ގޮންޖެހުންތައް އޮތް ނަމަވެސް މަސައްކަތް ކުރަމުން ދަނީ އަންނަ އަހަރުގެ ތެރޭގައި މިނިމަމް ވޭޖު ކަނޑައެޅުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
މިނިމަމް ވޭޖު ބޯޑުގެ މަސައްކަތްތަކާއި އެކު މިދިޔަ ޖޫން މަހުގެ ތެރޭގައި އެކުލަވާލި ރިޕޯޓުގައި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400 އާއި 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ލަފާދީފައިވެ އެވެ. އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާއި ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި “މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު” ގެ ނަމުގައި ބޯޑެއް އުފެއްދުމާއި، ބޯޑުގެ މަސްއޫލިއްޔަތުތައް ހިމެނޭހެން ވަޒީފާއާއި ބެހޭ ގާނޫނު ވަނީ އިސްލާހުކޮށްފައެވެ.
“ސަންގު ޓީވީ” އިން ކުރިޔަށް ގެންދިޔަ ހާއްސަ ކަވަރޭޖެއްގެ ތެރެއިން މިނިވަމް ވޭޖު ކަނޑައެޅުމާއި ގުޅޭގޮތުން ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ މިނިވަން ވޭޖު ބޯޑުން ވަކި އަދަދުތަކެއް ނުވަތަ ބްރެކެޓްތައް ހުށަހެޅި ކަމަށެވެ. އަދި މިނިސްޓްރީގެ ހިޔާލާއި އެކު އެ މަޖިލީހާއި ހިއްސާ ކުރެވިގެން ދިޔަ ކަމަށެވެ. ފައްޔާޒް ވިދާޅުވީ މަޖިލީހުން ވަޒީފާއާއި ބެހޭ ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނޭނީ އެކި ދާއިރާތަކަށް އެކި މިނިމަން ވޭޖު ކަނޑައެޅުމަށް ކަމަށެވެ.
އާ ބޯޑެއް އެކުލަވާލެވި މަސައްކަތްތައް ކުރިޔަށްދާއިރު، ކުރިން ކުރަން ޖެހުނު މަސައްކަތްތައް ކުރަން ނުޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިހާރު އޮތީ ވަކި ދާއިރާތަކަށް މިނިމަން ވޭޖު ކަނޑައެޅުން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. ވަކި މުއްދަތެއްގެ ތެރޭގައި މިނިމަމް ވޭޖު ކަނޑައަޅަންޖެހޭނެ ކަމަށް ބުނެފައިވާއިރު، އެއާއި އެއްގޮތަށް އަމަލު ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ގައުމުތަކާއި އެކު ރާއްޖެއަށް ވެސް ދިމާވި ކޮވިޑުގެ ހާލަތާއި އެކު، ގިނަ ގޮންޖެހުންތައް އައިކަން ފައްޔާޒް ފާހަގަ ކުރެއްވިއެވެ. މި މުއްދަތުގެ ތެރޭގައި ގިނަ އަދަދެއްގެ ވަޒީފާތައް ގެއްލި، އެކި ގޮތްގޮތުން އަދާކުރާ ވަޒީފާތަކަށް އަސަރުކޮށްފައިވާއިރު މިނިމަމް ވޭޖު ކަނޑައެޅުމުން އަލުން އެ ވަޒީފާތައް އުފެދުމުގައި ހުރަސްތަކެއް ހުންނާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.
“ހަގީގަތަކީ ވަރަށް ދެރަކޮށް މި ދިމާވީ. އަސްލު މިނިމަމް ވޭޖެއް ކަނޑައަޅަން އެންމެ ލާއިގު ވަގުތެއް ނޫން. އެއީ އަޅުގަނޑުމެން މިނިމަމް ވޭޖެއް ކަނޑައަޅާ އިރެއްގައި ކޮންމެވެސް ވަރަކަށް ވަޒީފާ އުފެދުމަށް ކޮންމެވެސް ވަރެއްގެ ހުރަހަކަށް ވުމަކީ އެކަށީގެންވާ ކަމެއް. އެއީ ވެރިޔަފާރިތަކަށް…. މި ދެންނެވީ އެއަށް ވުރެ ކުޑަކޮށް ވިޔަފާރިއެއް ކްރިއޭޓު ކުރަން ބޭނުންވާ ވިޔަފާރިއަކަށް އެކަން ނުވާނެތާ އޭރަކުންނެއް.” ފައްޔާޒް
ކޮވިޑުގެ ސަބަބުން އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް އައި ނަމަވެސް އަންނަ އަހަރަށް އޮތް އުންމީދު ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ކަމުން އެންމެ ބޮޑު މަސައްކަތަކަށް ވާނީ އަންނަ އަހަރުގެ ތެރޭގައި މިނިމަން ވޭޖު ކަނޑައެޅުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ މިފަދަ ސިޔާސަތެއް ތަންފީޒު ކުރާއިރު އޭގެ ތެރެއިން ޝަކުވާތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކަށް އެ ދާއިރާއަކުން ކަނޑައަޅާ އަދަދު ގޯސްވެދާނެ ކަމަށާއި، އަދި ބައެއް ހާލަތްތަކުގައި ވިޔަފާރިތަކަށް އެ އަދަދު ގޯސް ވެދާނެ ކަމަށެވެ.
” ކޮވިޑު މިހެން އޮތް ނަމަވެސް އަޅުގަނޑުމެންނަށް މި އަންނަ އަހަރާއި ދޭތެރޭ އުންމީދު އެބައޮތް. އެހެންވީމަ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި މިނިމަމް ވޭޖު ކަނޑައެޅިގެން ދާނެ. ދެން އޭގެ ވަރަށް ބޮޑަށް ފާޑުކިއުން އަންނާނެ. އެއްވެސް ބަޔަކަށް އެ އަދަދު ކަމަކު ނުދާނެ، އެ ދޭންޖެހޭ ވިޔަފާރިތަކަށް އެ އަދަދު ކަމަކު ނުދާނެ، އެ ލިބޭ ފަރާތަކަށް ވެސް އެ ކަމަކު ނުދާނެ.” ފައްޔާޒް
މިނިމަމް ވޭޖު ކަނޑައަޅަން ހިމަނާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ މަސްވެރިކަމާއި ދަނޑުވެރި ކަމުގެ ދާއިރާ އާއި ފަތުރުވެރިކަމުގެ ދާއިރާ، ކޮންސްޓްރަކްޝަން ދާއިރާ އަދި ދަތުރުފަތުރުގެ ދާއިރާގެ އިތުރުން، ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި ކުދި، މެދުފަންތީގެ ސިނާއަތުގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ އަދި މެރިޓައިމްގެ ދާއިރާއެވެ.
މިނިމަމް ވޭޖު ކަނޑައަޅަން ލަފާދޭނީ އެކަމަށް ކަނޑައަޅާފައިވާ ބޯޑުންނެވެ. އަދި އެ ލަފާދޭތާ 30 ދުވަހުގެ މުއްދަތެއްގެ ތެރޭ މިނިމަމް ވޭޖު ކަނޑައަޅާ އިކޮނޮމިކް މިނިސްޓަރު އެކަން އިއުލާނު ކުރަންވާނެ އެވެ.
3 Responses
މޫމިނެއްގެ ގައިގަ އެއްހޮރަކުން ދެފަހަރުކަށްޓެއްނުޖެހޭނެ
މުސާރައިގެ ގޮތުގަ 100ރ ދީގެން ވެސް އެކުރަނީވިޔަފާރިތޯ
އަށްގަޑީރު މަސައްކަތް ކުރީމަ 6000ރ ނުދެވެންޔާ އެއީވިޔަފާރި އެއްނޫން
މީހަކު ބޭނުންވެދާނެ 1ރ މުސާރައިގެ ދީގެން ވެސް ތިބުނާކަހަލަ ކުޑަވިޔަފަރިޔެއްކުރަން
އެންމެ އަސާސީ ކަންކަން ނުފުއްދޭ ވަރުގެ މުސާރައެއްނުދެވެންޔާ މީހުންލައްވާ ވާ
ފޯނުބިލަށް 300
ގޭބަޖެޓަށް 1000
ދަރިޔަށް 3000
އަނބިމީހާއަށް 2000
6000ރ އިންވެސް މިއޮންނަނީ ދެކޮޅުނުޖެހިފަ