ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީ އިބްރާހިމް އަލީ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ ފަނޑިޔާރުކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވުނު 10 މީހުންގެ ތެރެއިން ނުވަ މީހެއްގެ މައްސަލައިގައި، އެކި ތާރީހުގައި، ހައިކޯޓުގެ އެކި ނިންމުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ އަމަލުކުރައްވާފައި ނުވާކަމާއި، އެމައްސަލަތަކުގައި ބަންދު މުރާޖައާކޮށްދިނުމަށް އެދި 23 އޮކްޓޫބަރު 2018 ގައި އާއި، 30 އޮކްޓޫބަރު 2018 ގައި އަދި 12 ނޮވެމްބަރު 2018 ގައި ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ފޮނުވި ސިޓީތަކާ ގުޅިގެންވެސް ބަންދު މުރާޖައާކުރުމަށް، ހައިކޯޓުގެ ހުކުމާ އެއްގޮތަށް ގާޒީ އިބްރާހިމް އަލީ އަޑުއެހުމެއް ތާވަލުކޮށްފައި ނުވާކަން ކޮމިޝަނުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގައި ހިމެނޭ 10 މީހުންގެ ތެރެއިން އެންމެ ފަހު ފަރާތްކަމަށްވާ ވ.ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ މައްސަލައިގައި، އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު، 17 އޭޕްރީލް 2019 ދުވަހު ހައިކޯޓުން ބާތިލުކޮށް ނިންމި ނިންމުމުގައި، ވ.ބުލޫނީޔާއާގޭ މޫސާ އިބްރާހީމްގެ މައްޗަށް ހުށަހެޅިފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހަޅާ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ވ.ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ ބަންދާމެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަންޖޭނެކަމަށް ކަނޑައަޅާފައިވާ ކަން ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައި މުހުލަތުގައި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހެޅި ނަމަވެސް، އެމައްސަލައިގައި ހިމެނޭ އެހެންފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތައް ހައިކޯޓުގެ ނިންމުންތަކާ އެއްގޮތަށް މުރާޖައާނުކޮށް ބޭއްވިގޮތަށް، ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ މުހުލަތު ފާއިތުވެ އެތައް ދުވަހެއް ދިޔައިރު ވ.ބުލޫނީޔާއާގޭ މޫސާ އިބްރާހީމްގެ މައްސަލައިގައިވެސް ޕީޖީ އޮފީހުގެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި، ގާޒީ އިބްރާހީމް އަލީ ގަސްތުގައި، ހައިކޯޓުގެ ހުކުމާ އެއްގޮތަށް އަމަލުނުކޮށް އެމައްސަލަ ލަސްކޮށްފައިވާކަން ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވުނު ކަމަށް ބަޔާނުގައިވެއެވެ.

ހައިކޯޓުގެ ހުކުމާ އެއްގޮތަށް ގާޒީ އިބްރާހީމް އަލީ އަމަލުނުކުރާތީ، ޕީޖީ އޮފީހުން ތަކުރާރުކޮށް ފޮނުވަމުން ދިޔަ ސިޓީތަކަށް އަޅާލުމެއްނެތި، އެމައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުން ގަސްތުގައި ދިގުދަންމާފައިކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

އަދި އެންމެ ފަހުން ގާޒީ އިބްރާހީމް އަލީ އެމައްސަލައިގައި އަޑުއެހުމެއް ބޭއްވީ ހައިކޯޓުން ފޮނުވި ސިޓީއަކާ ގުޅިގެން 10 ޖޫން 2019 ގައިކަންވެސް ފާހަގަކޮށްފައިވެއެވެ.

އަދި، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި، ގާޒީ އިބްރާހީމް އަލީގެ ބަސްމަގު ހުރިގޮތުން ދައުވާލިބޭ މީހުންނަށް ހިތްވަރު ލިބޭފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވޭކަމަށާއި، އެ މީހުން ބަންދުކުރަނީ ފަނޑިޔާރު ބޭނުންވެގެން ނޫންކަމާއި އަދި މަތީމަރުހަލާގެ ކޯޓަކުން އެގޮތަށް އަމުރުކޮށްފައިވާތީ މަޖުބޫރީ ހާލަތެއްގައިކަން ދޭހަވާފަދަ މޭރުމަކުން ހައިކޯޓުގެ ހުކުމުގެ ހުރުމަތަށް އަސަރުކުރާ ގޮތަށް ގާޒީ އިބްރާހީމް އަލީގެ ބަސްމަގު ބައްޓަންކޮށްފައިވާކަންވެސް ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން އެ މައްސަލައިގެ ބާވަތަށާއި، ހުށަހެޅިފައިވާ ހެއްކަށާއި ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، އެމައްސަލަ ބެލި ތަހުގީގު ކޮމިޓީގެ ހުށަހެޅުމާ އެއްގޮތަށް ގާޒީ އިބްރާހީމް އަލީ 60 ދުވަހަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށްވެސް ކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީގެ މައްޗަށް ޖޭއެސްސީން ތަހުގީގުކުރި މައްސަލައަކާ ގުޅިގެން ގާޒީ އިބްރާހީމް އަލީގެ މައްޗަށް ސާބިތުވި ކަންތައްތަކަކީ ގާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފަށް އޭނާ ކޮށްފައިވާ އަމަލުތަކެއްކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

އަދި ގާޒީ އިބްރާހީމް އަލީގެ އަމަލުތަކަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާފަދަ އަމަލުތަކެއްކަމަށް ވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، ގާޒީ އިބްރާހީމް އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް އެ ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: