ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލައެއް ދޭން އުޅޭކަމުގެ ތުހުމަތަށް ހައްޔަރު ކުރީ، ހިމަންދޫ މައްސަލައިގައި ޖަލަށް ލީ މީހެއް!

ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތަށް ފުލުހުން ހައްޔަރު ކުރި މީހާއަކީ، ހިމަންދޫ ހަމަނުޖެހުމުގެ ބޮޑެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރުގެ ވިސްނުން ފެތުރުމާއި މާލޭގައި ވަކި ޖަމާއަތް ހަދައިގެން ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ތުހުމަތުގައި މިރޭ ހައްޔަރުކޮށްފައި ވަނީ، އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރި ހއ. މޮޅަދޫ އަބްދުﷲ އަލިމަނިކުކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ކައުންޓާރ ޓެރަރިޒަމްއިން މިރޭ މާލޭގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި އަބްދުﷲ އަލި މަނިކު ހައްޔަރުކޮށްފައި ވަނީ ދީނީ ނުވަތަ ހައްދުފަހަނަ އަޅާފައިވާ ފިކުރެއް ކުރިއެރުވުމައްޓަކައި މާލެ ސަރަހައްދުގައި ވަކި ޖަމާއަތް ހަދައިގެން ނަމާދުކޮށް އިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތައް ބާއްވާ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރަމުންދާ ކަމުގެ ތުހުމަތުގަ އެވެ. އަދި ޓްރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާޢަތްތަކަށް ތާއީދުކޮށް، ޖިހާދުގެ ނަމުގައި ރާއްޖެއިން ބޭރުގެ އެކިއެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކަކީ ސަބަބުވެރި އަމަލެއް ކަމުގައި ދައްކުވައިގެން ރާއްޖެއިން މީހުން ޖިހާދަށް ފޮނުވުމަށް ރެކްރޫޓް ކުރުމުންދާ ކަމަށް ތުހުމަތުކޮށްފައި ވެއެވެ.

މީގެ އިތުރުން، އަބްދުﷲ އަލިމަނިކު ދިޔައީ މުޖްތަމައުއަށް ނުރައްކާވާފަދަ ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންކަމަށް ތުހުމަތު ކުރެވެ އެވެ.

SunOnline: Himandhoo mahsala: terrorism ge dhauvaa ufuli meehaku salaamai vejje
ހިމަންދޫގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން/ ފޮޓޯ: ސަން

މި އޮޕަރޭޝަނާއި ބެހޭ އެއްވެސް މައުލޫމާތެއް، ފުލުހުން އަދި ހިއްސާއެއް ނުކުރެއެވެ. އަދި ހައްޔަރު ކުރެވުނު މީހާއަކީ މީގެ ކުރިން މިފަދަ ތުހުމަތެއްގައި ހައްޔަރުކޮށްފައި ހުރި މީހެއްތޯ ސުވާލު ކުރުމުން މިއީ ތަހުގީގު ކުރިޔަށްދާ މައްސަލައެއްކަމުން އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ވިދާޅުވި އެވެ. ފުލުހުން ހަމައެކަނި ބުނީ ހައްޔަރު ކުރި މީހާއަކީ ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް އުޅޭ އުމުރުން 43 އަހަރުގެ ދިވެއްސެއް ކަމަށެވެ.

އަބްދުﷲ އަލިމަނިކަކީ 2007 ގައި އއ. ހިމަންދޫގައި ހިނގައިދިޔަ ހަމަނުޖެހުމަށްފަހު ދައުލަތުން ދައުވާކުރި 18 މީހުންގެ ތެރެއިން އެކަކެވެ. އޭނާގެ މައްޗަށް ކޯޓުން އިއްވީ 10 އަހަރުގެ ހުކުމެކެވެ. އަދި ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔައިރު އޭނާ ތިން ފަހަރެއްގެ މަތިން ޖަލުން ފިލާފައި ވެއެވެ. އެގޮތުން އަބްދުﷲ އަލިމަނިކު ޕީއާރުއެސްގެ ބެލުމުގެ ދަށުގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒްކުރަމުން ދަނިކޮށް ދެ ފަހަރެއްގެ މަތިން ފިލި އެވެ. އަދި ގދ.ތިނަދޫގައި ފިލައިގެން އުޅެނިކޮށް ފުލުހުންގެ ބެލުމުގެދަށަށް ގެނެސް 2009 ވަނަ އަހަރުގެ ތެރޭގައި ގދ. ތިނަދޫ އިން ބޯޓެއްގައި ހައްޔަރުކޮސް މާލެ ގެންނަނަނިކޮށް ވ.ފެލިދޫ އާއި ހިސާބުން ކަނޑަށް ވެސް ފުންމާލާފައި ވެއެވެ. އޭނާ ކަނޑަށް ފުންމާލީ، ނަމާދު ކުރަން ބޭނުންކަމަށް ބުނުމުން، ދިން ފުރުސަތުގައި ނަމާދު ކުރުމަށްފަހު އެވެ. އޭގެ ފަހުން 2010 ވަނަ އަހަރުގެ ތެރޭގައި ޖަލުން ފިލައިގެން އުޅެނިކޮށް، ހައްޔަރުކުރީ ކ. ތިލަފުށީގައި ހުއްޓަ އެވެ.

އެނގިފައިވާ ގޮތުން، އަބްދުﷲ އަލިމަނިކަކީ ޕާކިސްތާނުން ކިޔަވައިގެން ރާއްޖެ އައިސް ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ. އޭނާގެ އެންމެ ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައި ހިމަންދޫގައި ހަރުކަށި ފިކުރުގެ ގްރޫޕަކާއި އެކު ފުލުހުންނާއި ކުރިމަތިލުން ހިމެނެ އެވެ.

SunOnline: Himandhoo mahsala: terrorism ge dhauvaa ufuli meehaku salaamai vejje
ހިމަންދޫގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން/ ފޮޓޯ: ހަވީރު މީޑިއާ

ސަލްޓަން ޕާކުގައި ސެޕްޓެމްބަރު 2007 ވަނަ އަހަރު ބޮމެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ސުވާލުކުރުމަށް ބޭނުންވާ ބަޔަކާ އަދި ވެސް އެހެނިހެން ޖިނާއީ ކުށްތަކުގައި ފިލައިގެން އުޅޭ ބަޔަކު ހިމަންދޫގައި އުޅޭ ކަމަށް ފުލުހުންނަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން އެ ރަށަށް ސަލާމަތީ ބާރުތަކުން ގޮސްފައި ވަނީ 2007 ވަނަ އަހަރުގެ އޮކްޓޯބަރު 06 ގަ އެވެ. އެ ރަށުގެ ތަންތަން ބަލައި ފާސްކުރަމުން ދަނިކޮށް ލަކުޑިބުރި އާއި ކޮޅު ތޫނު ކޮށްފައި ހުރި ދަގަނޑުބުރި އާއި ކަނޑިއާއި އެސިޑާއި ޕެޓްރޯލް ފަދަ އެއްޗެހި ހިފައިގެން ސަލާމަތީ ބާރުތަކަށް ހަމަލާދިނީ މޫނު ނިވާކޮށްގެން ތިބި ބޮޑު ގްރޫޕަކުންނެވެ.

ރައްޖޭގައި ހަރުކަށި ފިކުރާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭއިރު، މިވީ އަހަރުތަކުގެ ތެރޭގައި ފެންމަތިވި ބޮޑެތި މަރުތަކުގެ މައްސަލަތަކުގެ ފަހަތުގައި ވަނީ ހަރުކަށި ވިސްނުމުގެ ބައެއްކަމަށް ފުލުހުން ބުނެ އެވެ. އަދި ދާދިފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި، އެމަނިކުފާނު އަވަހާރަކޮށްލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުންނަކީ ވެސް އެ ވިސްނުމުގެ މީހުންގެ ގޮތުގައި ފުލުހުން ބުންޏެވެ.

މީގެ އިތުރުން އެ ހަމަލާއަށްފަހު ރާއްޖޭގެ ސަލާމަތީކަންކަން ވަރުގަދަކޮށްފައިވާއިރު، ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނުރައްކަލެއް އޮތްކަމުގެ މައުލޫމާތާއި އެކު ވީއައިއޭގައި ފުލުހުންނާއި ސިފައިން ހަތިޔާރާއި އެކު ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން އިއްޔެގެ ވަގުތެއްގައި ލިބުނު މައުލޫމާތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަ ކުރެވިފަ އެވެ.

ސިފައިންގެ އެލާޓް ލެވެލް މަތިކޮށް، ފުލުހުންނާއި ސިފައިން ރާއްޖޭގެ އެކި ހިސާބުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރެއިން ލިބުނު އިންޓެލް މައުލޫމާތަކާއި ގުޅިގެން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރު ކުރި އެވެ.

ވަރަށް ގަދަ
47%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 24%ބޮޑު ޖޯކެއް 18%ހައިރާންވެއްޖެ 0%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މީދެން ކިހާ ދެރަ ވެއްޖެ ކަމެއް. މިކަހަލަ މީހުން މަރަންވީ އަސްލު. އާނ ދެން އެހެންޏާ… ޖަލަށް ލައިފިއްޔާ އަދި މާފަސޭހައިން ޖަލުގަ ތިބޭ މީހުންގެ ބޯ އެބަ ކާލާ. އެތައް ކުށެއްކޮށްގެން ޖަލަށް ދާ މީހާ އަންނަނީ ޝޭހަކަށްވެގެން މިމީހުން ކައިރިން. ދެން ޖަލުން ނެރެފިއްޔާ ވަކިން ޖަމާއަތް ހަދައިގެން ބޮން ގޮއްވައި، މީހުން މެރުމުގަ. އެހެންވީމަ ނެތެއްނު ސަލާމަތް ވާނެ އެއްވެސް ގޮތެއްް. މީ ހީވަނީ އިސްލާމް ދީނަކީ މިކީހުންގެ ހަރު މުދާގަނޑެއްހެން. ބަލަ އަހަރުނަކީވެސް އިސްލާމުންނޭ، އަހަރެމެން އުޅެންވީގޮތް ކީރިތި ގުރުއާނާއި ސުންނަތުގަ އެއޮތީ. ކަލޭމެން ބުނާ ގޮތަކަށް ނުޖެހޭ ހަދާކަށް

  2. ތަނަކުން މުންޖެއް ފެނުނަސް އޭތެރެއަށް ހިމަންދޫގެ ނަން ގަޅާއްޗޭ ހިމަންދޫގަ އެ ހާޖާނު ހިންގަން އެއްމެފުރަތަމަވެސް ރައްޔިތުންގެ ތެރެއިން އިސްކޮށް ނިކުތީ ރައީސް ނަސީދު ބުނެގެން ނިކުއްބަޔަކު އެއައްފަހު ސަލާމަތީބާރުތަކާ ކުރިމަތިލާ ހައްޔަރުވާ ހިސާބުން މިނިވަން ކޮށްދޭނެކަމަށް ވައުދުވި އަދި އެމްޑީޕީ ވެރިކަމުގަ އެއްމެންވެސް މިނިވަން ކުރި މި ހަގީގަތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: