ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަމުގެ ބައެއް މައްސަލަތަކުގައި ދައުވާކުރަން ޕީޖީ ފަސްޖެހިވަޑައިގަންނަވާ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވައްކަމުގެ ބައެއް މައްސަލަތަކުގައި ދައުވާކުރަން ފޮނުވުމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ފަސްޖެހިވަަޑައިގަންނަވާކަމަށް މަޖިލީހުގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ހެލްތު މިނސިްޓަރ އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް އޮޅުވާލިކަމަށް ތުހުމަތުކުރެވޭތީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒއިާ ސުލޫކު ކޮމެޓީއިން އެމައްސަލަ ބަލައި ނިންމިގޮތުގެ ކޮމެޓީ ރިޕޯޓަށް ބަހުސްކުރުމުގެ މަރުހަލާ ނިމުމާއެކު ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް އަމީން އޮޅުވާލިކަމަށް މަޖިލީހުން ނިންމުމުން، ދެން އިތުރަށް އެމައްސަލަ ނުބެލެންވީ ސަބަބެއް ނެތްކަމަށެވެ. މަޖިލީހުން މިގޮތަށް ނިންމުމުން، އޭގައި ދެން ދައްކަންޖެހޭ އިތުރު ވާހަކައެއް ނުވަތަ ދައްކާނެ އިތުރު ބަހަނާއެއް ނެތްކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބައެއް ވައްކަމުގެ މައްސަލަތަކުގައި ދައުވާކުރަން ފޮނުވުމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ފަސްޖެހިވަޑައިގަންނަވާކަމަށެވެ. އެހެންނަމަވެސް، މިކަމުގައި ޕީޖީއަށް ފަސްޖެހިވަޑައިގެންނެވެން ނެތްކަމަށް ވިދާޅުވިއެވެ.

ކުރީގެ ހެލްތް މިނިސްޓަރ އަމީންގެ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމެޓީއަށް ފޮނުވީ އޭޕްރީލް 2020 ގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޚައިތަމް، އަމީނަށް ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވެފައިވާ އެއްޗަކާއި އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކުރި ކޮމަޕްލަޔަންސް ރިޕޯޓާއި ފުށޫއެރުންތަކެއް ހުރުމާއި ގުޅިގެންނެވެ.

ކޮމެޓި ރިޕޯޓުގައި ވަނީ، މިނިސްޓަރު އަމީން ކޮމިޓީއަށް ހާޒިރުވެ ދެއްވި މައުލޫމާތައް ބަލާއިރު ވެންޓިލޭޓަރުތައް ހޯދުމުގައި ޑަބްލިޔު.އެޗް.އޯއާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ރަސްމީކޮށް މުއާމަލާތުކުރެވުނުކަން ފާހަގަކުރައްވައި، އެމުއާމަލާތްކުރިކަމުގެ ހެއްކެއްގެ ގޮތުން މިނިސްޓަރު ކޮމިޓީއަށް ހުށަހެޅުއްވި އީމެއިލްގެ ކޮޕީ ކޮމިޓީން ބެލި ބެލުމުން، އެއީމެއިލްއިން މުޢާމަލާތްކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތްގެ މުވައްޒަފަކާކަން ނުވަތަ މިނިސްޓްރީއާ ގުޅުންހުރި ފަރާތަކާކަން އެ ލިޔުމުން އެނގެންނެތްކަމަށެވެ. އަދި އެދެފަރާތުގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތުގެ ރަސްމީ އެއްވެސް ލިޔުމެއްވާނަމަ، އެ ލިޔުމެއް ކޮމިޓީއަށް ހުށަހެޅުމަށް ފުރުސަތު ދީފައިވީނަމަވެސް، ރަސްމީ ލިޔުމެއް އެ މިނިސްޓްރީން ކޮމިޓީއަށް ހުށަހަޅާފައި ނުވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމިކަމުގައިވިޔަސް، މަޖިލީހަށް އޮޅުވާލި މައްސަލަ ބެލެންވާނެކަމަށް މަޖިލީހުގެ މެމްބަރުން ވިދާޅުވެފައިވެއެވެ. އަދި އެއީ އެއްވެސް ކަމަކުން ބަރީއަ ވެވޭނެ ސަބަބެއް ނޫންކަމަށްވެސް ވިދާޅުވެފައިވެއެވެ.

ވެންޓިލޭޓަރުތައް ގެންނަނީ އާންމު އުސޫލުތަކާއި ޚިލާފަށް ކަމަށާއި ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށް ބުނާ މައްސަލަ އޭސީސީގެ އަމިއްލަ އިސްނެގުމުގެ މަތިން ތަހުގީގުކޮށް ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ 14 އޮކްޓޫބަރު 2020ގައެވެ. އެހެންނަމަވެސް، ޕީޖީ އޮފީހުން އެމައްސަލަ އަނބުރާ ވަނީ އޭސީސީއަށް ފޮނުވާލާފައެވެ. މިކަމާއި ގުޅިގެން ޕީޖީ އޮފީހަށް، ޚާއްސަކޮށް ޕީޖީ ހުސެއިން ޝަމީމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެންދިޔައެވެ.

މިމައްސަލާގައި ޕީޖީ ޝަމީމް ވިދާޅުވީ، މިނިސްޓަރު އަބްދުﷲ އަމީނާއި އެ މައްސަލައިގައި ދެން ތުހުމަތުކުރި 11 މީހުންގެ ތެރެއިންވެސް އިތުރު މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެގޮތުން، މައްސަލައިގެ ރިޕޯޓު އަނބުރާ އޭސީސީއަށް ފޮނުވާލީ، ޖިނާއީ ދައުވާއެއް އުފުލައި ސާބިތުކުރެވޭނެ ވަރުގެ ހެއްކާއި ގަރީނާ ނެތް ކަަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: