ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރަކަށްވުމުގެ އައު ޝަރުތު: “ސަބަބުވެރި އިންސާނާ”

ޝެއާރކޮށްލާ ކަހަލަދޯ؟

ސަބަބުވެރި އިންސާނެއްގެ ވިސްނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މީގެ ކުރިން ވެސް ދިވެހިރާއްޖޭގައި ލައްކަ މީހުންގެ މައްޗަށް ލައްކަ ގިނަ ހުކުމް ކޮށްފިއެވެ. ނަމަވެސް ސަބަބުވެރި އިންސާނެއްގެ ވިސްނުމަށް ބަލައިގެން މައްސަލައެއް ނިންމައި ހުކުމެއް ތަންފީޒު ކުރަން ފެށި މިއީ ފުރަތަމަ ފަހަރަށް ވެދާނެއެވެ. މިހުކުމަށް ބަލާލުމުން ވިސްނުނު އެއްކަމަކީ ސަބަބުވެރި އިންސާނެއްގެ މުހިއްމު ކަމެވެ. ސަބަބުވެރި އިންސާނެއްގެ ވިސްނުން ބޭނުން ކޮށްގެން ލައްކަ ގިނަ ކަންކަން ކުރެވި ލައްކަ ގިނަ ކަންކަމަށް ހައްލު ހޯދިދާނެ ކަމެވެ.

2013 ވަނަ އަހަރު ލ.ގަމުގައި އަހްމަދު ނިޒާރު ނަމަކަށް ކިޔާ މީހަކު މަރާލި އެވެ. އޭނާ މަރާލީ ހަތަރު މީހުން ދެ ސައިކަލެއްގައި ދަނިކޮށް އެމީހުން ހުއްޓުވައި ހަމަލާ ދީގެންނެވެ. ނިޒާރުގެ އަނެއް ތިން އެކުވެރިންނަށް އެމަންޒަރު ފެނުނެވެ. މަރުގެ މައްސަލައިގައި ބަޔަކު ހައްޔަރު ކުރިއެވެ. އޭގެތެރެއިން ބައެއް މީހުން ފުލުހުންގެ ތަހްގީގުގައި ކުށަށް އިއުތިރާފުވެ، ހަމަލާ ދިން ގޮތް ކިޔައި ދިނެވެ. އެމައްސަލައިގައި ހިމެނޭ 18 އަހަރު ނުވާ ކުއްޖަކާއި ދެކޮޅަށް ނިޒާރުގެ ތިން އެކުވެރިން ހެކިބަސްދީ އެކުއްޖާގެ މައްޗަށް ކުށް ސާބިތުވިއެވެ.

ނަމަވެސް ބާކީ ދެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދިގުލައިގެން ގޮސް އެތައް އަހަރެއް ޝަރީއަތައް ހޭދަވިއެވެ. އެމުއްދަތުގެ ތެރޭގައި ހެކިވެރިންގެ މުދަލަށް ގެއްލުންދީ، ބައެއް ހެކިވެރިންނަށް ހަމަލާ ވެސް ދިނެވެ. ކްރިމިނަލް ކޯޓުން ހެކިންގެ ހެކިބަސް ނަގާ ހިސާބަށް ދިޔައިރު ނިޒާރަށް ހަމަލާދިން މަންޒަރު ފެނުނު މީހަކު ހުރިކަމަކަށް ނުވިއެވެ. އެންމެން ވެސް ކޯޓުގައި ބުނީ ހަމަލާ ދިން ބަޔަކު ނޭނގޭ ކަމަށެވެ.

މައްސަލައިގައި ހުކުމް ކުރިއިރު ދައުވާ ލިބުނު މީހުން ތަހްގީގަށް ދިން ބަޔާނަށް ބުރަދަނެއް ނުދިނެވެ. ޖުވެނައިލް ކޯޓުން ކުރި ހުކުމަށް ރިއާޔަތެއް ނުކުރިއެވެ. ހެކިވެރިންނަށް ދައްކާފައި އޮތް ބިރަށާއި، އެމީހުންނަށް ދިން ހަމަލާއަކީ މަރުގެ މައްސަލަ ބެލި ގާޒީ ދެނަހުރި ކަމަކަށް ވެސް ނުވިއެވެ.

އެކަމަކު އެމައްސަލައިގެ ހުކުމް އިއްވި ދުވަހު ފަނޑިޔާރުގެ ގޮނޑީގައި “ސަބަބުވެރި އިންސާނަކު” އިންނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ އެހެންނަމަ ޔަގީނުން ވެސް ނިޒާރުގެ އާއިލާ އަށް އިންސާފު ލިބުނީހެވެ.

އެހެން މައްސަލައެކެވެ. މާލޭގެ މަގުމަތިން ފުލުހުން ހައްޔަރުކުރި ދެޒުވާނެއްގެ އަތުން މަސްތުވާތަކެތި ހުރި ފޮށިގަނޑެއް ފެނުނެވެ. ދެ ޒުވާނުންގެ މައްޗަށް ދައުވާ އުފުލުމުން އެމީހުން ބުނީ އެއީ އެމީހުންނަށް ކޮންމެވެސް މީހަކު ދިން ފޮށިގަނޑެއް ކަމަށާއި ފޮށިގަނޑު ދިން މީހާގެ ނަމެއް ނޭނގޭ ކަމަށެވެ. އެތައް ދުވަހަކު ޝަރީއަތް ކުރިއަށް ގޮސް، އެކަމަށް ދެތިން ހަތަރު އަހަރުވީ ފަހުން އެދެޒުވާނުންނަށް އެމީހުންނަށް ފޮށިގަނޑު ދިން މީހާގެ ނަން ހަނދާން ވެއްޖެއެވެ. ކަންދިމާކުރި ގޮތުން އެމީހުންނާއި ފޮށިގަނޑު ހަވާލުކުރި މީހަކީ ފޮށިގަނޑު އުފުލި ދެޒުވާނުންނާއި އެއްރަށެއްގެ މީހެކެވެ. ނަމަވެސް އޭގެކުރިން އެދެޒުވާނުންނަށް މިމީހާގެ ނަމެއް ނޭނގެއެވެ.

އެއަށްވުރެ އަޖައިބު ކުރުވަނިވި ކަމަކީ މިމީހަކީ މަސްތުވާތަކެތި ދިރުވާލައިގެން އޭރު ދައުވާ ވެސް އުފުލާފައިވާ މީހެކެވެ. އޭނާ ހުރީ އުމުރު ދުވަހުގެ ޖަލު ހުކުމެއްގެ ތުންފަތްމަތީގައެވެ. ކޯޓުން މައްސަލަ ނިންމީ ދެޒުވާނުންނާއި ޑްރަގް ފޮށިގަނޑު ހަވާލުކުރި މީހަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމާއި ދާތި ގާތުގައި ހުރި މީހާ ކަމަށެވެ. އެދެޒުވާނުންނަށް އޭނާގެ ރަށު މީހެއްގެ ނަން ނޭނގުން އެއީ އެމީހުން ޖިނާއީ އަދުލުގެ ނިޒާމުގެ ނާޖާއިޒް ފައިދާއެއް ހޯދަން ކުރިކަމަކަށް ނުވިއެވެ.

އެކަމަކު އެމައްސަލައިގެ ހުކުމް އިއްވި ދުވަހު ފަނޑިޔާރުގެ ގޮނޑީގައި “ސަބަބުވެރި އިންސާނަކު” އިންނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ އެހެންނަމަ ޔަގީނުން ވެސް ނިޒާރުގެ އާއިލާ އަށް އިންސާފު ލިބުނީހެވެ. އެހެންނަމަ ޔަގީނުން ވެސް މަސްތުވާތަކެތި ހަވާލުވި މީހާގެ ނަން އެތައް ދުވަހެއް ފަހުން ހަނދާންވުމާއި، އަދި އޭނާ އަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމާއި ގާތުގައި ހުރި މީހެއްކަން ފާހަގަކޮށް އެކަމަށް ރިއާޔަތް ކުރުމާއިއެކު އެދިފާއީ ހެކި ބާތިލް ކޮށްލީހެވެ.

މިފަދަ ކިތަންމެ މައްސަލައެއް ރާއްޖޭގެ ޝަރުއީ ދާއިރާ އިން ފެންނަން އެބައޮތެވެ. އަތުން ފެންނަ މަސްތުވާތަކެތިން ސާބިތުވާ ކުށެއް ނެތި މީހުން މިނިވަން ވެގެން ދަނީ ފުލުހުންގެ ޗެއިން އޮފް ކަސްޓަޑީ ލިޔުން ނެތިގެންނެވެ. މަރުގެ މައްސަލަތަކުން މީހުން ސަލާމަތް ވަނީ ގާނޫނީ އިންޒާރު ދިނުން ފަދަ ކުދިކުދި ގޯސްތައް ފުލުހުން ހަދައިގެންނެވެ. ޓެރަރިޒަމްގެ މައްސަލަތަކުން މީހުން ސަލާމަތް ވަނީ ކޮންމެވެސް އިދާރާއަކުން ހޯދަން ޖެހޭ ލިޔުމެއް ނެތިގެންނެވެ. މިއިން އެއްވެސް މައްސަލައެއް ބަލާއިރު ފަނޑިޔާާރުގެ ގޮނޑީގައި “ސަބަބުވެރި އިންސާނަކު” އިށީންދެގެން ނީދެއެވެ.

މި ދެންނެވި ‘ސަބަބުވެރި އިންސާނާ‘ އަށް އަޅުގަނޑުގެ ހިތުގައި ވަރަށް ހާއްސަ މަގާމެއް ދެވިފައި ހުއްޓާ މީސް މީޑިއާ އިން ފެނުނު ފޮޓޯއެކެވެ. އެފޮޓޯގެ އެންމެ މަތީގައި އިނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް އެވެ. އަހްމަދު ޝަކީލް އާއި އެއްބަނޑު އެއްބަފާ، އޮމްބަޑް ޕާސަން އޮފީހުގެ މުވައްޒަފެއް ކަމަށްވާ ޝުކުރުﷲ ޝަކީލް އާއި، ޔޫތު މިނިސްޓްރީގައި ހުރި އެންޖީއޯތަކުގެ ރެޖިސްޓްރާ އަލީ ޝަކީލް އާއި ވިލިމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރ އާލިމް ޝަކީލް އާއި ފެރިދޫ ކައުންސިލްގެ އެސްޖީ އާޔަތުﷲ ޝަކީލްގެ އިތުރުން އިސް ގާޒީ އަހްމަދު ޝަކީލް އާއި އާއިލީ ގުޅުން އޮންނަ ހޯމް މިނިސްޓަރުގެ ނައިބު އަބޫބަކުރު އަބްދުލްކަރީމް އާއި ފެމެލީ ކޯޓުގެ ފަނޑިޔާރު ޒައީމާ ނަޝީދު އަބޫބަކުރު އާއި އައިޖީއެމްއެޗްގެ ޑިރެކްޓަރ ސަމީރު މަގާމުތަކުގައި ބޭތިއްބުން ބިނާ ވަނީ އިސް ގާޒީ އަހްމަދު ޝަކީލް އިއްވާ ހުކުމެއްގެ މައްޗަށް ކަމަށް ވާނަމަ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، ރައީސް ޔާމީންގެ މައްޗަށް އިސް ގާޒީ އަހްމަދު ޝަކީލް އެއިއްވި ހުކުމް އޮންނާނީ މިހާރު އެއޮތް ގޮތަށެވެ. އެހުކުމަށް ބަދަލެއް ގެނައުމުގެ އިހްތިޔާރެއް އިސް ގާޒީ އަހްމަދު ޝަކީލަށް ނޯންނާނެކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ވަރަށް ސާފެވެ. މަތީގައިވާ ލިސްޓުގެ ސައްހަ މިންވަރެއްވެސް ނޭނގެއެވެ. އެހެން ނަމަވެސް މިއީ ސައްހަ ވާހަކަތަކެއްނަމަ ރައީސް ޔާމީނަށްޖެހި ހުކުންވެސް ކުޑައެވެ، 11 ގެ ކުރިއަށް އަދި އެއް އެކެއްލާފައި 111 އަށް ހަދާ 5 މިލިއަން ޑޮލަރުގެ ޖުރުމަނާވެސް 55 އަށް ހަދާލަންވީއެވެ. ‘ސަބަބުވެރި އިންސާނެއް’ގެ ވިސްނުމުން ވިސްނާއިރު މުޅި އާއިލާ މިއޮތީ ބަނދެވިފައެވެ. ‘ސަބަބުވެރި އިންސާނެއް‘ގެ ވިސްނުމުން ވިސްނާއިރު އެހާލަތުގައި ރައީސް ޔާމީނާއި އެއްކޮޅަށް ހުކުމްކޮށްފިނަމަ ބޮޑު އާއިލާއެއް މަގުމަތިވެ، ބިކަވެ ހާލުގައިޖެހުމުގެ ފުރުސަތުވެސް އޮވެދާނެއެވެ.

ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނައިގެން ހުކުމް ނީއްވެނީ މިސަބަބުތަކާއިހުރެއެވެ. މިއީ ގޭ ބޮޑުފެންޑާގައި ނުވަތަ ކާމޭޒުދޮށުގައި ތިބެގެން ނުވަތަ ހުޅޮވަށީގައި އިނދެފައި މަށަށް ހީވަނީ މަށަށް ގަބޫލުކުރެވެނީއޭ ކިޔާފައި ކުރާ ޒާތުގެ ކަމެއް ނޫނެވެ. ހުކުމަކީ ފަނޑިޔާރެއްގެ މައްޗަށް ހުށަހެޅޭ ހެއްކާއި ގަރީނާގެ މައްޗަށް އިއްވަން ޖެހޭ އެއްޗެކެވެ. އަދި އަމުދުން ގާނޫނާއި، މަތީ ކޯޓުތަކުގެ ނިންމުންތަކުގެ މައްޗަށް އަމުރު ހިންގަން “ސަބަބުވެރި އިންސާނަކު” ގެނެސް ޝަރީއަތް ގަޑުބަޑު ކުރުމަކީ ފަނޑިޔާރަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވީމައެވެ، ސަބަބުވެރި އިންސާނަކާއި ދިމާލަށްވެސް ލައްކަ އެއްޗެހި ގޮވިދާނެއެވެ. ގާނޫނީ ބުރަދަނެއް، ހެއްކެއް، ބައި ގަރީނާއެއްވެސް މުހިއްމެއްނޫނެވެ، ހޯދަންޖެހެނީ ‘ސަބަބުވެރި އިންސާނާ’ އެވެ.

ވަރަށް ގަދަ
12%ވަރަށް ގަދަ 53%ވަރަށް ގަޔާވޭ 35%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: