ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭގައި ތިބެގެން ކުރާ މަސައްކަތް ރަޖިސްޓްރީކުރުން ލާޒިމެއް ނޫން: އިކޮނޮމިކް މިނިސްޓްރީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް--
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ފޯރުކޮށްދޭނަ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކުރުން ލާޒިމް ނޫން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެޗްޕީއޭ އިން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނެގުމަށް އެޗްޕީއޭގެ އިއުލާނުގައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަކި ފަރުދުން އާމްދަނީ ހޯދުމަށް ކުރާ ބައެއް ކަންކަމަކީ، އިސްތިސްނާވެގެންވާ ވިޔަފާރި ކަމުގައި ކަނޑައެޅިފައިވާ ކަންތައްތައް ކަމަށެވެ.

“މިގޮތުން، އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން، އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކުރަން ނުޖެހޭ ފަދަ މަސައްކަތްތަކެވެ.” ބަޔާނުގައިވެއެވެ.

އެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ށ) ގެ ދަށުން އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ބެލެވޭނީ، އެ މަސައްކަތަކީ، ވަޒީފާގައި ބަޔަކު ގެންގުޅުމަކާ ނުލާ، ތިމާ އަމިއްލައަށް ކުރާ މަސައްކަތަކަށްވާ ނަމަ އެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ދީފައިވާ އިސްތިސްނާއަށް ބަލާއިރު، ގޭގައި ތިބެގެން އާމްދަނީއެއް ހޯދުމަށް މަސައްކަތްކުރަން ބޭނުންވާ ފަރާތްތައް (ހޯމް ބޭސްޑް ވޯކާޒް ނުވަތަ ސެލްފް-އެމްޕްލޮއިޑް)، ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން އާމްދަނީ ހޯދުމަށް ގޭގައި މަސައްކަތްކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް މިނިސްޓްރީން ބުންޏެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ކުރަން ލާޒިމު ވިޔަފާރިތަކަކީ، އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ހިންގާ ނުވަތަ ކުރާ މުދާ ގަނެވިއްކުމުގެ މަސައްކަތް، ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ އުފެއްދުންތެރިކަމުގެ މަސައްކަތް، ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ފޯރުކޮށްދޭ ފަންނީ ހިދުމަތް، ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ ހިދުމަތް ދިނުމުގެ މަސައްކަތް، މާލީ ފައިދާއެއް ހޯދުމުގެ ބޭނުގައި ނުއުފުލޭ މުދަލާ ގުޅޭގޮތުން ހައްގުތައް ދިނުން އަދި މާލީ ފައިދާއެއް ހޯދުމުގައި ހިންގާ އެނޫންވެސް ހަރަކާތްތަކެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން، ރާއްޖޭގެ އާބާދީގެ ގިނަ ބައެއްގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނާތީ، ގޭގައި ތިބެގެން މަސައްކަތްކޮށް، އާމްދަނީ ހޯދަމުންދާ ކަމަށާއި އެ ފަރާތްތަކަށް މަރުހަބާ ކިޔާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި، މިފަދަ ފަރާތްތަކުން އާމްދަނީ ހޯދުމަށް ފަށާފައިވާ މަސައްކަތް އިތުރަށް ފުޅާކޮށް، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހިޔާރުކުރާނަމަ، އެ ކަމަށް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަންއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ގޮތަކަށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދޭންޖެހޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް ފަހުގައި ކަމަށެވެ.

ގޭގައި ކާބޯތަކެތި ތައްޔާރުކޮށް އާމްދަނީއެއް ހޯދުމަށްޓަކައި ވިއްކާ ފަރުދުންވެސް، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކަނޑައަޅާ ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަމަލުކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވިޔަފާރި ކުރުމުގައި އަމަލުކުރަންޖެހޭ ކަންކަމާބެހޭ މައުލޫމާތު އޮޅުންފިލުވުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ކޯލް ސެންޓަރު 1691 އަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށް ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: