ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ނަޝީދަށް: ފުރަތަމަ އެކުވެރިޔާއާއި ޖެހުނު މައްސަލަ ހައްލުކޮށް، ޕާޓީ ތެރޭގެ ކުނި ސާފު ކުރޭ!

ރައީސް މުހައްމަދު ނަޝީދާއި، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ހަމައެކަނި ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެކީ މަސައްކަތް ކުރަން ބޭނުންވާކަމަށް އިއުލާނު ކުރުމަށްވުރެ، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރަންވީ މަސައްކަތަކީ އެންމެ ފުރަތަމަ ގާތް އެކުވެރިޔާއާއި ޖެހުނު މައްސަލަ ހައްލުކޮށް ޕާޓީގައި ހުރި ކުނި ސާފު ކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރަައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހިޔާލުތަފާތު ވެ ދެ ބޭފުޅުންގެ ގުޅުން ވަނީ ގޯސްވެފަ އެވެ. ސޯޝަލް މީޑިއާގައި ރައީސް ނަޝީދު ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ހިއްސާ ކުރެއްވި މެސެޖުގެ ސްކްރީންޝޮޓެއް ދައުރުވީއިރު އޭގައި ރައީސް ނަޝީދު ވިދާޅުވީ، މިހާރު ރައީސް ސޯލިހާއި ފިކުރީ ގޮތުން ހިޔާލުތަފާތު ވެފައިވާކަމަށެވެ. އަދި އެމަނިކުފާނު މިހާރު ދެން ބޭނުމީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި އެކީ ކުރިޔަށްދާންކަމަށް ވިދާޅުވި އެވެ.

އެކަމަށް އިދިކޮޅުން ބުނީ، އެއްވެސް ޝައުގެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ މައްސަލައިގެ ތެރެއަށް ޕީޕީއެމް، ޕީއެންސީން ނުވަންނާނެ ކަމަށް ބުންޏެވެ. އިދިކޮޅުން ބުނެފައިވަނީ ރައީސް ނަޝީދާއި އެކު ސިޔާސީ އެއްވެސް މަސައްކަތެއް ކުރަން ބޭނުން ނޫން ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ރައީސް ނަޝީދާއި، ރައީސް ޔާމީނަކީ މުޅިން ތަފާތު ދެ ފިކުރެއްކަން ފާހަގަ ކުރި އެވެ.

ރައީސް ނަޝީދާއި އެކު ކުރަން ބޭނުންވާ އެއްވެސް މަސައްކަތެއް ނެތްކަން އިދިކޮޅުން ހާމަކުރުމާއި އެކު، ރައީސް ނަޝީދު ފަހުން ޓްވީޓުތަކެއް ވެސް ކުރެއްވި އެވެ. އަދި ގައުމަށް އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ކޮންގްރެސް ކޯލިޝަނާއި، އެމްޑީޕީން އިއްތިހާދެއް ގާއިމް ކުރުން ކަމަށް ވިދާޅުވި އެވެ.

މިއީ ތެލާއި ފެނުގެ ގޮތުގައި ސިފަ ކުރައްވައި “ސަންގުޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި އާދަމް ޝަރީފް ވިދާޅުވީ، އެމްޑީޕީއާއި އިދިކޮޅު ކޮންގްރެސް ކޯލިޝަނަކީ މިއީ ދުވަހަކު ވެސް އެއް ނުވާނެ ތަފާތު ދެ ފިކުރު ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ ޕީޕީއެމްގެ ފިކުރަކީ ރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމްދީނާއި، މި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އަދި ބައިނަލްއަގުވާމީ ދުނިޔޭގައި މި ރާއްޖޭގެ ޝުހުރަތު ރައްކާތެރި ކުރެވޭނެ ގޮތަކަށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ. އަދި ޕާޓީން އަބަދުވެސް މަސައްކަތް ކުރަނީ ގައުމު ތަރައްގީކޮށް ކުރިއަރުވައި، ރައްޔިތުންގެ ފިކުރާއި ވިސްނުމާއި އެއްގޮތަށް މަސައްކަތް ކުރުމުގައި ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީން މިހާތަނަށް މަސައްކަތް ކުރީ މި ސިޔާސަތުތަކާއި އިދިކޮޅަށް ކަމަށެވެ.

މި ގައުމުގެ ތެރޭގައި ބައިބައިވުން އުފެދިފައިވާއިރު، މިއީ ހަމަނުޖެހުމެއްގެ މިސްރާބެއްގެ ގޮތުގައި އާދަމް ޝަރީފް ވިދާޅުވި އެވެ. ހާއްސަކޮށް ވެރިކަން ކުރާ މައި ޕާޓީގެ ތެރޭގައި މި އޮތް ހިޔާލު ތަފާތުވުމަކީ، ބާރުގެ ބޭނުމުގައި ކުރެވުނު މަސައްކަތެއްގެ ތެރެއިން އުފެއްދުނު ދެބަސްވުމެއްކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ، ހަގީގަތަކީ ސަރުކާރަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވި ފެއިލްވެފައިވުން ކަމަށެވެ. އަދި ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވީ ވައުދުތަކަށް އެކަށީގެންވާ ނަތީޖާއެއް ނެރެ ނުދެވޭއިރު، ސަރުކާރު ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވުމުގެ އެންމެ ބޮޑު ޒިންމާއެއް އެޅުވިފައި އޮތީ ރައީސް ޔާމީނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު އަމިއްލަ ސަރުކާރާއި ދެކޮޅަށް ނިކުންނަން ޖެހުނީ ސަބަބުތަކެއް ހުރެގެންކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އެހެން ނަމަވެސް، ޕާޓީގެ ތެރޭގައި އާއި އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މައްސަލައެއް ޖެހުމުން އަދި އިދިކޮޅާއި އެކު ކޯލިޝަން ހަދައި، އެކުގައި މަސައްކަތް ކުރަން ބޭނުންވާކަމަށް ވިދާޅުވާން ޖެހޭ ހިސާބަށް ނުދާކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

“އަޅުގަނޑަށް ބޮޑަށް ހީވަނީ އެމަނިކުފާނު ބޮޑަށް ރަނގަޅުވާނީ އެމްޑީޕީގެ އެތެރޭގައި ހުރި މައްސަލަތައް ފުރަތަމަ ރަނގަޅުކޮށްލައްވައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެކު ވެސް ދައްކަވަން އޮތް ވާހަކައެއް ދައްކަވައިގެން… ނޫނީ އާއިލާގެ ތެރެއިން ވެސް ހޯދެން އޮތް ހައްލެއް ހޯއްދަވައިގެން… ނޫނީ އިންޑިއާއާއި ވާހަކަ ދައްކަވައިގެން ވިޔަސް އެ ބޭފުޅުން ވެރިކަމަށް އަންނަން ވީ ވައުދާއި އެހެން ފަރާތްތަކާއި އެކު އެއްބަސްވީ ކަންތަކާއި މިކަންކަން ސާފުކޮށްލުން މާ ރަނގަޅުހެން” އާދަމް ޝަރީފް

އާދަމް ޝަރީފް ވިދާޅުވީ މި ވަގުތު ރައީސް ނަޝީދު ކުރައްވަން ވީ ކަމަކީ ޖެހިގެން އުޅެ މައްސަލައެއް ހައްލު ކުރުން ކަމަށެވެ. އެއީ ޕާޓީގެ ތެރޭގެ މައްސަލައެއް ނަމަ، އެކަން ވެސް ހައްލު ކުރުމާއި އެކު، ރައީސް ސޯލިހާއި ވެސް ވާހަކަ ދައްކައި ދެބޭފުޅުންގެ ދެމެދުގައި ޖެހުނު މައްސަލަތައް ހައްލު ކުރުން މާ ރަނގަޅު ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއަދު އެމްޑީޕީ އާއި، ރައީސް ނަޝީދުގެ ވާހަކަތައް ހުރި ގޮތުން އެއީ ސަރުކާރުތޯ ވެސް ސުވާލު އުފެދޭ ހިސާބަށް ގޮސްފައިވާކަމަށެވެ. އަދި ވިދާޅުވީ ގޯސްކަންތަކެއް ހުރިކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް ވެރިކަމުގައި ހުރީ ރައީސް ނަޝީދު ޓިކެޓު ދެއްވި ބޭފުޅާ ކަމަށެވެ. އަދި މާގާމުތަކުގައި ވެސް ތިބީ އެމްޑީޕީގެ މެމްބަރުން ކަމަށެވެ. އެހެން ކަމުން ގޯސްވީ ހިސާބާއި މެދު އޭނާ ސުވާލު އުފެއްދި އެވެ.

“އެ ބޭފުޅުން ހޮވި ކެނޑިޑޭޓެއް ރައީސަކަށް އެ ހުރީ.. ދެން މިހާރު، އެމްޑީޕީގެ ރައީސް އެހެން ވިދާޅުވިއެއް ކަމަކު އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ހަމަ އެ ފެއިލްވެފައި އޮތް ސަރުކާރުގެ އެންމެ ބޮޑު ޗަންކުން ނަންގަވައިގެން އޮތް ޕާޓީއޭ އެމްޑީޕީއަކީ.. އެހެންވީމަ އެމްޑީޕީން ފުރަތަމަ ކުރަންވީ އެ މީހުން ހިތްވަރެއް ހުރިއްޔާ… ޖެހޭނީ ރައީސް ޔާމީން ގޮތަށް ގަޓުގަ… ހިން ދެމިލާފަ… އާނ.. ރައީސް ސޯލިހު ސްލޯއޭ… ތިމަންނާމެން ދުރަށް ޖެހުނިއްޔޭ ކިޔާ.. ސަރުކާރުން ދުރަށް ޖެހި ދެން ގައުމީ ބޮޑެތި މައްސަލަތަކުގައި އިޝޫ ބޭސްޑު ގޮތަކަށް އަޅުގަނޑުމެން އެންމެނާއި ވެސް ވާހަކަ ދައްކާ ގޮތަށް އޮތީ” އާދަމް ޝަރީފް

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދު އެންމެ ބޮޑު ކަންބޮޑުވަމަކީ އެމަނިކުފާނަށް އެއްވެސް މިނިވަންކަމެއް މި ގައުމުގައި ނެތްކަން ޔަގީންވުން ކަމަށެވެ. ހާއްސަކޮށް އެހާ ތްރެޓް ލެވެލް ހައި ބޭފުޅަކަށް އެކި ފަހަރު މަތީން އިންޒާރުތަކެއް އައި ނަމަވެސް މި ސަރުކާރުން އެއަށް އަޅާނުލައި ދޫކޮށްލިކަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ރިޕޯޓުން ވެސް ހާމަވާ ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މީހުން އެރޭ އެއްކޮށް މާލޭގެ ތެރޭގައި އުޅުމަށްފަހު އެ ސަރަހަދަށް ދިއުމާއި، ކައުންސިލް އިންތިހާބުގެ ތެރޭގައި އެމަނިކުފާނަށް ބަޔަކު ފާރަލީކަން އެނގުމުން ވެސް ސަރުކާރުން އެއަށް ސަމާލުކަމެއް ނުދިންކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހާއި ދެކޮޅުވެ އަމިއްލަ ރަސްމީ އެކައުންޓުން ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޕީޕީއެމާއި، އެމްޑީޕީއަށް އެކުގައި މަސައްކަތް ކުރެވޭނެކަމަށް ގަބޫލު ކުރާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ގައުމު ސަލާމަތްކުރުމަށް އެމްޑީޕީއަށް ބޭނުންވަނީ އާ ކޯލިޝަނެއް ކަމަށާއި އެމްޑީޕީ އާއި ޕީޕީއެމްގެ ގިނަ ބައެއްގެ ވިސްނުން އެއްގޮތްވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެއީ “އިންޑިއާ އައުޓް” ނުގޮވާ، ނަފުރަތުގެ ބިލަށް ތާއިދު ކުރާ، މިއުޒިކު ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއްކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: