ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާއި ފަތުރުވެރިކަން: 20،000އަށްވުރެ ގިނަ މުވައްޒަފުން އެލަވަންސަށް އެދި ހުށައެޅި

ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިންތަކެއް --- ގޫގުލް އި ިމޭޖެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް 20،000އަށްވުރެ ގިނަ މީހުން އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށައަޅާފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ތަސައްވުރަށް އަލިއަޅުވާލައި ފާހަގަކޮށްފައިވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށެވެ. ޚާއްސަކޮށް އަހަރުގެ ބޮޑު ބައެއްގައި ފަތުރުވެރިކަމުގެ ދާއިރާ ހުއްޓިފައި އޮތުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ބައެއްގެ ވަޒީފާގެއްލި، އާމްދަނީއަށް އަސަރުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޔޫއެންޑީޕީ ގުޅިގެން ހެދި އެސެސްމަންޓަކުން ދައްކާގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ރިޒޯޓުތަކުގައި މަސައްކަތްކުރާ 45،000 މުވައްޒަފުންގެ ވަޒީފާއަށް ކޮވިޑް-19ގެ ސަބަބުން ވަނީ އަސަރުކޮށްފައެވެ. މީގެ ތެރެއިން 22،000 މުވައްޒަފުންނަކީ ދިވެހިންކަމަށް އެސެސްމަންޓުން ދައްކައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އިންކަމް ސަޕޯޓް އެލަވަންސަށް ޖުލައި މަހު 6،674 މީހުން، އޮގަސްޓް މަހު 7،444 މީހުން އަދި ސެޕްޓެމްބަރު މަހު 6،486 މީހުން ހުށައަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ބަޖެޓުގައިވާ ބައެއް އިތުރު މައުލޫމާތުތަކަށް ބަލައިލާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާއާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި މަސައްކަތްކުރާ މީހުންގެ އިތުރުން ފްރީލާންސަރުންގެ އާމްދަނީއަށްވެސް ވަނީ އަސަރުކޮށްފައެވެ. އެގޮތުން އަމިއްލަ މަސައްކަތަށާއި ވިޔަފާރިތަކަށް އަސަރުކޮސްފައިވުމުގެ ސަބަބުން އޭޕްރިލް މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 77،332 އެޕްލިކޭޝަން ލިބިފައިވާއިރު، އޮކްޓޫބަރު 22ގެ ނިޔަލަށް 10،538 މީހަކު ހުށައަޅާފައިވާއިރު އެލަވަންސްގެ ގޮތުގައި އެހާތަނަށް ޖުމްލަ 116.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އާބާދީގެ 20 އިންސައްތަ މަސައްކަތްކުރަނީ ނުރަސްމީ ދާއިރާގައެވެ. މިދާއިރާއަކީ މަސައްކަތްތެރިންނާ ގުޅުންހުރި ގާނުނުތައް ތަންފީޒުކުރުން ދަތި ދާއިރާތަކެއްކަން ފާހަގަކޮށް، މިފަދަ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް ވަކިން އުނދަގުތަކާއި ކުރިމަތިލާންޖެހުނުކަން ވަނީ ފާހަގަކޮށްފައެވެ.

އިންކަމް ސަޕޯޓު އެލަވަންސަށް “އެހެނިހެން ދާއިރާތަކުން” ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4000އަށްވުރެ ގިނަ މީހުން ހުށައަޅާފައިވާކަމަށް ވަނީ ބަޔާންކޮށްފައެވެ. މީގެ ތެރޭގައި އާންމު އިޖްތިމާއީ ހާލަތުގެ މައްޗަށް ބިނާވެފައި އޮންނަ، ފަންވިނުމާއި، ރޯނު ވެށުމާއި، ފެހުމާއި، ހެދިކާ ހެދުންފަދަ މަސައްކަތްތައް ހިމެނެއެވެ.

ޖުމްލަ ތަފާސްހިސާބުތަކަށް ބަލާއިރު، އިންކަމް ސަޕޯޓް އެލަވަންސަށް އެދި ޖުލައި މަހު 18،436 މީހުން، އޮގަސްޓް މަހު 22،392 އަދި ސެޕްޓެމްބަރު މަހު 18،637 މީހުން ވަނީ ހުށައަޅާފައެވެ. ޖުމްލަ 59،465 މީހުން އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށައަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: