އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު މިރޭ ފޮނުއްވި މެސެޖެއްގައި ވަނީ އަލީ ވަހީދުގެ މައްޗަށް ވަރަށް ބޮޑެތި ދައުވާތަކެއް ކުރާތީ ނުރުހުން ފާޅުކުރައްވާ އެކި މީހުންނާ މެދު އެކި ގޮތަށް އަމަލުކުރާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގައި އެކި މީހުންގެ މައްޗަށް ދައުވާ ކުރުމުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ މިސާލެއްގެ ގޮތުން ރައީސް ނަޝީދު ވިދާޅުވީ “ގދ.ތިނަދޫގައި ޖިންސީ ގޯނާކޮށް، އަންހެނަކު މަރާލި މީހެއްގެ މައްޗަށް ކުރީ ދެ ދައުވާ” ކަމަށެވެ. އެފަދަ ކުށްތަކަށް އަރައިގެންފައިވާ ކިތަންމެ ބަޔަކަށް އެއްވެސް ދައުވާއެއް ނުކޮށް ދޫކޮށްލާފައި އެބަހުރި ކަމަށް ވެސް ނަޝީދު މިރޭ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތު ކުރެވޭ މައްސަލާގައި 7 ދައުވާ އެއްކޮށް ޕީޖީން ވަނީ އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އަލީ ވަހީދުގެ މައްޗަށް 21 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.