ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯޑިއޯގައި ހިމެނެނީ ޖިނާއީ ކަމެއް، މައްސަލަ ބަލަން ޖެހޭނީ ފުލުހުން: އަދުރޭ

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ލީޑަރުން ޕޮލިސް ހެޑް ކުއާޓާސްއަށް ވަޑައިގެންނެވުން/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

 

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނޭ ތިން ފަަނޑިޔާރުންގެ އަޑު ކަމަށް ބުނެ ލީކުކޮށްލާފައިވާ އޯޑިއޯތަކުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޖިނާއީ ނަޒަރަކުން ކުރިޔަށް ނުގެންދެވޭނެކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްސަލަ ކުރިޔަށް ގެންދިޔަ އިރު އިސް ގާޒީގެ މަގާމުގައި ހުންނެވި އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ، މި މައްސަލަ ދަށު ކޯޓުގައި ފަހުން ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އޭގެ ތެރެއިން ގާޒީ ހުސައިން ފާއިޒް ރަޝާދު، ގާޒީ މުހައްމަދު ސަމީރު، ގާޒީ އަލީ އާދަމްގެ އަޑު ހިމެނޭ ވަކި ވަކި ތިން އޯޑިއެއް ވަނީ ލީކުވެފަ އެވެ.

ސިޔާސީ މީހުންގެ މައްސަލަތައް ބެލުމަކީ އެއީ ވަރަށް ފާޑެއްގެ ކަމެއްގެ ގޮތުގައި ސިފަކޮށް އޭގެއިން އެއް އޯޑިއޯއެއްގައި ހިމެނޭ ގާޒީ ފާއިޒް ވަނީ ރައީސް ޔާމީނަށް ހުކުމް އިއްވީ ރަހީނުކޮށްގެންކަމަށް ވިދާޅުވެފަ އެވެ. މީހަކު ރަހީނު ކުރެވޭނެ ވަރަށް ބައިވަރު ގޮތްތައް ހުންނާނެ ކަމަށާއި އެގޮތުން ސީދާ އޭނާ ރަހީނު ނުކުރިއަސް އެ މީހެއްގެ އަނބިމީހާ ނުވަތަ ގާތް މީހަކު ރަހީނުކޮށްގެން އެ އަމަލު ހިންގިދާނެ ކަމަށް އެ ރިކޯޑިންގައި އޭނާ ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި ޖޭއެސްސީން އޯޑިއޯ އެނަލިސިސް ރިޕޯޓެއް ހަދައި، ކޮމިޝަނުން ބަލަން ނިންމީ ފާއިޒްގެ މައްސަލަ އެކަންޏެވެ. އެއީ އޭނާގެ އަޑާއި އޯޑިއޯތަކާއި ދިމާވަތީ އެވެ.

އިދިކޮޅުން ވަނީ، ޖޭއެސްސީގެ ނިންމުން ބަލައި ނުގަންނާނެކަމަށް ބުނެފަ އެވެ. ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މިއަދު އިދިކޮޅުން ވަނީ ފުލުހުންގެ އޮފީހަށް ވަޑައިގެންފަ އެވެ. އަދި ފުލުސް އޮފީހުން ނިކުމެވަޑައިގެން މީޑިއާތަކާއި ވާހަކަ ދައްކަވަމުން އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އޯޑިއޯތަކުގެ މައްސަލައިގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ބައްދަލު ކުރުމަށް އެކި ފަހަރު މަތީން ހުށަހެޅި ސިޓީތަކަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

އޯޑިއޯތައް ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށް ފުލުހުން ހާމަކޮށްފައި ވަނިކޮށް، ކުށްވެރިވަނީ ހަމައެކަނި ގާޒީ ފާއިޒްކަމަށް ބުނެ ޖޭއެސްސީން ބަޔާން ނެރުން ދެކޮޅު ނުޖެހޭކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޯޑިއޯ އެނަލިސިސްގެ ރިޕޯޓުތައް ލިބޭނެކަމަށް ފުލުހުން ހާމަ ކުރި މުއްދަތު ފާއިތުވެގެން ދިޔައިރު ވެސް ރިޕޯޓުގެ ނަތީޖާ ހިއްސާކޮށްފައި ނުވުމަކީ އެއީ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވާފައިވާކަމުގެ ހެއްކެއްކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޖޭއެސްސީއަކީ އެއްވެސް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ މުވައްސަސާއެއް ނޫން ކަމަށެވެ. އެއީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ ކޮމިޝަނެއްކަމަށާއި އޯޑިއޯގެ ތަހުގީގު ހިނގަން ޖެހޭނީ ފުލުހުންގެ މުވައްސަސާއިންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައި، މި މަހުގެ ތެރޭގައި ހުކުމް ކުރާނެކަމަށް ބެލެވޭއިރު އެއީ އެންމެ އިންސާފުވެރި ގޮތެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނީ ގޮތުން ސުވާލު އުފެދިފައިވާ ހުކުމެއް ސުޕްރީމް ކޯޓުން ދެމެހެއްޓުން އެއީ، ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

ޖޭއެސްސީ އަދި ފުލުހުންނަކީ އެފަދަ އޯޑިއޯ އެނަލިސިސް ރިޕޯޓުތައް ހެދުމުގެ ގާބިލުކަން ހުރި މުވައްސަސާއެއް ނޫންކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ފުލުހުން ވެސް އެ މަސައްކަތް ހަވާލު ކުރަނީ، ކޮންޓްރެކްޓު އުސޫލުންކަމަށް ވިދާޅުވެފަ އެވެ.

ދަށު ކޯޓުން ރައީސް ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފީ މަރުހަލާގެ ހުކުމް އިއްވުމާއި ހަމައަށް ގޮސްފައިވާއިރު ޖޭއެސްސީގެ ބަޔާނުން ވެސް އެނގެނީ ކްރިމިނަލް ކޯޓުން އިއްވީ ބާތިލު ހުކުމެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ޖޭއެސްސީގެ ބަޔާނުން ކަންތަކެއް ހާމަވުމާއި އެކު، އެއީ ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގެ މައްޗަށް ބަލަންޖެހޭ މައްސަލައެއްގެ ގޮތުގައި އެނާ ފާހަގަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: