ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިބުނު އަނިޔާ ވަރަށް ގިނަ، އުންމީދަކީ ހެޔޮ ހާލުގައި ރާއްޖެ ދިއުން: ރައީސް ނަޝީދު

ރައީސް ނަޝީދުގެ ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަމަނުގައި/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި ދިން ޒަަހަމްތަކުގެ ސަބަބުން ފުން ޒަހަމްތަކެއް ލިބިފައިވާކަމަށާއި އުންމީދަކީ ހެޔޮ ހާލުގައި ރާއްޖެ އެނބުރި އައުންކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 06 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި، އެމަނިކުފާނަށް ވަނީ ގިނަ ޒަހަމްތަކެއް ލިބިފަ އެވެ. އަދި އޭޑީކޭގައި ކުރި 16 ގަޑިއިރުގެ ސާޖަރީތަކަށްފަހު މިވަގުތު ރައީސް ނަޝީދު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަންވިލާތުގަ އެވެ. އެ ގައުމުގެ ހޮސްޕިޓަލުން ރައީސް ނަޝީދު ޑިސްޗާޖު ކުރި ނަމަވެސް ދާދިފަހުން ވެސް ދެ ސާޖަރީއެއް ކުރި އެވެ.

އެ ހާދިސާއަށް މަހަކަށް ވުރެ ގިނަ ދުވަސް ވީއިރު މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައި ވެއެވެ. އަދި ފުލުހުން ބުނީ ހަމަލާއަށް ފަންޑު ކުރި މީހުން ތަހުގީގަށް ހޯދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނަށް ލިބިފައިވަނީ ގިނަ ޒަހަމްތަކެއް ކަމަށެވެ. އަދި އުންމީދަކީ އެ އަނިޔާތަކުން އަރައިގަނެ ވީހާވެސް އަވަހަށް ރާއްޖެ ދިއުމަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“އަޅުގަނޑަށް ލިބިފައި ހުރި އަނިޔާތައް ވަރަށް ގިނަ، އެހެން ނަމަވެސް އަޅުގަނޑު މަސައްކަތް ކުރަނީ މާތްﷲ ގެ ރަހުމަތްފުޅާއި އެކު މި އެންމެ އަނިޔާތަކުން އަރައިގެނެ، ހެޔޮ ހާލުގައި ރާއްޖެ ދިއުމަށް” ރައީސް ނަޝީދު

ރައީސް ނަޝީދަށް ލިބިފައިވަނީ ސީރިއަސް ޒަހަމްތަކެއް ނޫންކަމަށް ބުނެ ބައެއް މީހުން ކިޔަމުންދާ ފާޑުކިއުންތަކަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ރައީސް ނަޝީދުގެ ޒަހަމްތައް ފެންނަ ފޮޓޯއެއް އާއްމު ކުރައްވާފަ އެވެ. ހަސަން ލަތީފް މިއަދު ވިދާޅުވީ އަނިޔާވެރިންގެ ރޭވުން ނާކާމިޔާބުވުމާއި ނަޝީދުގެ ހިތްވަރުފުޅާއި އަޒުމް ބަލިނުވުމާއި ޒަހަމްތަކަށް ލަކުނަށްވުމީ ހަމަލާގެ ނުރައްކާތެރިކަން ކުޑަކަމުގައި ދެކެވޭނެ ސަބަބެއް ނޫން ކަަށެވެ. ރައީސް ނަޝީދު ދިވެހިންގެ އުންމީދުތައް ނަގައި ނުލައްވާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

“އަނިޔާވެރި ރޭވުން ނާކާމިޔާބުވުމަށް ރައީސް ނަޝިދުގެ ހިއްވަރާއި އަޒުމް ބަލިނުވުމާއި، ޒަހަމްތައް ލަކުނަށްވުމީ ހަމަލާގެ ނުރައްކާތެރިކަން ކުޑަކަމުގައި ދެކެވޭނެ ސަބަބެއް ނޫން. ރައީސް ނަޝީދު ދިވެހީންގެ އުންމީދުތައް ނަގައި ނުލައްވާނެ.. މި މަސައްކަތައިގެން ވަޑައިގަންނަވާނީ ކުރިޔަށް…” ހަސަން ލަތީފް

އެމްޑީޕީއާއި އިދިކޮޅުގެ ގިނަ މެމްބަރުން ދަނީ ރައީސް ނަޝީދަށް ދިން މި ހަމަލާ ސީރިއަސް ގޮތެއްގައި ތަހުގީގު ކުރަންޖެހޭކަން ފާހަގަކޮށްފަ އެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބުނު ޒަހަމްތައް ދައްކުވައިދޭ ފޮޓޯއާއި އެކު ގިނަ އާއްމުން ދަނީ މިއީ އިންސާނިއްޔަތުގެ އެއްވެސް ކަންފުޅެއް ވެސް ނެތް ބައެއްގެ އަމަލެއްގެ ގޮތުގައި ބުނެފަ އެވެ.

ރައީސް ނަޝީދަށް ލިބިފައި ހުރި އަނިޔާތަކުގެ މައުލޫމާތު ދެއްވަމުން، އޭޑީޖޭގެ ޗީފް މެޑިކަލް އޮފިސަރު އަބްދުﷲ ނިޔާފް ވިދާޅުވީ އަނިޔާތަކަކާ އެކު ނަޝީދު އޭޑީކޭގެ އިމަޖެންސީ ރޫމަށް ގެންދިއުމާއި އެކު ވަގުތުން ފަރުވާ ފެށި އެވެ. އަދި ރައީސް ނަޝީދުގެ އޮޕަރޭޝަނަކަށް ދާންޖެހުނީ އެސެސްމެންޓެއް ހެދިއިރު ގިނަ އަދަދެއްގެ ލޭ ފައިބާފައިވުމާއި ގުޅިގެންކަމަށް ބުންޏެވެ.

ޑޮކްޓަރުން ވިދާޅުވީ، ރައީސް ނަޝީދުގެ ލިވާ ވެސް ފޫއަޅާލާފައި ގޮސްފައިވާ ކަމަށެވެ. އަދި އެތަނުގައި އިން ރޭޒާ ފުއް ނަގާފައި ބެލިއިރު ބަނޑު ތެރޭގައި ވެސް ރޭޒާ ފުކެއް ދޫވެފައި އިން ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދުގެ ވައަތުގެ އޮޅަނބޮއްޓާއި ވާތު ފަލަމަސްގަނޑުގައި އިން ދޭއްޗާއި ކަކުލުހުޅުގައި ވެސް ދެ ރޭޒާ ފުއް އިންކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. މި ފަސް އެތި ނަގަން ލިބުނީ ކުޑަ ވަގުތުކޮޅެއް ކަން ފާހަގަކުރައްވަމުން ވިދާޅުވީ އަވަސް ކުރަން އެއް ވަގުތެއްގައި ތިން ޑޮކްޓަރުން ސާޖަރީގައި ބައިވެރިވި ކަމަށެވެ. އެއީ ވީހާވެސް އަވަހަށް ރޭޒާ ފުއްތައް ނަގައި ފާރުތައް ފެހުމަށެވެ. ގަޑިއެއްހާ އިރުގެ ތެރޭގައި އެ މެޓަލް ޕީސްތައް ނެގުނު ކަން ޑޮކްޓަރުންގެ ޓީމުން ފާހަގަކުރެއްވި އެވެ.

ޑރ. ނިޔާފް ވިދާޅުވީ، ބަނޑުގެ ތެރޭގައި އިން ރޭޒާ ފުއް އިން އިރު ސީޓީ ސްކޭނުން އެ ދައްކަނީ އެހެން ތަނަކުން ކަމަށެވެ. އަދި އޭގެ ބަރުދަން ލުއިވުމުގެ ސަބަބުންނާއި، އޮމާން ވުމުގެ ސަބަބުން ގިނަ ދަތިތަކެއް ދިމާވި ކަމަށް ވިދާޅުވި އެވެ.

ޑޮކްޓަރުންގެ ޓީމުން ބުނި ގޮތުގައި ސާޖަރީއަކަށް ފަހު ސާޖަރީއެއް ނިންމައި ކެތު ލެބުގައި ވަރަށް ކްރިޓިކަލް ޕްރޮސީޖާއެއް ވެސް ކުރިއަށް ގެންދިޔަ އެވެ. ހޭނެއްތުމުގައި ގިނަ އިރުތަކެއް ވަންދެން ސާޖަރީތަކެއް ހެދުމަށް ފަހު ބާއްވާފައި އޮތީ ސީސީޔޫގަ އެވެ.

ރައީސް ނަޝީދަށް ގާތް ގަނޑަކަށް ހަފްތާއެއްހާ ދުވަސް ވަންދެން އޭޑީކޭގައި ފަރުވާ ދިނެވެ. މިވަގުތު އެމަނިކުފާނުގެ ހާލު ރަނގަޅުކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: