެ. އަދި 2023 ވަނަ އަހަރު ނިމޭއިރު މި އަދަދު 130 އާއި ގާތް ކުރާނެކަމަށް އަންނަ އަހަރުގެ ބަޖެޓު ފޮތުގައި ވަނީ ލަފާކޮށްފަ އެވެ. ރާއްޖެއިން ގިނަ ލޯނުތައް ނަގާފައިވަނީ އިންޑިއާއިންނެވެ. އޭގެ ތެރޭގައި ބަޖެޓު ސަޕޯޓުތަކާއި، މަޝްރޫއުތައް އަވަސް ކުރުމުގެ ނަމުގައި ނަގާފައި ހުރި ލޯނުތައް ފާހަގަ ކުރެވެ އެވެ.

އިންޑިއާގެ އެހީއަކީ އެއީ ހާރިޖީ ގުޅުން ވަރުގަދަކަމުގެ ހެއްކެއްކަމަށް ސަރުކާރުން ދައްކާ ވާހަކަތަކަށް ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މުންދު ފާޑުވިދާޅުވި އެވެ. އޭނާ ސިފަ ކުރީ މިއީ އިގްތިސާދީ ގޮތުން ޖައުމު ޖައްސާ މަޅިއެއްގެ ގޮތުގަ އެވެ.

ތަފާތު އެކި ނަންނަމުގައި ސަރުކާރުން ނަގަމުން ދާ ލޯނުތަކާއި، އަދި ބަޖެޓު ސަޕޯޓުތައް ނުވަތަ އެހީތަކުގެ އެއްވެސް ތަފްސީލެއް ދިނުމަށް ސަރުކާރުން ދެކޮޅު ހަދާ މައްސަލައިގައި މުންދު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ އެ ވާހަކަ އޮއްބާލުމަށް މަސައްކަތް ކުރި ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށެވެ.

ލޯނުގެ އިންޓްރެސްޓު ރޭޓާއި އަލުން އަނބުރާ ދައްކަން ޖެހޭ މުއްދަތު ހާމަކުރުމުން ދެން ބޭޒާރުވާނީ މި ސަރުކާރުކަން ފާހަގަކޮށް މުންދު ވިދާޅުވީ އިންޓަނޭޝަނަލް ބޮރޯވިންގެ ތެރޭގައި އުޅެވިފައި ތިބި ބޭފުޅުންނާއި އެކަމުގެ ތަޖުރިބާ އަދި އިލްމު ލިބިފައި ތިބި މީހުންނަށް މިފަދަ އުސޫލުތައް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

އެގޮތުން ލޯނުތައް ލިބޭނެ ގޮތާއި، އިންޓްރެސްޓު ރޭޓު އަދި ޕޭބެކް ޓާމް ނުވަތަ އަލުން އަނބުރާ އެ ފައިސާ ދެއްކުމުގެ އުސޫލާއި ތާރީހުތަކަށް ލޯ ހުޅުވިފައި ތިބި މީހުން އިދިކޮޅުގައި އާއި ތައުލީމީ ގާބިލު މީހުންގެ ތެރޭގައި ވެސް އެބަތިބި ކަމަށް މުންދު ވިދާޅުވި އެވެ.

މި ސަރުކާރުން ހަރު މުދާތައް ރަހުނު ކުރުމަށް ފަހު ބޮޑެތި އަދަދުތަކުގެ އިންޓްރެސްޓު ރޭޓަށް އެއްބަސްވާއިރު ގިނަ ފަހަރަށް އޭގެ ނަތީޖާ އާއި ހަމައަށް ދެވޭއިރު އޭގެ އަސްލު އަގުގެ އެތައް ގުނައެއްއަތުން ހޭދަ ކުރަން ޖެހޭކަމަށް މުންދު ވިދާޅުވި އެވެ. ނުވަތަ ނަތީޖާއެއް ނުނެރެވި، އެކަމުގެ ބުރަ އުފުލަން ޖެހެނީ އެހެން ބައެއްކަން މުންފު ފާހަގަކުރެއްވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޮޑެތި އަދަދުން ލޯނުތައް ނެގިކަމަށް ބުނެ ދެކެވޭ ވާހަކައަށް މުންދު ވިދާޅުވީ އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތަކީ ތިން އިންސައްތައަށް ވުރެ އިންޓްރެސްޓު ބޮޑުވާކަމެއްގައި އިތުރަށް ދެން މަޝްވަރާތައް ވެސް ކުރިޔަށް ނުގެންދެވުން ކަމަށެވެ.

”މިބޭފުޅުން މިވީ ހަތަރު އަހަރު ތެރޭގައި ތިން ޕަސަންޓަށް ވުރެ ދަށްކޮށް އެންމެ ލޯނެއް ވެސް އިންޑިއާއިން ނަގާފައި ނޯންނާނެ.. ބޮޑަށް ގާތް ވާނީ ދިހަ ޕަސަންޓާއި.. އެހާވެސް ބިރުވެރިވާނެ… އޭގެ މާނައަކީ އަޅުގަނޑުމެން ރީޕޭ މިކުރަނީ މާ ބައިވަރޭ“ މުންދު

މާލެއާއި ތިލަފުށި އަދި، ގުޅީފަޅު ގުޅުވާލާ ބްރިޖަކީ އޯވަ ޕްރައިސްޑް ޕްރޮޖެކްޓެއްގެ ގޮތުގައި ސިފަކުރައްވައި މުންދު ވިދާޅުވީ އިންޑިއާއިން ދިން ލޯނުތައް އަލުން އަނބުރާ ދައްކައި ނިމޭއިރު އޭގެ އެތައް ބްރިޖެއް އެޅޭނެ އަގު ދައުލަތުން ހޭދަވާނެ ކަމަށެވެ.

ވަކިބައެއްގެ ބަރޯސާއެއްގެ ދަށުވުމަކީ އެއީ ގޯހެއްކަމަށާއި މިއީ 21 ވަނަ ގަރުނަށްވާއިރު ބައެއްގެ ހުރިހާ ބަހަކަށް އާނ ބަސް ބުނެގެން ތިބުން ރަނގަޅެއް ނޫންކަމަށް މުންދު ވިދާޅުވި އެވެ.

މީގެއިތުރުން މުންދު ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ކުރިއަރާފައިވާ ކުންފުނިތަކުން ރާއްޖޭގައި ކިތަންމެ އިންވެސްޓްމަންޓެއް ހިންގަން ނުވަތަ ޕްރޮޖެކްޓެއް ކުރިޔަށް ގެންދަން ބޭނުން ނަމަވެސް އެ މީހުންނަށް އެ ފުރުސަތު ނެތް ކަމަށެވެ. އޭގެ ސަބަބެއްކަމަށް އޭނާ ވިދާޅުވީ، ވަކި ބަޔަކު ބުނެ އަންގައިގެން އެ މަސައްކަތް އެއްވެސް ތަޖުރިބާއެއް ނެތް އިންޑިއާގެ ކުންފުންޏަކަށް ދިނުމެވެ.

”އިނގޭނެ އަޑިން އޮންނާނީ އިންޑިއާގެ ކުންފުންޏަކަށް ދޭން ނިންމާފައިކަން.. ސިންގ ކޮންސްޓްރަކްޝަން ނޫނީއްޔާމު މިވެނި މީހެއް.. ނޫނިއްޔާމުން މި ހުންނީ އިންޑިއާގެ ކުންފުންޏަކާއި އެކު ޑީލު ހަދާލާފަ މިނިސްޓަރަށް ކަޓު ލިބޭ ގޮތަށް“

ބޭރުގެ ގިނަ ކުންފުނިތަކަށް އޭގެ ސަބަބުން ވާދަވެރި މާހައުލެއްގެ ފުރުސަތު ނެތްކަމަށާއި އެ މީހުން ވަގުތު ބޭކަރުކޮށް މިކަމަށް ހުސްވާން ވެސް ބޭނުން ނުވާކަމަށް މުންދު ވިދާޅުވި އެވެ.

”އިންޑިއާއިން ގުޅާފަ ބުނާނެ.. ސާރ ދެ އާ އިޒް ވަން ވިރެންދްރަ ކޮންސްޓްރަކްޝަން.. ބުނާއިރަށް އޭތި ދިނީ.. ދޭން މަޖުބޫރުވާނެ ނު؟ އެ އޮތީ އަނެއްކޮޅުން ދަރާފަ“ މުންދު

މުންދު ވަނީ އިންޑިއާއިން ވެސް ވަކި ހިސާބަކުން މިދޭ އެހީތަކާއި ކުރާ ހަރަދުތައް ހުއްޓާލާނެކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އިންޑިއާއިން މިހާ ބޮޑު ހޭދައެއް ކުރާ ސަރުކާރަކަށް 2023 ކާމިޔާބު ކުރެވޭނެ އެއްވެސް ފޯމިއުލާއެއް ނެތްކަން އެ މީހުންގެ ނަމްބަރުތަކުން ދައްކާ ކަމަށެވެ. އެހެންކަމުން، ދެން ފައިދާއެއް ނެތް ބަޔަކަށް އެ މީހުން ހަރަދު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

ރިޒާވް ހުސްވެ ސަރުކާރުން އެކި ގައުމުތަކަށް އެހީއަށް އެދި މިއަދު ސިޓީތައް ހިފައިގެން ދަތުރުތައް ފަށާފައިވާއިރު މުންދު ވިދާޅުވި ގޮތުގައި ދައުލަތުގެ ސިވިލްސާވަންޓުންނަށް މުސާރަ ދޭނެހާ ފައިސާއެއް ވެސް ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: