ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަފާތު އެކި ސިޔަސީ ފިކުރުތަކާއިއެކު ކުރިއަށް ދެވޭނެކަމަށް ބުނި ސަރުކާރަށްވެސް ކޯލިޝަނެއް ނުދެމެހެއްޓުނު!

ސަރުކާރު ކޯލިޝަންގެ އެންމެ އިސް ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެހެން ވެރިކަމާ ހިލާފަށް މި ވެރިކަން ފާހަގަކުރެވުނީ ގިނަ ދުވަސްތަކެއްވަންދެން ކޯލިޝަން ދެމެހެއްޓުނު ވެރިކަމެއްގެ ގޮތުގައެވެ. ސަރުކާރުގެ ބައެއް ނިންމުންތަކާއި ކޯލިޝަން ޕާޓީތަކުން ނުރުހުން ފާޅުކޮށް ނޫސް ބަޔާންތަކެއް ނެރެ، ނޫސްވެރިންގެ ބައްދަލުވުންތަކެއް ބޭއްވި ނަމަވެސް، ކޯލިޝަންގެ އެތެރޭގެ ހާލަތު ގޮސްވެގެން ގޮސް ރޫޅޭ ހިސާބަށް ގޮސްފައެއް ނެތެވެ. ހިޔާލް ތަފާތުވާ ކޮންމެ ފަހަރަކު އޭގެ ހައްލަކީ ކޯލިޝަނުން ބޭރުވުން ނޫންކަމަށް ކޯލިޝަން ޕާޓީތަކުން ބުންޏެވެ. އެހެންކަމުން ގިނަ ބަޔަކަށް ހީވީ ކޯލިޝަންގެ އެތެރޭގެ ހާލަތުވެސް ވަރަށް ރަނގަޅުކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އެކުގައި މަސައްކަތްކުރެއްވުމަށް ކޯލިޝަން ދަމަހައްޓާނޭވެސް ހީވިއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަދި އަދާލަތު ޕާޓިއާއިއެކު އެކުލަވާލި ކޯލިޝަންއެއްގެ ތެރެއިން އެމްޑީޕީއަށް ލިބުނު ވެރިކަން، ނިމުމަކާއި ގާތަށް އައިއިރު ކޯލިޝަންގެ ހާލަތު އޮތް ގޮތް މި ވަނީ ފެންނަން ފަށާފައެވެ.

އެންމެ ފުރަތަމަ މިވާހަކަތައް ފެށުނު ހިސާބަކީ ޖޭޕީގެ ގައުމީ ކޮންފަރެންސްއެވެ. ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދެއްކެވި ވާހަކަތަކާއިއެކު ކޯލިޝަންގެ އެތެރެ އޮތް ގޮތް ހާމަވެގެންދިޔައެވެ. ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދައްކަވާ ކޮންމެ ވާހަކައެއްގައި މިސަރުކާރުގެ ކޯލިޝަނަށް ތައުރީފުކުރައްވާ، އެމަނިކުފާނަކީ ތަފާތު އެކި ސިޔާސީ ފިކުރުތަކާއިއެކު ކުރިއަށް ވަޑައިގެންނެވޭނެ ބޭފުޅެއްކަމަށް ވިދާޅުވީ ނަމަވެސް ކަމުގެ ހަގީގަތް އޮތީ އެހެންނެއް ނޫނެވެ. ގާސިމް ވަނީ ސަރުކާރުން ކޯލިޝަން ޕާޓުނަރުންނާއިމެދު އަމަލުކުރަމުންދާ ގޮތާއި ގުޅިގެން ނުރުހުން ފާޅުކުރައްވާފައެވެ. ކުރާ ކޮންމެކަމެއްގެ ކްރެޑިޓް ހަމައެކަނި އެމްޑީޕީން ނަގާތީ ގާސިމް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ޖޭޕީއިން މިއަހަރުގެ ރިޔާސީ އިންތިހާބަށް ނިންމި ނިންމުން ނިންމާފައިވަނީ، ގާސިމް ދެއްކެވި މި ވާހަކަތަކުގެ ސަބަބުން ގިނަ ބަޔަކު ހިސާބު ޖެހި ގޮތާއި އެއްގޮތަށެވެ. ރައީސް ސާލިހުގެ މި ސަރުކާރުން ކޯލިޝަން ޕާޓުނަރުންނާއިމެދު އަމަލުކުރި ގޮތުގެ ސަބަބުން، ސަރުކާރު ކޯލިޝަނުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ޖޭޕީއިން ވަނީ މިހާރު އޮތް ކޯލިޝަން ދެމެހެއްޓުމުގެ ބަދަލުގައި ޕާޓީގެ ފަރާތުން ވަކި ކެނޑިޑޭޓަކު ނެރެ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައެވެ. އޭގެ އިތުރުން ރައީސް ސާލިހު ކޯލިޝަން ހެއްދެވުމަށް ދެއްވި ދައުވަތު އެމްއާރުއެމްގެ ފަރާތުން އަދިވެސް ގަބޫލުކޮށްފައިނުވާއިރު، އެމްއާރުއެމްއިންވެސް ކޯލިޝަން ހެދުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޖޭޕީއާއިއެކުއެވެ.

ރައީސް ސާލިހާއިއެކު ކޯލިޝަން ހެދުމަށް ސަރުކާރު ކޯލިޝަނުގައި އޮތް ޕާޓީތަކުގެ ތެރެއިން އެއްބަސްވެފައިވަނީ ހަމައެކަނި އަދާލަތު ޕާޓީއިންނެވެ. މި ސަރުކާރުގައި ނުރަނގަޅު ކަންތައްތަކެއް ހުރިކަން އެނގިވަޑައިގަތް ނަމަވެސް އިމްރާން ކޯލިޝަން ދަމަހައްޓަވަން ނިންމެވީ މަގާމުގެ ދަހިވެތިކަމުގައިކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ދެން އެމްޑީޕީގެ މި ސަރުކާރާއިއެކު ކޯލިޝަން ހެދުމަށް އެއްބަސްވީ އިތުރު އެހެން ޕާޓީއަކަށް އޮތީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ.

މި ސަރުކާރަކީ ކޯލިޝަނެއް ދެމެހެއްޓުނު ހަމައެކަނި ސަރުކާރުކަމަށް ބުނެ ވާހަކަދައްކަވާއިރު، އަމިއްލަ ޕާޓީގެ ތެރެ އޮތީ ދެން އަލުން ނުގުޅޭ ވަރަށް ރޫޅިފައެވެ. ރައީސް ސާލިހަކީ ތަފާތު އެކި ފިކުރުތަކުގެ ބޭފުޅުންނާއިއެކު ކުރިއަށްވަޑައިގަންނަވަން އެނގިވަޑައިގަންނަވާ ސިޔާސީ ލީޑަރެއްކަމަށް ބުނެ ދެއްކި ވާހަކަތައް ދެކޮޅެއް ނުޖެހެއެވެ. ޕާޓީގެ ރައީސް އަދި އެމަނިކުފާނާއި އަބަދުވެސް ގާތް ރައީސް މުހައްމަދު ނަޝީދު ހުންނެވީ މި ސަރުކާރާއި، އަދި ސަރުކާރުގެ ސިޔާސަތުތަކާއި ނުރުހިފައިކަމަށްވީއިރު، އެ މައްސަލަ ހައްލުކުރެއްވުމަށް ރައީސް ސާލިހަށް ކުރެވުނު މަސައްކަތެއް އަދި މިހާތަނަށް ފެންނާންނެތެވެ.

އެ ވިދާޅުވާފަދައިން ރައީސް ސާލިހަކީ ތަފާތު ސިޔާސީ ފިކުރުތަކާއިއެކު ކުރިއަށްވަޑައިގަންނަވާން އެނގިވަޑައިގަންނަވާ ބޭފުޅެއްނަމަ، 28 ޖެނުއަރީގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެތައް ދުވަހެއްވެގެން ގޮސްފައިވާއިރު، މިހާރު ޕާޓީ އޮންނާނީ އެކުގައެވެ. ނަމަވެސް މަންޒަރު ފެނިގެން ދަނީ އެއާއި މުޅިން ހިލާފަށެވެ. ދެ ފެކްޝަނެއް އުފެދި ރައީސް ސާލިހަށް ތާއީދުކުރައްވާ މެންބަރުންތަކަކާއި، ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންތަކެއް ތިއްބެވިއިރު، އަބަދުވެސް ފެންނަމުންދަނީ އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ތުހުމަތުކޮށް ކޯޅޭ ތަނެވެ. ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރެއްނަމަ މަސައްކަތްކުރަމުން ދަނީ ސަރުކާރު ޒިންމާދާރުކުރުން ނަމުގައި، ސަރުކާރު ފަލީހަތްކުރާށެވެ. ޕާޓީ ތެރެވެސް ރޫޅި ދެބައިވެގެންދަނީއެވެ. އަދި ހަމައެއާއިއެކު ކޯލިޝަންވެސް ރޫޅިގެން ދަނީއެވެ.

ފެންނަމުންދާ އަނެއް މަންޒަރަކީ ސިޔާސީ ލީޑަރަކަށް އިންތިހާބުގައި ވާދަކުރަން ނުކުރޭ މިންވަރަށް ވަޒީފާގެ ބިރު ދައްކާ ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ މަންޒަރޭ ބުނި ނަމަވެސް ދޮގަކަށް ނުވާނެއެވެ. ޖުމްހޫރީ ޕާޓީއިން އަމިއްލައަށް ނިކުމެ އިންތިހާބުގައި ވާދަކުރުމަށް ނިންމުމާއިއެކު، މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ ތެރޭގައި ތިއްބެވި ރައީސް ސާލިހަށް ތާއީދުކުރައްވާ، ސަރުކާރު ފެކްޝަންގެ މެންބަރުން ވަނީ މި ސަރުކާރުގެ ކެބިނެޓުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ތިއްބެވި ވަޒީރުން، މަގާމުން ވަކިކުރާނެކަމުގެ އިންޒާރުދީފައެވެ. ހުތުރު ގޮތަކަށް މެންބަރުން ވަކިކުރާނެކަމަށް ވިދާޅުވީއިރު، އެންގީ ކަންބަޅި ކަތިލާ އުސޫލުން ވަކިކުކުރުމުގެ ކުރިން އިސްތިއުފާދެއްވުމަށެވެ. އިތުރު ގޮތަކަށް ބުނާނަމަ ސަރުކާރުގެ ތެރޭގައި ތިއްބަވާ އެހެން ފިކުރެއް ގެންގުޅުއްވާތީ ވަޒީފާގެ ބިރުދެއްކީއެވެ.

މިކަންކަމާއި ގުޅިގެން ސަރުކާރުން ބުނެފައިވަނީ ރައީސް ސާލިހުގެ މި ސަރުކާރުގެ ތެރޭގައި އެމަނިކުފާނުގެ ސިޔާސަތުތަކާއި ދެކޮޅުވާ ބޭފުޅުންތަކެއް ތިއްބަވާނަމަ، ވެރިކަން ކުރުމަށް އުނދަގޫވާނެކަމަށެވެ. ނަމަވެސް މިފަދަ މަންޒަރެއް އަދި ފެނިފައިނުވާއިރު، ރައީސްގެ އެއްވެސް ސިޔާސަތަކާއި ދެކޮޅަށް އެއްވެސް ބޭފުޅަކު މަސައްކަތްކޮށްފައިނުވާއިރު މިފަދަ ގޮތަކަށް ވާހަކަދެއްކެވުމުން، ރައީސް ސާލިހަކީ ތަފާތު އެކި ފިކުރުތަކާއިއެކު ކުރިއަށް ވަޑައިގަންނެވޭނެ ސިޔާސީ ލީޑަރެކޭ ބުނުމުގެ ޖާގަ އެބަ އޮތް ހެއްޔެވެ؟

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: