ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް ގޮވާލީ ސަރުކާރު މަގާމުތަކުން ޖޭޕީ ބޭރު ކުރާނަމަ، ރައީސް ވެސް އިސްތިއުފާ ދޭން

މީގެ ކުރިން ބޭއްވި ހަފްލާއެއްގެ ތެރެއިން ރައީސް ސޯލިހާއި ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމި ނިންމުމާއި އެކު، މި ސަރުކާރުގެ ކޯލިޝަނުގެ މަގާމުތަކުން ޖުމްހޫރީ ޕާޓީން އިސްތިއުފާ ދޭން ޖެހޭނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހަމަ އެފަދައިން އަމަލު ކުރައްވަން ޖެހޭނެކަމަށް ބުނެ އެމްޑީޕީގެ މެމްބަރުންނަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރައްދު ދެއްވައިފި އެވެ.

2023 އަށް ވެސް، މިދިޔަ ރިޔާސީ އިންތިހާބެކޭ އެއްގޮތައް ކޯލިޝަނަކާއި އެކު ވާދަކުރުމަށް ރައީސް ސޯލިހު ބޭނުންފުޅު ވީ ނަމަވެސް ޖޭޕީން ވަނީ ވަކިން ކެނޑިޑޭޓެއް ނެރުމަށް ނިންމައި އެކަން އިއުލާނުކޮށްފަ އެވެ. އެއާއި އެކު، ސަރުކާރުގެ މެމްބަރުން ވަނީ ގާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޕާޓީގެ ސްލޮޓުގައި މަގާމުތަކުގައި ތިއްބެވި ބޭފުޅުންތައް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފަ އެވެ. އަދި އެބޭފުޅުން އަމިއްލައިން މަގާމުން އިސްތިއުފާ ނުދޭނަމަ، އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެކަމަށް ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސަށް ތާއީދު ކުރާ ހުރިހާ މެމްބަރުން ވެސް ގޮވާލީ ގާސިމްގެ ޕާޓީގެ މެމްބަރުން ސަރުކާރުގެ މަގާމުތަކުން ދުރުކުރުމަށެވެ. މެމްބަރުންގެ ވާހަކަތަކަށް ފަހު ފުރުސަތަކަށް އެދިވަޑައިގެން ގާސިމް ވިދާޅުވީ މިހާރު އޮތް ވެރިކަމަކީ ކޯލިޝަނެއްގެ ގޮތުގައި އެކުލަވާލި ސަރުކާރެއްކަމަށާއި އެ މަސައްކަތް ކުރިޔަށް ގެންދިޔައީ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

ގާސިމް ވިދާޅުވީ، އެ އެއްބަސްވުން އެއީ ފަސް އަހަރުގެ މަސައްކަތަކަށް އެކުލަވާލި އެއްބަސްވުމަކަށްވާއިރު މި އަހަރުގެ ނޮވެމްބަރު 18 އާއި ހަމައަށް އެ ދެމި އޮންނާނެ ކަމަށެވެ. އެހެންކަމުން، އެ ތާރީހުގެ ނިޔަލަށް ޖޭޕީގެ ސްލޮޓުތަކުން މަގާމުތައް ދެމެހެއްޓުން އެއީ ލަދުވެތިކަމެއް ނޫންކަމަށް ގާސިމް ވިދާޅުވި އެވެ.

ދައުރު ހަމަވުމާއި ހަމައަށް ޖޭޕީން މަގާމުތަކުގައި ދެމިތިބުމަކީ އެއީ ގޯހަކަށް ވެގެން ނުވާނެކަމަށް ގާސިމް ވިދާޅުވީ، ޕާޓީއަށް ރަނގަޅަށް ކަންތައް ކުރެއްވުމުން ވެސް ކަރަށް ފައިން އަރާ އުސޫލުން ނިންމުންތައް ނިންމާފައިވާކަމަށް ބުނެ މެމްބަރުން ފާޑުކިއުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

ނުރުހުންވެ ހުންނަވައި، ގާސިމް ވެސް ވިދާޅުވީ ޖޭޕީއަށް މަގާމުތައް ދީފައިވަނީ އެއްވެސް ބައެއްގެ ތަރިކަ މުދަލުން ނޫން ކަމަށެވެ. ޖޭޕީން އިސްތިއުފާ ދޭނަމަ، ރައީސް ވެސް އިސްތިއުފާ ދިނުމަށް ގާސިމް ގޮވާލެއްވި އެވެ.

ޕާޓީން ރިޔާސީ އިންތިހާބާއި މެދު ނިންމި، ނިންމުމެއްގެ ސަބަބުން ސަރުކާރުގެ ކޯލިޝަނުގެ މަގާމަކުން އިސްތިއުފާ ދޭން އެއްވެސް މެމްބަރަކަށް ނާންގަވާނެކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ކޯލިޝަނުގެ ބޮޑު އިންސައްތައަކާއި އެކު، ގިނަ މަގާމުތައް ޖޭޕީއަށް ދީފައިވާކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވުމުން އެކަމުގެ ރައްދުގައި ގާސިމް ވިދާޅުވީ މަގާމުތައް ދީފައި ވަނީ އެއްބަސްވި ގޮތަކަށް ނޫން ކަމަށެވެ. އަދި އެ އަދަދަށް މަގާމުތައް ދީފައި ނުވާކަމަށް ވެސް ވިދާޅުވި އެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: