ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޕް 28 ގައި ބައިވެރިވުމަށް މި މަހު ފަހުކޮޅު ރައީސް މުއިއްޒު ދުބާއީއަށް!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު މަހުގެ ފަހުކޮޅު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 28) ގައި ބައިވެރިވެޑައގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކޮޕް 28 ގެ މި ސަމިޓަކީ ޕެރިސް އެގްރީމެންޓާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ އ.ދ.ގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށް ކަމާއި ބެހޭ ހުރިހާ ފަރާތްތައް އެއްތަން ކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ. އެގޮތުން މި ސަމިޓްގައި ދުނިޔޭގެ 190 އަށްވުރެ ގިނަ ގައުމުތަކުން ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުން އަދި ވިޔަފާރިވެރިންނާއި، އާންމު ފަރާތްތަކުން ބައިވެރިވެއެވެ.

ނޮވެމްބަރު 30 އިން، ޑިސެމްބަރު 12 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެކަން ރައީސް ހާމަކުރެއްވީ ރޭ ހޮޓެލް ޖެންގައި ބޭއްވި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 52 ވަނަ ޔޫނިއަން ޑޭގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި އަހަރުގެ ކޮޕް ބައްދަލުވުމަކީ ހާއްސަކޮށް ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މުހިންމު ބައްދަލުވުމެކެވެ. އަދި ލޮސް އެންޑް ޑެމޭޖް ފަންޑ’ ބޭނުން ކުރެވޭނެ ގޮތްތައް ފަހިކޮށް، ފުރަތަމަ ފަހަރަށް ނެގޭ ގްލޯބަލް ސްޓޮކް ޓޭކްގައި ރަނގަޅު ނަތީޖާތަކެއް ހާސިލު ކުރެވޭނެކަން ޔަގީންކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދުނިޔޭގެ ވެށި ރައްކާތެރިކޮށް ސަލާމަތް ކުރުމަށް އެންމެން އެއްބައިވަންތަ ކުރުވަން މަސައްކަތް ކުރަން ޖެހޭކަމަށެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު ވިދާޅުވީ ކޮޕް-28 ގެ ކާމިޔާބީ ކަށަވަރުކުރުމަށް ރާއްޖެއިން ޔޫއޭއީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި، ޔޫއޭއީގެ ރިޔާސަތުގައި ހަރުދަނާ ނަތީޖާތަކެއް ނެރެދޭކަމަށް ގަބޫލު ކުރައްވާކަމުގައި ވިދާޅުވި އެވެ.

2019 ވަނަ އަހަރު ބޭއްވި އދ ގެ 74 ވަނަ އަންމު މަޖިލީހުގެ ޖަލްސާގައި ރާއްޖެއިން ވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ނެޓް ޒީރޯއަށް ވާސިލުވުމަށް ނިންމާފައިވާކަމުގެ އުންމީދީ ޕްލޭން ހާމަކޮށްފައެވެ. އެދުވަހުގެ ބައްދަލުވުމުގައި ރައީސް ވަނީ ދުނިޔެ ހޫނުވަމުން ދިއުމާއި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މިންވަރުގެ މައްޗަށް އަލިއަޅުއްވައިލައްވައި، މުއްސަނދި ގައުމުތަކުން ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކަށް، އެ ގައުމުތަކުގެ ކެޕޭސިޓީ އިތުރު ކުރުމާއި، ޓެކްނޮލޮޖީ ބަދަލު ކުރުމާއި، ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: