ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރިޔާގެ ދިފާއު؛ ”ސިފައިން ހަދާ ގޯސްތަކަށް، އިސްތިއުފާއަށް ގޮވަނީ އަންހެނަކަށް ވީތީ“!

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ/ ފޮޓޯ: ސަންގު -- މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލުޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވާލައި، އެމަނިކުފާނާއި ދެކޮޅަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ އިހުތިޖާގެއް ކުރިޔަށް ގެންދިޔަ ވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑު އެ ސަރަހައްދުގެ ތެރެއަށް ވަނުމަކީ ސެކިއުރިޓީ ފެއިލިއާއެއްގެ ގޮތުގައި ފާހަގަކޮށް އަމާޒުވާ ފާޑުކިއުންތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރައްދު ދެއްވައިފި އެވެ.

ހުޅުމާލޭގައި ބޭއްވި ރަސްމީ ޖަލްސާއަކަށް ފަހު ރައީސް މާލެ ވަޑައިގެންނެވި ވަގުތު ޕީޕީއެމް/ޕީއެންސީގެ ސިލްސިލާ މުޒާހަރާ ކުރިޔަށް ދިޔަ އެވެ. އާއްމުކޮށް އިހުތިޖާޖު ނިންމާލާ ގަޑީގައި ޕާޓީ އޮފީސް ދޮރުމައްޗަށް އެއްވާއިރު ރައީސް ސޯލިހުގެ މޮޓޯކޭޑު ވެސް މަސައްކަތް ކުރީ އެ ސަރަހައްދުން ދަތުރު ކުރުމަށެވެ.

އެއްވުމެއް ކުރިޔަށް ދާ ތެރެއަށް، ރައީސްގެ މޮޓޯކޭޑު ދިއުމަކީ ގާނޫނުތަކާއި ހިލާފުކަމަކަށް ވުމާއި އެކު ގިނަ ބަޔަކު ވަނީ މިއީ ސެކިއުރިޓީ ފެއިލިއާއެއްކަން ފާހަގަކޮށް މާރިޔާގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއަކީ މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ސެކިއުރިޓީ ފެއިލިއާ އަދި އިންޓެލިޖެންސް ފެއިލިއާކަން ފާހަގަކުރެވެ އެވެ. އެ މައްސަލައިގައި ވެސް، މާރިޔާއަށް ބޮޑެތި ފާޑުކިއުންތައް ސަރުކާރުގެ ބައެއް މެމްބަރުންގެ ފަރާތުން ވެސް އަމާޒުވި އެވެ.

ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލައިގައި އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައި މިއަދު މާރިޔާ ވިދާޅުވީ ސިފައިންގެ އެތެރޭގައި ދިމާވާ މައްސަލައެއް ނުވަތަ އިހުމާލެއްގެ ޒިންމާ މިނިސްޓަރުގެ ބޮލުގައި އަޅުވަނީ އަންހެނަކަށް ވީތީ ކަމަށެވެ.

”އައިޖީއެމްއެޗުގައި ކަމެއް ގޯސްކޮށް ދިޔައިމަ ހެލްތް މިނިސްޓަރު ބޮލަކަށް ނުޖަހާ.. ފުލުހުން ގޯސްކޮށް ކަމެއް ކުރީމާ އެކަން ހޯމް މިނިސްޓަރު ބޮލަކަށް ނުޖަހާ..“ މާރިޔާ

މީގެކުރިން ވެސް ތަފާތު އެކި ފޯރަމްތަކުގައި، މާރިޔާ މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި ވެއެވެ. އަދި ބައެއް އިދާރާތަކުގެ އިހުމާލުތަކުގެ މައްސަލައިގައި، ތަނުގެ ވެރިއަކީ އަންހެނެއްނަމަ އެ މީހުންނަށް އަމާޒުވާ ފާޑުކިއުންތައް އިތުރުވާކަމަށް ވަނީ ވިދާޅުވެފަ އެވެ.

މޮޓޯ ކޭޑަށް އިދިކޮޅުން ހުރަސްއެޅި ވަގުތު، ސެކިއުރިޓީ ބްރީޗްވި މައްސަލައިގައި އެމަނިކުފާނުގެ ސަލާމަތީ ކަންކަމާ ހަވާލްވެ ހުރި ކާނަލް އަބްދުﷲ އިބްރާޙިމް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާއިން ވަނީ އެކަހެރިކޮށްފަ އެވެ.

ރައީސްގެ ކާރުކޮޅަށް ހުރަސްއެޅި މައްސަލަ އާއި، ސެކިއުރިޓީ ފެއިލްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ ބަލަން ފަށާފަ އެވެ. އަދި އެމްއެންޑީއެފް ވެސް ވަނީ މައްސަލަ ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ އެކި ވީޑިއޯތަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ބައިވެރިން ތިބީ ޕާޓީގެ ދިދަތަކާއި އެކު ރައީސްގެ ކާރުކޮޅު ކުރިމަތީ އެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީންގެ ތެރެއިން ކާރު ކުރިމަތީން ފެންނަނީ ދެތިން އޮފިސަރުންނެވެ. އެވަގުތު ފުލުހުން ދިޔައީ، އެއްވުމުގައި ތިބި މީހުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

ގިނަ އަދަދެއްގެ އުޅަނދުތައް ދުއްވާ، އަދި ބަސް ސްޓޮޕެއް ވެސް ހުންނަ އެ މަގު ބްލޮކްވެ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނުއިރު ރައީސްގެ ކާރުކޮޅު އެންމެ ފަހުން ޖެހުނީ އަނބުރާލައި ބޮޑުތަކުރުފާނު މަގުން މާފަންނާއި ވީކޮޅަށް ދާށެވެ. އެތަނުގައި ރައީސްގެ ކާރަށް ކުރިޔަށް ނުދެވި 15 މިނެޓު އޮންނަން ޖެހުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: