ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ހަރުކަށި ފިކުރަށް ތާއީދު ކުރާކަމުގެ ތުހުމަތު!

އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި މޭއި ހައެއް ކޮމިޓީގެ ބޭފުޅުން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ކިޔަވަމުންދާ ދަރިވަރުން ހަރުކަށި ފިކުރަށް ތާއީދު ކުރާކަން ފާހަގަކުރެވޭތީ އެކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ހިއްސާކޮށްފައިވާކަމަށް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލައާއި ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން އެކުލަވާލި “މޭއި 06 ކޮމިޓީން” ބުނެފި އެވެ.

އެމްޑީޕީގެ “މޭއި 06 ކޮމިޓީ” އަކީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުން ގެންދާ ގޮތް ބެލުމަށް ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ހިމެނޭހެން އެކުލަވާލާފައިވާ ފަސް މެމްބަރުންގެ ކޮމިޓީއެކެވެ. ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފަތި ދުވަހު ކޮމިޓީން ގައުމީ މަޖިލީހަށް، ކޮމިޓީގެ ހޯދުންތަކާއި ބެހޭ މައުލޫމާތު ހިއްސާ ކުރެ އެވެ.

މިރޭ ކުރިޔަށް ގެންދިޔަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި އަދި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ވިދާޅުވީ، މައްސަލައިގައި ފާހަގަ ކުރެވޭ ކަންކަމާއި ބެހޭ މައުލޫމާތު ހިއްސާކޮށްދޭން އެދި އިދާރާތްތަކާއި ބައްދަލު ކުރި ކަމަށެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނާއި އެކު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގެ މައުލޫމާތުތައް ހިއްސާކޮށް އަފީފް ވިދާޅުވީ، ކޮމިޝަނުން ބުނީ އެ މައްސަލަ ގާތުން ބަލަމުންދާއިރު އެ ސަރަހައްދުގެ ސައިކަލުތައް ނުނެގި ހުރީ ކޮން ބައެއްގެ އިހުމާލުންތޯ ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަފީފް ވިދާޅުވީ ރާއްޖޭގައި ނަފްރަތު އުފެއްދުމާއި، އަދި ނަފްރަތުގެ ބަސްތައް ބޭނުން ކުރުން އާއްމުކަމަކަށް ވެފައިވާއިރު އެ މައްސަލައިގައި އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ކޮމިޝަންގެ ލަފައަކަށް އެދުނު ކަމަށެވެ. އަދި ކޮމިޝަނުން ދިން ޖަވާބަކީ މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މަރުހަލާގައި އޮތް ނަފްރަތު އުފެއްދުން ކުށަކަށް ހެދުމުގެ ބިލަށް ހިޔާލު ހުށަހަޅާފައިވާނެ ކަމަށެވެ.

އަފީފް ވިދާޅުވީ މުޖްތަމައުގެ ތެރޭގައި މިފަދަ އަމަލުތައް ހުއްޓުވުމާއި ބެހޭ ގޮތުން ކޮމިޝަނާއި އެކު މަޝްވަރާތައް ކުރެވުނު ކަމަށެވެ. ހާއްސަކޮށް ރާއްޖޭގައި ތައުލީމު އުނގަންނައިދޭ މަދަރުސާތަކުގައި ދަރިވަރުންނަށް “ހިއުމަން ރައިޓްސް” އޭންގަލްއަކުން މައުލޫމާތުތައް ލިބި، އެ މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމާއި ބެހޭ ގޮތުން ވެސް ވާހަކަ ދެކެވުނުކަމަށް އަފީފް ވިދާޅުވިއެވެ. އަދި ވަކި ގްރޭޑަކުން މަތީގެ ދަރިވަރުންނަށް ސިވިކްސް ނުވަތަ ދައުލަތެއް ހިނގާ ގޮތް ސާފުކޮށް ދިނުމުގެ މުހިންމުކަން އޭގެ ތެރޭގައި ހިމެނޭކަމަށެވެ.

އަފީފް ވިދާޅުވީ އެޗްއާރުސީއެމްއިން ގަބޫލު ކުރާ ގޮތުގައި ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރަންޖެހެ އެވެ. އަދި މިއީ ފަސޭހަކަމެއް ނޫންކަން ފާހަގަކޮށް މިހާރު ވެސް ކޮމިޝަނަކީ ދިނާއި ހިލާފު މަސައްކަތްތަކެއް ކުރާ ތަނެއްގެ ގޮތުގައި ބައެއް ދީނީ ޖަމާއަތްތަކުން ދެކޭކަމަށް އެޗްއާރުސީއެމްއިން ބުނިކަމަށް އަފީފް ވިދާޅުވި އެވެ.

“ހަރުކަށީ ފިކުރަކީ ކޮބައިކަމާއި، ހިއުމަން ރައިޓްސްއަކީ ކޮބައިކަން ސާފުކޮށްދޭންޖެހޭކަން އެބޭފުޅުން ވިދާޅުވި” އަފީފް

އަފީފް ވަނީ ގައުމީ ޔުނިވާސިޓީގެ ބައެއް ދަރިވަރުންތައް “މިހާރަކަށް އައިސް” ހަރުކަށި ފިކުރަށް ތާއިދު ކުރާކަމަށް ފާހަގަވާތީ އެކަން އެޗްއާރުސީއެމަށް ހުށަހެޅި ކަމަށެވެ. އެހެންވެ އެ ސަބަބާއި ހުރެ ކޮމިޝަނަށް އެޅިދާނެ ފިޔަވަޅުތަކާއި މެދު ސުވާލު ކުރުމުން، އެ މަސައްކަތަކީ ކަމާއި ބެހޭ އެހެން މުވައްސަސާތަކާއި ބެހޭ ގުޅިގެން ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ކޮމިޝަނުން ބުނި ކަމަށެވެ.

” ގައުމީ ޔުނިވާސިޓީގެ ދަރިވަރުން މިހާރަކަށް އައިސް ވަރަށް ހަރުކަށި ފިކުރުއަށް ތާއީދުކުރާކަމަށް ފާހަގަ ކުރެވޭކަމަށް އަޅުގަނޑުމެން ދެންނެވިން… އަދި މިކަމަށް އެޗްއާރުސީއެމްއަށް އެއްވެސް ކަމެއް ކުރެވޭނެތޯ ސުވާލު ކުރިން… ޖަވާބުގައި ބުނީ މިއީ ކަމާއި ބެހޭ އިދާރާތްތައް ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަމަށް…. ގައުމީ ޔުނިވާސިޓީގައި ކިޔަވައިދޭ ބައެއް ޓޮޕިކުތައް ނުވަތަ މައުޟޫއުތަކާއި ކުރެވޭ މަޝްވަރާތައް ބަލަންޖެހޭ ކަމަށް” އަފީފް

އެޗްއާރުސީއެމްއިން ދެން ފާހަގަކުރެއްވި ނުކުތާތަކުގެ ގޮތުގައި ދެން އަފީފް ވިދާޅުވީ ސަލްޓަން ޕާކުގެ ބޮމުގެ ހާދިސާއާއި ގުޅިގެން ވެސް މީހުން ހައްޔަރުކޮށް އެ މީހުންނަށް ހަރުކަށި އަދަބު ދީ ހުކުމަކާއި ހަމައަށް ނުދެވުމެވެ. އަދި ގާނޫނީ ނިޒާމުގެ ތެރޭގައި މިފަދަ ބާގަނޑުތަކެއް ހުރުމުގެ ސަބަބުން، ނުރައްކާތެރި އަމަލުތައް ހިންގުމަށް މީހުން ތަރުހީބުދޭކަން ފާހަގަ ކުރެވިފައި ވުމެވެ.

އަފީފް ވިދާޅުވީ އެޗްއާރުސީއެމްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސިޔާސީ ފާޑުކިއުމާއި، ސިޔާސީ ގޮތުން ނަފްރަތު އުފެއްދުން އޮޅިފައި އޮތުމެވެ. އޭގެ ސަބަބުން ގައުމުގައި ނަފްރަތުގެ މާހައުލެއް އުފެދިފައިވާކަމަށް ކޮމިޝަނުން ބުނިކަމަށް އަފީފް ވިދާޅުވި އެވެ.

ރާއްޖޭގައި އިތުރުވަމުން އަންނަ ހަރުކަށި ފިކުރުގެ ވާހަކަތައް ދެކެވޭއިރު، ގައުމީ ޔުނިވާސިޓީގެ ދަރިވަރުން އެ ފިކުރަށް ތައީދުކުރާކަމަށް ބުނެ ވާހަކަ ދެކެވުނު މިއީ ފުރަތަމަ ފަހަރެވެ.

ހަރުކަށި ފިކުރަށް ތާއީދު ކުރާ، މުޖްތަމައުގެ ތެރޭގައި މީހަކަށް ހަމަލާތައް ދިނުމުގެ ގާބިލްކަން ލިބިގެންވާ ވިސްނުން ހުރި 1،300 މީހުން އެބަތިބިކަމަށް ފުލުހުން ވަނީ 2019 ވަނަ އަހަރު ބުނެފައެވެ. ނަމަވެސް މިވަގުތު އެ އަދަދު ހުރި ކިހާ ހިސާބެއްގައިކަން ފުލުހުންނަށް ނޭނގެ އެވެ. މިފަދަ މީހުން މުޖްތަމައުއަށް ދޫވެފައިތިބޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން އަނެއްކާވެސް ޓެރަރިޒަމްގެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: