ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޝްވަތުގެ ތުހުމަތުގައި ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު ރަނގަޅު: ހައި ކޯޓު

ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދައިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ދެ އަހަރު ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ އޭރުގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

މިއީ 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ފެބްރުއަރީ އެކެއްގެ އަމުރާއި އެކު އައި މައްސަލައެކެވެ. ރިޝްވަތު ދިނުމުގެ ތުހުމަތުގައި ފާރިސް އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި އޭރު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓު ހަމަކުރުމުގެ ގޮތުން ރިޝްވަތު ދީފައިވާ ކަމަށް ބުނެއެވެ.

އެ ތުހުމަތުގައި ގިނަ މަސްތަކެއް ވަން ދެން ފާރިސް ބަންދުގައި ހަ މަސް ދުވަހު ބެހެއްޓުމަށްފަހު، ދޫކޮށްލިއެވެ. އޭގެ ފަހުން އަނެއްކާވެސް ފާރިސް ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ އެކެއްގެ އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު (އެސްއޯސީ) އިއުލާނުކޮށް އޭގެ ދަށުންނެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އުވާލުމުގެ ދެ ދުވަސް ކުރިން، ފާރިސްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ.

މި މައްސަލަ ފާރިސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މައްސަލައިގައި ނެރުނު ހުކުމުގައި ބުނެފައިވަނީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރޭގައި ހިމެނެނީ އަމުރުތައް ނެރުމާއި ބެހޭ ގަވައިދެއް ނެތުމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެ އަމުރު ނެރެފައިވަނީ ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ކަމަށެވެ.

ފާރިސްގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވަނީ މައިގަނޑު ހަތް ނުކުތާއެކެވެ. އޭގެ ތެރޭގައި ދައުލަތުން އޭނާއާއި ދެކޮޅަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވުމާއި، ފާރިސްގެ މައްޗަށް ކުރި ތުހުމަތުތަކަށް ބިނާކޮށް ހައްޔަރުގެ އަމުރު ނެރުމުގައި އެކަށިގެންވާ ގޮތެއްގައި ލިޔުންތައް ވަޒަން ކުރެވިފައި ނުވާ ކަމަށް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އެ އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 204 ވަނަ މާއްދާއާއި ހިލާފަށް ކަމަށް ފާރިސް ބުނެފައި ވެއެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އިޖުރާއީ ގޮތްތަކުން ހުންނަ ކޮންމެ އުނިކަމަކީ އެއީ އޭގެ ސަބަބުން ކޯޓުން ނެރޭ އެ އަމުރުގެ ސައްހަކަން ގެއްލޭ ސަބަބެއް ނޫން ކަމަށެވެ. އަދި އިޖުރާއަތްތަކާއި ހިލާފުވުމުން ނިކުންނަ ނަތީޖާ ބިނާވެގެންދާ ސަބަބުތަކެއް ހުންނާނެ ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 204 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގައި ގަވައިދު ހެދުމަށް ލާޒިމްކޮށްފައިވާ ކަންތަކަކީ އެއީ ކޯޓުގެ އިދާރީ އިންތިޒާމުތަކާއި ގުޅޭ ކަންތަކެއް ކަމަށެވެ. އެހެން ކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމް ކުރާ ސަބަބެއް ނެތީސް، އެއީ ގަވައިދު ނެތު ނެރުނު އަމުރެއްކަމަށް ކަނޑައަޅައި އެ އަމުރު ބާތިލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

ފާރިސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ހައްޔަރު އަމުރު ނެރުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 202 ގެ (ރ) އާއި ހިލާފުވެފައިވާ ކަމަށް ބުނެފައި ވެއެވެ. އިތުބާރު ނެތްކަމުގެ މައްސަލަތަކެއް މަޖިލީހުގައި ކުރިޔަށް ދާއިރު، ނުވަތަ ހިނގަމުން ދަނިކޮށް މަޖިލީހުގެ މެމްބަރެއް ހައްޔަރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާން ކުރާކަމަށް ފާރިސްގެ ފަރާތުން ހުށަހެޅި ނަމަވެސް، އޭނާ ހައްޔަރު ކުރީ އެފަދަ މައްސަލައެއް ހިނގަމުން ދިޔަ ދުވަސްވަރެއްގައިކަން ފާރިސްގެ ފަރާތުން ބުނެދެވިފައި ނުވާކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

ހުކުމުގައި ބުނެފައިވަނީ މަޖިލީހުގެ ގަވައިދުގައި އެގޮތަށް ބަޔާންކޮށްފައި ވުމަކީ އެއީ، ހައްޔަރު އަމުރު ނެރުމަށް އޮތް ހުރަހެއް ނޫން ކަމަށެވެ. އަދި އެ މާއްދާގެ ސަބަބުން އަސަރު ކުރިޔަސް ކުރަންވާނީ އެ އަމުރު ތަންފީޒު ކުރުމާއި އޭގެ ނަތީޖާއަށް ކަމަށެވެ.

ފާރިސްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ ތެރޭގައި އަމުރު ނެރުމަށްޓަކައި، ހެކި ގަރީނާ ހުށަހެޅި އެ ހެކި ގަރީނާ ވަޒަންކުރެވިފައިވާ ގޮތުގެ މައްޗަށް ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެކަމަށް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ފާރިސްގެ ހައްޔަރު އަމުރަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން އޭރު އެދުނީ ސިއްރު ހެކިވެރިއެއްގެ ބަޔާނާއި އެކު ކަމަށެވެ. އަދި އެ ބަޔާނާއި، ސިޓީ އަދި އަދި ހައިކޯޓަށް ލިބިފައިވާ ލިޔެކިއުންތަކަށް ބަލާއިރު، ފާރިސްގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށެވެ.

މި ނުކުތާތަށް ފާހަގަކޮށް ހައިކޯޓުގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ފާރިސް ހައްޔަރު ކުރުމަށް ނެރުނު އަމުރަށް ބަދަލު ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ. އަދި ރިޔާސަތު ބަލަހައްޓަވާފައިވަނީ ފަނޑިޔާރު ފަރުހީޒާ އެވެ.

ހައިކޯޓުގައި ފާރިސްގެ ފަރާތުން އިސްތިއުނާފު ކުރި އިތުރު މައްސަލައެއް ވެސް އެބައޮތެވެ. އެއީ 2017 ވަނަ އަހަރު ހައްޔަރު ކުރި މައްސަލައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިމި، ހުކުމް ކުރުމުގެ މަރުހަލާއަށް ވަނީ އާދެވިފައެވެ.

ފެބްރުއަރީ އެކެއްގެ އަމުރާއި އެކު ފާރިސްއަށް ބޮޑެތި ތުހުމަތުތަކެއް ކުރިއެވެ. އަދި އެ މައްސަލައާއި އެކު ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ޖަލު ބަންދުގައި ބެހެއްޓިއެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ހުއްދަ ނެތި ބޭނުން ކުރި ކަމަށް ބުނެ، ޝަހުސު އޮޅުވާލުމުގެ ކޫށުގައި ފާރިސްއަށް ހަތަރު މަހުގެ ހުކުމެއް އިއްވިއެވެ. ނަމަވެސް އެ ހުކުމް ވެސް ވަނީ ފަހުން ބާތިލުކޮށްފައެވެ. އަދި ފާރިސް އާއި އެކު ހައްޔަރު ކުރި ގިނަ ބޭފުޅުން މިނިވަންވެފައި ވަނީ 2018 ގެ ރިޔާސީ އިންތިހާބަށް ފަހުއެވެ.

ވަރަށް ގަދަ
69%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 15%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: