ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

241 ކޮމިޓީއަށް ޖަވާބުދާރީ ވާންޖެހޭނީ، ކޮމިޓީ ބޭނުންވާ ގޮތަކަށް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް. ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީން) ސުވާލު ކުރަން ބޭނުންވާ ކޮންމެ ފަރުދަކާއި ސުވާލު ކުރުމުގެ ބާރު އެ ކޮމިޓީއަށް ލިބިގެންވާކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ މޭއި މަހުގެ 06 ވަނަ ދުވަހު އައިއީޑީއެއް ގޮއްވާލައި، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގު އަދިވެސް ދަނީ ކުރިޔަށެވެ. ރައީސް ނަޝީދަށް ހަމަލައެއް ދޭން އުޅޭކަމުގެ އެއްވެސް އިންޓެލް މައުލޫމާތެއް ނުލިބޭކަމަށް ފުލުހުންނާއި، އެމްއެންޑީއެފުން ބުނާއިރު ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީން ބަލާފައިވަނީ އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި އެއްވެސް ބްރީޗެއް އުޅޭތޯ އެވެ. މި ރިޕޯޓު މިހާރު މަޖިލީހުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާއިރު، އިންކުއަރީ ރިޕޯޓުގައި ރައީސް ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ބޮޑެތި އިހުމާލުތައް ވީކަން ވަނީ ހާމަވެފަ އެވެ.

ރައީސް ނަޝީދަށް އެކި ގޮތްގޮތުން ލިބެމުން ދިޔަ ތްރެޓްތަކާ ގުޅިގެން، ކްލޯސް ޕްރޮޓެކްޝަން ޓީމުގައި ހިމެނޭ ސެކިއުރިޓީ އޮފިސަރުންގެ އަދަދު ވެސް އިތުރު ކުރި ނަމަވެސް އުސޫލާއި އެއްގޮތަށް އަމަލު ނުކުރުން ފާހަގަ ކުރެވެ އެވެ އެގޮތުން 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެމަނިކުފާނުގެ ސެކިއުރިޓީ ލެވަލް “ސިވިއާރ” އަށް މަތި ކުރި އެވެ. އެފަދަ ބަދަލެއް ގެނައި އިރުވެސް، ސެކިއުރިޓީގެ އުސޫލަށް ނުވަތަ ދެމުން އައި ގޮތަށް ގެނައި އެއްވެސް ބަދަލެއް ނެތެވެ.

މި މައްސަލައިގައި މަޖިލީހުން އިންކުއަރީގެ މަސައްކަތް ފެށިއިރު ވަކިވަކި ފުލުހުންނާއި ސިފައިންނާއި ސުވާލު ކުރުމަށް ސިޓީ ފޮނުވި އެވެ. ނަމަވެސް އޭގެ ރައްދެއްގެ ގޮތުގައި ޑިފެންސްއިން ސިޓީއެއް ފޮނުވައި ބުނީ، ވަކިވަކި އޮފިސަރުންގެ ބަދަލުގައި ޖަވާބުދާރީވާނީ މުވައްސަސާގެ ފަރާތުން ކަމަށެވެ. މި ސިޓީ ފޮނުވި މައްސަލައިގައި މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ ސުލޫކީ މައްސަލަ ބަލައިދޭން އެދި ރައީސް ނަޝީދު އިމްތިޔާޒުތަކާއި ބެހޭ ކޮމިޓީއަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުންގެ ވޯޓު ހިމެނޭހެން ހުށަހެޅި މައްސަލަ ކޮމިޓީން ބޭރު ކުރީ އެވެ.

241 ކޮމިޓިން މިއަދު ވަނީ ރައީސް ނަޝީދަށް އިންކުއަރީ ރިޕޯޓު އަރުވާފަ އެވެ. އަދި ބައްދަލުވުންތަކުގައި މެމްބަރުން ކުރި ސުވާލުތައް ހިމެނޭ، ޔައުމިއްޔާތަކުގެ ތިން ވޮލިއުމްވެސް ވަނީ ރައީސް ނަޝީދަށް ދެއްވާފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕާލިމަންޓު އިންކުއަރީގެ މަސައްކަތް އެންމެ ފުރަތަމަ ފެށިގެން އައިއިރު އުނދަގޫތަކެއް ހުރި ކަމަށެވެ. އޭގެ ތެރޭގައި ރައީސް ނަޝީދު ފާހަގަ ކުރެއްވީ 241 ކޮމިޓީއަށް ވަކި ވަކި ސިފައިންނާއި ފުލުހުން ހާޒިރު ކުރުމަށް ނިންމުމުން އެކަމާއި ދެކޮޅު ހަދައި ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީއަށެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮމިޓީއަށް ބޭފުޅުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި އެއީ އިހުތިޔާރީކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

“ކޮމިޓީއަށް ޖަވާބުދާރީވާނީ އަބަދުވެސް ކޮމިޓީ ބޭނުން ގޮތަކަށް. އެއީކީ އެހެން މީހަކަށް އެކަމަކާއި ސުވާލު ކުރެވެން އޮތްކަމެއް ނޫން…. ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ބޭނުންވަނީ ރާއްޖޭގެ ވަކި ފަރުދެއް، ވަކި ރައްޔިތެއް، ވަކި ވުޒާރާއެއްގައި ހުރި ވަކި ބޭފުޅަކާއި އެ ސުވާލު ކުރަންކަމުގައި ވަނީނަމަ އެ ބޭފުޅަކާއި އެ ސުވާލު ކުރެވޭނެ. އެއީ ރާއްޖޭގެ ގާނޫނު އޮތް ގޮތް” ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ އުންމީދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވެސް ރިޕޯޓުގައި ހުރި ކަންކަން ބައްލަވައި ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުންކަމަށެވެ.

ގާތްގަނޑަކަށް 270 ސަފުހާގެ ރިޕޯޓުގައި ހާދިސާ ހިނގައިދިޔަ ގޮތާއި، ރައީސް ނަޝީދުގެ ސެކުއުރިޓީ ފޯރުކޮށް ދިނުމުގައި އަމަލު ކުރަމުން ދިޔަ އުސޫލުތައް ހިމަނާފައި ވެއެވެ. އަދި މިއީ ސެކިއުރިޓީ ވަރުގަދަކޮށް އެކަމަށް ސަމަލުވެ ތިބި ނަމަ ހުއްޓުވޭނެ ހަމަލާއެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ރޭ ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތުތައް ހިމަނާފައިވެ އެވެ.

ރިޕޯޓުގައި، ސެކިއުރިޓީ ބެލެހެއްޓުމުގައި ގެންގުޅޭ ފަރުވާކުޑަ ނިޒާމުތަކާއި، އަދި އިންޓެލިޖެންސް މައުލޫމާތު އެއްކުރުމުގައި އުފެދިގައިވާ ނިޒާމީ ބާގަނޑު އަދި މައުލޫމާތެއް ލިބުމަށްފަހު އެމްއެންޑީއެފްއިން އަމަލު ކުރާ ގޮތްތަކުގައި ހުރި ފުށު އެރުން ފަހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް ލަފާ ދީފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: