ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިޙްގެ ފަހު ރިޔާސީ ބަޔާން އިއްވާ ޖަލްސާ އަންނަ މަހުގެ ހަ ވަނަ ދުވަހު

ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ ހަވަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީޙުގެ އިދާރާގެ ފަރާތުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވާ ގޮތުން ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވާ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ މަޖިލީޙުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާނީ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވައި ގައުމުގެ ހާލާތު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ. އެގޮތުން އަންނަ ފެބްރުއަރީ ހަ ވަނަ ދުވަހު ބާއްވާ މިއަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރުރަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ރިޔާސީ ބަޔާން އިއްވަން ޖެހޭނެއެވެ. އަދި މި ރިޔާސީ ބަޔާނަކީ ރައީސް ސާލިޙްގެ އެންމެ ފަހު ރިޔާސީ ބަޔާނެވެ.

މިދިޔަ އަހަރު މިޖިސް ހުޅޫއްވައި ދެއްވައި ރައީސް ސާލިޙް އިއްވި ރިޔާސީ ބަޔާނުގައި ބުނެފައިވާ  ފާހަގަކޮށްލެވޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން 12،730 ދަރިވަރަކަށް އެފުރުސަތު ހޯދައިދެވިފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި 5000 އަށް ވުރެ ގިނަ ދަރިވަރުން ހިލޭ ޑިގްރީ ހަދައިގެން އަންނަ އަހަރު ނުކުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

ރަެއްޔިތުންގެ މަޖިލީހުގައި މިދިޔަ އަހަރު ކުރެވުނު މުހިންމު މަސައްކަތްތައް

މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި 49.6 ޕަސެންޓް މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ. އެގޮތުން ފުރަތަމަ ދައުރުގައި 26 ފަހަރެއްގެ މަތިން ވަޒީރުންނާ ސުވާލު ކުރެވިފައިވެއެވެ. އަދި 12 މައްސަލަ އެއް ހުށަހަޅައި ފުރިހަމަކޮށްފައިވާއިރު 28 ބިލު ހުށަހެޅި 8 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. މެމްބަރުން ހުށަހެޅި 10 މައްސަަލައިގެ ތެރެއިން 4 މައްސަލައިގެ މަސައްކަތް ވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި 8 ބިލެއްގެ މަސައްކަތް ނިންމައި 2 ގަރާރުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ސަރުކާރުން ހުށަހެޅި 3 މައްސަލައެއް ނިންމައި ކުއްލި 2 މައްސަލަ ވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި މެމްބަރުން ހުށަހެޅި 5 މައްސަލަ ހުށަހަޅައި ނިމިފައިވާއިރު ވަޒީރުންނާ 30 ފަހަރެއްގެ މަތިން ވަނީ ސުވާލު ކުރެވިފައެވެ.

މިދިޔަ އަހަރުގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި މަޖިލީހަށް ވަނީ 42 ބިލެއް ހުށަހަޅާފައެވެ. އެގޮތުން 25 ބިލުގެ މަސައްކަތް މަޖިލީހުން ވަނީ ނިންމާފައެވެ. އަދި 17 ބިލުގެ މަސައްކަތް ނުނިމި ވާއިރު 17 ގަރާރު މަޖިލީހަށް ހުށަހެޅިފައިވެއެވެ.

މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅުނު ގަރާރު ތަކުގެ ތެރެއިން 6 ގަރާރެއްގެ މަސައްކަތް ނިމުނު އިރު 11 ގަރާރެއްގެ މަސައްކަތް ވަނީ ނުނިމިއެވެ.

މިދިޔައަހަރުގެ މަޖިލީހުގެ ތިންވަނަ ދައުރުގައި ވަނީ 17 މައްސަލަ އެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ސަރުކާރުން ހުށަހެޅި 8 މައްސަލަ ހިމެނެއެވެ. އަދި 10 މައްސަލައިގެ މަސައްކަތް ނިމިފައިވާއިރު 1 މައްސަލައިގެ މަސައްކަތް ވަނީ ނުނިމިއެވެ. މަޖިލީހަށް 8 ކުއްލި މައްސަލަ ހުށަހެޅިފައިވާއިރު ހުރިހާ ކުއްލި މައްސަލައެއްގެ މަސައްކަތް ނިންމާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

މަޖިލީހުގެ މިދިޔަ އަހަރުގެ ތިންވަނަ ދައުރުގައި 89 ސުވާލު ވަޒީރުންނާއި ވަނީ ކުރެވިފައެވެ.

މިދިޔަ އަހަރުގެ މަޖިލީހުގެ ތިންވަނަ ދައުރު ނިމުނު މައްސަލައިގެ  54.7 އިންސައްތަ ނިމިފައިވާއިރު  45.3 އިންސައްތަ މަސައްކަތް ވަނީ ނުނިމިއެވެ.

މިދިޔަ އަހަރު ކުރެވުނު ބައެއް މަސައްކަތްތަކުގެ ތެރޭގައި:

  • ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުން ހިމެނެއެެވެ.

މި ބިލަކީ، މި އަހަރުގެ އޭޕްރީލް 25 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ޤާނޫނަށް ގެނައި މައިިގަނޑު އިޞްލާޙަކީ، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް ބަޔާންކުރުމެވެ. އެގޮތުން، ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން، ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން، ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދުދިނުމާއި، ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލު ވަނީ ތަސްދީގު ކުރެވި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި ޢަމަލުކުރަންފެށިފައެވެ.

  • ދިވެހި ރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ވަނީ މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅިފައެވެ.

ފޮރިން ސާވިސް އަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 25 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާއިންނެވެ.

މި ޤާނޫނަށް ގެނައި އިޞްލާޙްތަކުގެ ތެރޭގައި ފޮރިން ސަރވިސްގެ މަޤާމުތަކުގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ފޮރިން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށް އެ ޤާނޫނުގައި ބުނާ 44 ވަނަ މާއްދާގެ (ށ) ވަނީ އުނިކޮށްފައެވެ. އަދި، މި ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) އާއި، 56 ވަނަ މާއްދާގެ (ނ) އަށް ބަދަލު ގެނެސް، މި ޤާނޫނުގެ 71 ވަނަ މާއްދާގެ (ފ) ގެ ފަހަތަށް ތިން އަކުރު ވަނީ އިތުރުކޮށްފައެވެ.

މި ބަދަލުތަކުގެ ތެރޭގައި ފޮރިން ސަރވިސްގެ މުވައްޒަފުންގެ ތެރެއިން 47 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ޚިދުމަތުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޢިނާޔަތް ދޭންވާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި، ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސްއިން ކަމުގައި ވެސް ވަނީ ބަޔާންކޮށްފައެވެ.

ފޮރިން ސާވިސްގެ ބިލުވެސް ވަނީ ތަސްދީގު ކުރެވި ގެޒެޓްގައި ޝާއިޢު ކުރެވި އަމަލުކުރަން ފެށިފައެވެ.

  • ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު އަށް 12 ވަނަ އިސްލާޙް ގެނައުމުގެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މި އަހަރުގެ ސެޕްޓެންބަރު 21 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، އެ ޤާނޫނުގެ 11 ވަނަ އިޞްލާޙުގައި ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ޓޫރިސްޓުންގެ އަތުން ނެގޭނެކަމަށް ބަޔާންކޮށްފައިވާ ގްރީން ޓެކްސް ނެގުން 1 ޖަނަވަރީ 2023 އިން ފެށިގެން ނެގުމަށް އޮތް އޮތުން މިހާރުން ފެށިގެން ވެސް ނެގޭނެގޮތަށް މަގުފަހިކޮށްދިނުމެވެ.

އެ ޤާނޫނަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމަށާއި، ގްރީން ޓެކްސް، މި ޤާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ ޢަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމުގައި ވަނީ ބަޔާންކޮށްފައެވެ.

ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހު ފާސްވުމާއެކު އެ ބިލު ވަނީ ގާނޫނަކަށް ވެ ގެޒެޓްގައި ޝާއިޢުކުރެވި ޢަމަލުކުރަން ފަށާފައެވެ.

  • 2023ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، 2022 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކޮށްފައިވެއެވެ.

ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސް ކުރިއަށްގެންދަވައި ރިޕޯޓު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

  • ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖީ.އެސް.ޓީ. އާއި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖީ.އެސް.ޓީގެ ރޭޓު މަތިކުރުމަށްޓަކައި މި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ވަނީ ގެނެސްފައެވެ.

އެގޮތުން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް 1 ޖަނަވަނީ 2023  އިން ފެށިގެން 16 އިންސައްތަކަމުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީ 1 ޖަނަވަނީ 2023 އިން ފެށިގެން 8 އިންސައްތަ ކަމުގައިވެސް ކަނޑައަޅުއްވާފައިވެއެވެ.

މި އަހަރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ހޫނުގަދަ ބަހުސްތަކުގެ ތެރޭގައި ޗާގޮސްގެ މައްސަލައިގައި މަޖިލީހުގެ ރުހުން ނުހޯދާ ސަރުކާރުގެ ފަރާތުން އެ މައްސަލައިގައި ދަމަހައްޓަމުން ގެންދިޔަ ސްޓޭންޑް ބަދަލު ކޮށްފައިވާތީ އެކަމާއި މަޖިލީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބައެއް މެމްބަރުން ވަނީ ގައުމުގެ އެފަދަ ބޮޑެތި މައްސަލަތަކުގައި ސަރުކާރުން ގޮތް ނިންމުމުގެ ކުރިން ރައްޔިތުންގެ ބަހެއް ނުހޯދާތީ އެކަމުގެ ހިތް ހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރިއިރު މެމްބަރުން ވަނީ ބަޖެޓަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އެގޮތުން މެމްބަރުން ފާހަގަ ކުރެއްވި ގޮތުގައި ދައުލަތުން ބޮޑު ބަޖެޓެއް ފާސްކުރާއިރު ބަޖެޓްގައި ހިމަނައި އަންދާޒާ ކުރާ މިންވަރަށް ފައިސާ ލިބޭނެ ކަމަށް ނުބަލައި ބަޖެޓް ފާސްކުރިކަމަށެވެ. އަދި ބައެއް މެމްބަރުންގެ ވާހަކައިގައި ބަޖެޓްގައި ހިމަނާފައިވާ އަދަދުތަކަކީ ހިޔާލީ އަދަދުތަކެއް ކަމަށާއި އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ބޮޑު ބަޖެޓެއް ކަމަށެވެ.

ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށާއި އަމާޒާއި ޕްލޭންއާއި ތަރައްގީގެ މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓް މެދުވެރިކޮށް ހިންގޭނެ ކަމަށް ބައެއް މެމްބަރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މުދަލާއި ހިދުމަތުގެ އަގުން ނާއި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ބޮޑުކުރުމަށް މަޖިލީހުން ފާސްކުރި އިރުގައި މެމްބަރުން ވަނީ އެކަމުގައި ހިޔާލުތަފާތުވުން ތަކެއް އުފެދިފައެވެ. އެގޮތުން ބައެއް މެމްބަރުންގެ ނަޒަރުގައި ޓެކްސް އާއި ޓީޖީއެސްޓީ ބޮޑުކުރުމަކީ މިވަގުތަށް އެންމެ ރަނގަޅު ނިންމުމެއް ނޫނެވެ. ސަބަބަކީ ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން ކަމަށާއި މިހާލަތުގައި ޓެކްސް ބޮޑުކުރުމުން ތަކެތީގެ އަގު ބޮޑުވެ އެކަމުގެ ތަކުލީފް ރައްޔިތުންނަށް ކުރިމަތިވާނެތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: