ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާންގެ މައްސަލަ: މަރު ކޮމިޝަންގެ ތުހުމަތުތަކެއް ހުސެއިން ވަހީދަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އެމަނިކުފާނު ސަރުކާރުގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަރު ރިޟްވާންގެ މައްސަލައިގައި، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއި ގެއްލުވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ސުވާލުކޮށްފައިވާކަން “ސަންގު” އަށް ކަށަވަރުވެއްޖެ އެވެ.

ރިޟްވާން ގެއްލުވާލި ހާދިސާއަށް މާދަމާއަށް ހަތް އަހަރުވާއިރު، މަރު ކޮމިޝަނަށް އެކަށީގެންވާ މަސައްކަތް ނުކުރެވުމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އުފެދިގެން އައީ ނޫސްވެރިޔާ ރިޟްވާނާއި، ބްލޮގާރ ޔާމިން ރަޝީދަށް އިންސާފު ހޯދައިދޭނެކަމުގެ ވައުދާއި އެކު އެވެ. އަދި މަރު ކޮމިޝަން އުފައްދައި މައްސަލަ ތަހުގީގު ކުރަން ފެށި އެންމެ ބޮޑު އެއް ބޭނުމަކީ ވެސް އެއީ އެވެ. މި ދެ މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރާކަމަށް ސަރުކާރުން ބުނި ނަމަވެސް، އާއިލާގެ އެންމެ ބޮޑު އެއް ކަންބޮޑުވަމީ މިހާތަނަށް އެއްވެސް އާ މައުލޫމާތެއް ކޮމިޝަނަށް ހޯދިފައި ނެތުމެވެ.

ކޮމިޝަނަށް ކުރެވޭ މަސައްކަތާއި މެދު ސުވާލުތަކެއް މީޑިއާތަކުން އުފައްދަމުން ދަނިކޮށް، މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާޒިރުކޮށް ތަހުގީގަށް ހުރަސް އެޅިކަމުގެ ތުހުމަތު ކުރި އެވެ. އެހެން ނަމަވެސް ތަކުރާރުކޮށް ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އެމަނިކުފާނު އިހުތިޔާރު ކުރެއްވީ ގާނޫނު އަސާސީގެ ދަށުން ލިބިގެންވާ ހަނު ހުރުމުގެ ހައްގުގެ ބޭނުން ކުރުމަށެވެ.

އެނގިފައިވާ ގޮތުން ހުސެއިން ވަހީދު ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކުރީ، މާގާމުގެ ނުފޫޒު ބޭނުންކޮށް ރިޟްވާންގެ މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދިއުމުގައި ހުރަސް އެޅިކަމުގެ ތުހުމަތާއި އެކު އެވެ. ކޮމިޝަނުން އޭނާއާއި ކުރި ސުވާލުތަކަށް އެއްބާރުލުން ދިންކަން އަދި ސާފެއް ނޫނެވެ.

ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅޭ ގޮތުންނާއި، އަދި ހުސެއިން ވަހީދު ކޮމިޝަނަށް ހާޒިރު ކުރުމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ ކުރިޔަށް ގެންދާ ތަހުގީގުތަކާއި، ތުހުމަތުތަކެއްގައި ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކުރާ މީހުންނާއި ބެހޭ މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ. އަދި މައްސަލައިގައި ކޮމިޝަންގެ ބަހަކީ އެއީކަމަށް އޭނާ ވިދާޅުވި އެވެ. އިތުރު މައުލޫމާތެއް މިސްބާހު ނުދެއްވަ އެވެ.

މިކަން ސާފު ކުރުމަށް، ހުސެއިން ވަހީދަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާ ގޮތް ނުވެފަ އެވެ.

ރައީސް ޔާމީން ކޮމިޝަނަށް ހާޒިރު ކުރި ދުވަހު މިސްބާހު ވެސް މީޑިއާތަކާއި ބައްދަލު ކުރެއްވި އެވެ. ރިޟްވާންގެ މައްސަލައިގައި އިތުރު ބަޔަކު ހާޒިރު ކުރާނެތޯ ސުވާލު ކުރުމުން މިސްބާހު ވިދާޅުވީ ކޮމިޝަންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ސާފު ކުރުމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.

2016، ސެޕްޓެމްބަރު 07 ގައި އަލްޖަޒީރާއިން އާއްމުކުރި “ސްޓީލިން ޕެރެޑައިސް” ޑޮކިއުމަންޓްރީގައި ވެސް ރިޟްވާންގެ މައްސަލައިގައި ތަހުގީގަށް ހުރަސް އެޅިކަމަށް ބުނެ އެންމެ ބޮޑަށް ތުހުމަތުކޮށްފައިވަނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި ހުސެއިން ވަހީދަށެވެ. އޭގެ ތެރޭގައި ޓީވީ ސްޓޭޝަނެއްކަމަށްވާ “ރާއްޖެ ޓީވީ” ގައި ރޯކޮށްލުން ވެސް ހިމެނެ އެވެ. އަދި ފުލުހުންގެ އެތެރޭގެ ބައެއް ކަންތަކާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަ އެވެ.

މި މައްސަލައާއި އެކު، މަރުގެ އެހެން މައްސަލަތައް ވެސް ބަލަމުން ދާ މަރު ކޮމިޝަނުން 2019 ވަނަ އަހަރުގެ ބޭއްވި ޕްރެސްކޮންފަރެންސްއެއްގައި ރިޟްވާން ގެއްލުވާލި ހާދިސާގެ ތަހުގީގުގެ މައުލޫމާތު އާއްމު ކުރި އެވެ. އެ ދުވަހުގެ ޕްރެސްކޮންފަރެންސްގައި، އޭރު ކޮމިޝަންގެ ރައީސަކަށް ހުންނެވި މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ ރިޟްވާން ވަގަށް ނަގައި މަރާލާފައިވާ ކަމަށެވެ. އަދި އޭނާ މަރާލުމަށް ފަހު، ކަންޑު ފެއްތީ އަލްގައިދާއަށް ނިސްބަތް ވާ ބައެއްކަމަށް ވެސް އެ ދުވަހުގެ ޕްރެސްގައި އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: