ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަފާރީ ރޭޕް ކޭސްގައި ދައުވާ ކުރާ މީހުންގެ ނަންތައް ހާމަނުކުރަނީ ކީއްވެތޯ ހައިލަމްގެ ސުވާލެއް!

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި ދައުވާކުރުމަށް ފޮނުވި މީހުންގެ ނަންތައް ހާމަނުކުރަނީ ކީއްވެތޯ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ސުވާލު އުފައްދަވައިފިއެވެ.

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ހުޅުމާލެ ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ރޭޕްކުރި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހަށް އަލުން ފޮނުވާފައިވާކަން މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ ސަންގު ޓީވީއަށް ކަށަވަރު ކޮށްދީފައެވެ. އަދި މިމައްސަލައިގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެކަން ޕަބްލިކް ޕްރޮސެކިޔުޓަރވެސް ވަނީ ސަންގު ޓީވީއަށް ކަށަވަރުކޮށްދީފައެވެ.

މިމައްސަލައިގައި ތިން މީހަކަށް ދައުވާކުރުމަށް ފޮނުވާފާވާއިރު، ފުލުހުންވެސް އަދި ޕީޖީއިންވެސް މިމީހުންގެ މައުލޫމާތު މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ. މިކަމާއި ގުޅިގެން ހައިލަމް ވަނީ އަދިވެސް މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ނަންތައް ހާމަނުކުރަނީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ. އަދި ނަންތައް ހާމަނުކުރަނީ ކޮން އުސޫލަކުންތޯ ސުވާލު އުފައްދަވައި މިނަންތައް ހާމަކުރުމަކީ އިންސާނީ ހައްގުތަކަށާއި ގައުމީސަލާމަތަށް ހުރި ނުރައްކަލެއްތޯ ވަނީ ސުވާލުކުރައްވާފައެވެ.

މިމައްސަލައިގައި ތުހުމަތުކުރެވެނީ ސިޔާސީގޮތުން ނުފޫޒުގަދަ ބަޔަކަށްކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިޔާގައިވެސްް ވަނީ މައްސަލައިގައި ޝާމިލުވާކަމަށް ބުނާ ދެމީހެއްގެ ފޮޓޯ ދައުރުކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ނޫސްވެރިންވެސް ތަކުރާރުކޮށް ފުލުހުންނާއި ސުވާލުކުރުމުންވެސް މިކަމަށް އެކަށީގެންވާ ޖަވާބެއް ދީފައެއްނުވެއެވެ.

މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ސަފާރީއެއްގައި 27 އަހަރުގެ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައާއި ގުޅިގެން ގިނަ ވާހަކަތަކެއް އެމައްސަލައާއި ގުޅިގެން އަންނަނީ ދެކެވެމުންނެވެ. އެގޮތުން މައްސަލާގައި، ސީންއިން ހައްޔަރުކުރި 29 އަހަރުގެ ދެފިރިހެނުން އޭގެ އިރުކޮޅެއް ފަހުން ދޫކޮށްލީ “މަތިން” އައި ފޯންކޯލެއްގެ ސަބަބުންކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. އެހެންކަމުން، މިމައްސަލައިގެ އަޑީގައި ނުފޫޒުގަދަ ބައެއްގެ އަތެއްވާކަމަށް ތުހުމަތުކޮށް ވަނީ ވާހަކަތައް ދެކެވިފައެވެ.

މިކަމާއި ގުޅޭގޮތުން މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ފުލުހުންގެ އިސްވެރިން ހާޒިރުކުރުމުން، ފުލުހުން ވިދާޅުވީ ރޭޕް ކޭސްގައި ކުށުގެ ވެށިން ހައްޔަރުކުރި މީހުން ދޫކޮށްލީ ފޯންކޯލްއެއްވިޔަސް، އަދި އެހެން ގޮތަކުން ވިޔަސް ނުފޫޒެއް އައިސްގެންނޫންކަމަށެވެ. އެމީހުންގެ ބަޔާން ނަގައި، ދޫކޮށްލުމުގެ ކަންކަމާއި ވިކްޓިމް ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ކުރިއަށްދިޔައީ އެވަގުތު ކްރައިމް ސީންއަށް އެޓެންޑްވި ފުލުހުންނަށް ލިބިފައިވާ ތަމްރީނާއި ތަޖްރިބާގެ އަލީގައި އޮފިސަރުންނަށް ފެންނަ ގޮތަށް ކަމަށެެވެ. އަދި މިހާދިސާއާ ގުޅިގެން އެއްވެސް ސްޓޭޝަނަަކަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވާފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައްސަލައިގެ އިތުރު ތަފްސީލް ހާމަކުރައްވަމުން ފުލުހުން ވިދާޅުވީ، މައްސަލަ ފާހަގަކުރެވުނީ ފުލުހުން އެވަގުތު ޕެޓްރޯލް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެސަރަހައްދުން ފެނުނު މީހުންނާއި އެވަގުތު ސުވާލުކުރި ކަމަށާއި އެއަންހެން މީހާ އެވަގުތު ބުނީ ރަހްމަތްތެރިއެއްގެ ދައުވަތަކަށް ޕާޓީއަކަށް އައީ ކަމަށާއި އަދި އެއިން މީހެއް އަތުގައި އަންހެންމީހާގެ ފޯނު އޮތް ކަމަށެވެ. އެހެންނަމަވެސް ކްރައިމް ސީންއިން ފާހަގަވިކަންކަމަށް ބަލައި، ޕޮލިސް ރިކޯޑަށް މައްސަލަ ހުށައެޅުނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ފުލުހުން އެވަގުތު އަމަލުކުރީ އިޖުރާއަތްތަކާއި އެއްގޮތަށް ކަމަށްވެސް ކޮމިޓީގައި ވާހަކަދެއްކެވި ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އަންހެން މީހާގެ އަތުގައި އެވަގުތު އެއްވެސް ޑޮކިޔުމަންޓެއް ނެތް ކަމަށާއި އެހެންކަމުން ޑޮކްޓަރަށް ދެއްކުމުގެ ކުރިން މާލެ އައިސް ބައެއް ޑޮކިޔުމަންޓްތައް ނަގަން ޖެހުނު ކަމަށެވެ. އަދި ވިކްޓިމް ޑޮކްޓަރަށް ދައްކަން އުޒުރުވެރިވިކަމަށްވެސް ފުލުހުން ބުންޏެވެ. އެހެންނަމަވެސް ވިކްޓިމް ޑޮކްޓަރަށް ދައްކައި މެޑިކަލް ރިޕޯޓްވެސް މިހާރު އެބައޮތް ކަމަށް ފުލުހުން އޭރު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް، ވިކްޓިމްގެ ވަކީލުން ވިދާޅުވެފައިވަނީ ސަފާރީ ކޭސް މައްސަލައިގައި، އަދުލުވެރިކަމާއި އަވަސް ކަމާއެކު މައްސަލަ ތަހުގީގުކޮށް ނިންމުމަށް ވިކްޓިމްއަށް ލިބިފައިވާ ހައްގަށް އުނިކަން ލިބޭގޮތަށް، އެ މައްސަލައިގެ ކުށުގެ ވެށިން އަނިޔާ ލިބޭ ފަރާތާ ބައްދަލުވި ހިނދުން ފެށިގެން ފުލުހުން އަމަލުކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގެ ހެކި ހޯދުމަށް ފުލުހުން އިހުމާލުވެފައިވާކަމުގެ ތުހުމަތުކުރަމުންދާއިރު، ވިކްޓިމްގެ ގާނޫނީ ވަކީލުންނާއިމެދު އަމަލުކުރަމުންދަނީ ކުށްވެރިންތަކެއްގެ އުސޫލުންކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ.

މައްސަލަ ހިނގިތާ ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސްފަހުން، ވިކްޓިމް ދިން ބަޔާނަށް އުނިއިތުރު ގެންނަމުންދާތަން ފެންނަކަމަށް ބުނާ ވީޑިޔޯއެއްވެސްވަނީ ދައުރުވެފައެވެ. ވިކްޓިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލެއްކަމަށްވާ ޝަފީއާ ރިޒާ ވިދާޅުވީ ވީޑިޔޯއިން ފެނިގެންދަނީ ވީޑިޔޯއިން ފެނިގެންދަނީ މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު ވިކްޓިމް ދީފައިވާ ސްޓޭޓްމަންޓް ބަދަލުކުރަމުންދާ މަންޒަރުކަމަށެވެ. އަދި މިކަމުންވެސް، މިމައްސަލައާމެދު ފުލުހުންގެ ނިޔަތް ވަރަށް ސާފުކޮށް ހާމަވާކަމަށް ވިދާޅުވެފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ސަފާރީގައި ހިނގައިދިޔައީ ރޭޕްގެ އަމަލެއް ނޫންކަމަށެވެ. އަދި ސަފާރީގައި ހިނގައިދިޔައީ އެއަށްވުރެ ކުޑަ އަމަލެއް ކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: