ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޗަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ޕްރިންސިޕަލަކަށް ޕްރޮމޯޝަން ދިން މައްސަލައެއް

ޓީޗަރުންގެ އެސޯސިއޭޝަނުން އެޑިއުކޭޝަން މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓީޗަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ ޕްރިންސިޕަލަކަށް ޕްރޮމޯޝަނެއް ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނީ އިއްޒުއްދީން ސްކޫލުގައި މަސައްކަތްކުރި ޕްރިންސިޕަލް އިސްމާއީލް ނަސީރު އެ ސްކޫލުގައި މަސައްކަތްކުރާ ހަތަރު ޓީޗަރަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާތީ، އެ ހަތަރު ޓީޗަރުންގެ ފަރާތުން އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހެޅި ކަމަށެވެ. އެ ހަތަރު ޓީޗަރުންގެ ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ އެ ޖަމިއްޔާއިންނެވެ.

އެގޮތުން ކޮމިޓީން މައްސަލަ ބެލުމަށްފަހު ނިންމީ ނަސީރުގެ ފުށުން ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލެއް ހިންގިކަމުގައި ބުރަވެވެން އޮތް ކަމަށާއި އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފެންނަ ކަމަށް މައްސަލަ ބެލި ކޮމެޓީގެ އިއްތިފާގުން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

“އެހެންނަމަވެސް މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް އެޅި ފިޔަވަޅަކީ ކޮބައިކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގާފައެއް ނުވެއެވެ. އަދި އިސްމާއިލް ނަސީރު މިހާރު އިއްޒުއްދީން ސުކޫލަށް ވުރެ މާ ބޮޑު ސްކޫލަކަށް ބަދަލުކޮށްފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މިކަމަކީ އޭގެ ޒާތުގައި ފިޔަވަޅަކަށް ވުރެ ބޮޑަށް ޕްރޮމޯޝަނެއް ކަމަށް ސިފަވާކަން ފާހަގަކުރަން” އެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލަ ހުށަހެޅި ހަތަރު ފަރާތް އެހެން ސުކޫލަކަށް ބަދަލުކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށް އެޑިއުކޭޝަނަށާއި ސިވިލް ސާވިސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވަނިކޮށް، އެ ފަރާތްތައް އެހެން ސުކޫލުތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެ ލޯފާމުން ބުނީ މައްސަލަ ހުށަހެޅި ފަރާތްތައް އެހެން ސުކޫލުތަކަށް ބަދަލުކޮށްފައި ވަނީ އެފަރާތްތަކުގެ އެއްވެސް ބަހެއް ހޯދުމަކާ ނުލައި ކަމަށްވާއިރު މިއީ އެފަރާތްތައް ޖިންސީ ފުރައްސާރައިގެ މައްސަލަ ހުށަހެޅުމުން އެފަރާތްތަކާ މެދު ނުހައްގުން އެޅި ފިޔަވަޅެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިފަދަ ކަންކަން މިގޮތަށް ހިނގަމުންދާނަމަ، މިކަމަކީ މައްސަލަ ހުށަހެޅުމުން ލިބުނު އަދަބެއް ކަމުގައި ބެލެވި، މިފަދަ އަމަލުތައް ތަހައްމަލުކުރަން ޖެހިފައިވާ އެހެނިހެން ފަރާތްތައްވެސް މިފަދަ މައްސަލަތައް ހުށަހެޅުމަށް ބިރުގަނެ، ޖެހިލުންވުމަކީ އެކަށީގެންވާ ކަމެއްކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

“ތައުލީމީ ދާއިރާގެ ގަދަރުވެރި މަގާމެއްގައި ހުރެ، އޭނާގެ ދަށުން ތިބި މުއައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށްފައިވާކަން، ސާބިތުވެފައިވާ ހިނދު، އަނިޔާދިން ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން މަސަކަތްކުރަމުންދާ ދިއުން މި ޖަމިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،” ބަޔާނުގައިވެއެވެ.

މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: