ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ބަދަލުތަކާއި ގުޅޭ ޝަކުވާތަކަށް އާމަންދީ، ފަހަތަށް ޖެހުމެއް ނެތް: ރައީސް

އ.ދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމީ ބަދަލުތަކާ ގުޅޭ ޝަކުވާއާއި ކުރާ ވަކާލާތުގައި އަމާންދީ، ފަހަތަށްޖެހުމަކީ ދިވެހިންނަށް އޮތް އިހުތިޔާރެއް ނޫންކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އދ ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހުގެ ވާހަކަފުޅުގައި، ތިމާވެއްޓަށް ލިބޭ ގެއްލުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން މުޅި އިންސާނިއްޔަތަށް ވެސް ބޮޑުކަން ފާހަގަކުރައްވައި، އައިޕީސީސީން ދާދިފަހުން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކަށް އަލިއަޅުވާލެއްވި އެވެ.

އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް، 1901 ވަނަ އަހަރުން ފެށިގެން 1970 ވަނަ އަހަރާ ދެމެދު 3 ގުނަވެފައިވާކަމާއި، ދުނިޔޭގެ ފިނިހޫނުމިންވެސް 1.1 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވާކަން އެމަނިކުފާނުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ. މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި، ކުރިން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ހުރުމުގެ ސަބަބުން، މިހާރު އެއްވެސް ކަމެއް ފަހުންކުރަން ބެހެއްޓެން ނެތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދުނިޔެހޫނުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައިވެސް، މިހާރު ޖައްވަށް ދޫކުރާ ގެނދަބުޅީގެ ނިސްބަތް 2030 ވަނަ އަހަރާ ހަމައަށްދާއިރު 45 އިންސައްތައަށް ދަށް ކުރަންޖެހޭނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑުވެފައިވާ މިންވަރު ހާމަކުރައްވަމުން، ރައީސް ސޯލިހު ވަނީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށް ދިވެހި ދަރިވަރުންތަކެއް އެމަނިކުފާނަށް ފޮނުވާފައިވާ ބައެއް ސިޓީ، އދ. ގެ ޢާންމު މަޖިލިސް އާ ހިއްސާ ކުރައްވާފައެވެ. އެއަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ، އެ ކުދިންގެ މި ވާހަކަތަކަކީ އަންނަން އޮތް ޖީލުތަކުގެ އަޑުކަމަށާއި، އެހެންކަމުން މިހާރުގެ ޖީލުތަކުން އެ އަޑުތައް އަހަންޖެހޭކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފުރަތަމަ ނެތިދާނީ ރާއްޖެފަދަ ކުދި ޖަޒީރާޤައުމުތައް ކަމުގައިވިޔަސް މާދަމާ ބޮޑަތި ޤައުމުތަކުން ހަމަ އެސަބަބުތަކާ ކުރިމަތިލާންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ފިޔަވަޅު އެޅުމަށް އަދިވެސް ފުރުސަތު އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަމަލު ކުރަމުން އަންނަ ދުވަސްވީ ސިޔާސަތުތަކަށް އިންގިލާބީ ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ. އެ ގޮތުން، ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް މަދުކުރުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ފަންނީ ގާބިލުކަމާއި، އެކަށޭނަ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އަގު އަތްފޯރާ ފަށުގައި ބެހެއްޓުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ކަންކަމުން ދިފާއުވުމުގެ ގަބިލުކަމާއި މާލީ ތަނަވަސްކަން ނެތް ގައުމުތަކަށް، އެގާބިލުކަން ހުރި ގައުމުތަކުން ކުރާ ހޭދައާއި ދޭ އެހީ އިތުރުކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން، އިއާދަކުރަނިވި ހަކަތައަށް ހިޖުރަ ކުރުމަށް ކުރާ މަސައްކަތަކީ ކޮންމެ ދުވަހަކު ކުރާކަމަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އަދި، ބައިނަލްއަގުވާމީ މުޖުތަމައުގެ މަދަދާ އެކު، 2030 އަށް ނެޓް ޒީރޯ އަށް ވާސިލުވުމަށް ރާއްޖެއިން އަމާޒު ހިފާފައިވާކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއަށް ނުރައްކާވެފައިވާތީ، ދިވެހިންނާއި ދިވެހިރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި ތަންފީޒު ކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލުމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ޤާނޫނީ އަދި އިދާރީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން، މި އަހަރުގެ ތެރޭގައި ރައީސް ވަނީ ކްލައިމެޓް އިމެޖަންސީ ޤާނޫނު (ޤާނޫނު ނަންބަރު 9/2021) ތަސްދީގު ކުރައްވާފައެވެ. އަދި އެ ގާނޫނުގެ ދަށުން ރައީސް ޢައްޔަނު ކުރެއްވި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ގެންދަވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ހާމަކުރުމުގައި އިސްދައުރެއް އަދާކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: