ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީއަށް ނަޝީދު ބޭނުންވާ ތާއީދު ގައުމީ މަޖިލީހާއި، އެމްޑީޕީ ޕީޖީން ވެސް ނުލިބޭނެ: ޑރ. ޑީޑީ

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޑރ. ޑީޑީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވާ ބަރުލަމާނީ ނިޒާމު ރާއްޖެ ގެނައުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތެރެއިންނާއި، ޕާލިމެންޓްރީ ގްރޫޕުގެ ތެރެއިން ވެސް ތާއީދެއް ނުލިބޭނެކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިކުރީ ގޮތުން ހިޔާލުތަފާތު ވެފައިވާކަމަށް ބުނެ، ރައީސް ނަޝީދު ވަނީ އެމަނިކުފާނާއި އެކު ސިޔާސީ ގޮތުން ކުރެވޭނެ އިތުރު މަސައްކަތެއް ނެތްކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރާއި ދެކޮޅުވީކަން ބޭރު ދުނިޔޭގެ މީޑިއާތަކަށް ވެސް ހާމަކޮށް، އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެކު މަސައްކަތް ކުރުމަށް ބޭނުންވާކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހާއި ދެކޮޅުވެ ނަޝީދު ވިދާޅުވީ ޕީޕީއެމާއި، އެމްޑީޕީއަށް އެކުގައި މަސައްކަތް ކުރެވޭނެކަމަށް ގަބޫލު ކުރާ ކަމަށެވެ. އިދިކޮޅަށް ރައީސް ނަޝީދު އެންމެ ފުރަތަމަ ހުށަހެޅުމެއް، ހުށަހެޅީ 2023 ގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން އެކުގައި މަސައްކަތް ކުރުމަށެވެ.

“ސަންގުޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒު ހުރީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށެވެ. އެއްގޮތަށް ވެސް، ރައީސް ނަޝީދު ދައްކަވާ ސިޔާސީ ވާހަކަތަކަށް، ރައްދުދީ އެކަމުގައި ބޭކާރު ވަގުތު ހޭދަކުރައްވަން ރައީސް ބޭނުން ނުވާ ކަމަށެވެ.

ޑރ. ޑީޑީ ވިދާޅުވީ ރައީސް ސޯލިހު އުޅުއްވަނީ އެއްގޮތަކަށް ވެސް ނިޒާމުގައި މައްސަލައެއް އޮވެގެން، އެކަމާ ކަންބޮޑުވާ ބޭފުޅަކު ހުރިތޯ ބެއްލެވުމަށް ނޫން ކަމަށެވެ. އަދި ވަކި ބޭފުޅަކު ބޭނުންވާ ބޮޑުވަޒީރެއްގެ މަގާމުގެ މުހިންމުކަމުގެ މަޝްވަރާތައް ކުރައްވަން ވެސް ނޫން ކަމަށެވެ.

ރާއްޖޭގައި މިހާރު މި އޮތް ނިޒާމާއި ގުޅޭގޮތުން ކަންބޮޑުވެ އެކަމާއި ވާހަކަ ދައްކަވާ ޕާޓީގެ އާއްމު މެމްބަރެއް ވެސް ނެތްކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ. އަދި ރައްޔިތުން އިހުތިޔާރު ކުރީ ރިޔާސީ ނިޒާމުކަން ފާހަގަކޮށް، ޑރ. ޑީޑީ ވިދާޅުވީ، ނިޒާމަށް ގެންނާނެ ބަދަލާއި މެދު ގޮތެއް ނިންމާނީ ދިވެހި ރައްޔިތުން ކަމަށެވެ.

އެމްޑީޕީގެ ވެރިކަމެއް ކޯލިޝަނެއް އެކުލެވޭ ގޮތަށް ކުރިޔަށްދާއިރު، ކޯލިޝަން ގޯސްވެ އެކަމުގެ ޝަކުވާތަކެއް ހުރިނަމަ ގައުމީ މަޖިލީހަށް އެކަން ހުށަހަޅައިގެން ކުރިޔަށް ގެންދިޔައީސްކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ. އެހެން ނަމަވެސް ފެނިގެން ދަނީ ވަކި ބޭފުޅަކު ބޭނުންވާ މަގާމެއް ނުލިބުމުން، މުޅި ޕާޓީ އެހެން ނިޒާމަކަށް އަނބުރާލުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.

ރައީސް ނަޝީދާއި، ރައީސް ސޯލިހާއި ދެމެދު މައްސަލަ ޖެހެން މެދުވެރިވި ސަބަބެއްގެ ގޮތުގައި ޑރ. ޑީޑީ ވިދާޅުވީ ބަރުލަމާނީ ނިޒާމެވެ. ރައީސް ނަޝީދު ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ބޮޑު ވަޒީރަކަށް ވާން ބޭނުންފުޅުވި ނަމަވެސް، ރައީސް ސޯލިހު ބޭނުންވަނީ އޮންނަ ގަވައިދާއި އުސޫލުގެ ތެރެއިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށްކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.

 “އެއީ ރައީސުލްޖުމްހޫރިއްޔާ ނިންމަވަން ޖެހޭނެ ކަމެއް ނޫނޭ… ރައްޔިތުން ނިންމަންޖެހޭނެ ކަމެކޭ… އެވެސް ތެދުވާހަކަފުޅެއް. ގާނޫނު އަސާސީގައި ބުނާ ގޮތުން ނިޒާމު ބަދަލު ކުރަންޖެހޭ ހާލަތެއް އައިސްފިނަމަ އެކަން ކުރަން ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން” ޑރ. ޑީޑީ

ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ގާތް އެކުވެރިޔާއަށް ހުށަހެޅިޔަސް، އެއީ އެހެން ކުރެވޭނެކަމެއް ނޫންކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.

ޑރ. ޑީޑީ ގަބޫލު ކުރައްވާ ގޮތުން ރައީސް ނަޝީދު ބޭނުންވާ އަދަދަކަށް އެމްޑީޕީގެ ގައުމީ މަޖިލީހާއި، އަދި ޕާޓީގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ވެސް އެކަށީގެންވާ ތާއީދެއް ނުލިބޭނެ އެވެ.

ރައީސް ނަޝީދުގެ އަމަލުފުޅުތަކުގެ ސަބަބުން، ރައީސް ސޯލިހަށް އޮތް ތާއީދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންކަމަށާއި ރައީސް ނަޝީދު ޕާޓީގެ އަސާސީ ގަވައިދާއި ހިލާފަށް، އަދި ގާނޫނު އަސާސީއާއި ހިލާފަށް ދައްކަވާ އެއްވެސް ވާހަކައަކަށް ރައީސް ސޯލިހު އެއްވެސް ޝައުގެއް ނުދެއްވާކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.

މިއީ ރައީސް ނަޝީދަށް ގެއްލިގެން ދާ ތާއީދެއްގެ ގޮތުގައި ސިފަކޮށް، ޑރ. ޑީޑީ ވިދާޅުވީ އެމަނިކުފާނުގެ ސަބަބުން އެމްޑީޕީއަށް އަންނަ ޑެމޭޖުތައް ހުއްޓުވަން ޖެހޭ ކަމަށެވެ. އެކަން އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ވެސް ފެނިގެން ދިޔަކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ކަމުން ރައީސް ނަޝީދު މިހާރު އެ ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓާލުމަށްފަހު، ޕާޓީގެ ތެރެ އިތުރަށް ހަލާކުކޮށް ނުލުމަށް ޑރ. ޑީޑީ ގޮވާލި އެވެ. އަދި ޕާޓީގެ ރޫހާއި އެއްގޮތަށް ރައީސް ނަޝީދުގެ އަމަލުތައް ބަހައްޓައި، ރައީސް ސޯލިހަށް އެއްބާރުލުން ދިނުމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: