ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގައި ދެ ރިޔާސީ ކެނޑިޑޭޓުންނަށް ނުތިބެވޭނެ، ރައީސް އެކަމުގެ މަޝްވަރާތައް ފަށަނީ!

މީގެ ކުރިން ބޭއްވި ހަފްލާއެއްގެ ތެރެއިން ރައީސް ސޯލިހާއި ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނިކޮށް، ޖުމްހޫރީ ޕާޓީން ވެސް އެފަދަ ނިންމުމެއް ނިންމުމުން ސަރުކާރުގައި ދެ ރިޔާސީ ކެނޑިޑޭޓުން ތިބެގެން ކުރިޔަށް ދިއުމަށް ދަތި ވާނެތީ އެކަމާއި ގުޅޭ މަޝްވަރާތައް ރައީސް އެމްޑީޕީ ލީޑާޝިޕާއި އެކު ކުރިޔަށް ގެންދަވާނެކަމަށް ސަރުކާރުން ބުނެފި އެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި، ވާދަ ކުރުމަށް ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ނިންމުމާއި އެކު އެކަމަށް ފާޑުކިޔައި އެމްޑީޕީގެ ސަރުކާރު މެމްބަރުން ދަނީ ސިޔާސީ މަގާމުތަކުން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. އަދި ކޯލިޝަނުން ވަކިވެ، ޕާޓީގެ ސްލޮޓުތަކުގައި ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ނުދޭނަމަ އިތުބާރު ނެތްކަމުގެ ވޯޓުތައް ނަގައި ބޭރު ކުރާނެކަމަށް މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.

މައްސަލަ ގޯސްވެ، މެމްބަރުން ޖޭޕީއަށް ފާޑުކިޔަމުން ގެންދާތީ ރައްދު ދެއްވައި ގާސިމް ވިދާޅުވެފައި ވަނީ މި ސަރުކާރު އުފެދުނީ އެއްބަސްވުމެއްގެ ދަށުން ނޮވެމްބަރު މަހުގެ 17 ގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން، ޕާޓީން އިންތިހާބުގައި ވާދަ ކުރުމަށް ނިންމި ނިންމުމަކީ، އެއީ ލަދުވެތިކަމެއްގެ ގޮތުގައި ސިފަ ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި އެއްވެސް މެމްބަރަކަށް މަގާމުން އިސްތިއުފާ ދިނުމަށް ނާންގަވާނެކަމަށް ގާސިމް ވިދާޅުވި އެވެ.

ސަރުކާރުގެ ބޮޑު އިންސައްތައަކާއި އެކު، ބޮޑެތި މަގާމުތައް ޖޭޕީއަށް ދީފައިވާކަމަށް މެމްބަރުން ފާހަގަކުރުމުން ގާސިމް ވިދާޅުވެފައި ވަނީ އެދުނު މިންވަރަށް ސިޔާސީ މަގާމުތައް ދީފައި ނުވާކަމަށެވެ. އަދި ޕާޓީގެ މެމްބަރުން މަގާމުތަކުން ދުރުވާނަމަ އެބޭފުޅުންނާއި އެކު ރައީސުލްޖުމްހޫރިއްޔާ ވެސް އިސްތިއުފާ ދެއްވަން ޖެހޭނެކަމަށް ވިދާޅުވި އެވެ.

ރައީސަށް ތާއީދު ކުރާ މެމްބަރުންގެ ވިސްނުން ހުރީ، ޖޭޕީއާއި ދެކޮޅަށްކަމަށް ވާތީ ސަރުކާރުން އެއްވެސް ނިންމުމެއް ނިންމާފައި ވޭތޯ މިއުވާނާއި ސުވާލު ކުރުމުން ވިދާޅުވީ ކޯލިޝަން އެކުލަވާލުމަށް މިހާރުގެ ޕާޓްނަރުންނަށް ދައުވަތު ފޮނުވާފައިވާކަމަށާއި ޖޭޕީގެ އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

މިއުވާން ވިދާޅުވީ، ކޯލިޝަނަކާއި އެކު 2023 ގައި ވާދަ ކުރުމަށް އަދާލަތު ޕާޓީ އާއި، އެމްޑީއޭ ވަނީ ނިންމާފައި ކަމަށެވެ.

ޖޭޕީން ކެނޑިޑޭޓެއް ނެރޭނަމަ، ސަރުކާރުގައި ދެ ރިޔާސީ ކެނޑިޑޭޓުންނަށް ނުތިބެވޭނެކަމަށް މިއުވާން ވިދާޅުވި އެވެ. އަދި އެފަދަ ހާލަތެއްގައި ދެން އަމަލު ކުރާނެ ގޮތަކާއި މެދު އެމްޑީޕީގެ ލީޑާޝިޕާއި ޖޭޕީ އާއި އެކު މަޝްވަރާ ކުރައްވާނެކަމަށް މިއުވާން ވިދާޅުވި އެވެ.

”ކޯލިޝަން އެކުލަވާލަން ރައީސް ވާނީ މިހާރުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނަށް ދައުވަތު ފޮނުއްވާފައި. އެއަށް ޖުމްހޫރީ ޕާޓީއިން އަދި ޖަވާބެއް ދީފައެއް ނުވޭ. ރައީސްއާއެކު ކުރިއަށްދާން އަދާލަތު ޕާޓީއާއި އެމްޑީއޭ އިން އެވަނީ މިހާރު ނިންމާފައި. ޖުމްހޫރީ ޕާޓީއިން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމަ، ސަރުކާރުގައި 2 ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ވަޑައިގަތުމަށް ދަތިވާނެ. އެފަދަ ޙާލަތެއް އަތުވެއްޖެނަމަ، ދެން ކަންތައްކުރައްވާނެ ގޮތަކާމެދު ރައީސް ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕާއި ޤާސިމް އިބްރާހިމްއާއެކު މަޝްވަރާކުރައްވާނެ“ މިއުވާން

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޖޭޕީ ނިންމުމާއި އެކު އެކަމަށް، އެމްޑީޕީގެ މެމްބަރުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެކަމަކު، ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން އިން އެކަމަށް މަރުހަބާ ކިޔާއިރު އެބޭފުޅުންނާއި އެކު، ޖޭޕީގެ ޖޮއިންޓް ޕާލިމަންޓު ގުރޫޕެއް އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ މަޝްވަރާތައް ވަނީ ފެށިފަ އެވެ.

މީގެއިތުރުން އިދިކޮޅުން ވެސް ވަނީ ގާސިމްގެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.

މި އަހަރުގެ އިންތިހަބަކީ ގާސިމަށް، ނުވަތަ ޖޭޕީއަށް ފުރުސަތު ބޮޑު ފަހަރެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އަދި ފާއިތުވި ދުވަސްތަކުގައި ސަރުކާރުން، ގާސިމާއި އެކު މަޝްވަރާތައް ކުރިޔަށް ގެންދިޔަ ސަބަބަކީ އެއީކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރާނެ ބޭފުޅެއް އަދި ނުނިންމަ އެވެ. ޕާޓީން ބުނީ ރިޔާސީ ކެނޑިޑޭޓެއް ހޮވުމަށް ޕްރައިމެރީއެއް ބާއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: