ގއ.މާމެންދޫގައި ރޭ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި މަރުވި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓެމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޯސްޓްމޯޓެމް ހެދުމަށް އުދައްޔުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
އުދައްޔުގެ މަރާއި ގުޅިގެން ފުލުހުން މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.
އެ މަރާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްގަކާ ނުލައި ފުރާނައެއް ނަގާލުމަކީ ބޮޑުވެގެންވާ ފާފައެއް އަދި ކުށެއް ކަމަށެވެ. ރާއްޖޭގެ ފަސްގަނޑުގައި މިފަދަ ޖަރީމާތައް ހިންގުމަކީ ސަރުކާރުން ތަހަންމަލު ކުރާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.