ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ދާއިރާ ލާމަރުކަޒުކުރުން: ފަސް ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހެލްތު މިނިސްޓަރ އިބްރަހިމް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މައި ސިޔާސަތު، ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން ސިއްހީ ދާއިރާގެ ހިދުމަތްތައްވެސް ލާމަރުކަޒުކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރުމަށް ސަރުކާރުން އަމާޒު ހިފިއެވެ.

އެގޮތުން، ހދ ކުޅުދުއްފުށި، ރ އުނގޫފާރު، ގދ. ތިނަދޫ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އަދި ލ. ގަން ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ނިންމިއެވެ.  އަދި ކޮންމެ އަހަރަކުވެސް ބަޖެޓުގައި މިހޮސްޕިޓަލްތައް ތަރައްގީކުރުމަށް ވަކި އަދަދުތަކެއް ކަނޑައަޅައި ތިން އަހަރުވެގެން ދިޔައިރު ބައެއް މަސައްކަތްތައް ވަނީ ކުރެވިފައެވެ.

  • ހދ ކުޅުދުއްފުށި ހޮސްޕިޓަލް
ހދ ކުޅުދުއްފުށި ހޮސްޕިޓަލް

ކުޅުދުއްފުށި ހޮސްޕިޓަލް ތަރައްގީކުރުމަށްޓަކައި 2020 ވަނަ އަހަރުގެ ޖޫން މަހު ގިނަ އަދަދެއްގެ އިކުއިޕްމަންޓް ވަނީ ގެނެސްފައެވެ. ހޮސްޕިޓަލްގައި އަލަށް ދޭން ފެށި ހިދުމަތްތަކުގެ ތެރޭގައި ފިޒިއޯތެރަޕީގެ ޚިދުމަތް ފަށާ، އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ހިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތައްގެނެވި ހިދުމަތް ފުޅާކޮށް ފުރިހަމަ ކޮށްފައިވެއެވެ. މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައް ހޮސްޕިޓަލަށް ފޮނުވާ، އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވޭ ދޭން ފަށާފައިވާއިރު އެމްއާރްއައި މެޝިން އިސްޓޯލްކޮށް ކޮމިޝަން ކުރެވި މިއަހަރުގެ މާޗް މަހުގެ ތެރޭގައި ހިދުމަތް ދޭން ފަށާފައިވެއެވެ. އަދި ސްކޭނިންގެ ޚިދުމަތް ފަށައި، ތިއޭޓަރުން އޮޕަރޭޝަން ކުރެވޭ ގޮތަށް ބަދަލުކޮށް، ލެބޮރެޓަރީ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާކަންވެސް ހެލްތު މިނިސްޓްރީއިން ފާހަގަކުރެއެވެ. މީގެ އިތުރުން، މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައް ހޮސްޕިޓަލަށް ފޮނުވާ، ކާޑިއެކް ޚިދުމަތްވެސް އޮކްޓޯބަރ 2019 ގައި ވަނީ ތައާރަފް ކުރެވިފައެވެ.

މީގެ އިތުރުން، ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރުމަށްޓަކައި ޕީސީއާރު ލެބްގެ ޚިދުމަތް ފަށާފައިވާއިރު ޕަލްމޮނޮލޮޖީ އާއި ސްޕީޗްތެރަޕީގެ ޚިދުމަތްވެސް ހޮސްޕިޓަލުގައި ވަނީ ފަށާފައެވެ. އަދި ކޮވިޑް ޖެހިފައިވާ ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި ފެސިލިޓީއެއް ޤާއިމުކުރެވި، އެތަނަށް ބޭނުންވާ ގިނައަދަދެއްގެ އިކުއިޕްމަންޓުތައްވެސް ވަނީ ފޮނުވާފައެވެ. އަދި އޮކްސިޖަން ޕްލާންޓެއް ބެހެއްޓުމަށްޓަކައި ޕްލާންޓް ހައުސް އިމާރާތްކުރެވިފައިވާއިރު މިހާރު އެއިމާރާތް ނިމި، އޮކްސިޖަން ޕްލާންޓް އިންސްޓޯލްކޮށް ހިދުމަތް ދޭންވަނީ ފަށާފައެވެ. އަދި ސެންޓްރަލް ސްޓެރައިލް ސަރވިސަސް ޑިޕާޓްމަންޓެއް ގާއިމުކޮށް ޚިދުމަތްދޭން ފަށާފައިވާކަންވެސް ހެލްތު މިނިސްޓްރީއިން ފާހަގަކުރެއެވެ.

  • ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މި ހޮސްޕިޓަލްގައިވެސް އަލަށް ތަފާތު ހިދުމަތްތަކެއް ވަނީ ތައާރަފް ކުރެވިފައެވެ. އޭގެ ތެރޭގައި ފިޒިއޯތެރަޕީގެ ޚިދުމަތް، އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ހިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތައް ގެނެވި ހިދުމަތް ފުޅާކޮށް އިތުރަށް ވަނީ ފުރިހަމަކޮށްފައެވެ. އަދި މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައް ހޮސްޕިޓަލަށް ފޮނުވާ ސީޓީ ސްކޭނުގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.
މީގެ އިތުރުން ލޮލުގެ ފަރުވާ ދޭން ފަށާ 6 ޕްރައިވެޓް ރޫމް އިމާރާތްކޮށް ވަނީ ޚިދުމަތް ދޭން ފަށާފައެވެ.

ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

 

ހަމައެއާއެކު ސައިކޭޓްރިސްޓް ޚިދުމަތް ތައާރަފްކުރެވި ހިދުމަތް ފަށާފައިވާއިރު، އީއެންޓީ ޚިދުމަތްވެސް ހޮސްޕިޓަލުގައި ދޭން މިހާރު ވަނީ ފަށާފައެވެ.  އީއެންޓީ ހިދުމަތް ދިނުމަށް ހޮސްޕިޓަލްގައި އީ.އެން.ޓީ ކުލިނިކެއް ތައާރަފްކޮށް މުޅިން އައު އިކުއިޕްމަތްތަކެއް ވަނީ އިންސްޓޯލްކޮށްފައެވެ. އެއާއެކު މުޅިން އަލަށް ބައެއް ހިދުމަތްތައްވެސް ވަނީ ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި ރިޖިޑް އެންޑަސްކޯޕް، މައިނާރ އޯރަލް ސާރޖެރީ، އޮޓޯ އެނަޑަސްކޮޕީ، މައިނާރ އިއާރ ސާރޖެރީ އަދި ފޮރިން ބޮޑީ ރިމޫވަލް ހިމެނެއެވެ

  • ގދ. ތިނަދޫ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

މިހޮސްޕިޓަލުގައި އަލަށް އިމާރާތްކުރާ 14 އޯޕީޑީ ރޫމުގެ އޯޕީޑީ އޭރިއާއާއި، 2 ލޭބަރ ސޫޓް އަދި އެންއައިސީޔޫ ހިމެނޭ، 04 ޕްރައިވެޓް ރޫމް ހިމެނޭ އިމާރާތް ހެދުން ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ހެލްތު މިނިސްޓްރީއިން ބުނެއެވެ. އަދި މިހާރުގެ އޯޕީޑީ އޭރިއާ އީއާރްއަކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހޮސްޕިޓަލުގައި މިހާރު އަލަށް ދެވޭ ހިދުމަތްތަކުގެ ތެރޭގައި ފިޒިއޯތެރަޕީގެ ޚިދުމަތް ފާހަގަކޮށްލެވެއެވެ. އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ހިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތައް ގެނެވި ހިދުމަތް ފުޅާކޮށް ފުރިހަމަ ކުރެވިފައިވާއިރު މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލާތްތައް ހޮސްޕިޓަލަށް ވަނީ ފޮނުވާފައެވެ. އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާ ދޭން ފަށާފައިވާއިރު ސީޓީ އާއި މެމޯގްރަފީ ބެހެއްޓުމަށް ބޭނުންވާ އިމާރާތް ޒަމާނީ ފެންވަރަށް ބަދަލުކުރެވި މިހާރު ވަނީ ހިދުމަތް ދޭން ފަށާފައެވެ. އަދި ވޯޑުތައް އެއަރކޮންޑިޝަންކޮށް ނިމިފައިވާއިރު ހޮސްޕިޓަލާއި އޮފީސް އިމާރާތުގައި ކުރަންހުރި މަރާމާތުތައް މިހާރު ވަނީ ނިމިފައެވެ. ކޮވިޑް ޖެހިފައިވާ ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި ރީޖަނަލް އައިސީޔޫ ފެސިލިޓީއެއް ޤާއިމުކުރެވި، މިތަނަށް ބޭނުންވާ ގިނައަދަދެއްގެ އިކުއިޕްމަންޓުތައް ފޮނުވާފައިވާއިރު، ސައިކޭޓްރިސްޓް ޚިދުމަތް ތައާރަފްކުރެވި އެހިދުމަތްވެސް މިހޮސްޕިޓަލުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ގދ. ތިނަދޫ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

 

  • ލ. ގަން ރީޖަނަލް ހޮސްޕިޓަލް

މިހޮސްޕިޓަލް ތަރައްގީކުރުމަށްޓަކައި 2020 ވަނަ އަހަރުގެ ޖޫން މަހު ގިނަ އަދަދެއްގެ އިކުއިޕްމަންޓް ވަނީ ގެނެސްފައެވެ. މުޅިން އަލަށް ދޭން ފަށާފައިވާ ބައެއް ހިދުމަތްތަކުގެ ތެރޭގައި ފިޒިއޯތެރަޕީގެ ޚިދުމަތް ފަށާ، އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ހިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތައް ގެނެވި ހިދުމަތް ފުޅާކޮށް ވަނީ ފުރިހަމަކޮށްފައެވެ. މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައް ހޮސްޕިޓަލަށް ފޮނުވާ އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާވެސް ވަނީ ދޭން ފަށާފައެވެ. ދަތުގެ ބައެއް ހިދުމަތްތަކަށް ބަލާއިރު ފުޓުނި އަދި ރޫޓް ކެނަލްގެ ހިދުމަތް ފަށައި، ކޮވިޑް ޖެހިފައިވާ ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި ރީޖަނަލް އައިސީޔޫ ފެސިލިޓީއެއްވެސް ވަނީ ގާއިމްކުރެވިފައެވެ. އަދި ޕަވަރ ހައުސްއެއް އިމާރާތްކުރެވި ޕަވަރ ހައުސްއަށް ބޭނުންވާ 450 ކޭވީއޭގެ 2 ޖަނަރޭޓަރާއި ސިންކްރޮނައިޒް ޕެނަލް ބޯޑު ބަހައްޓާ ހޮސްޕިޓަލަށް ކަރަންޓު ވަނީ ދީފައެވެ.

 

މީގެ އިތުރުން ވޯޑުތަކާއި އޯޕީޑީ އޭރިއާ އެއަރ ކޮންޑިޝަން ކުރެވިފައިވާއިރު ހޮސްޕިޓަލް އެކްސްޓެންޝަން އިމާރާތް އެޅުމަށް ބޭނުންވާ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ މިހާރު ވަނީ ނިމިފައެވެ. އަދި ސީޓީ ބެހެއްޓުމަށް ބޭނުންވާ އިމާރާތް ނިމި، ޚިދުމަތް ދޭން މިހާރު ވަނީ ފަށާފައެވެ. އަދި މެމޯގްރަފީގެ ޚިދުމަތް ފެއްޓުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު 6 ކޮންސަލްޓިންގ ރޫމާއި ވެއިޓިންގ އޭރިއާ ހިމެނޭ ގޮތަށް އޯޕީޑީ އޭރިއާވެސް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ސައިކޭޓްރިސްޓް ޚިދުމަތް ތައާރަފްކުރެވި އެޚިދުމަތްވެސް އަންނަނީ ދެމުންނެވެ.

 

 

  • އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

މިހޮސްޕިޓަލުގައިވެސް ފިޒިއޯތެރަޕީގެ ޚިދުމަތް ފަށައި، އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ހިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތައް ވަނީ ފޯރުކޮށްދީފައެވެ. އަދި މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައް ހޮސްޕިޓަލަށް ފޮނުވާފައިވާއިރު އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާވެސް ވަނީ ދޭން ފަށާފައެވެ. މީގެ އިތުރުން ކާރޑިއޮލޮޖީގެ ޚިދުމަތް ސްޕީޗް ތެރަޕީ އަދި ސްކޭންގެ ޚިދުމަތްވެސް ތަޢާރަފްކުރެވި ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެެވެ. އަދި އެމް.އާރ.އައިގެ ޚިދުމަތްވެސް މިހާރު ދެމުން އަންނައިރު  މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައްވެސް ހޮސްޕިޓަލަށް ވަނީ ފޮނުވާފައެވެ. ކޮވިޑް ބަލި ޖެހިފައިވާ ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި ރީޖަނަލް އައިސީޔޫ ފެސިލިޓީއެއް ޤާއިމުކުރެވި، މިތަނަށް ބޭނުންވާ ގިނައަދަދެއްގެ އިކުއިޕްމަންޓުތައްވެސް ވަނީ ފޮނުވާފައެވެ.

މިގެ އިތުރުން އިންހައުސް ފާރމަސީގެ ޚިދުމަތް، ލެބޯޓްރީގައި ހިސްޓޯޕްނޯލޮޖީ ގެ ޚިދުމަތް، އެކޯ ކާޑޮއޯގްރަފީ ގެ ޚިދުމަތް، ޓްރެޑްމިލް ޓެސްޓް ގެ ޚިދުމަތް އަދި ހޯލްޓަރ މޮނިޓަރިންގެ ހިދުމަތް ވަނީ ތައާރަފްކޮށްފައެވެ.
އަދި އީ.އެމް.ޖީ އަދި އީ.އީ.ޑީ ގެ ޚިދުމަތް ފަށައި ޒަމާނީ ފެންވަރުގެ ސީއެސްއެސްޑީއެއްވެސް ވަނީ ގާއިމުކުރެވިފައެވެ.

 

އައްޑު އިކުއިޓޯރިއަލް ހޮސްޕިޓަލް

މި ފަސް ހޮސްޕިޓަލުގެ އިތުރުންވެސް އަތޮޅު ތެރޭގައި ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ތަފާތު އެކި މަސައްކަތްތައް ވަނީ ކޮށްފައެވެ. އެގޮތުން އަތޮޅު ތެރޭގައި މިވަގުތު އާންމުކޮށް ނުލިބޭ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ދަތުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ހއ، ހދ، ށ، ނ، ރ، ބ، ޅ، މ، ފ، ދ، ތ، ލ، ގއ، ގދ، ޏ، ސ އަދި ކ އަތޮޅު މާފުށިގައިވެސް ދަތުގެ ހިދުމަތް ދޭން ވަނީ ފަށާފައެވެ.

މީގެ އިތުރުން ޑައިލިސިސް ހިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމަށްވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ހއ.އަތޮޅު ހޮސްޕިޓަލަށާއި ޏ.އަތޮޅު ހޮސްޕިޓަލަށް ޑައިލިސިސް ޚިދުމަތް މިދައުރުގައި ފުޅާކުރެވިފައިވާއިރު މިވަގުތު 10 ހިސާބަކުން ޑައިލިސިސްގެ ޚިދުމަތް ދަނީ ލިބެމުންނެވެ. އެއީ އައި.ޖީ.އެމް.އެޗް، ހުޅުމާލެ ހޮސްޕިޓަލް، ހދ، ތ، ލ، ގދ، ނ، ވިލިމާލެ ހޮސްޕިޓަލް، ހއ އަތޮޅު ހޮސްޕިޓަލް އަދި ޏ އަތޮޅުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: