ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުލޫފްގެ މައްސަލައިގައި އެންމެ ފަހުން ތާރީހެއް، އަންނަ ހަފްތާގައި ގޮތެއް ނިންމާނެ!

ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރަކަށް ހުންނަވައިގެން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުކޮށްފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލައިގައި ހަފްތާއެއްގެ ތެރޭގައި ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނެކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހުގައެވެ. އޭގެ ފަހުން ފަސް މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް އަދި އެ ކަމާ މެދު ގޮތެއް ނުނިންމައެވެ.

މިދިޔަ ދުވަަސްތަކުގެ ތެރޭގައި ޕީޖީއާއި ނޫސްވެރިން އެންމެ ގިނައިން އަމާޒު ކުރި ސުވާލަކީ ހިޔާނާތުގެ މައްސަލައިގައި ދައުވާކޮށްދޭން އެދި ހުށަހަޅާފައިވާ މަހުލޫފްގެ މައްސަލައިގައި ގޮތެއް ނިމުނު ތޯ އެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން މަހުލޫފަށް މަންފާ ލިބިފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާކޮށްދޭން ޕީޖީ އޮފީހަށް ފޮނުވުމުން ވަކި މުއްދަތެއް ވަންދެން އޭނާ މަގާމުން އެކަހެރިކޮށްފައި ބެހެއްޓި އެވެ. ނަމަވެސް މައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެން ދާތީ ޕީޖީން މަހުލޫފްގެ ސަސްޕެންޝަން އުވާލީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ޕީޖީގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މައްސަލަ ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި ގޮތެއް ނިންމޭނެ ކަމަށެވެ. ނުފޫޒާއި ގުޅޭގޮތުން ކުރި ސުވާލަށް މިއަދު ވެސް ޝަމީމް ވިދާޅުވީ އޭނާއަކީ ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާއިރު އެއްވެސް މީހެއްގެ ނަމަކަށް ބަލާ މީހެއް ނޫން ކަމަށެވެ. އެކަށީގެންވާ ހެއްކާއި، އެއީ ކުށްވެރިވާ މީހެއްކަން ގަބޫލު ކުރެވޭ ހާލަތެއްގައި ދައުވާނުކޮށް ދޫކޮށް ނުލާނެކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭސީސީއާއި ޕީޖީ އާއި ދެމެދު ރަނގަޅު ގުޅުމެއް ނޯންނަކަމުގެ ވާހަކަތައް މީޑިއާތަކުގައި ދެކެވި، ދެ އިދާރާއިން ބަހުގެ ހަމަލާތައް ރައްދު ކުރިކަން ބައެއް މީޑިއާތަކުން ފާހަގަ ކުރި އެވެ. ޝަމީމް ވިދާޅުވީ، އޭސީސީއަކީ ހިޔަނާތާއި ގުޅޭ މައްސަލަތައް ތަހުގީގު ކުރާތަނަކަށް ވެފައި ޕީޖީއާއި ހަމައަށް އަންނަނީ މުޅިން ވެސް އައު މައްސަލަތަކެއް ކަމަށެވެ. އޭގެ ސަބަބުން ދަތިތަކެއް ދިމާވާއިރު، ގިނަ ފަހަރަށް މައްސަލަތައް އަންނީ އެއްވެސް މަޝްވަރާ ކުރުމެއް ނެތިކަން ޝަމީމް ފާހަގަ ކުރެއްވި އެވެ.

އާއްމު ގޮތެއްގައި ފުލުހުން ނުވަތަ އެހެން އިދާރާއެއްގެ ތަހުގީގުގެ ތެރޭގައި ޕީޖީ ހިމެނޭއިރު، އޭސީސީގެ ކަންކަމުގައި މަޝްވަރާއެއް ނުވަތަ ވާހަކަ ދެކެވޭ ގޮތް ނުވަނީ އެއީ މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް ވުމުންކަމަށް ޝަމީމް ވިދާޅުވި އެވެ. އޭގެ ސަބަބުން ބައެއް މައްސަލައް ފޮނުވުމުން، ދެން ދެ އިދާރާއިން އިތުރަށް ސާފު ކުރަން ޖެހޭ ކަންކަމާއި މެދު މަޝްވަރާ ކުރެވޭ ކަމަށާއި މައްސަލަތަކުގައި އަސާސީ ކަންކަން ފުރިހަމަ ނުވާނަމަ އެ މައްސަލައެއް އަލުން އަނބުރާ ފޮނުވަން ޖެހޭކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލަ ވެސް ފޮނުވާފައި އޮތީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. ވާހަކަ ދެކެވޭނަމަ މައްސަލަ މިއަށް ވުރެ ފަސޭހަވާނެކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ ވެންޓިލޭޓަރު މައްސަލަ އާއި މަހުލޫފް މައްސަލައިގައި އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށެވެ.

ހިޔާނާތުގެ ފައިސާ ލިބުނު އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް 2019 ގައި އޭސީސީން އާއްމު ކުރި އެވެ. އެ ލިސްޓުގައި ނަން ހިމެނި، “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ސިޔާސަތުގެ ދަށުން މަހުލޫފް 14 ފެބްރުއަރީ 14، 2019 ގައި ސަސްޕެންޑު ކުރި އެވެ. އެހެން ކަމުން ހިޔާނާތުގެ މައްސަލައިގައި މަހުލޫފް ދެ ފަހަރެއްގެ މަތީން ސަސްޕެންޑު ކުރި އެވެ.

މި މައްސަލައިގައި މަހުލޫފް ބުނީ، އެސްއޯއެފާއި އެކު އޭނާ ހިންގާފައިވަނީ ސައްހަ މުއާމަލާތެއް ކަމަށެވެ. ދައުވާ ކުރަން ފޮނުވާފައިވާތީ ހިތްހަމަ ނުޖެހުން ފާޅުކޮށް މަހުލޫފް ބުނީ އޭނާއަކީ “ކަތިލާ ކަންބަޅިއަކަށް” ހަދާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: