ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫމަޑި މައްސަލަ: މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ ހުކުމް ކުރުން އަންނަ މަހު!

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) މައްސަލައިގައި ދޮގު ބަޔާން ދިންކަމަށް ބުނެ ކުރީގެ ހައުސިންގ މިނިސްޓަރ އަދި ވެރިރަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ނިންމާލައި ހުކުމް ކުރުން އަންނަ މަހަށް ތާވަލުކޮށްފި އެވެ.

ނޫމަޑި މައްސަލައިގައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، 2019 ޖޫން 25 ގައި ނޫމަޑި ކުންފުނިން ދިވެހި ސަރުކާރާއި ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި ހެކިވެރިއަކަށްވެ، ޑރ. މުއިއްޒު ދޮގު ހެކިބަސް ދެއްވާފައިވާ ކަމަށެވެ. އަދި ހައުސިން ޔުނިޓް މަޝްރޫއުއާއި ގުޅިގެން ނޫމަޑިއާއި އެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި، 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވި ކަމަށެވެ.

މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާކަމަށެވެ. އެހެންވެ ޑރ. މުއިއްޒުގެ މައްޗަށް، ގާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅީ އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސެއްގެ ވެސް މަގާމު އަދާކުރައްވާ މުއިއްޒުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ 2019 ޖޫން، 25 ގައެވެ. އޭރު ޑރ. މުއިއްޒު ވަނީ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ.

މައްސަލައިގައި މިއަދު ކުރިޔަށް ގެންގޮސްފައި ވަނީ ހުލާސާ ބަޔާން އިއްވުމެވެ. އަދި ބަޔާން އިއްވަމުން ދައުލަތުން ބުނީ މުއިއްޒުގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި އެބަހުރިކަމަށެވެ. ދައުލަތުގެ ވާހަކަތަކަށް އިންކާރުކޮށް މުއިއްޒުގެ ވަކީލުން ވިދާޅުވީ ދައުލަތަށް އެކަށީގެންވާ ހެކި ދެއްކިފައި ނުވާކަމަށެވެ.

ޝަރީއަތުގެ އަޑުއެހުންތައް ނިންމާލުމުން، ދެން އޮންނާނީ ހުކުމް އިއްވުމެވެ. ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބު ވިދާޅުވެފައި ވަނީ މައްސަލަ ނިންމުމަށް ބާއްވާ އަޑުއެހުން ބަންދު ދުވަސްތައް އުނިކުރުމަށް ފަހު 15 ދުވަހުގެ ތެރޭގައި ތާވަލުކުރާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެކި ފަހަރު މަތީން ޑރ. މުއިއްޒުގެ ބަޔާން ނެގުމަށް ފުލުސް އޮފީހަށް ހާޒިރު ކުރި އެވެ. އޭގެ އިތުރުން މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް އޭނާ ހާޒިރުކޮށް ސުވާލުކުރުމުން ވެސް ދިނީ ގޮދު މައުލޫމާތުކަމަށް ބުނެ އެ މައްސަލަ މަޖިލީހުން އޮތީ ފުލުހަށް ހުށަހަޅާފަ އެވެ.

މި މައްސަލައިގައި އޭޖީ އޮފީޙުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާއިރު، ވަޒީރުކަމުގައި އޭނާ ވަނީ އެ މައްސަލާގައި ދައުލަތް ދިފާޢު ކުރައްވާފައެވެ.

ނޫމަޑީގެ މައްސަލަ 2017 ޑިސެންބަރު 11 ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށްދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒުގެ ބައިވެރިވުމާއި އެކު އެވެ. ވަޒީރުކަމުން ޑރ. މުއިއްޒު ވަކިވެވަޑައިގަންނަވަންދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުޢިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: