އިދިކޮޅި ކޯލިޝަނުން ސަރުކާރާއި ދެކޮޅަށް އެންމެ އަޑުގަދަކޮށް ކުރިއަށް ގެންދާ ކެމްޕެއިނަކީ އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިނެވެ. އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރިއަށްދާ ކެމްޕެއިންގައި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވަމުން އަންނައިރު، މިކަމުގައި ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ނިޔަތެއްވާކަމަށްވެސް އެއްބަޔަކު ދެކެއެވެ.
ދާދިފަހުން އިންޑިއާ އައުޓް ކެމްޕެއިނާއި އައިސިސް ޖަމާއަތާއި ގުޅުވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަކީ ފާހަގަކޮށްލެވުނު ވާހަކަތަކެކެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕެއިންގައި ޓެރެރިސްޓު ޖަމާއަތެއް ކަަމަށްވާ އައިއެސްގެ ކަޅު ދިދަ ބޭނުންކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި އެދިދައިގަ މިހާރުވާ ލިޔުން އައިސިސް ދިދައިގެ ލިޔުމަށް ބަދަލު ކުރުމަށް ރޭވުމަކީ މިބާވަތުގެ މުއާމަލާތުގައި އާއްމު އުކުޅެއް ކަމަށް މާހިރުން ދެކޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
India aai dhekolhah hingaa harakaathuge dhidha akah ISIS ge kalhu dhidha beynun kurumakee kanboduvaa kameh.E dhidhaiga mihaaruvaa liyun, ISIS dhidhaige liyumah badhal kurumah reyvumakee mi baavathuge muaamalaathuga aanmu ukulheh kamah maahirun dhekey.Dhivehin visnavaathi!
— Mohamed Nasheed (@MohamedNasheed) October 9, 2020
ރައީސް ނަޝީދުގެ އިތުރަށްވެސް، ސަރުކާރަށް ތާއީދުކުރައްވާ ނުވަތަ އިންޑިއާ އައުޓް ކެމްޕެއިނާއި އިދިކޮޅު ފަރާތްތަކުންވެސް ވަނީ ކަޅު ދިދަ ބޭނުންކުރަމުންދާތީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން، މިއުޅެނީ މީހަކު މަރުވެގެންތޯ ސުވާލު އުފައްދައި އެފަދަ ބޮޑެތި ފާޑުކިޔުންތަކެއް އިންޑިއާ އައުޓް ކެމްޕެއިނަަށް ވަނީ ކޮށްފައެވެ.
އެއާއެކު ދެން މިއަދު ފެނިގެންދާ މަންޒަރަކީ، އިންޑިއާ އައުޓް ކެމްޕެއިންގައި ބޭނުންކުރަމުންދިޔަ ކަޅުކުލައިގެ ދިދަ ރީންދޫކުލަ އަށް ބަދަލުކޮށްލި މަންޒަރެވެ. ފަހަރުގައި މިއީ ރަސްމީކޮށް ބޭނުންކުރާނެ ދިދައަކަށް ނޫނީ ކުލައަށް ނުވެދާނެއެވެ. އެހެންނަމަވެސް، ގަބޫލުކުރެވޭ ގޮތުގައި މީގެ ބޭނުމަކީ، އިންޑިއާ އައުޓް ކެމްޕެއިނަކީ ޓެރަރިޒްމް ޖަމާއަތަކާއި ގުޅިފައިވާ ހަރަކާތެއް ނޫންކަން ދެއްކުމެވެ. ރީނދޫ ކުލަ ބޭނުންކުރުން މިހާތަނަށް އަދި އާންމުވެފައި ނެތަސް، ނުވަތަ އާންމު ގޮތެއްގައި ބޭނުންކުރަން ނުފެށިކަމުގައިވިޔަސް، މިއީ ރައީސް ނަޝީދަށް ދެއްވި ރައްދެއްގެ ގޮތުގައި ބެލެވެއެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައެެއް މީޑިޔާތަކުންވެސް ބައިވެރިވަމުން އަންނަކަން ފާހަގަކުރެވޭއިރު، ޑިފެންސް މިނިސްޓްރީއިން ބޭނުންވާ މައުލޫމާތު ނުލިބުމުގެ ސަބަބުން މިމައްސަލަ އިންފޮމޭޝަން ކޮމިޝަނަށްވެސް ހުށައަޅައި ޑިފެންސް މިނިސްޓްރީއާއެކު އަޑުއެހުމެއްވެސް ވަނީ ކުރިއަސް ގެންގޮސްފައެވެ. އެއަޑުއެހުމުގައިވެސް ޑިފެންސް މިނިސްޓްރީއިން ވަނީ އިންޑިއާ ސިފައިން ތިބި އަދަދާއި އެހެނިހެން މައުލޫމާތު ހާމަކޮށްފިނަމަ ދެގައުމުގެ ގުޅުމަށް ބުރޫ އަރައި، ގައުމުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ގަބޫލުކުރާ ކަމަށް ބުނެފައެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރަމުންދާ މަސައްކަތަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ކުރައްވަމުން ގެންދަވާ މަސައްކަތެއްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ފެންނަ މީހުންނަށް، ބުދު ފައްޅި ރާއްޖޭގައި އެޅުންވެސް އެންމެ ރަނގަޅުވާނެ ކަމަށް އިދިކޮޅުން ބުނެއެވެ. އެހެންނަމަވެސް، ކޮންމެ ކަމެއްގައި ދީން އައްޑަނައެއްގެ ގޮތުގައި ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.
އިންޑިއާ އައުޓް ކެމްޕެއިން ސޯޝަލް މީޑީޔާގައި ކުރިއަށްދާތާ ދުވަސްތަކެއް ވެފައިވާއިރު، މިކަމާއި ގުޅިގެން އެމްއެންޑީއެފްއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމުގައި ރާއްޖޭގައި ހަތިޔާރު އެޅި ސިފައިން ނެތް ކަމަށް އެމްއެންޑީއެފްއިން ބުނެފައިވާއިރު، އޭގެ ފަހުން މިހާރު އާ ތުހުމަތުތަކެއް އަންނަނީ ކުރެވެމުންނެވެ. އެހެންނަމަވެސް، ސަރުކާރުންނާއި ޑިފެންސް މިނިސްޓްރީއިން އަދި އެމްއެންޑީއެފްއިންވެސް މިކަމުގެ ދިފާއުގައި މާގިނަ ވާހަކަތަކެއް ދައްކާ މަންޒަރެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.