ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދުގެ ވަކީލުންގެ ބަޔާން: “މައްސަލައިގައި އަމަލު ކުރަނީ އަނިޔާވެރިކަމާއި ބޭއިންސާފުން”

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވަނިކޮށް ޖިންސީ ގޯނާގެ ތުހުމަތުގައި އަލީ ވަހީދު މަގާމުން ވަކި ކުރީ، ބަޔަކު އަޑިގައި ތިބެ ހިންގި އަމަލެއްގެ ސަބަބުންކަމަށް އޭނާގެ ގާނޫނީ ވަކީލުން ބުނެފި އެވެ.

ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނޭހެން ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ މައްޗަށް މިނިސްޓްރީގެ 13 މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވެ އެވެ. އޭނާ މަގާމުން ވަކި ކުރީ އެ މުވައްޒަފުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކޮށް، އެކަމުގެ ޝަކުވާ ހުށަހެޅުމުންނެވެ.

މައްސަލަ ތަހުގީގުކޮށް، ކޯޓު މަރުހަލާ ފަށާފައިވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ ބޭސްފަރުވާއަށް ކަމަށް ބުނެ އެވެ. ބޭނުން ގައުމަށް ދިއުމަށް ފުރުސަތު ދިނުމުން އަލީ ވަހީދު އެންމެ ފުރަތަމަ އެތެރެވީ ތުރުކީ އަށެވެ. އަދި އިނގިރޭސިވިލާތަށް ވަޑައިގެން އިތުރު ސާޖަރީތަކެއް ކުރަންޖެހޭކަމަށް ބުނެ ހުށަހެޅުމުން ކޯޓުން އޭނާއަށް އެ މުއްދަތު ދިނެވެ. އަދި މައްސަލައިގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިޔަށް ގެންދަން ނިންމި އެވެ. އެ ނިންމުމާއި މެދު ހިތްހަމަނުޖެހި ދައުލަތުން މައްސަލަ ހިފައިގެން ހައިކޯޓަށް ދިއުމުން މައްސަލަ ބޭރުކޮށްލި އެވެ. އެއަށް ފަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުން، އެ ކޯޓުން މައްސަލަ ބަލައިގަނެ އަލީ ވަހީދަށް ޗިޓު ފޮނުވި އެވެ. ޝަރީއަތަށް އަލީ ވަހީދު ހާޒިރުވެފައި ނުވާތީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާގެ މައްޗަށް 2 މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.

އެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ކަރެކްޝަންސް އިން ބުނި ނަމަވެސް، އިތުރު ތަފްސީލެއް މިހާތަނަށް ނުލިބެ އެވެ. ހަމައެކަނި ދިން މައުލޫމާތަކީ އިންޓަޕޯލް ރެޑް ނޯޓިސް ނޯޓިސްއެއް ނެރޭނެ ކަމެވެ. އަލީ ވަހީދުގެ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވެސް ގިނަ ކަންބޮޑުވުންތައް ހިއްސާ ކުރި އެވެ. އަދި އަލީ ވަހީދު ރާއްޖެ ގެނެވިފައި ނުވާތީ މީޑިއާތަކުގެ ފާޑުކިއުން ވެސް އޮތީ އަމާޒުވެފަ އެވެ.

އަލީ ވަހީދުގެ ވަކީލުން މިއަދު އާއްމު ކުރި ބަޔާނެއްގައި ބުނީ، އޭނާއާއި މެދު އަމަލު ކުރަމުން ދަނީ ބޭއިންސާފާއި އަނިޔާވެރިކާމާއި އެކު ކަމަށެވެ. އެއްވެސް ތަހުގީގު ކުރުމެއް، އަދި ސުވާލު ކުރުމެއް ވެސް ނެތި އަލީ ވަހީދު މަގާމުން ވަކިކުރި އިރު ކުރާ ތުހުމަތުތައް ވެސް ސާފުކޮށްދީފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ.

މިއީ ސިޔާސީ މަގްސަދެއް ހާސިލް ކުރުންގެ ގޮތުގައި ސިފަކޮށް، އެ ބަޔާނުގައި ބުނެފައިވަނީ ދައުވާ ސާބިތުވާނެ އެއްވެސް އުންސުރެއް ދައުލަތަށް ދެއްކިފައި ނުވާކަމަށެވެ. އޭގެ ތެރޭގައި ކުށް ކުރިކަމަށް ބުނާ ތާރީހާއި، ވަގުތުތައް އަދި އެ ކުށް ހިންގި ގޮތެއް ވެސް ދައުލަތަށް ބުނެ ނުދެވޭކަމަށް ބަޔާނުގައި ވެއެވެ. ފާއިތުވެދިޔަ އެއް އަހަރު ދުވަހު ދައުލަތުން އަލީ ވަހީދު ފްރޭމް ކުރުމަށް އެތައް މަސައްކަތެއްކޮށްފައިވާކަމަށް ވަކީލުންގެ ބަޔާނުގައި ވެއެވެ.

“ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލި އެއްވެސް ދައުވާއަކާ ގުޅޭ ގޮތުން ތަހުގީގު މަރުހަލާގައި ސުވާލުކޮށްފައި ނުވޭ، ދައުވާކޮށްފައިވަނީ ތުހުމަތު އުފުލިފައިވާ ދައުވާއެއް ސާބިތުވާނެ އެއްވެސް އުންސުރެއް ނެތި ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް” ވަކީލުން

ވަކީލުން ސިފަ ކުރި ގޮތުން، މިއީ މިހާ ބޭއިންސާފުން ރާއްޖޭގައި މީހަކާއި މެދު އަމަލު ކުރި ފުރަތަމަ ފަހެރެވެ. އަލީ ވަހީދުގެ އަގު ވައްޓާލުމުގެ ނިޔަތުގައި، ޕީޖީ އޮފީހުން މީޑިއާތަކަށް ދެމުންދަނީ ދޮގު މައުލޫމާތުތަކެއްގެ ގޮތުގައި ތުހުމަތުކޮށް ވަކީލުން ބުނެފައިވަނީ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވަނީ މައްސަލައަށް ނުފޫޒުތަކެއް ފޯރުވުމަށް ކަމަށެވެ.

ކުރެވޭ ތުހުމަތުތަކުގެ މައްސަލަ އާއްމުކޮށް މީޑިއާތަކަށް ވަދެވޭހެން ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށް އަލީ ވަހީދުގެ ފަރާތުން ހުށަހެޅި ނަމަވެސް، އެކަމަށް އިންކާރުކޮށް މައްސަލަ ސިއްރުން ކުރިޔަށް ގެންދާތީ ބަޔާނުގައި ނުރުހުންފާޅު ކުރި އެވެ. އަލީ ވަހީދު ޝަރީއަތް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށް ބޭނުންވީ ނަމަވެސް ޖިންސީ ގޯނާގެ އެއްވެސް މައްސަލައެއް އެއީ އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދެވޭނެ މައްސަލަތަކެއް ނޫނެވެ. އެފަދަ ހުރިހާ ޝަރީއަތެއް ވެސް ކުރިޔަށް ގެންދާނީ ސިއްރުންނެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ޖިންސީ މުއާމާލަތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. މި ދައުވާތައް އަލީ ވަހީދުގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: