ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދާއި އެކު ޖާމިނުވި، އަޑުބަރޭއަށް ފިޔަވަޅު އަޅައިދޭން އެދި ޕީޖީ ކޯޓަށް!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެކު، ޔޫތް މިނިސްޓްރީގެ ސްޓޭޓް އައްސަދު އަލީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވަނިކޮށް، ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދިން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް، ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅުއަޅައިދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް، ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.

ރޭޕް ކުރަން އުޅުމުގެ ކުށް ހިމެނޭހެން ހަތް ދައުވާއެއް ފުފުލާފައިވާ އަލީ ވަހީދު ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި މަގާމުން ވަކި ކުރީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. ޝަރީއަތް ފަށާފައިވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީ ޕާސްޕޯޓު ދޫކޮށްލި މައްސަލަ އޭނާގެ ޣައިރު ހާޒިރުގައި ކުރިޔަށް ނުގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ކަނޑައަޅާފަ އެވެ.

އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރުމަކީ ކުށެއް ކުރި ކަމުގެ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިދީފައިވާ އަސާސީ ހައްގެއްކަމަށް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) ބަޔާންކޮށްފައި ވެއެވެ.

ރާއްޖެއިން ކުރެވެން ނެތް ބޭސްފަރުވާއަކަށް، ބޭރަށް ދިއުމުގެ ހުއްދަދީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. އަލީ ވަހީދާއި އެކު ޖާމިނުވި އައްސަދު ވަނީ ހަތަރު މަސްފަހުން އޭނާ ކޯޓަށް ހާޒިރުވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވެފައިވާ އެއްބަސްވުމެކެވެ.

އަލީ ވަހީދުގެ މައްސަލަ ކުރިޔަށް ނުގެންދެވި ދިގުލައިގެން ދާ މައްސަލައިގައި، އޭނާ ކޯޓަށް ހާޒިރު ކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރުމަށް ވެސް ތައްޔާރަށް ހުންނެވިކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ހައިކޯޓުން ވެސް ބޭރުކޮށްލީ، ދައުލަތަށް އަލީ ވަހީދު ހުރި ތަނެއްގެ އެއްވެސް މައުލޫމާތެއް ހޯދިފައި ނުވާތީ އެވެ. އަދި އޭނާ ދިން ނަމްބަރާއި ގުޅޭ ގޮތެއް ނުވާކަމަށް ކޯޓުގައި ދައުލަތުން ބުނެފައި ވެއެވެ. އެކަން ފާހަގަކޮށް، ސުޕްރީމް ކޯޓުން މައްސަލަ ބޭރުކޮށް ބުނީ ޖާމިނުވާ ފަރާތެއް ޒިންމާ ކުރުވުމުގެ އިހުތިޔާރު ދައުލަތަށް އޮންނާނެ ކަމަށެވެ. އެގޮތުގެ މަތީން، ޕީޖީ ޝަމީމް ކްރިމިނަލް ކޯޓަށް ސިޓީ ހުށަހެޅީ އެވެ. ސިޓީގައި ޝަމީމް އެދިވަޑައިގެންފައި ވަނީ ގާނޫނުގެ ދަށުން ޖާމިނުވި އައްސަދުއަށް ފިޔަވަޅު އަޅައިދިނުމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ޅ) ގައި ޖާމިނުވާ މީހާ، އިގުރާރާ ހިލާފުވެއްޖެނަމަ ދެވޭނެ އަދަބުތައް ކަނޑައަޅާފައި ވެއެވެ. އޭގެ ތެރޭގައި:

  • އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން
  • ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން
  • 15,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން
  • ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން ހިމެނެއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގައި ހިމެނޭ ގާޒީ ހަސަން ސައީދު މައްސަލަ ޕީޖީން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވެސް ހުށަހަޅާފައެވެ.

އަލީ ވަހީދަކީ ފިލުމުގެ ފުރުސަތު އޮތް މީހެއްކަމުން، އެ ފުރުސަތު ޓްރެވެލް ޑޮކިއުމެންޓެއްގައި ނޫން ގޮތަކަށް ނުދިނުމަށް ދައުލަތުން ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ މައިބަދައިގެ އޮޕަރޭޝަނަށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ޖިންސީ މުއާމާލަތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. މި ދައުވާތައް އަލީ ވަހީދުގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: