ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރު ނައްތާލުމަށް އިލްމީ ގޮތުން މުއައްސަސާތަކަށް އެހީވާނަން: ޑރ ޝަހީމް

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރު ނައްތާލުމަށް މުއައްސަސާތަކަށް އިލްމީގޮތުން ދެވެން އޮތް ހުރިހާ އެހީއެއް ދެއްވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހަރުކަށި ފިކުރާއި އަނދިރި ދައުލަތުގެ ވާހަކަ ވަރަށް ބޮޑަށް މި ދުވަސްވަރު އަނެއްކާވެސް ދެކެވެމުން އަންނައިރު، މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހިތާބުގައި ވެސް ވަނީ ހަރުކަށި ފިކުރު ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

މިކަންކަމަށް އަލިއަޅުއްވާލައްވައި ޑރ ޝަހީމްގެ އަމިއްލަ ބްލޮގްގައި ޝާއިއުކުރެއްވި ލިޔުމެއްގައި ވަނީ ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮބައިކަން ބުނެދީ، އިސްލާމީ ފިގުހީ އުސޫލުތަކާއި ޝަރުޢީ އިސްޠިލާހުތަކާއިމެދު އެ ފިކުރުގެ އަހުލުވެރިން ގެންގުޅޭ ނުބައި މަފްހޫމްތަކުގެ ޙަގީގަތް ރަނގަޅަށް ކިޔާދީ ޒުވާނުންނާއި މުޅި މުޖުތަމައު ހޭލުންތެރިކޮށްގެންކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ބައެއް ކަންކަމުން މިސާލު ޖައްސަވައި ތަކުފީރު، ޖިހާދު، އަލްވަލާއުވަލްބަރާއު، ޢިލްމުވެރިންގެ މެދުގައި އިޚުތިލާފު އުފެދުމުގެ ސަބަބުތަކާއި މި ނޫންވެސް އިސްލާމީ ޢަގީދާއާއި ފިގުހާއި ގުޅުންހުރި މުހިންމު އިސްތިލާޙުތަކުގެ އަސްލު ޙަގީގަތް ޢިލްމުވެރިން މެދުވެރިކޮށް ޒުވާނުންނަށް ކިޔައި ދެވެންޖެހޭކަމަށް ވިދާޅުވިއެވެ.

ހަރުކަށި ފިކުރުން ގައުމު ސަލާމަތްކުރުމަށްޓަކައި މިހާރުގެ ހާލަތު ދަނެ އިސްލާމީ ފަލްސަފާގެ އަލީގައި ހަރުދަނާ އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައިގެން މުސްތަގުބަލަށްޓަކައި މަސައްކަތްކުރުމުމަކީ ވަރަށް މުހިންމުކަމެއްކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

“ހަރުކަށި ފިކުރަކީ ޤާނޫނީ ޢުޤޫބާތުން ނުވަތަ ވަޢުޡު އިރުޝާދުން އެކަނި ރަނގަޅު ކުރެވޭނެ ކަމެއްނޫން. ދިގުދެމިގެންވާ ހައްލެއް ބޭނުން ނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭ” ޑރ ޝަހީމް

އަދި މިފަދަ ގައުމީ މަސައްކަތްތައްތަކުގައި ޤައުމުގެ އެއްވެސް މުއައްސަސާއަކުން އެހީތެރިކަމެއް ބޭނުންވާނަމަ ޢިލްމީ ގޮތުން ދެވެން އޮތް އެންމެހާ އެހީތެރިކަމެއް ދެއްވާނެކަމަށް ޑރ ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

މިނިވަން ދުވަހުގެ ހިތާބުގައި ހަރުކަށި ފިކުރު ނައްތާލުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދީނަށް ފުރައްސާރަކުރުމާއި ހަރުކަށި ފިކުރަށް އޮތް ހަމައެކަނި ހައްލަކީ ޤާނޫނީ ފިޔަވަޅުތަކެއް އެޅުން ނޫންކަމަށާއި މި ދެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުންކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ލިބުނު ކޮންމެ ނަޞްރަކީ ރާއްޖޭގެ ރައްޔިތުން މާތްވެެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ އެއްބައިވަންތަކާމާއެކު ތިބުމުގެ ހެޔޮ ނަތީޖާކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންނަމަވެސް މިހާރު މި އަސާސްތަކާ މުޅިން ޚިލާފަށް އިސްލާމް ދީނަކީ، ޙައްޤަކާއި ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި އާންމުކުރުމަށް، ވަރަށް ފާޅުގައި ބަޔަކު މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވައި، މިއީ ކޮންމެ ދިވެހި ރައްޔިތަކުމެ ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ ފަދަ ނުރައްކާތެރި ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ހަމައެފަދައިން އިސްލާމް ދީނަށް އިހާނެތިކުރުމާއި، ފުރައްސާރަ ކުރުމުގެ ޢަމަލުތަކަކީ ވެސް، މުޖުތަމައު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި ޢަމަލުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން، މި ދެ ކަމަކީ ވެސް އެއްވެސް ޙާލެއްގައި ދިވެހި މުޖުތަމަޢުގައި ޖާގަދެވިގެން ނުވާނެ އިޖުތިމާޢީ ދެ މައްސަލަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މި ދެ މައްސަލައިގެ އޮތް ހަމައެކަނި ޙައްލަކީ ޤާނޫނީ ފިޔަވަޅުތަކެއް އެޅުން ނޫންކަމަށާއި މި ދެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެގޮތުން، ޅަފަތުން ފެށިގެން، އިސްލާމް ދީނުގެ ސައްހަ ޢަގީދާގެ މަތީގައި، ކުދިން ތަރުބިއްޔަތު ކުރުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން، ކުރެވެން ހުރި ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ހަރުކަށި ފިކުރުގެ މީހުން ނުވަތަ ޖާނުން ފިދާވެގެންވެސް ބަޔަކަށް ގެއްލުމެއް ދޭނެވަރުގެ 1،300 އަށްވުރެ ގިނަ މީހުން މިވަގުތުވެސް މުޖުތަމައަށް ދޫވެފައިތިބިއިރު މިމީހުން ހައްޔަރުކޮށް ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެގޮތެއް އަދިވެސް ނެތްކަމަށް ހޯމް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ދާދި ފަހުން ޓެރަރިޒްމްގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުންވެސް ލިބުނު މާބޮޑު ފައިދާއެއް ނެތްކަން ހާމަވާފަދަ ގޮތަކަށް ވަނީ ވާހަކަދައްކަވައި، ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް އެދިވަޑައިގެންފަ އެވެ.

2019 ގައި ހުށަހެޅި ބައިތައް ހިމެނޭހެން އަނެއްކާވެސް، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް މިހާރު ވަނީ ހުށަހަޅަފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: