ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީގެ ދަފްތަރު ވަނީ ގަޑުބަޑުކޮށްފަ، އިންތިހާބު އިންސާފުވެރި ނުވާނެ: ނަޝީދު

ކެމްޕެއިނަށް ރައީސް ނަޝީދު ތިނަދޫއަށް ކުރެއްވި ދަތުރުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް އެތެރޭގެ އިންތިހާބެއް ބޭއްވުމުގެ ތައްޔާރީތައް ފަށާފައިވާއިރު، ޕާޓީގެ ދަފްތަރު އެއްކޮށް ގަޑުބަޑުވެފައިވާކަމަށް އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީގެ ތާރީހުތައް ޕާޓީން އިއްޔެ ވަނީ އިއުލާނުކޮށްފަ އެވެ. މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް، ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވާއިރު ރައީސް ނަޝީދު ވަނީ އިންތިހާބުގައި ވާދަ ކުރައްވާނެކަން ރަސްމީކޮށް އިއުލާނު ކުރައްވާފަ އެވެ.

އަންނަ މަހުގެ 28 ބައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ، ރިޔާސީ ޕްރައިމެރީގައި ރައީސް ނަޝީދުގެ އިތުރުން ދެން ވާދަ ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އިންތިހާބުގެ އިންސާފުވެރިިކަމާއި މެދު ސުވާލު އުފައްދައި ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޕާޓީގެ ދަފްތަރުގައި ހިމެނޭ 40،000 އެއްހާ މެމްބަރުނަށް އެއްވެސް އެންގުމަކާއި ނުލައި ވަކި ކުރުމުގެ ސަބަބުން ދަފްތަރު ގަޑުބަޑުވެފައިވާ ކަމަށެވެ. އަދި އެގޮތަށް ކަން އޮއްވައި، ޕްރައިމެރީ ބޭއްވުން ވެގެން ދާނީ އިންސާފުވެރިކަމަށް އެޅޭ ހުރަހަކަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު ވީދާޅުވީ އޭގެ ސަބަބުން ޕާޓީގެ މަސްލަހަތު ނުހިފެހެއްޓޭނެ ކަމަށެވެ.

ރައީސް ނަޝީދު އެ ފާހަގަކުރެއްވި، 40،000 މެމްބަރުންނަކީ އެއީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ނެތި ޕާޓީން ބަލަހައްޓަމުން ދިޔަ ދަފްތަރުގައި ނަން ހިމެނޭ މީހުންނެވެ. އެ ދަފްތަރު ސާފުކޮށް، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ވާގޮތަށް ހަރަކާތްތައް ކުރިޔަށް ގެންދިއުމަކީ އެއީ ޗެއާޕާސަނަކަށް ވާދަ ކުރެއްވި އިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ވައުދެކެވެ. އެއީ އެމްޑީޕީން އެ ޕާޓީގެ ލިސްޓުތަކުގައި 90،000 މެމްބަރުން ތިބިކަމަށް ބުނި ނަމަވެސް، އީސީގެ ދަފްތަރު ބުނާގޮތުގައި އެ ޕާޓީގައި ތިބީ 55،000 އެއްހާ މެމްބަރުންނަށް ވީތީ އެވެ.

އެތެރޭގެ އިންތިހާބުތަކާއި ދިމާކޮށް، އެމްޑީޕީން އާއްމު ކުރާ ލިސްޓުގައި ހިމެނެނީ އެޕާޓިގެ އަމިިއްލަ ދަފްތަރެވެ. އަދި ސޮއި ކުރާތާ މާ ގިނަ ދުވަސް ނުވާ މީހުންނަށް ވެސް ޕްރައިމެރީތަކުގައި ވޯޓު ލެވޭތީ ނަތީޖާ ވަރަށް ބޮޑަށް ބަދަލުވާކަން މީގެ ކުރިން ވެސް ބަހުސް ކުރެވުނެވެ. ނަމަވެސް ދަފްތަރު ސާފު ކުރުމާއި ގުޅޭގޮތުން ބޮޑެތި ބަހުސްތަކެއް ފެށުނީ ނިމިދިޔަ ޗެއާޕާސަން އިންތިހާބުގެ ވާދަވެރިކަމުގެ ތެރެއިންނެވެ.

މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވަމުން އައީ، ޕްރައިމެރީއަށް ދިއުމުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ބެހޭ މަޝްވަރާތައް ކުރަން ޖެހޭ ކަމަށެވެ. ހައްސަކޮށް ރިޔާސީ އިންތިހާބެއްގައި، ރައްޔިތުންގެ ވޯޓު ހޯދަން ދެވޭނީ ވީ ވައުދުތައް ފުއްދުމަށް ފަހުކަމަށާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް 2018 ގެ ކެމްޕެއިނު މެނިފެސްޓޯގައި ހިމަނާފައި ވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ދެ ރައީސުންގެ ދެމެދު އޮތް ބޮޑު ވާދަވެރިކަމުގެ ތެރެއިން ބާއްވާ މި އިންތިހާބަކީ ރާއްޖޭގެ އެހެން ހުރިހާ ސިޔާސީ ޕާޓީތަކުގެ ނަޒަރު ވެސް ހުއްޓޭނެ އިންތިހާބެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: