ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޑިސިން އިންޓާންޝިޕް ޑޮކްޓަރުންގެ ކަންބޮޑުވުން ރައީސް ސޯލިހަށް ހުށަހެޅިތާ މަހެއް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އިންޓާންޝިޕް ހަދަމުން އަންނަ ޑޮކްޓަރުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން ވެސް އެކަމުގެ އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށް އެ ޑޮކްޓަރުން މައުލޫމާތު ދީފި އެވެ.

ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް ދިމާވަމުންދާ ދަތިތަކާއި، މާލީ ގޮތުން ހުރި ގޮންޖެހުންތައް ފާހަގަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ހުށަހެޅީ އޮކްޓޯބަރު 18 ގަ އެވެ. މި ސިޓީގެ ކޮޕީއެއް “ސަންގު” އަށް ވަނީ ލިބިފަ އެވެ.

28 ޑޮކްޓަރަކު ސޮއިކޮށް ރައީސް އޮފީހަށް ހުށަހެޅި ސިޓީގައި އިންޓާންޝިޕް ފުރިހަމަ ކުރުމަށް ރާއްޖޭން ބޭރުން ފުރުސަތު ލިބުނު ނަމަވެސް އަމިއްލަ ގައުމުގައި އިންޓާންޝިޕް ހެދުމަށް ނިންމީ ސަބަބުތަކެއް ހުރުމުންކަން ފާހަގަކުރި އެވެ. އެގޮތުން ރާއްޖޭގައި އިންޓާންޝިޕް ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅުވާނެކަމަށް ބުނެފައިވުމާއި، ކޮވިޑުގެ ސަބަބުން ދިމާވި ހާލަތުގެ ތެރެއިން ކޯސް ދިގުލައިގެން ދިޔަ ދަރިވަރުންނަށް އެހީތެރިވެދޭނެ ކަމުގެ އުންމީދު ކުރިކަމަށް ސިޓީގައި ވެއެވެ.

ހާއްސަކޮށް މެޑިސިން ކިޔެވުމަކީ ހަރަދު ބޮޑު، ގިނަ ފައިސާ ހަރަދު ކުރަންޖެހޭ ދާއިރާއަކަށް ވާއިރު ގިނަ ދަރިވަރުންނަކީ ލޯނު ނަގައިގެން ކިޔަވަމުންދާ ކުދިންކަމަށް ސިޓީގައި ބުނެފައި ވެއެވެެ. އެހެން ކަމުން ލޯނު ނަގައިގެން ކިޔަވަމުން އިތުރު ހަރަދުތަކެއް ރާއްޖެއިން ބޭރުގައި ކުރުމަކީ ފަސޭކަމަކަށް ނުވާތީ، ރާއްޖޭގައި ޕްރޮގްރާމް ފުރިހަމަ ކުރަން ނިންމީކަމަށް ޑޮކްޓަރުން ބުންޏެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގައި އިންޓާންއެއް ކުރާ މަސައްކަތަށް އުޖޫރައެއް ދޭކަން ފާހަގަކޮށް ސިޓީގައި ބުނެފައިވަނީ މި ސަރަހައްދުގެ ގައުމުތަކުގައި ވެސް އަމަލު ކުރާ އުސޫލަކީ އެއީ ކަމަށެވެ. މިވަގުތު އިންޓާނުންގެ ގޮތުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަކީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ދިރިއުޅުން ހޭދަކޮށްފައިވާ ދަރިވަރުންނަށްވުމާއި އެކު އިންޓާން ޑޮކްޓަރުންނަކީ ސިވިލް ސަވިސް ކޮމިޝަންގެ ޖެނެރަލް މެޑިކަލް ޑޮކްޓަރުންގެ ވަޒީފާގެ އޮނިގަނޑުގެ ދަށުން ހިމެނިފައިވާ ވަކި ކެޓަގަރީއެއްކަން މީގެ ކުރިން އެނގިފައި ނުވާކަމަށް ސިޓީގައި ވެއެވެ. އަދި އިންޓަރންޝިޕް ފެށުމުގެ ބޭއްވި އޮރިއެންޓޭޝަންގައި ޕްރޮގްރާމްގައި ކުރިއަށް ގެންދިޔައިރު، މުސާރަ ނުލިބޭ އިގުރާރެއްގައި ސޮއި ކުރުވާފައިވާކަމަށެވެ.

“ކަންމިހެން އޮވެމެ، މިކަމާއި ރުހިގެން ޕްރޮގްރާމް ފެށިނަމަވެސް އެއްވެސް މުސާރައެއް ނުވަތަ އެލަވަންސެއް ނުލިބި އަހަރެއްހާ ދުވަސް ވޭތުކުރަން ޖެހުމުން އެކަމުގެ ސަބަބުން ހީނުކުރާ ވަރުގެ ދަތިތަކާއި އަޅުގަނޑުމެން މިދަނީ ކުރިމަތިލަމުންނެވެ. މި ސިޓީގައި ބަޔާންކޮށްފައިވާ ގޮތަށް ކޮވިޑު 19 ގެ ސަބަބުން މެޑިސިން ކޯސް ދިގުލައިގެން ދިއުމުން އަޅުގަނޑުމެން ކޯހާއި އިންޓަރންޝިޕް ފުރިހަމަކޮށް ވަޒީފާއަށް ނިކުމެވޭނެ ދުވަސް ލަސްވެފައިވާތީ މާލީ ގޮތުން ދަތިތަކާއި ދިމާވެފައިވެއެވެ. އަދި ނަގާފައިވާ ލޯނުތަކަށް ގިނަ އަދަދެއްގެ ފައިސާ މިހާރުވެސް ދަނީ ކެނޑެމުންނެވެ.” ސިޓީގައި ވެއެވެ.

ޑޮކްޓަރުން ވަނީ މަސައްކަތުގެ ބައެއް ދުވަސްތަކު ހުއްޓުމެއް ނެތި 24 ގަޑިއިރު ވެސް މަސައްކަތް ކުރަންޖެހޭ ކަމަށާއި، ހުރުމާއި ކެއުމުގެ ހުރިހާ ހަރަދެއް ވެސް ބަލަންހައްޓަން ޖެހެނީ އަމިއްލައިންކަމަށް ވާއިރު، ކުރާ މަސައްކަތަށް ލިބޭ އެއްވެސް އުޖޫރައެއް ނެތް ކަމަށް ބުނެފަ އެވެ. ކުރަންޖެހޭ މަސައްކަތުގެ ބާވަތުން އާމްދަނީ ހޯދޭނެ އިތުރު މަގެއް ވެސް ނެތްކަން ޑޮކްޓަރުންގެ ކަންބޮޑުވުންގެ ސިޓީގައި ބުނެފައި ވެއެވެ.

ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް، އިތުރު ލޯނެއް ނެގޭނެ މަގެއް ވެސް ނެތްކަން ފާހަގަކޮށް ސިޓީގައި ބުނެފައިވަނީ ސިވިލް ސާވިސް ކޮމިޝަންގެ ޖެނެރަލް މެޑިކަލް ޑޮކްޓަރުންގެ ވަޒީފާގެ އޮނިގަނޑުގެ ދަށުން އިންޓާން ޑޮކްޓަރުންނަށް ކަނޑައަޅާފައިވާ މުސާރަ މިހާތަނަށް މަސައްކަތް ކޮށްފައިވާ މުއްދަތަށާއި ކުރިއަށް މަސައްކަތް ކުރާނެ މުއްދަތަށް ހަމަޖައްސައިދިނުމަށް ރައީސްގެ އަރިހުން އެދޭކަމަށެވެ.

“ޢިއްޒަތްތެރި މަނިކުފާނެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ “މޯރޯލް” ވަނީ ވަރަށް ދަށްވެފައެވެ. ސަބަބަކީ އަޅުގަނޑުމެންނަކީ މަތީ ތަޢުލީމު ހާސިލްކޮށްގެން ތިބި އަދި ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް މަސައްކަތްކުރެވޭނެ ފަދަ ގާބިލުކަން ހުރި ބަޔަކަށްވެފައި އެންމެ އަސާސީ ކަންކަމުން ފެށިގެން ގޮސް ހުރިހައި ކަމެއްގައިވެސް އާއިލާ އާއި ރައްޓެހިން ގާތުން ސަލާން ޖަހަންޖެހުމެވެ” ސިޓީގައި ވެއެވެ.

ސިޓީ ނިންމާލަމުން ޑޮކްޓަރުން ވަނީ، ރައީސާއި ހަމައަށް ކަންބޮޑުވުން ގެންނަން ޖެހުނީ އެއްގޮތަކަށް ވެސް އައިޖީއެމްއެޗް، ނުވަތަ އައިޖީއެމްއެޗްގެ މެނޭޖްމެންޓާއި މެދު ކަންބޮޑުވުމެއް އޮވެގެން ނޫންކަން ފާހަގަ ކުރައްވާފަ އެވެ. އަދި ކޮވިޑުގެ ހާލަތު ގޯސްވެ، މާލީ ގޮތުން ދަތިވީ ދުވަސްވަރެއްގައި އައިޖީއެމްއެޗުގައި އިންޓާންޝިޕް ހަދަން ލިބުނު ފުރުސަތަށް ޑޮކްޓަރުން ޝުކުރު އަދާ ކުރި އެވެ.

ރާއްޖޭގައި ކޮވިޑު-19 ގެ ހާލަތު ގޯސްވެ، ޑޮކްޓަރުންގެ އެހީއަށް ވަރަށް ބޮޑަށް ބޭނުންވި އެވެ. އޭރު ސަރުކާރުން ބުނީ، ރާއްޖެއިން ބޭރުގައި ތިބި އިންޓާންޝިޕް ފުރިހަމަ ކުރާ ދަރިވަރުންނާއި، އަދި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އަދި ކޮވިޑުގެ އާ ވޭރިއަންޓެއް ފެނި ދުނިޔޭގެ ގައުމުތަކުގެ ހާލަތު އަނެއްކާވެސް ގޯސްވެދާނެކަމުގެ އިންޒާރާއި އެކު، ސަރުކާރުން އިތުރު ޑޮކްޓަރުން ހޯދުމަށް މަސައްކަތް ކުރުމަކީ އެކަށިގެންވާ ކަމެކެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: